އިސްރާއިލް ދަރިކޮޅުގެ ތިންމީހުން

އިސްރާއިލް ދަރިކޮޅުގެ ތިންމީހުން ތަރުޖަމާ: އުއްމު ކުލްޘޫމް (جزاها الله خير) އިސްރާއީލްގެ ތިން މީހަކު އިމްތިޙާނު ކުރެއްވުމަށް ﷲ އިރާދަ ކުރެއްވިއެވެ. އެއީ ލޯފަން މީހަކާއި، ބޮލުން އިސްތަށި ފައިބައި ބަލި ޖެހިފައިވާ މީހަކާއި އަދި ޖުޒާމްބަލި ޖެހިފައިވާ މީހެކެވެ. އެމީހުންގެ ތެރެއިން ޖުޒާމްބަލި ޖެހިފައިވާ މީހާގެ ގާތަށް މަލާއިކަތަކު ފޮނުއްވެވިއެވެ. އަދި އެމަލާއިކަތާ އެމީހާއަށް ވިދާޅުވިއެވެ. ”ކަލޭ އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟“ އޭނާ ޖަވާބުދިނެވެ. ”އަހަރެން އެންމެ ބޭނުންވަނީ އަހަރެންގެ ގައިގެ ހަންގަނޑުގެ ކުލަ ރީތިވެ ރަގަޅުވުމަށެވެ. އެހެނީ މީސްތަކުން އެކަމާހުރެ އަހަރެންނަށް ވަރަށް ނަފްރަތު ކުރެއެވެ.“ މަލާއިކަތާ އޭނާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އަދި ވަގުތުން އޭނާގެ ބަލި ފަސޭހަވެ ހަންގަނޑުގެ ކުލަ ރީތިވެ ރަނގަޅުވިއެވެ. މަލާއިކަތާ އޭނަޔާ ސުވާލު ކުރެއްވިއެވެ. ”މުދަލުގެ ތެރެއިން ކަލޭ އެންމެ ބޭނުމީ ކޮންއެއްޗެއް ހެއްޔެވެ؟“ އޭނާ ޖަވާބުގައި ބުންޏެވެ. ”ޖަމަލު (ނުވަތަ ގެރި) އެވެ.“ (ބޮލުން އިސްތަށިފައިބާ ބަލި ޖެހިފައިވާ މީހާއާއި ޖުޒާމްބަލި ޖެހިފައިވާ މީހާގެ ތެރެއިން ޖަމަލު ނުވަތަ ގެރިއަށް އެދިފައިވަނީ ސީދާ ކާކުކަމާއި މެދު އިޚްތިލާފު އުފެދިފައިވެއެވެ.) އެހެންކަމުން ޖުޒާމުބަލި ޖެހިފައިވީ މީހާއަށް މާބަނޑު އަންހެން ޖަމަލެއް ދެއްވިއެވެ. އަދި މަލާއިކަތާ އޭނާއަށް ވިދާޅުވިއެވެ. ”ﷲ ކަލޭގެ ތިމުދަލުގައި ބަރަކާތް ލައްވާށިއެވެ!“ ދެން އެމަލާއިކަތާ ބޮލުން އިސްތަށިފައިބައިބަލި ޖެހިފައިވާ މީހާގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ”ކަލޭ އެންމެ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟“ އޭނާ ބުންޏެވެ. ”އަހަރެން ބޭނުމީ ރީތި އިސްތަށިގަނޑެކެވެ. އަދި މިބަލިން ފަސޭހަ ވުމަށެވެ. އެހެނީ މީސްތަކުން މިކަމާއިހުރެ އަހަންނަށް ވަރަށް މަލާމާތް ކުރެއެވެ.