އާޅެން-- އޭ ސުންނަތަށް ކުޅު ޖަހާ އިންސާނާއެވެ.


ޅޮހީ ޢަބްދުއްރަޙީމް
އާޅެމަކީ ކޮބާ؟ އާޅެމަކީ ދިވެހިބަހުގެ ޅެން ބަހުރުވަ ވަޒަނުގެ ތެރެއަށް ތަޢާރަފުވީ އެންމެ ފަހުގެ ވަޒަން ބަހުރުވައެވެ. މީގައި ވަކި ވަޒަނެއް ނޯވެއެވެ. އަދި ކާފިޔާ އެއްގޮތް ކުރުމާއި ފިލިކޯޅި އެއްގޮތް ކުރުންވެސް ލާޒިމެއް ނޫނެވެ. މިބާވަތުގެ ޅެމަށް ވެޔޮޅެންވެސް ބައެއްބޭފުޅުން ކިޔުއްވާ އުޅުއްވައެވެ. މިބާވަތުގެ ޅެން ބަހުރުވައިގެ އަސްލަކީ އިނގިރޭސި ބަހުގައި ޅެންހަދާފައިވާ ގޮތް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. 
މިބާވަތުގެ ޅެމުގައި ބަސް އޮޅުވުމެއް އަދި ވަކި މިނެއްގައި ޖުމްލަ ހިފެއްހެއްޓުމެއް ނެތެވެ. އެހެންކަމުން ކިޔާމީހުންނަށް ފަސޭހައިން ދޭހަކުރެވޭނެއެވެ. މިޒަމާނުގައި ދިވެހިޅެންތައް މަރުވެގެން މަތާރަލަން ފިލާމަތީގައި ހުންނަ ސަބަބަކަށް ބަސްއޮޅުވުމާއި އަދި ކިޔަވައިނުދެވުން މިވަނީ ވެފައެވެ. ސަބަބަކީ ޅެން އެންމެ އެކަށީގެންވާ ގޮތުގައި ކިޔަވައިދިނުމުގެ ނިޒާމުގެ ތެރޭގައި ނެތުމާއި އަދި ބޭނުންކުރާ މީހުންވެސް މަދުވުމެވެ. ދިވެހިބަހުގެ ޅަފަތުގެ ދައުރާއި، ފިރުކެންފެށި ދައުރާއި އަދި ހިނގައިގަނުވުނު ދައުރުކަމަށް ދިވެހިބަހުގެ ޢިލްމުވެރިން ބަޔާންކުރައްވާ ތިން ދައުރަށް ފަހު އައި ދައުރަކީ މިއެވެ. މި ދައުރަށް ދޭނެ ނަމަކީ ކޮބައިބާވައެވެ.؟ ގައިމުވެސް ބަހަށް އިތުރު ކުރިއެރުމެއް ނާދެއެވެ. ބަސްދަނީ ވީރާނަވެ ހަލާކުވަމުންނެވެ. ބޭނުންކުރެވޭ ވަރު ދަށްވެ އިނގިރޭސިބަސްތައް ވަދަ ދިވެހިބަހުގެ ރީތިކަން ގެއްލި ބަސްދަނީ މުރަނަވަމުންނެވެ. ގައިމުވެސް އަޅުގަނޑަށް މި ދިވެހިބަހުގެ ދައުރަށް ނަމެއް ދޭން ޖެހިއްޖެނަމަ ދޭނެ ނަމަކީ ދެފައިމުގުރުނު ދައުރެވެ. ސަބަބަކީ ހިނގައި ގަނެވިގެން ބާލިޣުނުވެ އުޅެނިކޮށް ބަސް މިދަނީ ހަލާކުވެ ގެއްލެމުންނެވެ. އަދި ޅެން ބަހުރުވަވެސް ވަޔަށް ބުރައިގެން ބޭނުންކުރާ މީހުންވެސް މަދުވަމުންދަނީއެވެ. ދިވެހިންނަށް މަލިކު މީހުންނަށް ވާވަރުވެސް ނުވެއެވެ. މައުޟޫއިން މާ ބޮޑަށްވެސް ބޭރުވެވިއްޖެއެވެ. އެދެވެނީ މާފެވެ. އާޅެމާއިގެން ކުރިޔަށް ވަޑައިގަންނަވާށެވެ. އެހެން ފަހަރަކުން އެމައުޟޫއަށް ކޮންމެ ޝުއޫރެއް ފާޅުކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ. ތިރީގައިމިވަނީ އާޅެމެއް ހެދޭތޯ ކުރެވިފައިވާ މަސައްކަތެކެވެ. މައުޟޫ: އޭ ސުންނަތަށް ކުޅުޖަހާ އިންސާނާއެވެ. ތިބާ ސުންނަތަށް ކުޅު ޖަހަނީހެއްޔެވެ؟ އަހަރެމެން ތިބާގެ މޫނަށްވެސް ކުޅު ޖަހާނަމެވެ. ތިބާ ސުންނަތަށް ފައިން އަރަނީ ހެއްޔެވެ؟ އަހަރެމެން ތިބާގެ މޫނަށް ފައިން އަރާނަމެވެ. ތިބާ ސުންނަތުގެ ގަދަރު ކުޑަ ކުރަނީ ހެއްޔެވެ؟ އަހަރެމެން ތިބާގެ ޤަދަރުވެސް ކުޑަ ކުރާނަމެވެ. ތިބާ ސުންނަތަށް މަލާމަތްކުރާ މީހުންނަށް ލޯބި ކުރަނީ ހެއްޔެވެ؟ އަހަރެމެން ސުންނަތަށް ލޯބި ކުރާ މީހުންނަށް މަދަހަ ކިޔާނަމެވެ. ތިބާ ސުންނަތަށް މަލާމާތް ކުރާ މީހުންނަށް ސަނާ ކިޔަނީހެއްޔެވެ؟ އަހަރެމެން ސުންނަތަށް މަލާމާތް ކުރާ މީހުންނަށް މަލާމާތް ކުރާނަމެވެ. ތިބާ ސުންނަތުގެ ކައިރިގޮތާއި ދުރުވަނީ ހެއްޔެވެ؟ އަހަރެމެން ސުންނަތުގެ ކައިރިގޮތާއި ކައިރިވާނަމެވެ. ތިބާ ސުންނަތުގެ މޮޅު އިތުރުގޮތަށް ރުޖޫޢަ ވާނެ ނަމައެވެ. އޭރުން އަހަރެމެން އެންމެން ތިބާއަށް މަރުޙަބާކިޔާނަމެވެ. ތަދު ބަސްބަހުގެ މާނަ: ސުންނަތް: ދިވެހި ބަހަށް މިބަސް އައިސްފައިވަނީ ޢަރަބި ބަހުންނެވެ. އަރަބި ބަހުގައި ސުންނަތް ތިންގޮތަކަށް މާނަ ކުރެވެއެވެ. 1. ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އުޅުއްވި ގޮތްކޮޅު، އެއީ އެކަލޭގެފާނުގެ ބަސްތަކާއި އެކަލޭގެފާނު ކުރެއްވި ކަންކަމާއި އަދި ކަމެއްވުމުން އެކަލޭގެފާނު އެއްޗެކޭ ވިދާޅުނުވާ ކަންތައްތައް. ނޯޓު: ލިޔުމުގައި ސުންނަތް ބޭނުންކުރެވިފައިއެވަނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގެ މާނައިގައެވެ. 2. ފިޤުހީ ހުކުމެއް: މުސްތަހައްބު ކަންކަން، މިކަމަށް ސުންނަތޭ ވެސް ކިޔައެވެ. ގިނަ ދިވެހިންނަށް ސުންނަތޭ ބުނުމުން ނެގޭ މާނައަކީ މިއެވެ. އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ގިނަ މީހުން ދޫކޮށްލަނީ އެކަމެއް ކުރުމުން ސަވާބު ލިބޭ ނުކޮށްދޫކޮށްލުމުން އަޒާބު ނުލިބޭ ކަމެއްކަމަށް ހީކޮށެވެ. ޙަޤީޤަތަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގެ ތެރޭގައިވެސް އެކި ޙުކުމްތަކުގެ ކަންކަން ހިމެނެއެވެ. ސުންނަތް ކަންކަމާއި ވާޖިބު ކަންކަމެވެ. އަދި އެކަލޭގެފާނުގެ ސުންނަތުގައި ހިފުމުގެ މައިގަނޑު ހުކުމަކީ ވާޖިބެކެވެ. ބަޔާންވެފައިވާ ޙުކުމްތައް ފިޔަވައެވެ. ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. " ރަސޫލާއަށް ކިޔަމަންތެރިވެއްޖެ މީހާ ދަންނާށެވެ. އޭނާ ﷲއަށް ކިޔަމަންތެރިވެއްޖެއެވެ.." ނިސާ ސޫރަތުގެ 80 ވަނަ އާޔަތުން 3. މީހަކު ޢާންމުކޮށް ކުރާ ކަމެއް. ނިމުނީ

Post a Comment

3 Comments

Anonymous said…
very good points raised... the poem is also excellent..
allahuma salli wasallim ala muhammadh.. :)

Mashaallah great work.. btw gud info on aalhen.. keep it up.. Jazakallahkhair.
Aruzam said…
Thanks for good words from both.. Readers are spirit of this blog..