އައްޝައިޚު ޢާދަމް ޝަމީމް ތޮއްޑޫ
ޅޮހީގެ ނޯޓެއް: ތަބުލީޣީންގެ އުނދަގޫ މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް މިވަނީ ދިމާވެފައެވެ. ތަބުލީޣީންގެ ދައުވަތު ފަތުރާ ބަޔަކު ދިވެހިރާއްޖޭގައިވެސް އެބަތިއްބެވެ. މިބައިމީހުންގެ ކިބައިން މިދިވެހި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެމީހުންގެ ހަޤީޤަތް ހޯދައި އެމީހުންގެ ކިބައިން ސަލާމަތްވުމަކީ ކޮންމެހެންވާޖިބު ކަމެކެވެ. އަދި ޝީއީންވެސް ވަނީ ދިވެހިރާއްޖެއަށް ވަދެ ގަތުމަށްޓަކައި ޙާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިހުރިހާ ކަމަކުން މި ދިވެހި ވަތަން ސަލާމަތް ކުރެވޭނީ އަޅުގަނޑުމެން އެންމެހާ އަޚުންނާއި އުޚުތުން އަތުގުޅާލާ ހަޤީޤީ އިސްލާމްދީނުގެ ތަޢުލީމު ފެތުރިގެންނެވެ. ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅަށް ތަބުލީޣީންނަކީ ކޮންބައެއްކަން އެނގިދާނެއެވެ. ދިވެހިރާއްޖޭގައި ތަބުލީޣީންގެ ހަރަކާތް އެންމެ ބޮޑީ ދެކުނުގެ އަތޮޅުތަކުގައެވެ. މިކަންކަމުން ސަލާމަތްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމާތޯއެވެ. ތަބްލީޣު ޖަމާޢަތުގެ ޙަޤީޤަތް 01 02 2011 الحمد لله والصلاة والسلام على من لا نبي بعده ތަބުލީޣުޖަމާޢަތުގެ ބަޔަކުމީހުން ރާއްޖެ އައިސް މިސްކިތްތަކުގައި އެމީހުންގެ ތަބުލީޣީ ދަޢުވަތުގެ މަސައްކަތް ކުރަމުން ގެންދާތީ އެމީހުންނާއި މެދުގައި ވަރަށް ގިނަ އަޚުންނަށް ސުވާލު އުފެދިފައިވާތީއާއި އަދި އަޅުގަނޑާއި ކުރެވިފައިވާ ބައެއް ސުވާލުގެ ޖަވާބުގައި މިފޮޅުވަތްކޮޅު ލިޔެލަމެވެ.
جماعة التبليغ؛ އާދެ! ތަބުލީޣު ޖަމާޢަތަކީ އިސްލާމީ ޖަމާޢަތްތަކުގެ ތެރެއިން ހިންދު ކަރައިގައި ހިޖުރައިން ތޭރަވަނަ ޤަރުނުގައި އުފަންވެ ޕާކިސްތާނާއި ބަނގުލާދޭޝްގައި އޭގެ މޫ ފެތުރިފައިވާ “ބިދުޢަވެރި” ޖަމާއަތެކެވެ. އެޖަމާޢަތުގެ މުއައްސިސަކީ ހިންދުސްތާނަށް އުފަން، ދެއޯބަންދީ މަޛުހަބުގެ ޝައިޚެއް ކަމުގައިވާ މުޙަންމަދު އިލްޔާސެވެ. މިޖަމާޢަތް ތައުސީސް ކުރެވިފައިވަނީ ސޫފީންގެ މަޝްހޫރު ބިދުޢަވެރި ތުރުޤު(1)ތަކުގެ މައްޗަށެވެ. އެހެންކަމުން މިޖަމާޢަތުގެ މައްޗަށް މުއާޚަޛާ ކުރެވޭ ވަރަށްގިނަ ކަންތައްތައް އެބަހުއްޓެވެ. އަޅުގަނޑުގެ ލޮބުވެތި އަޚުންގެ ސަމާލުކަމަށްޓަކައި އޭގެތެރެއިން ބައެއް ކަންތައް ޛިކުރު ކޮށްލާނަމެވެ. 