އެންމެ ފަހުން ބަރާވެސް إنا لله وإنا إليه راجعون !


ޙަޤީޤީ ހާދިސާއެއް 
ލިޔުނީ: މުޙައްމަދު ވިޝާޙް (جزاه الله خيرا) 
މިއީ ބަރާ ނަމަކަށް ކިޔާ އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ މިސްރުގެ 2 ރައްޔިތުންނެވެ. އެއީ ޞާލިޙް 2 ޑޮކްޓަރުންނެވެ. އެގޮތުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބަރާގެ މައިންބަފައިން ސައުދީ ޢަރަބިއްޔާއަށް ހިޖުރަކުރިއެވެ. 
ބަރާ ކުޑައިރުވެސް ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. މިގޮތުން ބަރާވަނީ ވަރަށް ކުޑައިރު އިރު ކީރިތި ޤުރުއާން ހިތުދަސް ކޮށްފައެވެ. ޕްރައިމަރީ ގްރޭޑްތައް ކަޑައްތުކުރަމުން ދިޔަ ބަރާގެ އުސްތާޛުން ވިދާޅުވި ގޮތުގައި، ބަރާ އަށް މިޑްލް ސްކޫލުގައި ކިޔެވޭނެހާ ތޫނުފިލިކަން ލިބިފައިވެއެވެ. ކޮންމެއަކަސް ދުވަސްތައް ވޭތުވަމުން މަޒީގެ ތެރެއަށް ވަންނަމުން ދެއެވެ. އެއްދުވަހަކު ބަރާ ގެ މަންމަގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. މި ކަމުގެ ސަބަބު ހޯދުމަށް ކުރެވުނު ތަޙްލީލު ތަކުގެ ނަތީޖާވީ ބަރާގެ މަންމަގެ އަޒަލުގެ ގޮވާލުން ގާތްވެއްޖެ ކަމުގެ ނިޝާނެއް ކަމުގައެވެ. އާދެ، ކެންސަރެވެ. އޭގެ އެންމެ ފަހުގެ މަރުޙަލާގައެވެ. މި ވާހަކަ ބަރާ ގާތު ބުނާނެ ގޮތަކާމެދު އޭނާގެ މަންމަ ވިސްނަމުން ދިޔައެވެ. އެއީ ފަހަރެއްގައި އެ ތުއްތު ކުއްޖާ ހެނދުނު ހޭލާ އިރު، މަންމަ ކައިރީގައި ނެތުމުން ވާނެ ދެރަ ބަރާގެ މަންމަ އަށް އިޙްސާސް ކުރެވުމުންނެވެ. އެންމެ ފަހުން ބަރާގާތު ބަރާ މަންމަ ބުންޏެވެ. “ބަރާ، ދަރިފުޅަށްވުރެ ކުރިން މަންމަ ސުވަރުގެއަށް ދާނެ، ނަމަވެސް މަންމަ ބޭނުން ވަނީ ދަރިފުޅު ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާން ކިޔަވަން. އެއީ މިދުނިޔޭގައި ދަރިފުޅަށް ހުރި ސަލާމަތަކަށް އެކަން ވާނެތީ” ބަރާގެ ޅަ ސިކުނޑިއަށް އެ ބަސްތަކުގެ ހަޤީޤީ ފުންމާނަ ފަހުމް ވާ ގޮތެއް ނުވިއެވެ. ނަމަވެސް، ބަރާގެ މަންމަގެ ބަލިހާލަތު ބޮޑުވަމުން ދިޔުމުގެ ސަބަބުން ދާއިމީ ގޮތަކަށް ހަސްފަތާލުގައި އެނދުމަތި ކުރެވުމުން މަންމަގެ ބަލިހާލަތު