ކްރިސްމަސް: ނަބީބޭކަލުންގެ ދަޢުވަތު ފަސާދަކުރުމުގެ ގޮތުން އިންސާނުން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މުހިއްމު މިސާލެއް!


އަހުމަދު މާޖިދު
ކްރިސްމަހަކީ ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކެވެ. ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކޭ ދެންނެވިޔަސް، ޙަޤީޤަތުގައި ހުރިހާ ކްރިސްޓިއަނުން ކްރިސްމަސް ފާހަގައެއް ނުކުރެއެވެ. ޢީސާ ޢަލައިހިއްސަލާމް ގެންނެވި ދީނަށް ޒަމާނާއެކު ވަދެފައިހުރި ބިދުއަތަކާ ދެކޮޅުހަދާ "ޕިޔުރިޓޭން" ކްރިސްޓިއަނުންނަކީ ކްރިސްމަސް ފާހަގަކުރުމާ އަބަދުވެސް ދެކޮޅުހަދާ ބަޔެކެވެ. ނަމަވެސް ޕިޔުރިޓޭނުންނަކީ ދުނިޔޭގެ 2.1 ބިލިއަން ކްރިސްޓިއަނުންގެ ބިޔަ އާބާދީގެ ބަޔަކުން ބައެއް ކަމުގައި ވެސް ނުހިމެނޭހައި މަދު ޢަދަދެއްގެ މީހުންކޮޅެއް ކަމަށް ވާތީ، އެ މީހުންގެ ފިކުރަކީ ކްރިސްޓިއަން ދުނިޔޭގައި ސަމާލުކަމެއް ދެވޭ އެއްޗެއް ނޫނެވެ. ޕިޔުރިޓޭނުންގެ ދެކޮޅުހެދުންތަކާއެކުވެސް، ކްރިސްމަސް ފާހަގަކުރުމުގެ ޙަފުލާތައް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިސްޓިއަން ދުނިޔޭގެ ދިގަށާއި ހުރަހަށް ފެތުރިފައި އޮވެއެވެ. 21 ވަނަ ޤަރުނުގެ ދުނިޔެއަށް އައި ބަދަލުތަކާއެކު ކްރިސްމަސް ފާހަގަކުރުން، ނުވަތަ ކޮންމެވެސް ސިފައެއްގައި އެ މުނާސަބާގެ އަސަރުތައް ފެނިގެން ދިޔުމަކީ ދިވެހި ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢުތަކުގައިވެސް ޢާއްމުކަމަކަށް ވަނީ ވެފައެވެ. 
މާތްރަސްކަލާނގެ ކަލާމްފުޅު ކަމަށް ކްރިސްޓިއަނުން ޤަބޫލުކުރާ "ބައިބަލް" ގެ ނިއު ޓެސްޓަމެންޓުގެ ދެ ފޮތެއްގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވި ޙާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދެވިފައި ވެއެވެ. ނަމަވެސް މި ދެ ރިވާޔަތުންކުރެ އެއްވެސް ރިވާޔަތެއްގައި އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަހަކީ ކޮބައިކަން ބަޔާންކޮށްފައެއް ނުވެއެވެ. އެ ދެ ރިވާޔަތުގެ ތަފްސީލުތަކަށް ބަލައިލުމުން އެނގޭ އެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގެންނެވީ ފިނި މޫސުމެއްގައި ނޫން ކަމާއި އެއީ ޚަރީފު މޫސުމުގެ ރެއެއް ކަމެވެ. އެހެންކަމުން ބައިބަލުގެ ހެކިބަހަށް ރިޢާޔަތްކުރާނަމަ މަޖުބޫރުވަނީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށް ބުނެވޭ ބުނުންތައް މުޅީން އެއްފަރާތްކޮށްލާށެވެ. މީގެ އިތުރުން މިޒަމާނުގެ ޢިލްމީ އަދި ތާރީޚީ ދިރާސާތަކުން މުޅީން ސާބިތުކުރެވޭގޮތުގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ކްރިސްޓިއަން ދީނުގެ އިސް ފާދިރީން ބުނާ ބުނުމަކީ އެއްވެސް ކަހަލަ ޢިލްމީ ބިންގަލެއް ނެތް ބުނުމެކެވެ. ޤަދީމީ ކްރިސްޓިއަން މުއައްރިޚުންނާއި ޢިލްމުވެރީންގެ އެކިއެކި ފޮތްތަކަށް ބަލައިލުމުން ފެންނަނީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދު ކަމުގައި ބުނެވޭ އެތައް ދުވަހެއް އޮންނަ ކަމެވެ. ޚުދު ކެތަލިކް އެންސައިކްލޮޕީޑިއާގައި ބަޔާންކުރެވިފައިވާ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ކަމުގައި ކްރިސްޓިއަން ޢިލްމުވެރީންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ލިޔުއްވާފައިވާ ދުވަހެއް ނެތް މަހެއް އަހަރުގެ ތެރޭގައި ނުވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ޢިލްމުވެރިއަކު އެ ދުވަހަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެއް ނުވެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމްގެ ޢީދުމީލާދުގެ ގޮތުގައި ފާހަގަކުރެވޭ މުނާސަބަތެއް ތަޢާރަފުވި ދުވަސްވަރެވެ. ނިއު އެޑްވެންޓް ކެތަލިކް އެންސައިކްލޮޕީޑިއާގައި ބަޔާންކޮށްފައިވާ ފަދައިން އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަކުރުމަކީ ކްރިސްޓިއަން ދީނުގެ ފުރަތަމަ ދައުރުތަކުގައި ކުރެވުނުކަމެއް ނޫނެވެ. މި މުނާސަބާ ފާހަގަކުރަން ފެށުނީ އެކަލޭގެފާނުގެ ޒަމާނުގެ 200 ވަރަކަށް އަހަރު ފަހުން، މިޞުރުގެ އެލެގްޒެންޑްރިއާ ނުވަތަ އިސްކަންދަރިއްޔާގައެވެ. ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުނާސަބާއެއް ފާހަގަކުރެވޭކަމުގެ ވާހަކަ އެ ލިޔުމަކުން ފެންނާން އޮތް އެންމެ މުސްކުޅި ލިޔުމަކީ މި ދެންނެވި ދުވަސްވަރު އިސްކަންދަރިއްޔާގެ ބޮޑު ފާދިރީއެއްގެ ގޮތުގައި ހުންނެވި ކްލެމެންޓް އޮފް އެލެގްޒެންޑްރިއާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުއްވުމުން އެނގޭ އަނެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމްގެ ޢީދު މީލާދުގެ ގޮތުގައި އިސްކަންދަރިއްޔާގެ ކްރިސްޓިއަނުން ފާހަގަކުރި ދުވަހަކީ ޑިސެމްބަރު މަހުގެ 25 ނޫންކަމާއި، އެ ދުވަހަކީ މެއި މަހުގެ 20 ވަނަ ދުވަސް ކަމެވެ. ރޯމުގައި މި މުނާސަބާ ފާހަގަކުރަން ފެށުނީ ޢީސާ ޢަލައިހިއްސަލާމްގެ 336 ވަރަކަށް އަހަރު ފަހުންނެވެ. އީސްޓަރން އޮރތޮޑޮކްސް ކްރިސްޓިއަނުންގެ ތެރެއަށް ކްރިސްމަސް ފެތުރިގެން ދިޔައީ 380 މ. ހައިތަނުގައެވެ. އެންމެ ފުރަތަމަ މި މުނާސަބަތު ފާހަގަކުރެވެން ފެށުނުއިރު އެ މުނާސަބަތަށް ކެތަލިކް ބޮޑު ފައްޅިން ދިން ނަމަކީ "ފީސްޓް އޮފް ނޭޓިވިޓީ" މިއެވެ. "ކްރިސްމަސް" މި ނަމަކީ މާ ފަހުގެ ދައުރެއްގައި، މީލާދީން 1038 ހާ ތާގައި މުސްކުޅި އިނގިރޭސި ބަހުން އުފެދިގެން އައި ނަމެކެވެ. ވިންޓަރ ސޮލްސްޓިހާއި ސެޓަރންއޭލިއާ ދެން ކުރަން ޖެހޭ ސުވާލަކީ ތާރީޚީ އަދި