1- ޢިލްމަށް ވުރެ (އުނގެނި ދަސްކުރުމަށްވުރެ) ޢަމަލުގެ މައިދާން އިސްކުރުމާއި، ޢިލްމުގެ އަހައްމިޔަތު ކުޑަކުރުން ވެއެވެ. އެމީހުންގެ ގާތުގައި އެންމެ މުހިންމު ކަމަކީ ދަޢުވަތަށް ތިމާގެ ގެދޮރާއި ގޯތި، ރަށާއި ޤައުމު ދޫކޮށް ނުކުތުމެވެ. އެއީ ޖާހިލެއް ކަމުގައި ވިޔަސްމެއެވެ. ޝައްކެއް ނެތް ގޮތުގައި މިއީ ކީރިތި ޤުރުއާނާއި ކައުއިތުރު ނަބިއްޔާ އާއި އެކަލޭގެފާނުންގެ އަޞްޙާބުން މިއުއްމަތުގެ ސަލަފުއް ޞާލިޙުންގެ މަގާއި މުޅިން ޚިލާފު އުޞޫލެކެވެ. މާތް ﷲ އެކަލާނގެ ނަބިއްޔާއަށް އެންމެ ފުރަތަމަ އަމުރު ކުރައްވާފައިވަނީ ކިޔެވުމަށެވެ. އުނގެނުމަށެވެ. { إقرأ بسم ربك الذي خلق } العلق. މާނައީ: “ކަލޭގެފާނުންގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ ކަލޭގެފާނު ހެއްދެވި ރަސްކަލާނގެއެވެ”. ހަމައެފަދައިން ޢަމަލު ކުރުމާއި ދަޢުވަތުގައި ކުރިން އުނގެނުމަކީ ލާޒިމު ކަމެއްކަމުގައި އަލްއިމާމް ބުޚާރީ ބާބެއް ބަންނަވާފައިވެއެވެ. އަދިވެސް ﷲ ޥަޙީކުރައްވާފައިވެއެވެ. {قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعني…} يوسف 108. މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށް ތަބާވީ މީހުން ބަޞީރަތާއި އެނގުމާއި އެކު ﷲ ގެ ދީނަށް ގޮވާލާ މަގެވެ”. ދެންފަހެ، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ ގޮތް ނުދަންނަ، އަދި ﷲ ގެ ޝަރީޢަތާއި ދީނީ އުޞޫލުތަކުން ޖާހިލުވެގެންވާ ޙާލުގައި ދީނަށް ގޮވަން ނުކުތުމުން ނަތީޖާއަކީ އެމީހުނާއި އެބައިމީހުނަށް ތަބާވާ މީހުންގެ ތެރޭގައި ބިދުޢައާއި ޚުރާފާތްތައް ޢާއްމުވެ، ސުންނަތުގެ ސީދާ މަގު އޮޅި، ސުންނަތުގެ ދަޢުވަތާއި އިދިކޮޅުވެވުމެވެ. 2- ތަބުލީޣީ ޖަމާޢަތުގެ ތެރޭގައިވާ މުސްލިމުން ސަމާލުވާންޖެހޭ އަނެއް ކަމަކީ؛ އެމީހުންގެ އެއް އުޞޫލު ކަމުގައިވާ “خروج في سبيل الله” އެވެ. އެބަހީ: “ﷲގެ މަގުގައި ނުކުތުމެވެ”. ﷲގެ މަގުގައި ނުކުތުމަކީ ސަލަފުއްޞާލިޙުންގެ ގާތުގައި “ﷲގެ މަގުގައި ޖިހާދަށް ނުކުތުމެވެ”. ޖިހާދުގެ ޝިޢާރަކީ މިބައިމީހުންގެ ގާތުގައި ނެތްފަދަ ކަމެކެވެ. މިގޮތުން ހަފްތާއަކު އެއް ފަހަރު ނުވަތަ މަހަކު އެއްފަހަރު ނުވަތަ އުމުރުން އެއްފަހަރު ނުކުންނަން ޖެހެއެވެ. އެއީ ތިމާގެ ގެއާއި ގޯތި، އަދި އަމިއްލަ ރަށް، ކޮންމެ ޙާލެއްގައި އޮތް ނަމަވެސް އެހެން ބައެއްގެ ގާތަށް ނުކުތުމެވެ. އަދި ތިމާއަކީ އެހެން މީހުނަށް އެއްޗެއް ކިޔާދޭން ނޭނގޭ ތަނުގައި އަމިއްލަޔަށްވެސް އެއްވެސް އެއްޗެއް ނޭނގޭ މީހެއް ކަމުގައިވިޔަސް ދީނަށް ގޮވާލުމަށް ނުކުންނަން ޖެހެއެވެ. މިއީ އިސްލާމްދީނުގެ މަބާދިއުއާއި އިދިކޮޅު ކަމެކެވެ. ﷲ އަމުރު ކުރައްވާފައިވަނީ އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު އިޞްލާޙުކޮށް ދެން ތިބާގެ ޢާއިލާއާއި ގާތްތިމާގެ މީހުންނެވެ. ދެން އަވަށެވެ. ދެން ރަށެވެ. މިގޮތަށެވެ. އެއަށްފަހު ޢިލްމީ ބަޞީރަތާއި އެކުގައި އެހެން މީހުންނަށް ދީނަށް ގޮވާލުމެވެ. އެކަލާނގެ ނަބިއްޔާއަށް އަމުރު ކުރައްވައި ޥަޙީ ކުރައްވާފައިވެއެވެ. {وأنذر عشيرتك الأقربين} މާނައީ: “އަދި ކަލޭގެފާނުންގެ ގާތްތިމާގެ މީހުން ކުރެ އެންމެ ކައިރި މީހުންނަށް އިންޛާރުކުރައްވަމުން ގެންދަވާށެވެ”. އަދި މުއުމިނުތަކުންނަށް އަންގަވައި ޥަޙީކުރެއްވިއެވެ. {يأيها الذين ءامنوا قوا أنفسكم وأهليكم نارا} މާނައީ: “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި އަދި ތިޔަބައިމީހުންގެ އަހުލުވެރީން އަލިފާނުން މުއްތިކުރާށެވެ”. އެހެންވީމާ، އަވައްޓެރި ސްރީލަންކާއާއި، އިންޑިއާއާއި، ޕާކިސްތާނަކީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށް ވުރެ ބިދުޢައާއި ޚުރާފާތް، އަދިކިޔެއް! ޝިރުކިއްޔާތު ގިނަ ތަންތަނެވެ. އެމީހުންގެ އަމިއްލަ ވަޠަން މި ނިކަމެތި ޙާލުގައި ދޫކޮށްފައި އެހެން ޤައުމެއްގެ ބަޔަކަށް ދަޢުވަތު ދިނުމަކީ ބަޔާންވެދިޔަ ޝަރުޢީ އުޞޫލާއި މުޅިން ފުށުއަރާ ކަމެކެވެ. 3- ތަބުލީޣީންގެ އުޞޫލުތަކުގެ ތެރެއިން އިސްލާމްދީނުގެ މަބާދިއުތަކާއި ފުށުއަރާ އަނެއް ކަމަކީ؛ އެބައިމީހުން ގާތުގައި މުންކަރާތް މަނާކުރުމެއް ނުވެއެވެ. ވަޢުޡު ނަޞޭޙަތުން ކޮންމެވެސް މިންވަރަކަށް ހެޔޮކަންކަމަށް އަމުރު ކުރުން އޮތް ނަމަވެސް މުންކަރާތް މަނާކުރުމަކީ އެމީހުން ދެކޭގޮތުގައި ޚިލާފު އުފައްދާނެ ކަމެކެވެ. އެހެންވީމާ އެމީހުންގެ ޥާޖިބަކީ ހިތްތައް ތާޒާ ކުރުމާއި، ޛިކުރު