ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟


أبو عبد الله عبدالرحيم المدني

بسم الله نحمده و نستعينه.
އަހަރެމެން އެބަ ބުނަމުއެވެ. އަހަރެމެން އެންމެންނަކީވެސް މުސްލިމުންނެވެ. އެހެންކަމުން އަހަރެމެން ލާދީނީ ބަޔަކަށް ނުވާނެއެވެ. އެހެންކަމަށްވާނަމަ އެފަދަ މީހުންނާ ކޮށްލަން ސުވާލެއް އެބައޮތެވެ؟ އެހެންވިއްޔާ މުސްލިމަކަށްވެ ހުރެ ﷲއަކީ ހުރިހާ މަޚުލޫޤޫން އުފެއްދެވި އިލާހު ކަމާއި އެއިލާހު ބާވާލެއްވި ޝަރީޢަތަކީ އެންމެ މޮޅު ޝަރީޢަތްކަމަށް ވާހިނދު އެޔާ މެދު ޝައްކު އުފެދި އެޔަށް މަލާމާތްކޮށް އެޔަށް އިންކާރު ކުރަނީ ކީއްވެ ހެއްޔެވެ؟ މުސްލިމުން ނަކީ ތެދުކޮށް އީމާންވާ މީހުންނެވެ. މުސްލިމުން ކިޔަނީ ކިޔަމަން ގަންނަ މީހުންނަށެވެ. އެހެންކަމަށްވާނަމަ ތިޔަބުނާ ބަަހުގެ ތެދުކަން ސާބިތުކޮށްދޭށެވެ.

އެބައިމީހުން ބުނާގޮތުގައި ލާދީނީ މިލަފުޒު ބޭނުންކުރެވޭނީ މުސްލިމު ނޫން ކާފަރުންނަށެވެ. އެހެންކަމަށްވާނަމަ ބުނަމެވެ. އެހެންކަމަށްވާ ނަމަ އެލަފުޒު ﷲގެ ޝަރީޢަތަށް އިންކާރު ކުރާ މީހުންނަށް ބޭނުންކުރެވޭނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ހަތް އުޑު މަތިން ބާވާލެއްވި ފޮތުގައި އެފޮތުގެ އާޔަތްތަކަށް އިންކާރު ކުރާ މީހުންނަކީ ކާފަރުން ކަމުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ.
وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُ‌ونَ

އަދި ތިމަންއިލާހުގެ އާޔަތްތަކާއި މެދު ކާފަރުންމެނުވީ އިންކާރުނުކުރެއެވެ.

