Dul Qarnainge vaahaka

ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއް؟
أبو عبد الله عبد الرحيم المدني
ޛުލްޤަރުނުއަކީ މާތްﷲ އަށް އީމާންވެގެންހުންނެވި ހެޔޮލަފާ ޞާލިޙު ރަސްކަލެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ އެންމެ ޞައްޙަ ގޮތަކީ އެކަލޭގެފާނަކީ ނަބީބޭކަލެއްނޫންކަމެވެ. އެކަލޭގެފާނަށް ޛުލްޤަރުނައިނި މިނަމުން ނަންދެވިފައިވަނީ އެކަލޭގެފާނު ހުޅަނގާއި އަދި އިރުމަތީގައިވާ ރަށްތަކަށް ދަތުރުކުރައްވާފައިވުމުގު ސަބަބުންނެވެ. ރިވާވެފައިވާ ގޮތުގައި އެއީ ޝައިތާނާގެ ދެދަޅު އަރާ އަދި ގެއްލޭތަނެވެ.

އަދި ޛުލްޤަރުނައިނިއަކީ މިޒަމާނުގައި މިކިޔާ އެލެކްސެންޑަރ ދަ ގުރޭޓު(މެސެޑޯނިޔާ) ނުވަތަ އިސްކަންދަރު ރަސްގެފާނެއް ނޫނެވެ. ސަބަބަކީ މި އިސްކަންދަރު ރަސްގެފާނަކީ ކާފަރެކެވެ. އަދި ދުނިޔޭގައި އުޅެފައވަނީ ޛުލްޤަރުނައިނިއަށްވުރެ މާ ފަހުގެ ޒަމާނެއްގައެވެ. (ވަﷲ ޢައުލަމް) ލަފާކުރެވޭ ގޮތުގައި އެދެމެދުގައި ދެހާސް އަހަރުގެ މުއްދަތެއްގެ ދުރުމިންވެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހުސްތާހިރުވަންތަ މާތްﷲއެވެ.
މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލޭގެފާނުގެ ދުނިޔެ ތެރޭގައި ދަތުރުކުރެއްވިގޮތުގެ ވާހަކަ ކަހަފު ސޫރަތުގައި ބަޔާންކުރައްވާފައެވެ. އެއާޔަތްތަކުގެ ތެރެއިން އެކަލޭގެފާނާއި އަދި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ ބަޔާންވެފައިވާ އާޔަތްތަކުގެ ތެރެއިން އާޔަތަކަށް ތަންކޮޅެއްކައިރިން ފުންކޮށް ނަޒަރު ހިންގާލަމާތޯއެވެ؟
މާތްﷲ ވަޙީކުރައްވާ ބަސްފުޅުގެ މާނައިގައިވެއެވެ.

ثُمَّ أَتْبَعَ سَبَبًا (ކަހަފު ސޫރަތުގެ 92 ވަނަ އާޔަތް)
މާނައިގެ ތަރުޖަމާއީ: "ދެން އެޔަށްފަހު އެކަލޭގެފާނު (ޛުލްޤަރުނައިނި) އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ"
މާނައަކީ ޛުލްޤަރުނައިނި އެކަލޭގެފާނު އިރުމައްޗާއި ހުޅަނގާއި ދެމެދުން ތިންވަނަ މަގަކުން އުތުރަށް ވަޑައިގަތެވެ. އެތަނުގައި އުސްފަރުބަދަތައް ވިއެވެ.

ދެން އެޔާޖެހިގެނ އޮތް އާޔަތުގައި ﷲ ތަބާރަކަވަތަޢާލާ ބަޔާންކުރައްވަނީ މިފަދައިންނެވެ.
حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ (ކަހަފު ސޫރަތުގެ 93 ވަނައާޔަތުން)
މާނައިގެ ތަރުޖަމާއީ: "އެކަލޭގެފާނު ދެފަރުބަދަޔާއި ހަމަޔަށް އަރާ ހަމަވެއްޖައުމަށް ދާންދެނެވެ. " މާނައީ: އެކަލޭގެފާނު އެކަލޭގެފާނުގެ ލަޝްކަރާއިއެކު ދެ ފަރުބަދަވާ ހިސާބަކަށް ފޯރާވަޑައިގަތެވެ. އެއީ އަރުމީނިޔާއާއި އަޖަރުބައިޖާނާއި ޖެހިގެންއޮތް ތުރުކީ މީހުންގެ ބިމާއި އިންވެގެންވާ ހިސާބެކެވެ.
އަދި ދެ ފަރުބަދަ ދެމެދުގައި ހުސްތަނެއްވެއެވެ. އެތަނުން ޔައުޖޫޖު މައުޖޫޖު މީހުން ތުރުކީ މީހުންގެ ބިންތަކަށް ދިޔުމަށް ބޭނުން ކުރެއެވެ. އަދި އެބައިމީހުން އެބައިމީހުންގެ ބިންތަކަށް އަރާ ތަންތަން ސުންނާފަތިކޮށް ދަނޑުގޮވާން ހަލާކުކޮށް މީސްތަކުންނަށް އުނދަގޫ ޖައްސައެވެ. (މުޚުތަޞަރުއް ތަފުސީރު އިބުނު ކަޘީރު 92/3)