ކުރުމާއި، ހަމައެކަނި ޘަވާބުގެ ވާހަކަ ދެއްކުމެވެ. ﷲ ތަޢާލާ މިއުއްމަތަށް ދެއްވި އެންމެ ޚާއްޞަ މާތް ކަމަކީ އަމްރުބިލްމަޢުރޫފް އަދި ނަހީޢަނިލްމުންކަރްގެ (އަމުރު މަޢުރޫފް ހިންގުމާއި މުންކަރު މަނާކުރުން) ވަޒީފާއެވެ. އެކަމަށް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތް އަމުރު ކުރައްވާފައިވެއެވެ. އަދި ހެޔޮކަންކަމަށް އަމުރު ކުރާފަދައިން މުންކަރާތްތަށް މަނާ ނުކުރުމަކީ އިލާހީ ކޯފާއާއި ޢަޛާބު ޙައްޤުވާ ކަމެއްކަމުގައިވެސް އަންގަވާފައިވެއެވެ. ޥަޙީކުރައްވާފައިވެއެވެ: {كتنم خير أمة أخرجت للناس تأمرون بالمعروف وتنهون عن المنكر…} މާނައީ: “މީސްތަކުންގެ ތެރެއަށް ނެރެވުނު އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވެއްޖެއެވެ. ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކޮށް ތިޔަބައިމީހުން އުޅެތެވެ”. އިސްރާއީލުގެ ދަރިކޮޅުން ކާފިރުވީ މީސްތަކުންނަށް ދާއޫދު ޢަލައިހިއްސަލާމްއާއި ޢީސާ ޢަލައިހިއްސަލާމްގެ ދޫފުޅު މަތިން ލަޢުނަތް ލެއްވުނު ސަބަބު މާތް ﷲ ކިރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި މިފަދައިންވެއެވެ. {….. كانوا لا يتناهون عن منكر فعلوه …}. މާނައީ: “އެބައިމީހުން ކުރަމުންދިޔަ މުންކަރާތްތައް އެއްބަޔަކު އަނެއް ބަޔަކަށް މަނާ ނުކުރާ ބަޔަކު ކަމުގައި އެބައިމީހުން ވިއެވެ”. ޖަމާޢަތުއްތަބުލީޣުގެ ބިންގާ އެޅިފައިވަނީ ޞޫފީ ތުރުޤުތަކުގެ މައްޗަށް ކަމުގައި ވުމުގެ ސަބަބުން ބިދުޢައާއި ޚުރާފާތަކީ އެމީހުނަށް މައްސަލައެއް ނޫނެވެ. އަދިކިޔެއް ޝިރުކުގެ ބައެއް ޢަމަލުތަކާއި ޢިއުތިޤާދުތަކަށް ދާންދެން އެބައިމީހުންގެ ތެރޭގައި ވެއެވެ. އެގޮތުން ސޫފީންގެ އުޞޫލުތަކުގެ ދަށުން ޝޭޚުންނަށް ބައިޢަތު ހިފުމާއި، ސޫފީން އައުލިޔާއިން ކަމުގައި ދެކޭ މީހުނަށް ލޯބި ކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމާއި، ވަލީވެރިންކަމުގައި އެމީހުން ހީކުރާ މީހުންގެ ފުލޯކު ހުވަފެނީ ވާހަކަތަކަކީ ޢިލްމީ ޙަޤީޤަތް ފަދަ އެއްޗެއް ކަމުގައި ހަދައި އެއަށް އީމާންވުން ހިމެނެއެވެ. 