ދީނީ އެއްވެސް ބިންގަލެއް ނެތީސް، ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ ތާރީޚަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށް ރޯމުގެ ބޮޑު ފައްޅިއާއި ކްރިސްޓިއަން ދުނިޔޭގެ ޢިލްމުވެރީންނާއި ލީޑަރުންގެ މަޖިލިސްތަކުން ހަމަޖެއްސީ، އަދި ޤަބޫލުކުރީ ކީއްވެގެންހޭ މި ސުވާލެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން ކްރިސްޓިއަން ދީން އެ ބިމެއްގައި ފާޅުވެ ފެތުރިގެން ދިޔަ ބިމުގައި ވެރިކަން ކުރަމުން ގެންދިޔައީ އެއިރު ދުނިޔޭގެ ބޮޑު ޝެހެންޝާހިއްޔާއެއްގެ ގޮތުގައި ތިބި ރޯމަނުންނެވެ. ރޯމަނުންނަކީ ޒަމާނުއްސުރެ ޕެގެން ނުވަތަ ވަޘަނީ ޢަޤީދާތަކެއް ގެންގުޅުނު ބަޔެކެވެ. އެމީހުން އެއް އިލާހަކު ޤަބޫލެއް ނުކުރެއެވެ. އެއާ ޚިލާފަށް އެބައިމީހުންގެ ޢަޤީދާތަކުގައި އެތައް ކަލާނގެއަކަށް ޖާގަލިބިފައި އޮވެއެވެ. އެކަލާނގެތަކުގެ ތެރޭގައި މަރުވެގޮސްފައިވާ އިންސާނުންގެ އިތުރަށް ގަސްގަހާގެއްސާއި ތަރިތަކާއި އިރުހަނދު ފަދަ އެތަކެއް ޠަބީޢީ ޖިސްމުތަކާއި އަދި ބައެއް ކަހަލަ ޤުދުރަތީ ބާރުތަކެއް ހިމެނެއެވެ. ވަޘަނީ ރޯމަނުންގެ ތެރޭގައި ވަރަށް ކުރީއްސުރެ ފާހަގަކުރެވެމުން އައި އެއް ޢީދަކީ "ސެޓަރންއޭލިއާ" ގެ ނަމުން ނަންދެވިފައިވާ ޢީދެކެވެ. ހަތް ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ޢީދަކީ ރޯމަނުންގެ ދަނޑުވެރިކަމުގެ ކަލާނގެ ކަމުގައިވާ ސެޓަރން ގެ ޝަރަފުގައި ފާހަގަކުރެވޭ ޢީދެކެވެ. މި ޢީދު އެކަމަކާ ގުޅުވޭ އެންމެ މުހިއްމު ކަމަކީ ވިންޓަރ ސޮލްސްޓިސް އެވެ. ފަލަކީ ޢިލްމުގެ މާހިރުން ވިދާޅުވެދެއްވާގޮތުގައި ވިންޓަރ ސޮލްސްޓިސް އަކީ، އެންމެ ސީދާސާދާ ޢިބާރާތުން ދަންނަވާ ނަމަ، އަހަރުގެ ތެރޭގައި ދުނިޔެއަށް އިރުގެ އަލިކަން އެންމެ ކުޑަކޮށް ލިބޭ ދަނޑިވަޅަށް ކިޔާ ނަމެކެވެ. މި ދަނޑިވަޅު އައުމަށްފަހު ދެން މަޑުމަޑުން އަނެއްކާވެސް ރޭތައް ކުރުވެ، ދުވަސްތައް ދިގުވުމުގެ ދައުރު ފެށެއެވެ. އާދެ، އިރުގެ އަލިކަން ދުނިޔެއަށް ލިބޭ މިންވަރު އިތުރުވެ، ރޭގަނޑުގެ އަނދިރީގެ ވަގުތު ކުރުމުގެ ދައުރެއް ފެށެއެވެ. އެހެންކަމުން ރޯމަން ވަޘަނީންނާއި އަދި ޤަދީމީ ޒަމާނުގެ އެހެން ވަޘަނީ ޙަޟާރަތްތަކުގައި ވިންޓަރ ސޮލްސްޓިސްއާ ގުޅިގެން ބާއްވާ ޙަފުލާތަކުން ރަމްޒުކޮށްދޭ އެންމެ މުހިއްމު ކަމަކީ އަނދިރިކަމުގެ މައްޗަށް އަލިކަމަށް ނަސްރު ލިބުމެވެ. އަލުން އުފަންވުމެވެ. ގިނަ ޙަޟާރަތްތަކެއްގައި މި ދަނޑިވަޅަކީ އިރުގެ ކަލާނގެ އަލުން އުފަންވާ ދަނޑިވަޅު ކަމަށް، ނުވަތަ އިރުގެ ކަލާނގެ އުފަން ދުވަސް ކަމަށް ބަލައި އެ ގޮތުގެ މަތީން އެ މުނާސަބާ ފާހަގަކޮށްފައި ވެއެވެ. ރޯމަނުންގެ ތެރޭގައި ސެޓަރންއޭލިއާ ފާހަގަކުރެވެން ފެށީ ޑިސެމްބަރު 17 ވަނަ ދުވަހު އޮންނަ އެއް ދުވަހުގެ ޙަފުލާއެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެ ޙަފުލާގެ ދުވަސްތަކުގެ ޢަދަދު ހަތްދުވަހަށް އިތުރުވެގެން ދިޔައެވެ. އެ ޙަފުލާ ދިގުކޮށްލުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެ ޙަފުލާގެ ތެރެއަށް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް އިތުރުކޮށްލުމެވެ. އެހެނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ރޯމަނުންގެ ޖޫލިއަން ކަލަންޑަރުގައި އޮންނަ ގޮތުން ޢާއްމުގޮތެއްގައި ވިންޓަރ ސޮލްސްޓިސްވެސް އަންނަ ދުވަހެވެ. ހަމައެއާއެކު ޑިސެމްބަރު މަހުގެ 25 ގައި ރޯމަނުން ފާހަގަކުރާ އެހެން މުނާސަބާއެއްވެސް އޮވެއެެވެ. އެއީ ޤަދީމީ ފާރިސީންގެ ތެރެއިން އެމީހުންގެ ތެރެއަށް އައިސްފައިވާ މުނާސަބާއެކެވެ. މި މުނާސަބާގައި ފާހަގަކުރެވެނީ އަލީގެ ކަލާނގެ މިޘްރާ، ނުވަތަ ރޯމަނުންގެ އިރުގެ ކަލާނގެ ގެ އުފަންދުވަހެވެ. މިއީވެސް ވިންޓަރ ސޮލްސްޓިސްއާ ގުޅުން ހުރި ޙަފުލާއެކެވެ. މި ސަބަބުތަކާހުރެ ރޯމަނުންގެ ތެރޭގައި ސެޓަރންއޭލިއާގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ދުވަހަކަށް ފަހުން ވެގެންދިޔައީ ވެސް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. ސެޓަރންއޭލިއާ ޢީދުގެ މުނާސަބަތުގެ ތެރޭގައި ޢާއްމުކޮށް ކުރެވެމުން އައި ކަންތައްތަކަކީ ސަރުކާރުގެ އިދާރާތައް ބަންދުކޮށް، ވިޔަފާރިއާއި ދެންވެސް އެފަދަ މަސައްކަތްތައް ހުއްޓައި، އުފާފާޅުކުރުމާއި ނާޗަރަންގީގެ ޙަފުލާތައް ބޭއްވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހަދިޔާބަދިޔާ ބަދަލުކުރުމާއި، އަޅުންނަށްވެސް ހިސާބެއްގެ މިނިވަންކަމެއް ދިނުން ފަދަ ކަންތައްތަކެވެ. ނަމަވެސް މި މުނާސަބާއާ ދިމާކޮށް ރޯމަނުންގެ މުޖުތަމަޢުގައި ނުބައި ފާޙިޝް އެތައް ޢަމަލުތަކެއްވެސް ޢާއްމުވެގެން ދެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި ރޭދަމާ ދިމާކޮށް ހެސްކިޔައިފައި ރާބުއިމާއި، ޖުވާކުޅުމާއި، އުނުފޭރާމެއް ނެތި މަގުތައްމަތީގައި ހިނގުމާއި، އަދި ޖަމާޢަތް ހަދައިގެން ޒިނޭގެ މަޖިލިސްތައް ނުވަތަ "އޯރގީ"ތައް ބޭއްވުން ހިމެނެއެވެ. އަދި މި މުނާސަބާގެ އެންމެ ފަހު ދުވަސް، އާދެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ދިމާކޮށް ސެޓަރން ކަލާނގެއަށް އިންސާނުން ޤުރުބާންކުރުމުގެ ޖަރީމާވެސް ހިންގިފައި ވެއެވެ. ރޯމަނުންނަށްވުރެ ކުރީގެ ވަރަށް ގިނަ ޤަދީމީ ޝިރުކު ޙަޟާރަތްތަކުގައިވެސް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރެވުނީ "އިރުގެ ކަލާނގެ" ރައްކާވި ދުވަހުގެ ގޮތުގައެވެ. މިޞުރުގެ އިޒީސްއާއި ހޮރުސްއާއި