ތުރުކީ މީޙުންނަށް ޛުލްޤަރުނައިނިގެ ބާރުގަދަކަން ފެނިވަޑައިގަތުމާއެކުގައި އެމީހުން ނިންމީ އެމީހުންނަށް އެހީތެރިވުމުގެ ޤާބިލުކަން ހުރި ޞާލިޙު މީހަކީ ޛުލްޤަރުނައިނިކަމެވެ. ދެން އެބައިމީހުން ޛުލްޤަރުނައިނިގެ ކިބައިން ޔައުޖޫޖު މައުޖޫޖު މީހުން އެބައިމީހުންގެ ބިންތަކަށް އެރުމަށް އަންނަ ދިމާ ބަންދުކޮށް ދިނުމަށް ޛުލްޤަރުނައިނިގެ ކިބައިން އެދިވަޑައިގަތެވެ.

އަދި އެބައިމީހުން ޛުލްޤަރުނައިނިއަށް ބަދަލެއްގެ ގޮތުން ދިނުމަށް މުދާތައް އެއްކޮށް އެތަކެތި ދިނުމަށް ހުށައެޅިއެވެ. ނަމަވެސް ޛުލްޤަރުނައިނި އެކަންތައް އެއްވެސް އަގެއްނެގުމަކާ ނުލައި އެދެފަރުބަދަ ދެމެދުގައި ހުރަހެއް ޤާއިމުކޮށްދެއްވުމަށް ނިންމެވިއެވެ. އެއީ އުޖޫރައެއްގެ ގޮތުން އެމީހުން ދޭ އެއްޗެއް ޤަބޫލުކުރުމެއް ނެތިއެވެ. ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތަށް އެދިގެންނެވެ.

އެކަލޭގެފާނު އެދެމެދުގައި ހުރަހެއް ނުވަތަ އިންފާރެއް ޤާއިމުކުރެއްވުމަށްޓަކައި އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ވިސްނަވައި ދެފަރުބަދަ ދެމެދު ފަސޭހައިން ބައްދާލެވޭނެ ގޮތެއް ހޯއްދަވައި މީސްތަކުންގެ ކިބައިން އެކަލޭގެފާނަށް އެކަމުގައި އެހީތެރިވުމަށް އެދިވަޑައިގަތެވެ.

މިކަން މަތިވެރިވެގެންވާ ޢާލަމްތަކުގެ ވެރި އިލާހު ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކުރައްވަނީ މިފަދައިންނެވެ.
فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿ކަހަފު ސޫރަތުގެ ٩٥ ވަނަ އާޔަތުން﴾
މާނައިގެ ތަރުޖަމާއީ: " ވީމާ ތިމަންކަލޭގެފާނު ތިޔަބއިމީހުންނާއި އެމީހުންނާއި(ޔައުޖޫޖު މައުޖޫޖުންނާއި)ދެމެދުގައި ހުރަހެއް ބިނާކުރުމަށް ތިޔަބައިމީހުން އަތްބާރެއް (ވަރުގަދަ މީހުންގެ) އަޅުއްވައިދެއްވާށެވެ."
އެކަލޭގެފާނު ދަގަނޑު ބުރިތަކެއް ދެފަރުބަދަ ދެމެދުގައި ބެހެއްޓެވިއެވެ. އަދި މީސްތަކުންނަށް ވިދާޅުވިކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ.
انفُخُوا...(ކަހަފު ސޫރަތުގެ 96 ވަނަ އާޔަތުން)

