ބަޝާއިރު (ހޮލޭންޑް ، ނެދަރލޭންޑް)


އަލްއަޚް ޢަބްދުއްސަލާމް ބިން ދާޥޫދު
ޔޫރަޕްގައި ހުޅުވުނު އެންމެބޮޑު މިސްކިތް މިދިޔަ ހޮނިހިރުދުވަހު ނެދަރލޭންޑްގެ "ރޮޓަރޑާމް" ސިޓީގައި ހުޅުވިއްޖެއެވެ. އަލަށް ހުޅުވުނު މިމިސްކިތުގައި 3000 މީހުންނަށް އެއްވެސް ދަތިކަމެއްނެތި ނަމާދުކުރުމުގެ ތަނަވަސްކަން ހުރިއިރު، މިސްކިތް ބިނާކުރެވިފައިވަނީ 50 މީޓަރުގެ ދިގު ދެމުންނާރު ވެސް ހިމެނޭގޮތަށެވެ. 
"ފްރާންސް ޕްރެސް"އަށް މިސްކިތުގެ އިދާރީ ބޯޑުގެ ރައީސް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "އުންމީދުކުރަނީ، މިމިސްކިތަކީ ހެޔޮކަންކަމާއި އޯގާތެރިކަމާއި އަޅާލުން، އަދި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުކަޒެއްކަމުގައި ވެގެންދާނެ ކަމަށް" ށެވެ.އަނެއްކޮޅުން "ރޮޓަރޑާމް" ސިޓީގެ މޭޔަރ ވެސް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ކަމަށް އެސިޓީގެ އޮފިސިއަލް ސްޕީކްސްވުމަން "ފަރީދާ ގްރޭސް" ވިދާޅުވިއެވެ. "ރޮޓަރޑާމް" ސިޓީއަކީ "ނެދަރލޭންޑް"ގެ ދެވަނައަށް އެންމެބޮޑު ސިޓީއެވެ. މިސްކިތުގެ އިދާރީ މުއައްސަސާގެ އޮފިސިއަލް ސްޕޯކްސްމަން މަޢުލޫމާތު ދެއްވިގޮތުން، މިސްކިތުގެ ފުރަތަމަ ފަންގެފިލާގައި 2000 އަކަމީޓަރަށްވުރެ ތަނަވަސްކަން ބޮޑުއިރު، 25 މީޓަރުގެ އުސް ޤުއްބެއް ހިމެނެއެވެ. މިއީ ފިރިހެނުން ނަމާދުކުރުމަށް ޚާއްޞަކުރެވިފައިވާ ބައެވެ. އަންހެނުންނަށް ޚާއްޞަކުރެވިފައިވަނީ ދެވަނަ ފަންގެފިލައެވެ. ތިންވަނަ ފަންގެފިލައާއި އެންމެތިރި ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންގެ މަދްރަސީ ކަންކަމަށާއި ލައިބްރަރީ އަށެވެ. "ހޮލޭންޑް"ގެ 16.5 މިލިއަން ރައްވެހިންގެ ތެރެއިން 20% އަކީ އެހެން ޤައުމުތަކަށް ނިސްބަތްވާ ރައްވެހިންނެވެ. އޭގެތެރޭގައި އެންމެގިނައީ "މޮރޮކޯ" އާއި "ތުރުކީ" އާއި "އިންޑޮނޭޝިޔާ" ފަދަ އިސްލާމީ ޤަޥްމުތަކަށް ނިސްބަތްވާ ރައްވެހިންނެވެ. އިސްލާމީ ޤަޥްމުތަކުން އިސްލާމްދީން ފޮހެލާ، މުސްލިމުންގެ ދީނުން މުސްލިމުން ބޭރުކޮށްލާ ނިކަމެތިކޮށްލުމުގެ ޚިޔާނާތްތެރި ޖަރީމާ ހިންގުމުގައި ޔޫރަޕްގެ ޞަލީބީންނާއި އިސްލާމީ ބައެއްޤަޥްމުތަކުގެ މުނާފިޤުން، އެތައް މިލިޔަން ޕައުންޑާއި އެތައް ބިލިޔަން ޑޮލަރާއިއެކު، އަވަދިނެތި ރެއާއިދުވާލު އެއްތާކު ދެފައިނާޅައި، ނޭވާ ނޭފަތުންނުލައި، ދެ ޙާޖަތުން ތާހިރުނުވެވި އުޅެމުން ދާއިރު ﷲގެ ޙިކްމަތްވަންތަކަމުން އެޔޫރަޕްގައި އެއިލާހުގެ ދީން، ފެތުރި އާރޯވަމުންދަނީ ހިސާބު ނުކުރެވޭހާވެސް ހަލުއިމިނެއްގައެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍۢ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۢ ۚ ذَ‌ٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَ‌ٰسِعٌ عَلِيمٌ ﴿٥٤﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީންދޫކޮށް މުރުތައްދުވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެއިލާހު ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެއިލާހުދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ. އެއީ މުއުމިނުންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތްތެރި ބަޔެކެވެ. ﷲގެ މަގުގައި އެއުރެން ޖިހާދުކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ ﷲގެ ފަޟްލަވަންތަކަމެވެ. އެއިލާހު އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ ."

Post a Comment

0 Comments