ބަރާއަށް އިޙްސާސް ކުރެވުނެވެ. އެ ދުވަހުގެ ފަހުން ، ބަރާ ސްކޫލުގެ ކިޔެވުން ނިންމުމަށްފަހު ކޮންމެ ދުވަހަކުވެސް މަންމަ އާ ބައްދަލު ކުރަން އާދެއެވެ. އަދި ހަވީރު ބައްޕަ މަސައްކަތުން އަވަދިވެ އަންނަންދެން މަންމަ އަށް އިވޭ ވަރަށް ޤުރުއާން ކިޔަވާ ދެއެވެ. ބަރާގެ ޙަޔާތުގެ ޞޮފްޙާތައް ގުނެމުން އުކެމުން ދެއެވެ. އެއްދުވަހު ވަރަށް ކުއްލި ގޮތަކަށް ހަސްފަތާލުން ބަރާގެ ބައްޕައަށް ގުޅިއެވެ. އަދި ވީހާވެސް އަވަހަކަށް ހަސްފަތާލަށް އައުމަށް އަންގައިފިއެވެ. އެއީ އޭނާގެ އަންހެނުންގެ ހާލަތު ދަށަށް ދާން ފެށުމުންނެވެ. އެހެން ކަމުން، ބަރާ ސްކޫލުން ގޮވައިގެން ހަސްފަތާލާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ހަސްފަތާލާ ހަމައަށް ދިއުމާއެކު ބަރާ ކާރުގައި އިހަށް މަޑު ކުރުމަށް ބައްޕަ އިރުޝާދު ދިނެވެ. މި ގޮތަށް ބަރާގެ ބައްޕަ ކަންތައް ކުރި ސަބަބަކީ ބަރާ ހަސްފަތާލަށް ވަންނައިރު ކުއްލިއަކަށް ބަރާގެ މަންމަގެ ފުރާނަނެތް ހަށިގަނޑު އެ މައުސޫމް 2 ލޮލަށް ފެނުމުން ކުރާނެ އަސަރު ބައްޕައަށް އިޙްސާސްކުރެވުމުންނެވެ. ކޮންމެ އަކަސް………………….ބަރާގެ ބައްޕްގެ 2 ލޯ ކަރުނައިން ތެމި ފޯ ވެފައިވާ ޙާލު ކާރުން ފައިބައިގެން ހަސްފަތާލާ ދިމާލަށް ހިނގައިގެން ފިއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް ބަރާގެ ބައްޕަގެ ގައިގައި ޖެހިއްޖެއެވެ. އެ ވަގުތު ކާރުން ނިކުމެގެން، ތުއްތު މައުސޫމް ބަރާ، ރޮމުން ރޮމުން އޭނާގެ ބައްޕަކައިރިއަށް ދުވެފައި އަތުވެއްޖެއެވެ. ނަމަވެސް……………… إنا لله وإنا إليه راجعون ބަރާ ގެ ކުރިމަތީގައި ، ބަރާގެ ބައްޕަ މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ބަރާގެ ބައްޕަގެ މަރާގުޅިގެން ބަރާއަށް ވަނީ ވޭނުން ފުރިފައިވާ އިޙްސާސްތަކެއް ކުރެވިފައެވެ. މީގެ އިތުރުން ބަރާގެ ބައްޕަގެ މަރުގެ ވާހަކަ ވަނީ ބަރާގެ މަންމައަށް ސިއްރު ކުރެވިފައެވެ. ނަމަވެސް އޭގެ ގާތް ގަނޑަކަށް 5 ދުވަސް ފަހުން ބަރާގެ މަންމަވެސް، އަޖަލުގެ ގޮވާލުމަށް އިޖާބަދީފިއެވެ. އަދި މި ފަނާ ކުރަނިވި ދުނިޔެއަށް އަބަދަށް އަލްވަދާޢު ކިޔައިފިއެވެ. إنا لله وإنا إليه راجعون ތުއްތު ބަރާ ގެ ޙާލުތޯއެވެ. ނިކަމެތިވެއްޖެއެވެ!