ޔޫނާނީންގެ ޑައިނީސިއަސް ފަދަ ކަލާނގެތައް އުފަންވި ދުވަހުގެ ގޮތުގައި އެ ޙަޟާރަތްތަކުގައިވެސް ޑިސެމްބަރު 25 ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރަށް ބާބިލުގެ ޙަޟާރަތުގައި މި ދުވަހަކީ އިރުގެ ކަލާނގެއާއި ނިމްރޮޑްގެ އުފަންދުވަހުގެ ގޮތުގައި ފާހަގަކުރެވުނު ދުވަހެކެވެ. ބުނެވޭގޮތުގައި ނިމްރޮޑް ކައިވަނިކުރީ އޭނާގެ މަންމަ ސެމިރާމިސްއާއެވެ. ނަމަވެސް ނުވަގުތެއްގައި ނިމްރޮޑް މަރުވިއެވެ. ދެން ސެމިރާމިސް ހެދި ގޮތަކީ އޭނާގެ ދަރިފުޅު، އަދި ފިރިމީހާ އަލުން ގަހެއްގެ ސިފައިގައި ދުނިޔެއަށް އައިސް، އެ ގަހުގައި އޭނާއަށްޓަކައި ހަދިޔާތައް ބަހައްޓައިފައިވާ ކަމަށް ބުނެ ވާހަކަ ފެތުރީއެވެ. މި ވާހަކަ ބާބިލީންގެ ދީނީ ޚުރާފާތުތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. ފަހުގެ ދައުރުތަކުގައި ކްރިސްމަސް ގަހުގައި ހަދިޔާ ބެހެއްޓުމުގެ އާދަ ތަޢާރަފުވީ މި ފުލޯކު ވާހަކައިގެ ތެރެއިން ކަމަށް ބެލެވެއެވެ. ހިތްތައް ފަތަޙަކުރުމުގެ އުކުޅެއް ޢީސާ ޢަލައިހިއްސަލާމްގެ ޢީދުމީލާދުގެ މުނާސަބާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފާހަގަކުރަން ރޯމަން ކެތަލިކް ބޮޑު ފައްޅީން ހަމަޖެއްސީ ސެޓަރންއޭލިއާގެ މުނާސަބަތުގައި ކްރިސްޓިއަން ކުލައެއް ޖެއްސުމުގެ ގޮތުންނެވެ. ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން ކްރިސްޓިއަން ދީން އެންމެ ފުރަތަމަ ފާޅުވީ، އަދި ފަހުން ފެތުރިގެން ދިޔައީ ރޯމަނުންގެ މުޖުތަމަޢުގައެވެ. މީލާދީން 330 ގެ އަހަރުތަކުގެ ތެރޭގައި ރޯމުގެ ފައްޅީގެ އިސް ބޭފުޅުން މި މުނާސަބާ ކްރިސްޓިއަން ޢީދަކަށް ބަދަލުކޮށްލެއްވުމުގެ މަޤުޞަދަކީ ރޯމުގެ ވަޘަނީ ރައްޔިތުންގެ ހިތްތައް ފަތަޙަކޮށް، ކްރިސްޓިއަން ދީނަކީ އެމީހުންގެ ވަޘަނީ ޢަޤީދާތަކާ މުޅީން މުލުން ލުހެ އެއްލައިލަން އައި ދީނެއް ނޫންކަމުގެ ޔަޤީންކަން އެ މީހުންނަށް ދެއްވުމެވެ. ވަޘަނީ ރޯމަނުންގެ ދީނީ ޢަޤީދާތަކާއި ސަގާފަތުގެ ހެދުން އަޅުވައިފައި ކްރިސްޓިއަން ދީން އެ މީހުންނަށް "ވިއްކެވުމެވެ". އެހެންކަމުން ރޯމުގެ ރައްޔިތުން އެ މީހުންގެ ރަސްގެފާނު ކޮންސްޓަންޓީން އައުޒަމްގެ އަމުރުފުޅަށް ކްރިސްޓިއަން ދީނަށް ވަނުމަށްފަހުވެސް އެމީހުންގެ މުސްކުޅި ޢީދު ފާހަގަކުރީއެވެ. އެ ޢީދުގެ ނަންބޯޑު ބަދަލުކޮށްގެންނެވެ. "ސެޓަރންއޭލިއާ" ގެ ބަދަލުގައި "ޢީސާގެފާނުގެ ޢީދުމީލާދު" ގެ ނަންބޯޑު އަޅުވައިގެންނެވެ. މެދުޒަމާނުގެ ދުވަސްވަރު އެނގިވަޑައިގަންނަވާނެ ފަދައިން ޔޫރަޕް ކްރިސްޓިއަން ދީނަށް އެނބުރުނީއްސުރެ ޔޫރަޕްގެ ކްރިސްޓިއަނުންގެ ރުޅިވެރިކަމާއި ނަފްރަތުގެ ލަޓިބުރީން އެންމެ ބޮޑު އަނިޔާއެއް ލިބުނު އެއް ބަޔަކީ ޔޫރަޕުގެ ޤައުމުތަކުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅުނު ޔަހޫދީންނެވެ. 