(އަންކަބޫތު ސޫރަތުގެ 47 ވަނަ އާޔަތުން)
އޭ އަޚުންނާއި އުޚުތުންނޭވެ. ދަންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ރަޙުމަތްލައްވާށިއެވެ. އަދި އެއިލާހު ރުއްސަވާ މަގަށް މަގު ދައްކަވައި ޙައްޤު ޙައްޤުގެ ގޮތުގައި ދައްކަވައި ބާޠިލު ބާޠިލުގެ ގޮތުގައި ފެނުމުގެ ތައުފީޤު ތިބާއަށާއި އަޅުގަނޑަށް ދެއްވާށިއެވެ. އަޅުގަނޑު މިބުނަނީ ތިބާ ކާފަރެކޭ ނޫނެވެ. އަދި ކިއެއްތަ މިބުނަނީ ﷲ ސުބުޙާނަހޫ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. އެއިލާހު އެއަންގަވަނީއެވެ. ކާފަރުންމެނުވީ ﷲ ގެ އާޔަތްތަކަށް އިންކާރު ނުކުރެއެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރެއިން ޙައްދު ޖެހުމާއި ބެހޭގޮތުން އޮޮތް މިއާޔަތް ނުދެކެމުތޯއެވެ؟
الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَ‌أْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ނޫރު ސޫރަތުގެ ދެވަނަ އާޔަތް
މާނައީ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، اللَّه ގެ ދީނުގައި ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކަށް ދައްކާހުށިކަމެވެ." (ނޯޓު: އެއީ މީހަކާއި އިނުމުގެ ކުރިންނެވެ. ކައިވެންޏެއް ކުރުމަށްފަހު ޒިނޭކޮށްފިނަމަ އެބައިމީހުންގެ ޙުކުމަކީ ރަޖަމުކުރުމެވެ)
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑަކީ ބާލިޣުވެފައިވާނަމަ އެއީ ބޮޑު މީހެއްގެ ޙުކުމް އެމީހަކަށް ހިނގުމެވެ. ނަމަވެސް މުނާފިޤުންނާއި އަދި ކާފަރުން މި ޙުކުމްތަކަށް އިންކާރުކުރެއެވެ. އެބައިމީހުން ބޮޑުވާ އުމުރު އަމިއްލައަށް ކަނޑައެޅިއެވެ. އަދި އެވަރުން ނުފުދިގެން ޙައްދު ޖެހުމުގެ ޙުކުމަށް އިންކާރު ކުރިއެވެ. ދިވެހިރާއްޖޭގައި ކުރިން އެބައިމީހުން އަމިއްލައަށް ކަނޑައަޅާފައިވާ ބޮޑެތި މީހުންނަށް ހައްދުޖެހުމަށްވެސް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެކަމަށް ކެމްޕެއިން ކުރަމުންދެއެވެ. މިހާރު ރާއްޖޭގައި ދިމާވެގެން މިއުޅެނީ އެއްމައްސަލައެކެވެ. އެބައިމީހުން ކުޑަކުދިންގެ ޙައްޤޭ އަންހެނުންގެ ޙައްޤޭ ކިޔަސް އަދި ނަން ބޭނުންކުރިޔަސް އެބައިމީހުންގެ ބޭނުމަކީ ﷲގެ ޝަރީޢާއަށް އިންކާރު ކުރުމެވެ. އެބައިމީހުންގެ ބޭރުގެ ނޫސްތަކުގައި މިކަމަށް ދަނީ ގަދަޔަށް ކެމްޕެއިންކޮށް ކާފަރުންގެ އަތުން ޝަރީޢަތުގެ ޙުކުމް ދުއްވާލުމަށް ފަންޑުހޯދަމުން އެދަނީ އެއްވެސް ލަދެއް ހަޔާތެއް ބިރެއް ނެތިއެވެ. ދެންވެސް އެބައިމީހުންނަށް ކިޔަންވީ ދީނީ މީހުންތޯ އެވެ؟ ނުވަތަ ދެން އެބައިމީހުން ވާނީ ކޮންބަޔެއްގެ ތެރެއިން ތޯ ތިޔައަޚާ ވިސްނާލާށެވެ. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ކަމަކަށް މުއުމިނަކު އިންކާރު ނުކުރާނެއެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿الأحزاب: ٣٦﴾
މާނައިގެ ތަރުޖަމާއީ: އަދި اللَّه އާއި، އެއިލާހުގެ ރސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެއިލާހުގެ ރަސޫލާ އަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
އޭ ކިޔުންތެރިންނޭވެ. ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށިއެވެ. ފަހެ މިއާޔަތުން މުއުމިނުންގެ ސިފަ އެއިލާހު އެބަ ބަޔާންކުރައްވައެވެ. އެއީ އެއިލާހު ކަނޑައަޅުއްވާ ކަމަކަށް އެބައިމީހުންނަށް އިޚުތިޔާރު ނެތުމެވެ. މުއުމިނުން އެކަމަށް ފާޑު ކިޔައި ޕެޓިޝަން ހަދައި އެއިލާހުގެ ޝަރީޢަތާ ދެކޮޅަށް މަސައްކަތްކުރާނެ ހެއްޔެވެ؟ އޭ ކިޔުންތެރިންނެވެ. ﷲ ތިބާއަށް އެއިލާހު ރުއްސަވާ މަގަށް ތައުފީޤު ދެއްވާށިއެވެ. ދެން ފަހެ މިއާޔަތުގައި އެވާފަދައިން އެއިލާހު އަންގަވާފައިވާ ކަމަކާއި ދެކޮޅު ހަދާ ބަޔަކީ މަގުފުރެދިފައިވާ ބަޔެއްކަން ކަށަވަރު އަދިވެސް ނުވޭތޯއެވެ؟ އެބައިމީހުންގެ ކިބައިން ބަރީއަވެ ﷲއާއި ރަސޫލާއަށް ކިޔަމަންވާ މީހުންގެ ތެރެއިން ވާން އަދިވެސް ނުވޭތޯއެވެ؟ ލަސްކުރާނީ ކިހާއިރެއް ވަންދެންތޯއެވެ؟ ﷲ ތަޢާލާ އެއަންގަވަނީ އެއީ މަގުފުރެދިފައިވާ މީހުންކަމުގައެވެ. އަޅުގަނޑުގެ ބަހެއްނޫނެވެ.
އާދެ ﷲ ސުބުހާނަހޫ ވަތަޢާލާ އެފޮތަކާއި މެދުގައި ވަޙީކުރައްވަނީ މިފަދައިންނެވެ.
ذَٰلِكَ الْكِتَابُ لَا رَ‌يْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ބަޤަރާ ސޫރަތުގެ ދެވަނަ އާޔަތް
މާނައިގެ ތަރުޖަމާއީ: މިއީ އެފޮތެވެ(ޤުރުއާނެވެ) އެފޮތަކާއި މެދުގައި އެއްވެސް ޝައްކެއްނެތް ފޮތެވެ. (އެފޮތަކީ)ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ."
އޭ ﷲއަޅާއެވެ. ތިބާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. ދެން އެފޮތުގެ ޙުކުމްތަކާއި މެދު ޝައްކުކުރާ މީހާ ޝައްކެއްނެތް ކަމަށް ﷲ އަންގަވާފައިވާ އާޔަތާއި މެދު އިންކާރު ނުކުރޭތޯއެވެ؟ ދެން ނިކަން ސުވާލުކޮށްލަބަލާށެވެ. އެމީހުން ހަމަ ޤުރުއާނަށް ތަބާ އެބަވޭ ހެއްޔެވެ؟ ނުވަތަ އެފޮތުގެ އާޔަތްތަކާއި މެދުގައި ދެކޮޅު ހަދައި އެބައިމީހުންގެ ހަވާނަފުސު އިސްނުކުރޭ ހެއްޔެވެ؟
ނިންމުން
އޭﷲ އަޅާއެވެ. ﷲ ތިބާއަށާއި އަޅުގަނޑުމެންނަށް ހިދާޔަތު ދައްކަވައި ހިތް އީމާނުން ފުރުއްވާށިއެވެ. އަދި މި ސުވާލު ތަކާއި މެދުގައި ނިކަން ފުންކޮށް ވިސްނާލައްވާހުށިކަމެވެ.

