އަލްފަޤީރު
އެއްފަހަރަކު އަންހެނަކު އިސްލާމީ ޢިލްމުވެރިއެއްގެ އަރިހަށް ހާޒިރުވެއްޖެއެވެ. އަދި އޭނާއަށް ދިމާވެފައިވާ މައްސަލައާއި ބެހޭގޮތުން ސުވާލުކުރަން ފަށައިފިއެވެ. " އަހަރެންގެ ބޭބެ މަރުވި އިރު އޭނާގެ ތަރިކަ މުދަލުގެ ގޮތުގައި ހަސަތޭކަ ދިރުހަމް ދޫކޮށްފައި ދިޔައެވެ. ނަމަވެސް އެ މުދާތައް ބެހި އިރު އަހަރެންނަށް ލިބުނީ އެންމެ ދިރުހަމެކެވެ. މިވީ ކިހިނެއްހެއްޔެވެ؟" އަންހެން މީހާ ހީކުރީ އޭނާއަށް އެލިބުނީ މަދުން ކަމަށެވެ.
ދެން ދީނީ އިލްމުވެރިޔާ ކުޑައިރަކު ވިސްނާލަން ހުރެފައި ބުންޏެވެ. އެކަން ތިޔޮތީ ހަމަ އެންމެ ރަނގަޅަށް ވެ ނިމިފައެވެ. އެއީ ފިރިހެން މީހާގެ އަނބިމީހާއާއި، އޭނާގެ މަންމައާއި އަދި ދެ އަންހެން ކުދިންނާއި އަދި އެއްބަނޑު އެއްބަފާ ބާރަ ބޭބެއިން ތިބުމުންނެވެ. އަންހެން މީހާ ބުނާނެ އެއްޗެއް ނޭންގި ހައިރާންވެއްޖެއެވެ. އެއީ އަންހެން މީހާ އާއިލާގެ މީހުން ތިބިވަރު ކިޔައި ނުދެނީސް ދީނީ ޢިލްމުވެރިޔާ އެހުރިހާ ކަމެއް ތަފުސީލުކޮށް ކިޔައިދިނުމުންނެވެ. ދެން ދީނީ ޢިލްމުވެރިޔާ އިތުރަށް ތަފުސީލުކޮށް ދޭން ފެށިއެވެ. " އެއް ދިރުހަމް އެއީ ތިބާއަށް ލިބެން ޖެހޭ ވަރެވެ. އެމީހުން އެލާރި ބަހާފައިވަނީ ހަމަ ސީދާ އިންސާފަށެވެ. އޭނާގެ އަންހެނުންނަށް ލިބެން ޖެހޭނީ އެ ލާރީގެ އަށްބައި ކޮށްފައި އެއްބަޔެވެ. އެއީ 75 ދިރުހަމެވެ. ދެން އޭނަގެ މަންމައަށް ވާ ހަބައިކޮށްފައި އެއްބައިކަމަށްވާ 100 ދިރުހަމެވެ. ދެން ދެ އަންހެން ދަރިންނަށް ލިބެން ޖެހޭ އަދަދަކީ އެލާރީގެ ތިންބައިކޮށްފައި ދެބަޔެވެ. އެއީ 400 ދިރުހަމެވެ. ދެން ބާކީ އޮންނާނީ 25 ދިރުހަމެވެ. އެ 25 ދިރުހަމަ ބަހާފައިވަނީ 12 އެއްބަނޑު އެއްބަފާ ފިރިހެނުންނަށާއި ތިބާއަށެވެ. އެ ހާލަތުގައި އަންހެނަކަށް ލިބޭ އެއްޗެއްގެ ދެބައި ފިރިހެނަކަށް ލިބޭނެއެވެ. ވީމާ ކޮންމެ ބޭބެއަކަށް ދެ ދިރުހަމެވެ. ތިބާއަށް އެލިބެން ޖެހުނީ އެއް ދިރުހަމެވެ." އަންހެން މީހާއަށް އެހާ ހިސާބުން އޭނާގެ ބޭބެއިން އެލާރި ބެހީ އިންސާފަށްކަން އެނގި ވިސްނިގެން އަނބުރާ ހިނގައްޖެއެވެ. ބައެއް ތަދު ބަސްތައް ދިރުހަމް: 1. ރިހި ފައިސާ. ކުރީ ޒަމާނުގައި ރިހިން މިޒަމާނުގެ ކޮއިން ނުވަތަ ވަކި ލާރިގޮތަށް ހަދާފައި ހުންނަ ފައިސާގެ ގޮތުގައި ބޭނުން ކުރި އެއްޗެއް. ރަނުން ހަދާފައި ހުންނަ މިފަދަ ފައިސާއަށް ކިޔަނީ ދީނާރު. 2. އެކުވެރި ޢަރަބި އިމާރާތުގެ ފައިސާއަށްވެސް ކިޔަނީ މިނަމެވެ. ފަރާޢިޟު: ތަރިކަ މުދާ ނުވަތަ ވާރުތަ މުދާ ބަހާގޮތުގެ ޢިލްމު. މަސްދަރު: އައް ލުއުލުއު ވަލް މަންޘޫރު
0 Comments