، ޔަތީމުވެއްޖެއެވެ! އެކަނިވެރި ވެއްޖެއެވެ! ކޮންމެ އަކަސް، ބަރާގެ މައިންބަފައިންގެ އެކުވެރިން ނިންމީ ބަރާގެ އާއިލާގާތަށް މިސްރަށް ފޮނުވާލުމަށެވެ. ނަމަވެސް ޤުދުރަތުގެ ނިޔާ އިނގޭނީ ކާކަށްތޯއެވެ. ބަރާގެ ބަނޑުގައި ރިއްސަން ފަށައިފިއެވެ. ކުއްލި އަކަށެވެ!. ބޮޑަށެވެ! ވަރަށް ބޮޑަށެވެ! އޭނާގެ މަންމަގެ ބަނޑުގައި ރިއްސި ފަދައިންނެވެ!!!!!! މިކަމުގެ ސަބަބު ދެނެގަތުމަށްޓަކައި ތަޙްލީލްތަކެއް ކުރެވިއްޖެއެވެ. ޓެސްޓްތަކެއް ހެދިއްޖެއެވެ. ނަތީޖާއަކަށް ވީ…….. ނަތީޖާއަކަށްވީ …. އެންމެ ފަހުން ބަރާވެސް…………………………………… ނަތީޖާ އަކަށްވީ އެންމެ ފަހުން ބަރާއަށްވެސް ކެންސަރު ބަލި ޖެހުނުކަން ޔަޤީން ވުމެވެ. މި އާ ހިސާބަށް އާދެވުމުން އަޅުގަނޑު މި ލިޔުން ވިދާޅުވާ ފަރާތަށް ސުވާލެއް ކޮށްލާން ބޭނުމެވެ. ތިބާ އަކީ ބަރާ ކަމުގައިވާނަމަ، ދެން ހައްދަވާނެ ގޮތަކީ ކޮބައިތޯ އެވެ؟ އަޅުގަނޑަށް ޔަޤީނެވެ. ތިޔަ ހުރިހާ ބޭފުޅުންވެސް މާޔޫސްވެ މޮޅިވެ، ދުނިޔޭގައި ދިރިއުޅެން ފޫހިވާނެއެވެ. ނަމަވެސް ބަރާ ގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކަކީ އެތާގައި ހާޒިރުވެ ތިބި ހުރިހާ އެންމެން ސިއްސުވާލި ބަސްތަކެކެވެ. “الحمد لله …. މިހާރުދެން އަހަރެންގެ މައިން ބަފައިންނާ ބައްދަލުވެދާނެ” ހިތާމަޔަކަށް ފަހު ހިތާމައެއް، ހިތް ދަތި ކަމަކަށް ފަހު ހިތް ދަތިކަމެއް ކުރިމަތިވަމުން ދިޔައެވެ. ނަމަވެސް ބަރާ ދިޔައީ މާތް ﷲ ގެ ނިޔާފުޅުގެ ކުރިމަތީގައި ކެތްތެރިވަމުންނެވެ. އަކަލާންގެ މިންވަރުފުޅަށް ރުހެމުންނެވެ. ދުވަސް ކޮޅަކުން ބަރާގެ ވާހަކަ މަޝްހޫރުވެއްޖެއެވެ. އަދި އޭނާގެ ވާހަކައިން އަސަރުކުރި ސައުދީގެ ރައްޔިތަކު ބަރާ ބެލުމުގެ ޒިންމާއާ ހަވާލުވެއެޖެއެވެ. އަދި ބަރާއަށް ބޭސްފަރުވާ ކުރުމަށްޓަކައި ޔޫކޭ އަށް ފޮނުވިއެވެ. ދުވަސްތައް އޭގެ ހަލުއި މިނުގައި ކުރިއަށް ދެއެވެ، ބައެއް މީހުންނަށް އުފާވެރި ދުވަސް ތަކެކެވެ. ނަމަވެސް ބަރާގެ ހާލަތު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުންނެވެ. އަދި ކެންސަރު މިހާރު މިތުއްތު ކުއްޖާގެ މުޅި ހަށިގަނޑުގައި ފެތުރިއްޖެއެވެ.