“ މަލާއިކަތާ އޭނާގެ ގައިގައި އަތްޕުޅު ބީއްސަވާ ލެއްވިއެވެ. އަދި އޭނާގެ ބަލި ވަގުތުން ފަސޭހަވެ ރީތި އިސްތަށިގަނޑެއް އޭނާއަށް ލިބުނެވެ. މަލާއިކަތާ އޭނާއަށް ވިދާޅުވިއެވެ. ”މުދަލުގެ ތެރެއިން ކަލޭ އެންމެ ބޭނުމީ ކޮންމުދަލެއް ހެއްޔެވެ؟“ އޭނާ ޖަވާބުގައި ބުންޏެވެ. ”ގެރިއެވެ.“ މަލާއިކަތާ އޭނާއަށް މާބަނޑު އަންހެން ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”ﷲ ކަލޭގެ ތިމުދަލުގައި ބަރަކާތް ލައްވާށިއެވެ!“ އެއަށްފަހު މަލާއިކަތާ ލޯފަން މީހާގެ ގާތަށް ގޮސް ވިދާޅުވިއެވެ. ”ކަލޭ އެންމެ ބޭނުންވަނީ ކޮންކަމެއްހެއްޔެވެ.“ އޭނާ ޖަވާބުގައި ބުންޏެވެ. ”އަހަރެން އެންމެ ބޭނުމީ ﷲ އަހަރެންނަށް ލޮލުގެ ފެނުން އަނބުރާ ދެއްވެވުމެވެ. އެއީ އަހަރެންގެ ވަށައިގެންވާހާ ތަކެއްޗެއް ދެކިފެނިވެ އުޅުމަށްޓަކައެވެ.“ އެހެންކަމުން މަލާއިކަތާ އޭނާގެ ލޮލުގައި އަތްޕުޅު ބީއްސަވާ ލެއްވިއެވެ. އަދި ﷲ އޭނާގެ ލޮލުގެ ފެނުން އޭނާއަށް އަނބުރާ ދެއްވެވިއެވެ. މަލައިކަތާ އޭނާއާއި ސުވާލު ކުރެއްވިއެވެ. ”ކަލޭ އެންމެ ބޭނުމީ ކޮންކަހަލަ މުދަލެއްތޯއެވެ.“ އޭނާ ޖަވާބުގައި ބުންޏެވެ. ”ކަންބަޅިއެވެ.“ މަލާއިކަތާ އޭނާއަށް މާބަނޑު ކަނބަޅިއެއް ދެއްވިއެވެ. ތިންމީހުންނަށް ދެއްވި މާބަނޑު ތިނެތި ވިހާ އެތަކެއްޗަށް ލިބުނު ދަރިންތަށް ގިނަވެ އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އެކަކު އަތުގައި ބޮޑުވާދިއެއް ފުރޭހާ ގިނަ ގެރި ހުއްޓެވެ. އަނެކަކު އަތުގައި ބޮޑު ވާދީއެއް ފުރޭހާ ޖަމަލު ހުއްޓެވެ. އަނެކަކު އަތުގައި ބޮޑު ވާދީއެއް ފުރޭހާ ކަންބަޅި ހުއްޓެވެ. މިހުރިހާ ކަމަކަށްފަހުގައި މަލާއިކަތާ ޖުޒާމްބަލިޖެހިފައިވާ ނިކަމެތި މީހެއްގެ ސިފަޖެހިގެން ކުރިން ޖުޒާމްބަލި ޖެހިފައިވީ މީހާގެ ގާތަށް ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނަކީ ނިކަމެތި ފަގީރެކެވެ. އަހަރެންގެ ހުރިހާ ތަކެއްޗެއްވަނީ ދަތުރު މަތީގައި ގެއްލިފައެވެ. ﷲ (އަދި އެއަށްފަހު ކަލޭ) ފިޔަވައި އަހަންނަށް ޖެހިފައިވާ ބޭނުން ފުއްދައިދޭނެ އެހެން ފަރާތެއް ނުވެއެވެ. ކަލެއަށް ތިރިވެތި ކުލައާއި ހަންގަނޑާއި އަދި ތިހާ ބައިވަރު މުދާ ދެއްވި ފަރާތުގެ ނަމުގައި ބުނަމެވެ. އަހަރެންނަށް ކަލޭއަތުން ޖަމަލެއް ދީބަލާށެވެ. އޭރުން އަހަރެންނަށް އަހަރެންގެ މަންޒިލަށް ދެވިދާނެއެވެ.