1466 ވަނަ އަހަރާ ހިސާބަށް އައިއިރު ކްރިސްމަސް ހަފުލާ ވެފައި އޮތީ ކްރިސްޓިއަނުންނަށް ޢީދަކަށް ވާ ފަދައިން ޔަހޫދީންނަށްޓަކައި މުސީބާތަކަށެވެ. އެދުވަސްވަރު ރޯމް ފަދަ ޝަހަރުތަކުގައި ކްރިސްމަސް ދުވަހު އޮންނަ ކުޅިވަރުތަކުގެ ތެރެއިން އެއް ކަމަކީ ޔަހޫދީންގެ ތެރެއިން ހޮވައިލެވޭ ބަޔަކު އުނުފޭރާމެއް ނެތި ޝަހަރުގެ ބޮޑެތި މަގުތަކުގައި ދުއްވުމެވެ. މި ދުއްވުމަށް އެމީހުން ނެރެވެނީ ޅިސްޖެހެންދެން ކާންދީފައެވެ. އެއީ ކައިގެން ބަރުހެލިވެފައިތިބެ ދުވަން ޖެހުމުން އެ މީހުންނަށް އިތުރު ވޭނާއި އުނދަގޫތައް ތަޙައްމަލުކުރަން ޖެހޭނެތީވެ ކުރާ ކަމެކެވެ. 1466 ވަނަ އަހަރުގެ ކްރިސްމަސް ކުޅިވަރުތަކުގެ ތެރޭގައި މި ދުވުން ފެށުނުއިރު އެއިރު ވެޓިކަންގެ ބޮޑު ފައްޅީގެ އިސް ފާދިރީއެއްގެ ގޮތުގައި ހުންނެވި ޕޯޕް ޕޯލް ދެވަނަ، ފައްޅީގެ ޖަވާހިރު ޖެހި ބެލްކަނީގައި ކުޅިބައްލަވަން ހުންނެވިއެވެ. ޔަހޫދީންގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންގެ އެތައް ބަޔަކު ކްރިސްޓިއަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ތެރޭގައި ހަފުސްވެ، އުނުފޭރާމެއް ނެތް ޙާލުގައި ރޯމުގެ މަގުތަކަށް ނެރެވުނު މަންޒަރު ބައްލަވަން އޭނާ ހުންނެވީ ފިސާރިއަށް ހިނިފުޅު ވަޑުވައިގެން އަތްތިލަބަޑި ޖައްސަވަމުންނެވެ. މި ވަޙުޝީ އާދަ އެތައް އަހަރެއް ވަންދެން ދެމިގެން އައުމަށްފަހު، 1866 ވަނަ އަހަރު ރޯމުގެ ޔަހޫދީން އެއިރު ޕޯޕްގެ މަޤާމުގައި ހުންނެވި ގްރެގަރީއަށް ޝަކުވާ ދަންނަވައި އެކަން ހުއްޓައިލައްވާތޯ އިލްތިމާސްކުރިއެވެ. ނަމަވެސް އެމީހުންނަށް ޕޯޕް ދެއވި ޖަވާބަކީ "ދީނީ ކަންކަމުގައި ބިދުއަތަކެއް ނުގެންގުޅެވޭނެ ކަމަށާއި، ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ނުހުއްޓޭނެ" ކަމުގެ ބަސްފުޅެވެ. މި ޙަރަކާތް ހުއްޓުނީ އޭގެ ދުވަސްތަކެއް ފަހުންނެވެ. ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން ކްރިސްމަސް ފާހަގަކުރުމާ ދެކޮޅަށް އެކި ޒަމާންތަކުގައި ޕިޔުރިޓޭން ކްރިސްޓިއަނުން އެކިކަހަލަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 16 ވަނަ ޤަރުނުގައި ގެނެވުނު ޕްރޮޓެސްޓެންޓް ރީފޯރމްތަކުގެ ތެރޭގައި ކްރިސްމަސް ފާހަގަކުރުން ނިމުމަކަށް ގެންނަން ކުރެވުނު މަސައްކަތެވެ. 