އިތުރަށް ކެންސަރު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑޮކްޓަރުން ބަރާގެ 2 ފައި ބުރިކޮށްލިއެވެ. ޙާލަތަކަށް ފަހު ޙާލަތެއް ކަޑައްތު ކުރަމުން ދަނީއެވެ. ނަނަމަވެސް ބަރާގެ ޝަކުވާއެއް ނެތެވެ. އޭގެ ދުވަސް ކޮޅެއް ފަހުން ބަރާގެ ސިކުނޑިއަށް ކެންސަރު ފެތުރެން ފަށައިފިއެވެ. އެހިސާބުން ޑޮކްޓަރުން ނިންމީ ސިކުނޑީގެ ސަރޖަރީއެއް ހެދުމަށެވެ. މި އޮޕަރޭޝަންނަށްފަހު ބަރާއަށް ވަމުން ދިޔަތަދާއި، އެ ތުއްތު ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ދުލަކުން ގަލަމަކުން ބަޔާން ކޮށްދިނުމަކީ ދަތިކަމެކެވެ. ކޮންމެ އަކަސް………………………………… ކޮންމެއަކަސް ، ކޮންމެ އިންސާނަކީ މަރުގެ ރަހަ ދެކޭނެ އެއްޗެކެވެ. އެންމެ ފަހުން 27 ޖޫން 2010 ވަނަ ދުވަހު ބަރާ ވެސް މި ދުނިޔެއާވަކިވެއްޖެ ހަބަރު ދުނިޔެއަށް އާންމު ވިއެވެ.إنا لله وإنا إليه راجعون މާތް ﷲ އެ ތުއްތު މައުސޫމް ފުރާނައަށް ހެޔޮރަޙްމަތް ލައްވާށިއެވެ. އަދި އޭނާގެ މައިންބަފައިންނާއެކުގައި ސުވަރުގޭގައި ލަހައްޓަވާށިއެވެ. އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ބަރާ ގެ ފަޖުރުތަރި އެރުމާއެކު އޮއްސިއްޖެއެވެ. މުޅި ދުނިޔެއަށް ރީތި މިސާލެއް ދައްކާދީފައެވެ.ކެތްތެރިކަމާއި، ޤަޟާ ޤަދަރަށް އީމާންވުމުގެ މަތިވެރި މިސާލެކެވެ. ބަސް އެހުމާއި ކިޔަމަންތެރިވުމުގެ ރިވެތި މިސާލެކެވެ. އޭ ލޮބުވެތި އަޚާއެވެ. އެ ތުއްތު ކުއްޖާގެ ހިތްވަރު ގަދަކަމާއި، ކެތްތެރިކަމުގެ މައްޗަށް ތިބާ ހައިރާނެއް ނުވޭތޯއެވެ. އޭގެ ސަބަބަކީ ތޯއެވެ؟ އާދެ، އޭގެ ސަބަބަކީ ބަރާގެ ހިތުގައި ވާ ނުގުޑާފަދަ ވަރުގަދަ އީމާންކަމެވެ. މުޅިކައުނު ހެއްދެވި ހުރިހާއެއްޗެއްގެ މިލްކުވެރި ﷲ އަށް ކުރާ އިތުބާރެވެ. ތިބާއަށް އެފަދަ އިތުބާރެއް އެކަލާންގެ އަށް ކުރެވިދާނެ ހެއްޔެވެ! އޭ އަޚާއެވެ. ޤުރުއާނުގައި ހިފަހައްޓާށެވެ. ބަރާއަކީ 10 އަހަރުގެ ޙާފިޒެކެވެ. ދެން ތިބާ އަކީ ؟؟؟؟؟؟؟

Post a Comment

0 Comments