“ އެމީހާ ޖަވަބުގައި ބުންޏެވެ. ”އަހަރެން (އޭގެން) ކުރުމަށް ލާޒިމް ބައިވަރު ކަންތަށް އެބަހުއްޓެވެ. އެހެންކަމުން ކަލެއަށް ޖަމަލެއް ދެވޭކަށް ނެތެވެ.“ މަލާއިކަތާ ވިދާޅުވިއެވެ. ”އަހަންނަށް ހީވަގޮތުގައި އަހަންނަށް ކަލޭ އިނގެއެވެ. ކަލޭތީ ކުރީގައި ޖުޒާމްބަލިޖެހިފައިވާ، އެކަމުގެ ސަބަބުން މީސްތަކުން ކަލެއާއިމެދު ނުހަނު ނަފްރަތުކުރި މީހެއް ނޫންހެއްޔެވެ؟ ކަލޭތީ ކުރީގައި ފަޤީރެއް ނޫންހެއްޔެވެ. އަދި މިހުރިހާ މުދާ ކަލެއަށް ﷲ ދެއްވެވީއެއް ނޫންހެއްޔެވެ.“ އެމީހާ ޖަވާބުގައި ބުންޏެވެ. ”(ކަލޭ ތިބުނި ވާހަކަތައް މުޅިން ނުރަނގަޅެވެ.) މިމުދާތަކަކީ އަހަރެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުދާތަކެކެވެ.“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”ކަލޭ ތިބުނަނީ ދޮގުކަމުގައިވާނަމަ ކަލޭ ކުރީގައިވީ ޙާލަތަށް، ﷲ ކަލޭ ރުޖޫޢަ ކުރައްވާށިއެވެ!“ މަލާއިކަތާ ބޮލުން އިސްތަށިފައިބާ ބަލިޖެހިފައިވާ މީހެއްގެ ސިފަޖެހިގެން، ބޮލުން އިސްތަށިފައިބާ ބަލިޖެހިފައިވީ މީހާގެ ގާތަށް ވަޑައިގެން ޖުޒާމްބަލި ޖެހިފައިވީ މީހާއަށް ވިދާޅުވިފަދައިން އޭނާ ގާތުގައިވެސް ވިދާޅުވިއެވެ. އޭނާވެސް ޖުޒާމްބަލި ޖެހިފައިވީ މީހާ ޖަވާބުދިން ފަދައިން ޖަވާބުދިނެވެ. އެހެންކަމުން މަލާއިކަތާ ވިދާޅުވިއެވެ. ”ކަލޭ ތިބުނަނީ ދޮގުކަމުގައިވާނަމަ ކަލޭ ކުރީގައިވީ ޙާލަތަށް، ﷲ ކަލޭ ރުޖޫޢަ ކުރައްވާށިއެވެ!“ އެއަށްފަހު މަލާއިކަތާ ލޯފަންވެފައިވާ މީހެއްގެ ސިފަޖެހިގެން ކުރިން ލޯފަންވެފައިވީ މީހާގެ ގާތަށް ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނަކީ ނިކަމެތި ފަގީރެކެވެ. އަހަރެންގެ ހުރިހާ ތަކެއްޗެއްވަނީ ދަތުރު މަތީގައި ގެއްލިފައެވެ. ﷲ (އަދި އެއަށްފަހު ކަލޭ) ފިޔަވައި އަހަންނަށް ޖެހިފައިވާ ބޭނުން ފުއްދައިދޭނެ އެހެން ފަރާތެއް ނުވެއެވެ. ކަލެއަށް ލޮލުގެފެނުން އަނބުރާ ދެއްވި ފަރާތުގެ ނަމުގައި ބުނަމެވެ. އަހަރެންނަށް ކަލޭއަތުން ކަންބަޅިއެއް ދީބަލާށެވެ. އޭރުން އެއީ އަހަރެންނަށް އަހަރެންގެ މަންޒިލަށް ދިއުމުގައި އެހީތެރިވެދޭނެ ސަބަބެއް ކަމުގައި ވެދާނެއެވެ.