4- ބަޔާންވެ ދިޔަ ހުރިހާ ކަންތައްތައް ފަދައިން އަދި އެހުރިހާ ކަންކަމަށްވުރެ ބޮޑު ކަމަކީ؛ އެޖަމާޢަތުގެ އުޞޫލުތަކާއި ގޮތްތަކަކީ މިއުއްމަތުގެ ސަލަފުން(2)ގެ އުޞޫލުތަކާއި ގޮތްތަކާއި ޚިލާފު މަންހަޖެއްކަމުގައި ވުމެވެ. އަދިކިޔެއް، އެއީ މަގުފުރެދުންތަކުން ފުރިގެންވާ ޞޫފީޒަމްގެ ބައެއް އުޞޫލުތަކުގެ މައްޗަށް ބިނާކޮށްފައިވާ އުޞޫލުތަކެކެވެ. ނަތީޖާއެއްގެ ގޮތުން މިދީނުގެ އަޞްލު އުޞޫލު، އަދި ޝަރީޢަތުގެ އަޞްލު މައިގަނޑު ކަމުގައިވާ، އަދި އެއާ ނުލައި އަޅާގެ ހެޔޮ ޢަމަލުތައް ﷲގެ ޙަޟުރަތުގައި ޤަބޫލު ނުކުރެއްވޭ ތައުޙީދަކީ މިޖަމާޢަތުގެ މީހުން އަހައްމިޔަތުކަންދޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް “ތައުޙީދުލްއުލޫހިއްޔަ” އަކީ (އަޅުކަމުގައި މާތް ﷲ އެއްކައުވަންތަކޮށް ހުސްޠާހިރު ކުރުމަކީ) މިމީހުން އެހާ އަޅައިލާ ކަމެއް ނޫނެވެ. އެމީހުންގެ ދަޢުވަތުގައި ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އަދިކިޔެއް ﷲއަށް ޝިރުކު ކުރެވޭ އިރު އެބައިމީހުން އެކަން މަނާ ނުކުރެއެވެ. މިބައިމީހުންގެ އަޞްލު މަރުކަޒުތައް ހުންނަ، މިޖަމާޢަތުގެ ބައިވެރިން އެންމެ ގިނަ ތަންތަން، އިންޑިއާ އާއި ޕާކިސްތާނާއި އަދި ބަނގުލާދޭޝްގައި މުސްލިމުންކަމުގައި ބުނާ ގިނަބަޔަކު ޒިޔާރަތްތަކާއި ޤަބުރުތަކުގެ ގާތުގައި ޝިރުކު ކުރުމުގައި ގެއްލި ހަލާކުވެފައި ވާތަން އިންސާފުގެ ނަޡަރަކުން ބައްލަވައިފި އެއްވެސް މުންޞިފަކަށް ވަންހަނާވެގެން ނުވާނެއެވެ. އަދި އެކަންކަން މަނާކުރުމަށްޓަކައި މިޖަމާޢަތުގެ މީހުން ގޮސް ނޫޅޭތަންވެސް ފެންނާނެމެއެވެ. އަވައްޓެރި ޤައުމެއްގައި ތަބުލީޣުޖަމާޢަތުގެ މީހުންގެ ތިން ހަތަރު ދީނީ މަދަރުސާއަށް އަޅުގަނޑު ޒިޔާރަތް ކޮށް އެމީހުންގެ ތަޢުލީމީ މަންހަޖު ބަލައި އެމަދަރުސާތަކުގެ މުދީރުންނާއި ވާހަކަ ދެއްކީމެވެ. އެއިން ކޮންމެ މަދަރުސާއެއްގައިވެސް ބިދުޢައާއި ޚުރާފާތުން ފުރިފައިވާ ފައިދާއެއްނެތް ޞޫފީންގެ ފޮތްތަށް ކިޔަވައިދޭއިރު، އެއްވެސް މަދަރުސާއެއްގައި ތައުޙީދު ކިޔަވައިދޭ މާއްދާއެއްގެ ހިސާބުވެސް ނުވެއެވެ. މި ޖަމާޢަތަކީ ތައުޙީދާއި ސުންނަތުގެ ދަޢުވަތު ދޭ ބައެއް ނޫންކަމާއި، މިމީހުންގެ ތެރޭގައި މަގުފުރެދުންތަށް ގިނަކަމުގެ ހެއްކެއް ކަމުގައި މިކަންތަށް އެކަނިވެސް އަޅުގަނޑަށް ފުދެއެވެ. ޝައްކެތް ނެތްގޮތުގައި ތައުޙީދަކީ، ﷲ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް އަމުރު ކުރުމާއި، އެކަލާނގެއަށް ޝަރީކު ކުރުން ނަހީ ކުރުމެވެ. އަދި އެއީ މާތް ﷲ އެކަލާނގެ ރަސޫލުންނާއި ނަބީން އެކަމަކާއިގެން ފޮނުއްވަވައި، ފޮތްތައް ބާވައިލެއްވި އަޞްލު މަޤުޞަދެވެ. އަދި ކިޔެއް! އިންސީންނާއި ޖިންނީން އުފެއްދެވީ އެކަން ތަޙްޤީޤު ކުރުމަށްޓަކައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ އާއި އެކަލޭގެފާނަށް ތަބާވެވަޑައިގެން ތިއްބެވި އަޞްހާބުންގެ ދީނަކީ ތައުޙީދެވެ(3). އަދި ދުނިޔެއާއި ދީނުގެ ހުރިހާ ކަމެއްގައި މާތް ނަބިއްޔާ އަށް ކިޔަމަންވެ ތަބާވުމެވެ. މިމަގުން އެއްކިބާވެއްޖެ ކޮންމެ މީހަކީ އަދި ޖަމާޢަތަކީ އެބައެއްގެ ގައިގައި ކިތަންމެ ރަނގަޅު، ރީވެތި ޞިފައެއް ހުރިނަމަވެސް އެންމެ ރަނގަޅު މަގުގައި ތިބި ބަޔަކަށް ނުވާނެއެވެ. ހުރިހާ ހެވެއް ވަނީ ސަލަފުއްޞާލިޙުންނަށް ތަބާވުމުގައެވެ. ހުރިހާ ނުބައެއް ވަނީ ފަހުގެ އައު ގޮތްތަކާއި އެފަދަ ޖަމާޢަތްތަކަށް ތަބާވުމުގައެވެ. ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި އެމީހުން އިސްލާހު ކުރުމާއި މުންކަރާތް މަނާކުރުމަށްޓަކައި ޢިލްމީ ބަޞީރަތުހުރި މީހަކު މެނުވީ ތަބުލީޣުޖަމާޢަތާއި އެކުގައި ނުކުތުމަކީ ހުއްދަކަމެއް ނޫންކަމުގައި މިއުއްމަތުގެ ބޮޑެތި ހުރިހާ ޢިލްމުވެރިން ވަނީ ވިދާޅުވެ އިންޛާރު ކުރައްވާފައެވެ. ސުޢޫދީގެ ކުރީގެ ދެ މުފްތީ الشيخ محمد إبراهيم އާއި الإمام ابن باز އާއި الإمام الألباني އަދި الإمام ابن عثيمين އާއި އަދިވެސް ސުންނަތުގެ މަޝްހޫރު އެންމެހާ ބޭކަލުންނެވެ. ހަމައެކަނި ސަލާމަތާއި ރައްކާތެރިވާނޭ މަގު ކަމުގައިވާ އަޅުގަނޑުމެންގެ ސަލަފުންގެ ޢާޤީދާއާއި މަންހަޖާއި އުޞޫލުގެ ޢިލްމުވެރިންގެ މަގު ހިނގުމަށްޓަކައި އަޅުގަނޑުގެ އެންމެހާ ލޮބުވެތި އަޚުންނަށް ހެޔޮއެދުމުގެ ގޮތުން ﷲ ތަބާރަކަޥަތަޢާލާގެ ޥަޖުހުފުޅު އެދިގެން އަދި އެކަލާނގެ ޙަޟުރަތުގައި ބަރީއުއްޛިންމާ (4)ވުމަށްޓަކައި މިޙަޤީޤަތް ބަޔާންކުރީމެވެ. وما توفيقي إلا بالله عليه توكلت وإليه أنيب، وآخر دعوانا أن الحمد لله رب العالمين! 1. ގޮތް، މަގު 2. ޚައިރުލް ޤުރޫނުގައި އުޅުއްވި ބޭކަލުން 3. ހުރިހާ މާނައެއްގައި ﷲ އެއްކައުވަންތަ ކުރުން 4. ޒިންމާ އަދާކުރުން
0 Comments