މާނައިގެ ތަރުޖަމާއީ: "ތިޔަބައިމީހުން ފުމޭށެވެ." މާނައީ ފުމޭ އެއްޗެހި ބޭނުންކޮށްގެން ދަނގަޑުތަކަށް ފުމޭށެވެ. (ޅޮހީ:ދަނގަޑު ވިރުވަން ރޯކުރުމަށްފަހު ބުންބާއިން ފުމުމުން ހޫނުވެގެން ދަނގަޑު ވިރޭނެއެވެ)
حَتَّىٰ إِذَا جَعَلَهُ نَارًا... (ކަހަފު ސޫރަތުގެ 96 ވަނަ އާޔަތުން)
މާނައިގެ ތަރުޖަމާއީ: "އެތަކެތި އަލިފާނަށް ވެއްޖައުމަށް ދާންދެނެވެ." ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަކެތި އަލިފާނަށް ހެއްދެވުމަށް ދާންދެނެވެ. އެތަކެތި އަލިފާންފަދައިން ވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا... (ކަހަފު ސޫރަތުގެ 96 ވަނަ އާޔަތުން)
މާނައިގެ ތަރުޖަމާއީ: އެކަލޭގެފާނު ވިދާޅުވިއެވެ. ވިރުވާފައިވާ ރަތުލޯ(ކޮޕާ) ދަނގަޑުތަކުގެ މައްޗަށް އަޅައި ފުރާލުމަށް، ތިމަން ކަލޭގެފާނުގެ އަރިހަށް ގެންނާށެވެ." ވިރުވާފައިވާ ރަތުލޯ ނުވަތަ ލޮއި ގެނައުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަލިފާނަށް ވަންދެން ހޫނުކޮށްފައިވާ ދަނގަޑު ތަކުގެ މައްޗަށް އަޅައި ދެފަރުބަދަ ދެމެދުގައި ފާރުބިނާކުރެއްވުމަށެވެ. އޭރުން ހިކުމުން ހުންނާނީ ފަރުބަދައެއް ފަދައިންނެވެ.

އޭރުން ބިން ފަސާދަކުރަމުން ދިޔަ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަށް އެބިންތަކަށް ވަނަ ނުދިނުމަށްޓަކައެވެ. އަދި އެބައިމީހުންގެ އެފާރުގެ އުސްކަމުން މަތިންވެސް ނުދެވޭނެއެވެ. އަދި ދާރުގެ ހަރުކަމުން ފާރުވެސް ފަސޭހައިން ފޫއަޅުވާނުލެވޭނެއެވެ. އެއީ ޛުލް ޤަރުނައިނި ބިނާކުރެއްވި ގަދަ ފާރުގެ ސަބަބުންނެވެ. ނުވަތަ އެދެމުގައި އެކަލޭގެފާނު އެޅުއްވި ހުރަހުގެ ސަބަބުންނެވެ.

ޝެއިޚު އަރީފީގެ ބަސްކޮޅު ނިމުނީ

ޝެއިޚު މުހައްމަދު އަރީފީއަކީ ސުއޫދު އިސްލާމީ ޔުނިވަރސިޓީގެ ޢަޤީދާގެ ދާއިރާގައި ކިޔަވައިދެއްވާ ދޫހެލޭ ދައުވަތުގެ މައިދާނުގައި އަޑުގަދަ ޕުރޮފެސަރެކެވެ. މާތްﷲ ޝެއިޚުގެ އަމަލުތަކުގައި ބަރަކާތްލައްވާށިއެވެ. އާމީން

ނޯޓު: ޛުލް ޤަރުނައިނި އާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ފެތުރިފައިވެއެވެ. ނަމަވެސް އެކަލޭގެފާނުގެ ވާހަކަ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނީ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ މިންވަރަށެވެ. އެހެނީ ބިދުޢަތަކުގެ އަހުލުވެރިން އެއްވެސް ދަލީލެއް ބުރުހާނެއް ނެތި ދައްކާ ހުރާފީ ވާހަކަތަކާމެދު ސަމާލުވުމަކީ މުހިންމުކަމެކެވެ.