“ އެމީހާ ޖަވަބުގައި ބުންޏެވެ. ”ކަލޭ ތިބުނި ވާހަތަކުގައި އެއްވެސް ދޮގުކަމެއް ނުވެއެވެ. އަހަރެންވީ ލޯފަން މީހަކު ކަމުގައެވެ. ﷲ އަހަރެންނަށް ލޮލުގެ ފެނުން އަނބުރާ ދެއްވިއެވެ. އަދި އަހަރެންވީ ނިކަމެތި ފަޤީރަކު ކަމުގައެވެ. އަދި އެއިލާހު އަހަންނަށް މިހުރިހާ މުދާވެސް ދެއްވިއެވެ. ވީމާ އަހަރެންގެ މުދަލުގެ ތެރެއިން ކަލޭ ބޭނުންވަރަކަށް ގެންދާށެވެ. ﷲ ގަންދީ ބުނަމެވެ. މީގެ ތެރެއިން ކަލޭ ﷲ އަށްޓަކައި ގެންދާ އެއްވެސް މުދަލެއް ގެންދިއުމުން ކަލޭ މަނާ ނުކުރުވާ ހުށިކަމެވެ.“ މަލާއިކަތާ ވިދާޅުވިއެވެ. ”ކަލޭގެ މުދާ ކަލެއާއި އެކުގައި ބަހައްޓާށެވެ. ﷲ، ކަލޭ (މެން ތިން މީހުން) އިމްތިޙާނު ކުރައްވައިފިއެވެ. އަދި ﷲ ކަލެއާއި މެދު ރުހިވޮޑިގެންވެއެވެ. އަދި ކަލޭގެ ދެސާހިބުންނާމެދު ކޯފާވެވޮޑިގެންވެއެވެ.“ - ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވަނިކޮށް އެއްސެވިކަމަށް، އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވާ ހަދީޘެއް -

Post a Comment

5 Comments

Anonymous said…
ކޮންފަދަ ޢިބްރަތްތެރި ވާހަކައެއް ތޯއެވެ. މަތިވެރިވަންތަ މާތް ﷲ ރާއްޖޭގައި ތިބި މަހުޖަނުންނަށް މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލް ކުރުމުގެ ތައުފީޤް ދެއްވާ އެއުރެންނަކީ ފާޑުފާޑުގެ "އަކުން" ތައް މިތަނަށް ގެނެސްގެން ފާޙިޝްކަންތައް ޢާއްމުކުރާ ބަޔަކަށް ވުމުގެ ބަދަލުގައި އެ އިލާހު ރުހިވޮޑިގަންނަވާ ކަންކަމަށް ހޭދަކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން
Anonymous said…
Aameeen
Anonymous said…
nice story
Anonymous said…
thi liyumuge aslu link nuwatha sitege nan nujahanee keewetho?
Anonymous said…
މިބލޮގަކީ ވަރަށް އިބްރަތްތެރި ވާހކަޔާ ލިޔުން ހުންނަ ބލޮގެއްކަމުން އަޅުގަނޑުމެންގެ ސައިޓުގައި ތިބޭފުޅުންގެ ލިޔުން ޖަހަމެވެ.
މިކަމުގައި މައްސަލައެއް އޮތްނަމަ އަންގާލަދެއްވުން އެދެމެ
info@naamagu.com