ކީރިތި ޤުރުއާނުގެ ސާބިތު ހުކުމަކަށް މުސްލިމަކު ނުވަތަ ލާދީނީ ނޫން މީހަކު އިންކާރުކޮށްފާނެ ހެއްޔެވެ؟ އެފޮތުގައިވާ ޙުކުމްތަކަކާއި ބެހޭގޮތުން ސުވާލު އުފައްދައި އެޔާ ދެކޮޅަށް ޕެޓިޝަން ހަދައި ސޮއެ ކޮށްފާނެ ހެއްޔެވެ؟ އަދި މުސްލިމަކު އެފޮތުގެ ޙުކުމްތަކާ ދެކޮޅަށް ދެއްކޭ ވާހަކަތަކާއި ﷲ ގެ ބަސްފުޅުގެ މައްޗަށް ކިޔޭ ބަހަށް ތާއީދުކޮށްފާނެ ހެއްޔެވެ؟ އަދި އެފޮތުގެ ހުކުމްތަކަށްވުރެ މޮޅު ހުކުމްތަކެއް ގެނައުމަށް ގޮވާލާ މީހުންނަށް ތާއީދުކޮށްފާނެ ބާވައެވެ؟ ނޭނގި ކުރެވޭ ފާފަތައް މިއުއްމަތުގެ މައްޗަށް ޢަފޫކޮށްދެއްވަވައެވެ. ވީމާ ތިބާއަށް ނޭންގި މިފަދަކަމަކަށް އަރައިގަނެވިފައިވާ ނަމަ ތައުބާ ވުމުގެ ތަޢުފީޤު ދެއްވާށިއެވެ. އަދި ﷲގެ ޙަޟްރަތަށް ތައުބާވާ މީހުންކަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ.



އޭ ބުއްދީގެ އަހުލުވެރިންނޭވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުތަކާއި މެދު ނުވިސްނަމު ހެއްޔެވެ؟ ވިސްނާ ފިކުރުކޮށް ތައުބާވާ ބަޔެއްކަމުގައި އަޅުގަނޑުމެން ވުމަކީ އޮތް އެންމެ ހެޔޮމަގެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތަޢުބާ ޤަބޫލުކުރައްވާ އިލާހެވެ. އެއިލާހު ބޭނުންވެވޮޑިގެންވަނީ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި ދިނުމަށެވެ. އެއިލާހު ވަހީކުރައްވާ މިބަސްފުޅު ނާހަމުހެއްޔެވެ؟

وَاللَّـهُ يُرِ‌يدُ أَن يَتُوبَ عَلَيْكُمْ

“އަދި ﷲ ސުބުޙަނަހޫ ވަތަޢާލާ ބޭނުންވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތަޢުބާތައް ޤަބޫލުކުރެއްވުމަށެވެ.”

އަޅުގަނޑުމެންނަކީ އެއިލާހަށް ކިޔަމަންތެރިވާ ބަޔެއްކަމުގައި ލައްވާށިއެވެ. އަދި މުޅި އިސްލާމީ ޢުއްމަތަށް ނަސްރު ދެއްވައި މުސްލިމުންނާއި ދެކޮޅަށް މުސްލިމުން ބަލިކަށި ކުރުމަށް ރާވަމުންދާ ފަރާތްތައް ބަލިކުރައްވައި އެބައިމީހުންގެ ސަފުތައް ވިއްސިވިހާލު ކުރައްވައި އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަމާއި ބަލިކަށިކަން ލައްވާށިއެވެ. އަދި އެބައިމީހުންގެ ކިބައިން މުސްލިމުންގެ ހިތްތަކަށް ހަމަޖެހުން ދެއްވާށިއެވެ. އާމީން

والله أعلم

وصلى الله وسلم على نبينا محمد و أله و صحبه أجمعبن

Post a Comment

0 Comments