ޢިބުރަތްތެރިވާހަކަ: ޖަނަވާރުންނަށް އަޅާލުމުގެ މަތިވެރިކަން.

أبو عبد الله عبد الرحيم بن محمد المدني

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "މީހަކު ހިނގަމުން ދަނިކޮށް އޭނާގެ ކަރުހިއްކުން ބޮޑުވެ ވަރަށް ބޮޑަށް ފެންބޮވައިގަނެއްޖެއެވެ. އަދި އޭނާ ވަޅަކަށް ފޭބިއެވެ. އަދި އެއިން އޭނާ ފެންބުޔެވެ. އެޔަށްފަހު އޭނާ ވަޅުން އަރައިފިއެވެ. އެހިނދު އެތަނުގައި ކަރުހިއްކައިގަނެގެން ގޮސް ދޫނެރެގެން އޮތް ކުއްތާއެއްވިއެވެ. ކަރުހިއްކައިގެންފައިވާލެއް ބޮޑުކަމުން އޭގެ ދުލުން ބިންމަތީގައި ހާކަމުންދިޔައެވެ. ދެން އޭނާ ބުންޏެވެ.

މިކުއްތާމިވަނީ އަހަރެން ފަދައިން ކަރުހިއްކައިގަތުމާއި ލައިގެންފައެވެ. (ދެން ވަޅަށް ފޭބުމަށްފަހު) އޭނާގެ ޚުއްފަށް ފެންއަޅައި ފުރައިގެން އެއަނގައިން ހިފަހައްޓައިގެން ވަޅުން އަރައިފިއެވެ. އަދި އެޔަށްފަހު ކުއްތާއަށް ފެންބޯން ދިނެވެ. އެހިނދު ﷲ އޭނާ އެކުރި ހެޔޮޢަމަލަށް ޝުކުރުވެރިވެވޮޑިގެން އޭނާގެ ފާފަ ފުއްސެވިއެވެ." ދެން ޞަޙާބީ ބޭކަލުން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ދިރޭ ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުން ސަވާބު ލިބޭނެހެއްޔެވެ؟" ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އަދި ދިރޭ ކޮންމެ އެއްޗަކަށް (ކުރާ ހެޔޮކަމަށް) ސަވާބު ލިބިގެންވެއެވެ." 
 މުއްތަފަޤުން ޢަލައިހި (ޞަޙީޙް ބުޚާރީ: 2363 އަދި މުސްލިމް: 2244) (ޙަދީޘްގެ މާނަ) 
ޢިބުރަތް: 
އެހެނީ އިސްލާމްދީނަކީ ރަޙުމްކުރުމާ އޯގާތެރިކަމުގެ ދީނެވެ. ޖަނަވާރުންނަށް އަޅާލައި ރަޙުމްކުރުމަކީ އިސްލާމްދީނުގައި ބާރުއަޅާފައިވާ ކަމެކެވެ. އެތަކެއްޗަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި އަނިޔާވެރިވުން މަނާކުރައްވައެވެ. އެހެންކަމުން ބުޅަލެއް ހައްޔަރުކޮށްގެން ކާންނުދީ މަރާލި އަންހެނެއް ނަރަކައަށް ވަންނަން ޖެހުނު ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވެއެވެ. އެޔާއެކު ހެޔޮކޮށް އެތަކެއްޗަށް ކަންތައް ކުރުމަކީ ވަރަށް ރިވެތިވެގެންވާ މަތިވެރިވެގެންވާ ހެޔޮ ޢަމަލެކެވެ. ނިމުނީ.

Post a Comment

0 Comments