17 ވަނަ ޤަރުނުގެ ތެރޭގައި އިނގިރޭސި ވިލާތާއި އުތުރު އެމެރިކާގެ އިނގިރޭސި ކޮލޮނީތަކުގެ ތެރެއިން މެސަޗޫސެޓްސް ފަދަ އެތައް ހިސާބުތަކެއްގައި ކްރިސްމަސް ފާހގަކުރުން ހުއްޓައިވެސްލެވުނެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެ އާދަ ޢާއްމުވެގެން ދިޔައީއެވެ. ކްރިސްމަހާ ގުޅުވައިގެން ކުރެވޭ ކަންތައްތައް ގަހަށް އަޅުކަންކުރުމާއި، ސެޓަރންއޭލިއާފަދަ މުނާސަބަތުތަކާ ގުޅުވައިގެން ޝަހަރުތަކުގެ ބޮޑެތި މައިދާންތަކާއި ޢިމާރާތްތަކާއި ގެދޮރުފަދަ ތަންތަނުގައި ބައެއް ވައްތަރު ވައްތަރުގެ ގަސް ބެހެއްޓުމަކީ ވަޘަނީ ރޯމަނުންވެސް ކުރި ކަމެކެވެ. މަޝްހޫރު ކްރިސްމަސް ގަހުގެ ސަގާފަތުގެ އަސްލު ގުޅިފައިވަނީ މި ދެންނެވި ޤަދީމީ ސަގާފަތާއެވެ. ކްރިސްމަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރެއަށް ކްރިސްމަސް ގަސް ތައާރަފު ކުރެވުނީ ޖަރުމަނުގައި، 17 ވަނަ ޤަރުނުގެ ތެރޭގައެވެ. ފުލޯކުވާހަކަތަކުގައި ކިޔޭގޮތުން މި ކަމެއް ފެށުނީ ޕްރޮޓެސްޓެންޓް ޙަރަކާތުގެ ބާނީ ކަމުގައިވާ މާރޓިން ލޫދަރ އާ ހިސާބުންނެވެ. އެ ވާހަކަތަކުގައި ބުނެވޭގޮތުން ކްރިސްމަސް ދުވަހެއްގެ ކުރީ ދުވަހު މާރޓިން ލޫދަރ ޖަންގަލީގެ ތެރޭގައި ހިންގަވަނިކޮށް އޭނާއަށް ފެނިވަޑައިގެންނެވީ ފާރ ގަހެއްގެ އޮފިތަކާއި ފަތްތަކުގެ ތެރެއިން ހެނދުނުގެ އިރުގެ ދޯދިތައް ފާއްދާލާފައި ހުރި މަންޒަރެވެ. އެ މަންޒަރުގެ ސަބަބުން އޭނާގެ ހިތްޕުޅުގައި ކަލާނގެ ކުޅަދުންވަންތަކަމުގެ ޝުޢޫރުތައް ކެކިއުތުރިގެން ދިޔައެވެ. އެހެންވެ އޭނާ ހެއްދެވި ގޮތަކީ އެ ގަސް ކަނޑުއްވައިގެން ގެންނަވައި އޭނާގެ ގެކޮޅުގެ ތެރޭގައި ބެހެއްޓެވީއެވެ. ދެން އޭނާއަށް ތަބާވާ މީހުންވެސް ކްރިސްމަހާ ދިމާކޮށް އެކަން ކުރަން ފެށީއެވެ. ޖަރުމަނުގައި ކްރިސްމަސް ގަހުގެ ސަގާފަތް ފެތުރިގެން ދިޔަތާ އަހަރުތަކެއްގެ ފަހުން، 1841 ވަނަ އަހަރު ޖަރުމަނުގެ ޕްރިންސް އަލްބަރޓް، އޭނާގެ އަނބިކަނބަލުން އަދި އިނގިރޭސި ވިލާތުގެ ރާނީ ވިކްޓޯރިއާއަށް ކްރިސްމަސް ހަދިޔާއަކަށް ކްރިސްމަސް ގަހެއް ދެއްވިއެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތަށް ކްރިސްމަސް ގަސް ތަޢާރަފުވީ މި ހިސާބުންނެވެ. އެއަށްފަހު ކްރިސްމަސް ގަހުގެ ސަގާފަތް އިނގިރޭސި ވިލާތުގައިވެސް ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ސަގާފަތް ޔޫރަޕުގެ އެހެނިހެން ސަރަޙައްދުތަކާއި އުތުރު އެމެރިކާގައިވެސް ޢާއްމުވެގެން ދިޔައެވެ. ކްރިސްމަހާ ގުޅުވައިގެން ކުރެވޭ އަނެއް ކަމަކީ މިސްލްޓޯ ގަސްދޮށުގައި ތިބެ ދޮންދިނުމެވެ. ތާރީޚުން ސާބިތުވާގޮތުގައި މިއީވެސް ޤަދީމީ ޒަމާނުގައި ޔޫރަޕުގެ ވަޡަނީ ޙަޟާރަތްތަކުގެ ތެރޭގައި އޮތް އާދައެއްގެ ތެރެއިން އުފަންވެގެން އައި ކަމެކެވެ. ޤަދީމީ ޒަމާނުގައި އުތުރު ޔޫރަޕުގެ މީސްތަކުން ޢާއްމުކޮށް ޤަބޫލުކުރާ ގޮތުގައި މިސްލްޓޯ ގަހަކީ ނޯރސް މީހުންގެ ލޯބީގެ ކަލާނގެ ކަމުގައިވާ ފްރެޔާގެ ރަމްޒެކެވެ. މިސްލްޓޯއަކީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، އަދި