މިޒަމާނަކަށް އައިސް ދައްޖާލާއި ޔައުޖޫޖު މައުޖޫޖުގެ ބާގައިގެ މީހުންނަކީ މިޔަނި އެވެނި ބަޔެއްކަމާއި އެބައިމީހުން އުޅެނީ މިޔަނި އެވެނި ތަނެއްގައި ކަމަށް ބުނަމުން ދާ މީހުންނާއި މެދު ފަރުވާތެރިވާންޖެހެއެވެ. ސަބަބަކީ އެބައިމީހުން އެކަންތައްތައް ނިސްބަތްކޮށްފައި ހުންނަނީ ދަލީލުތަކަށްވުރެ ބޮޑަށް އެބައިމީހުންގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެންނެވެ. ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ގެ ހަދިޘް ބަސްފުޅުތަކާއި ފުށުއަރާގޮތަށެވެ.
އެހެނީ އަޅުގަނޑުމެންގެ މައްޗަށް އޮތީ މިކަން ކަމާއި މެދު ވިސްނައި ކީރިތި ޤުރުއާނާއި ސުންނަތުގައި ސާބިތުވާ ގޮތްތަކުގެ މައްޗަށް އީމާން ވުމެވެ. އެއްވެސް ހާލެއްގައި މައުލޫމާތު ނެތި އަދި އިތުރަށް އޮޅުން ފިލުވުމެއް ނެތި ބަޔެއް ބިދުޢަވެރިންނާއި އިސްލާމްދީން 21 ވަނަ ޤަރުނު ކުރަން އުޅޭ ފާސިދުންގެ ވާހަކަތަކުން ސަލާމަތްވުމަކީ ބުއްދީގެ އަހުލުވެރިންނަށް އޮތްކަމެކެވެ. އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް ޤިޔާމަތާއި ޖެހެންދެން ބާވާލައްވާފައިވާ ޝަރީޢަތެވެ. މިއީއަކީ އަޅުގަނޑު ބޭނުންވީމާ ހިތުހުރިގޮތަކަށް ބަދަލުކޮށް އަދި ތިޔަބޭފުޅުން ބޭނުންވީމާ ބޭނުންހާ ގޮތަކަށް ބަދަލުކުރަން އޮތްދީނެއް ނޫނެވެ.
މިއީ ﷲ ގެ ޝަރީޢަތެވެ. ﷲގެ ދީނެވެ. މި ޝަރީޢަތް ފުރިހަމަ ކުރައްވައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ބަސްފުޅު ވަހީކުރައްވާފައެވެ.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ (މާއިދާ ސޫރަތުގެ 3 ވަނަ އާޔަތް)
މާނައިގެ ތަރުޖަމާއީ: މިއަދު ތިމަންއިލާހު ތިޔަބައިމީހުންގެ ދީން ފުރިހަމަ ކުރައްވައި އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތްތައް އެންމެފުރިހަމަގޮތުގައި ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ ދީނަކީ އިސްލާމްދީންކަމުގައި ރުއްސަވައިފީމެވެ."

ދީނަށް މަލާމާތް ކުރާ ދިވެހި ޖާހިލުންނާއި އަދި އެނޫން ޖާހިލުންގެ ކިބައިން އަޅުގަނޑުމެން އެދެނީ ރައްކާތެރިކަމެވެ. މުސްކުޅި ހަރުބަހެއްގައި ބުނާހެން ރައްކާވެތިބިއްޔާ ދަތުރެވެ. އެހެނީ ދެދުނިޔޭގެ ރައްކާތެރިކަން ލިބޭނީ ދީނަށް ރައްކާތެރިވެގެންނެވެ. ދީނަށް ރައްކާތެރިވެވޭނީ އެއްވެސް ހާލެއްގައި އެޔަނި މިޔަނީ މީހަކަށް ކަނުލޯތްބެއްގައި ފިދާވެގެނެއްނޫނެވެ. ނަމަވެސް ﷲ އާއި ރަސޫލާއަށް ފިދާވެ، ރަސޫލާ ބަޔާންކޮށްދެއްވި ގޮތަށް ދީނަށް އުޅެގެންނެވެ.

ދުޢާއަކީ އަޅުގަނޑުމެންގެ އެންމެންނަށް ﷲ ގެ މަގުގައި ސާބިތުކަން ދެއްވައި އެނގިގެންނާއި ނޭންގި ކުރެވޭ ފާފަތަކަށް ފާފަ ފުއްސަވައި، އެއިލާހު ރުއްސަވާގޮތުގައި މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އަދި ނަމާދުކުރާ މީހުންގެ ތެރެއިން ލައްވައި އަޅުގަނޑުމެންގެ މައިންބަފައިންނާއި ދަރިންނާއި ދަރިންގެ ދަރިންނާއި އެންމެހާ މުއުމިނުންގެ ފާފު ފުއްސެވުމެވެ. އާމީން.

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿އިބުރާހިމު ސޫރަތުގެ ٤١ ވަނަ އާޔަތް﴾

ހަވާލާ: ނިހާޔަތުލް ޢާލަމް؛ ޑރ.އަރީފީ
ނިމުނީ

މި ލިޔުން ލިޔެވިފައ މިވަނީ ޢަހުމަދު ފާތިހު ގެ ހެޔޮއެދުންތަކާއި އެކުއެވެ. މާތް ﷲ އެއަޚާއަށް ހެޔޮރަހުމަތް ލައްވާށއެވެ. އާމީން

Post a Comment

1 Comments

ވަރަށް ރަގަޅު ވާހަކައެއް. އިގިރޭސިން ލިޔެފައި ހުރި ބަޔެއް ލިޔުންތަކުގައި ޒުލްގަރުނައިންގެފާނަކީ އެލެގްޒެންޑްރާ ދަ ގުރޭޓް ކަމަށް ލިޔެފައި ހުއްޓާ ދުށުން. އެކަމަކު މިއީ ތަފާތު ދެމީހުންކަން ސާފުވޭ މިހާރު