You are here: Home » ހެޔޮބަސް » ހަދުވަސް ރޯދައާއެކު ފަރުޟު ރޯދަ
ހަދުވަސް ރޯދައާއެކު ފަރުޟު ރޯދަ

ހަދުވަސް ރޯދައާއެކު ފަރުޟު ރޯދަ

ރޯދަ މަހު ނުހިފި ހުންނަ ރޯދަ، ޝައްވާލުމަހުގެ ހަދުވަސް ރޯދައާއެކު އެއްރޯދައަކަށް ހިފިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާއަޑު އެބައިވެއެވެ. އެއީ ރަނގަޅު ވާހަކައެއްތޯއެވެ؟

ޖަވާބު:

ރޯދަމަހު ނުހިފި ހުންނަ ރޯދަ ހިފުމަށް މާތް ﷲ އަންގަވާފައިވަނީ فَعِدَّةٌ مِنْ أَيَّامٍ أُخَر َމިބަސްފުޅުންނެވެ. (މާނައީ: ބަލިމީހުންނާއި ދަތުރުވެރިން ރޯދަމަހުގެ ދުވަސްތައް ފިޔަވައި، އެނޫން ދުވަސްތަކުން ރޯދަ މަހުން ވެއްޓުނު ދުވަސްތައް ފުރިހަމަ ކުރާހުށިކަމެވެ.) މިބަސްފުޅުން އެނގެނީ އަހަރުތެރޭގައި ދެން ބާކީއޮތް 11 މަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ގެއްލުނު ރޯދަ ހިފިދާނެ ކަމަށެވެ. ޢާއްމު ޞަޙާބީންގެ ޢަމަލުފުޅަށް ބަލާއިރު އެބޭކަލުންގެ ކިބައިން ގެއްލިފައިވި ރޯދަތައް އެބޭކަލުން ވަކިމިވެނި ދުވަސްވަރެއްގައި ހިއްޕަވާކަމަށް ކަނޑައެޅިގެން އެނގޭކަށެއްނެތެވެ. އެއީ ހަދުވަސް ރޯދައިގެ ކުރިންތޯ، ނުވަތަ ފަހުންތޯ، ނުވަތަ ދެރޯދަ އެކީތޯ، މިއިން އެއްވެސް ގޮތެއް ކަނޑައެޅިގެން އެނގޭކަށެއްނެތެވެ. އަދި ލޮބުވެތި ރަސޫލާގެ އަރިހުންވެސް މިއާމެދު ބަސްފުޅަކުންވެސް އަދި ޢަމަލަކުންވިއަސް މަގުދައްކަވައި، އެކަމަށް އިޝާރަތެއް ވެސް ކުރަށްވާފައިވާކަމެއް ފެންނާކަށް ނެތެވެ. އާދެ، އެކަމަކު ސިއްތުނާ ޢާއިޝާ ޞިއްދީޤާގެ އަރިހުންނާއި އެނޫންވެސް ބައެއް އަނބިއަނބި ކަނބަލުންގެ އަރިހުން، އެކަނބަލުން ގެއްލިފައިވާ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ލަސްކުރަށްވާ ވާހަކަ ޞައްޙަ ބަސްފުޅުން އައިސްފައި ވެއެވެ.

ބައެއް ފަހަރު އެއްކަހަލަ ދެޢަމަލެއް ޖަމާވާއިރު އެއްޢަމަލަކުން ނިންމުމަކީ ދީނުގައި އޭގެ ހެކިތައް ފެންނާންހުރި ކަމެކެވެ. މިސާލަކަށް މިސްކިތަށް ވަދެފިމީހާ މަސްޖިދު ސުއްނަތް ކުރުމުގެ ކުރިން ނުއިށީނުމަށް އައިސްފައިވާ ޙަދީޘުގެ މާނާގައި ޢިލްމުވެރިން އެއްބަސްވާ ގޮތުގައި މިސްކިތަށް ވަދެ، ރަވާތިބު ސުއްނަތަކުންވެސް އަދި ފަރުޟު ނަމާދަކުންވިއަސް މިބުނެވުނު މަސްޖިދު ސުއްނަތް ފުދިދާނެއެވެ. އޭގެ ފަހުން އެފަދަ މީހާއަށް އިށީނުން ހުއްދަވެގެން ވެއެވެ. މިމިސާލު ޖައްސަވަމުން އަލްއިމާމު އައްނަވަވީ މުސްލިމުގެ ޝަރަޙާގައްޔާއި އަލްމުހައްޛަބުގައި ވިދާޅުވެފައި ވަނީ ރޯދަ ޤަޟާކުރަން އޮތްމީހަކު، ޝައްވާލު މަހުގައި ރޯދަ ހިފާއިރު، ޤަޟާއަށް ނިޔަތް ގަތުމުން ޤަޟާ ރޯދަ ހިފިފައި، ހަދުވަސް ރޯދައިގެ ސުއްނަތްވެސް އަދާކުރެވޭނެ ކަމަށެވެ. އެކަލޭގެފާނު ވިދާޅުވަނީ ސުއްނަތް ވެގެންވަނީ ޝައްވާލު މަހުގައި ހަރޯދަ ހިފުމަށެވެ. އޭނާ މިހާރު އެވަނީ ޝައްވާލުމަހު ހަރޯދަ ހިފި މީހަކަށެވެ. އެއާއެކު އެދުވަސްތަކުގައި ޤަޟާއަށް ނިޔަތް ގަތުމުން ފަރުޟުވެސް ހިފުނީކަމަށެވެ.

ޝައިޙް ހުސައިން ރަސީދު އަހްމަދު

ޙިޔާލުފާޅުކުރައްވާ

މާރކް ޖަހާފައިވާ ބައިތައް ފުރިހަމަ ކުރައްވާ *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Scroll To Top