ދަރިމައިވުންފަދަ އެތައް ހެޔޮކަމެއް ފްރެޔާގެ ބަރަކާތް މެދުވެރިކޮށް އިންސާނުންނަށް ލިއްބައިދޭ ގަހެއް ކަމަށް އެމީހުން ދެކެއެވެ. އެހެންކަމުން މިސްލްޓޯ ގަހެއްގެ ދޮށުގައި ތިބެ ދޮންދިނުމަކީ ލޯބީގެ ގުޅުންތައް ފެށުމުގައްޔާއި، ފްރެޔާ ކަލާނގެއަށްޓަކައި ފާހަގަކުރެވޭ ދުވަސްތަކުގައި އެމީހުން ކުރާ ކަމެކެވެ. މި އާދަވެސް ފަހުގެ ދައުރުތަކުގައި ކްރިސްޓިއަނުންގެ މެދުގައި ފެތުރި، ކްރިސްމަސް ދުވަހު އެކަން ކުރަން ފެށުނެވެ. ދެން އޮތީ ސާންތާ ކްލޯޒްގެ ވާހަކައެވެ. "ސާންތާ ކްލޯޒް" މި ބަހަކީ ޑަޗް ބަހެއް ކަމަށްވާ "ސިންޓަރކްލާސް" އިން އުފެދިފައިވާ ބަހެކެވެ. ސާންތާ ކްލޯޒްގެ ވާހަކަ އެންމެ ފުރަތަމަ ކިޔެން ފެށުނީ ވަރަށް ކުރީގެ ދައުރެއްގައި އުޅުއްވި ކްރިސްޓިއަން ފާދިރީއެއް ކަމުގައިވާ ސެއިންޓް ނިކޮލަސްއަށް ނިސްބަތްކޮށެވެ. ފުރަތަމަ ކިޔުނު ވާހަކަތަކުގައި އޭނާ ސިފަކުރެވިފައިވަނީ ވައިގެ ތެރޭގައި އުދުހޭ އަހެއްގެ މައްޗަށް ސަވާރުވެގެން އިންނަ އިސްކޮޅުން ދިގު ހައިބަތްތެރި ދީނީ ޝަޚްސެއްގެ ގޮތުގައެވެ. އޭނާއާއެކު އަބަދުވެސް ހިޔަންޏެއްހެން ހުންނަނީ އޭނާގެ ބްލެކް ޕީޓަރެވެ ކިޔުނު އެލްފެކެވެ. ބްލެކް ޕީޓަރުގެ ކަމަކީ ބަސްނާހާ ކުޑަކުދީންނަށް އަދަބުދިނުމެވެ. މި ކަހަލަ ގޮތަކަށް ކިޔެމުން ދިޔަ ވާހަކަ އުތުރު އެމެރިކާއަށް ވާސިލުވީ 18 ވަނަ ޤަރުނުގެ ތެރޭގައި ނިއު ޔޯރކަށް ހިޖުރަކުރި ޑަޗް މީހުންގެ ފަރާތުންނެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔުމަށްފަހު ސާންތާ ކްލޯޒްގެ ސިފަ ބަދަލުވެ، އޭނާއަކީ ނިކަން ފަލަކޮށް ހުންނަ، ކުޑަކުދީން އުފާވާ ކަހަލަ "ތިއްތި" ގޮތަކަށް ހެދުން އަޅާފައި ހުންނަ، އުފާވެރި ޝަޚްސަކަށް ބަދަލުވެގެން ދިޔައެވެ. އޭނާއާއެކު ކުޑަކުދީންނަށް އަދަބު ދޭން އަންނަ "ކަޅު" ޕީޓަރ ގެއްލި، އޭނާގެ ވަޒީފާއަކީ ކުޑަކުދީންނަށް ހަދިޔާ ދިނުން ކަމަށް ވެގެން ދިޔައެވެ. ބާޠިލުގެ ހިޔަނި މި ދެންނެވި ކަހަލަ ޚުރާފީ އަދި ބާޠިލް އަސްލުތަކެއްގެ މައްޗަށް ބިނާވެފައިވާ "ކްރިސްމަސް" ސަގާފަތަކީ ކްރިސްޓިއަން ފައްޅީން ބުނެދޭގޮތުގައި ޢީސާ އަލައިހިއްސަލާމްގެ ޢީދުމީލާދުގެ ބަރަކާތްތެރި މުނާސަބާގެ ޒިކުރާގައި ފާހަގަކުރެވޭ ދުވަހެކެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މި މުނާސަބަތުގެ ވިދުވަރާއި ޖާދޫގައި ޖެހެމުންދާ ފަރާތްތައް ބައިވަރޭ ދެންނެވިދާނެއެވެ. ނަމަވެސް އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ކަނޑައެޅިގެން ހުރި ބާޠިލެވެ. ޙައްޤާއި ބާޠިލުގެ ތަފާތު ވަކިކުރަން ބޭނުންވާ ކޮންމެ މީހަކުވެސް ވިސްނައި ފިކުރުކުރަން ވީއެވެ.

Post a Comment

0 Comments