އިމާމު އިބުނު ތައިމިއްޔާގެ ހަޔާތްޕުޅުން ސަފުހާތަކެއް 4


الفقير الي الرحيم – عبد الرحيم
އެކަލޭގެފާނު ޖަލުގައި ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ ހިތްވަރުފުޅާއި ޙައްޤުގެ މަގުގައި ސާބިތުވެ ހުންނެވުމުގެ ސަބަބުންނާއި އެކަލޭގެފާނުގެ ޢިލްމުގެ ސަބަބުން އެކަލޭގެފާނުގެ މަޝްހޫރުކަން ފެތުރި، އެކަލޭގެފާނަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށްވީ އެދުވަސްވަރުގެ ބައެއް އިލްމުވެރިން އެކަލޭގެފާނާއި ހަސަދަވެރިވުމެވެ. އަދި އެކަލޭގެފާނު ގިނަ ފަހަރު ހައްޔަރު ކުރެވިފައިވަނީ މިފަދަ ބައެއް މީހުންގެ ޝަކުވާތަކުގެ ސަބަބުންނެވެ. 
މިކަން ބަޔާންކުރައްވަމުން އިމާމް އިބުނު ކަޘީރު ރަޙިމަޙުﷲ ވިދާޅުވެފައިވެއެވެ. "މީހުންގެ ތާއީދާއި ލޯބި އެކަލޭގެފާނަށް ލިބެން ފެށުމުން ބައެއް ޢިލްމުވެރިން އެކަލޭގެފާނާއި މެދުގައި ހަސަދަވެރިވިއެވެ. އެކަލޭގެފާނު އެންމެ ސަމާލުކަން ދެއްވި ކަމަކީ ނުބައިކަންތައްތައް މަނާކުރުމާއި ހެޔޮކަންތައްތަކަށް އަމުރުކުރުން ކަމަށްވީ ހިނދު މީސްތަކުންގެ މެދުގައި އެކަލޭގެފާނު ވަރަށްބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އެކަލޭގެފާނަށް ތާއިދުކުރާ މީހުންގެ އަދަދު ގުނާއަދަދު ނުކުރެވާހާ ގިނައެވެ. އެކަލޭގެފާނުގެ ދީންވެރިކަމާއި އަދި ޢިލްމުވެރިކަމާއި އިލްމުހޯދުމަށް ހުރި ޝަޢުޤުގެ ސަބަބުން އެބައިމީހުން ޙަސަދަވެރި ( މިޒަމާނުގެ ބަހުން ބުނާނަމަ ޖެލަސް ނުވަތަ ކުރުކޮށް ބުނަންޏާ "ޖޭ" ) ވަމުން ދިޔައެވެ." އެކަލޭގެފާނު އަވަހާރަވީ ޖަލުގައި ހުންނަވަނިކޮށެވެ. އެގޮތުން އެންމެ ފަހުން އެކަލޭގެފާނު ޖަލަށްލެވުނީ މިލާދީ ސަނަތުން 13 ޖުލައި 1326 ވަނަ ތާރީޚުން ފެށިގެން އެކަލޭގެފާނު އަވަހާރަވަންދެނެވެ. އެކަލޭގެފާނު ޖަލަށްލެވުނުނު ސަބަބަކީ އެކަލޭގެފާނު އޭގެ 17 އަހަރު ކުރިން ދެއްވާފައިވާ ފަތުވާއެއް އެކަލޭގެފާނާއި ޙަސަދަވެރިވީ މީހުން މައްސަލައެއްގެ ގޮތުގައި އެކަން ބޮޑުކޮށްލައިގެން އެކަލޭގެފާނު ދެއްކެވި ވާހަކަފުޅުގެ މާނައޮޅޭގޮތަށް ފަތުރައިގެންނެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ މިސްކިތަށް ދިޔުމުގެ ބަދަލުގައި ސީދާ އެކަލޭގެފާނުގެ ޤަބުރަށް ޒިޔާރަތްކުރުމުގެ (ނިޔަތާއި އެކު) ބެހޭގޮތުން އެކަލޭގެފާނު ދެއްވާފައިވާ ފަތުވާއެކެވެ. އަދި މިފަތުވާގައި އެކަލޭގެފާނު ގެންނަވާފައިވާ މާނަ ނޫން އެހެން މާނައެއް ނަގައި ޢާންމުންނާއި އަދި އޭރު ދިމިސްޤުގެ ވެރިކަމުގައިތިބި ފަރާތްތަކުގެ މެދުގައި ޖައްސުވައި އެކަލޭގެފާނު ގެ ބައެއް ދަރިވަރުންނާއެކު އެކަލޭގެފާނު ޖަލަށް ލެވުނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބޭކަލަކީ މަޝްހޫރު އިލްމުވެރިޔާ އިބުނުތައިމިއްޔާގެ އެއް ދަރިވަރު ކަމަށްވާ އިބުނު ޤައްޔިމުލް ޖައުޒީއެވެ. އެކަލޭގެފާނު ޖަލަށް ލެވުނު ކަމުގައިވިޔަސް އެކަލޭގެފާނުގެ ލިޔުންތެރިކަން ދިޔައީ އެންމެ ގަދަ ދުވެލީގައި ދުވަމުންނެވެ. އެކަލޭގެފާނުގެ ގިނަ ލިޔުންތައް ލިޔުއްވާފައިވަނީ ޖަލުގައެވެ. މިއަދު މުޅި އިސްލާމީ އުއްމަތް ދެކޭ އެންމެ ނުފޫޒުގަދަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިޔަކީ މިކަލޭގެފާނެވެ. ކުރިންވެސް ބަޔާންވިފަދައިން ޖަލުގައެވެ. މައުލޫމާތުތައް ބަލާނެ މަރުޖިއުތަކެއް ނުވަތަ ރެފަރެންސު ފޮތްތަކެއް ނެތިއެވެ. ދެކޭށެވެ. މިއަދު ކިޔަވާ ކުދިން ޢިބުރަތް ޙާސިލު ކުރަންވީ މިކަންކަމުންނެވެ. ނަމޫނާ ލިބިގަންނަން ވީ މިކަންކަމުންނެވެ. ( ކުރިން ބަޔާންވިފަދައިން އެކަލޭގެފާނުގެ ބޮލުގައި އެޅުވިފައިވާ ތުހުމަތުތައް ފަހުން ތަފުސީލު ކުރުމަށްޓަކައި ލަސްކޮށްލީއެވެ. ) އަދި 1328 ވަނަ އަހަރު އެކަލޭގެފާނަށް ލިޔުން މަނާ ކުރެވުނެވެ. އަދި ލިޔުމުގެ ހުރިހާ ވަސީލަތްތަކެއް އެކަލޭގެފާނުގެ ކިބައިން ނިގުޅައިގަނެވުނެވެ. އެކަމާއި އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ " އެމީހުންނަށް އަހަރެން ޖަލަށް އެލެވުނީ އަދި ކިރިޔާއެވެ. " ނަމަވެސް މިޔާއެކު އެކަލޭގެފާނު ދެއަތް އުރާލައިގެން ހުންނެވީ އަކީ ނޫނެވެ. ދެއްޔާއި އަދިވެސް އެނޫންތަކެތީގައި އެކަލޭގެފާނު ސިޓީއާއި އަދިވެސް ރިސާލާތައް ( ކުދި ކުދި ފޮތްތައް) ލިޔުއްވާފައި ދިޔައީ ޖަލުން މިނިވަންވެގެންދާ މީހުންނާއި އަދިވެސް އެނޫން މަގުތަކުން ބޭރުކުރަމުންނެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަން މިއޮތް އިބުނު ތައިމިއްޔާގެ މައިފަތުވާ ސެޓުގެ ފަތުވާތަކުގެ ތެރޭގައި މިގޮތުން އެކަލޭގެ ލިޔުއްވާފައިވާ ލިޔުންތައް މިއަދާ ޖެހެންދެންވެސް ފެންނަން އެހުރީއެވެ. އަދި އެކަލޭގެފާނުގައި ޖަލުގައި ހުންނަވައިގެން އެކި ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތައްވެސް މިއަދާއި ޖެހެންދެން ފެންނަން އެބަހުއްޓެވެ. (ނުނިމޭ) ކުރީގެ ބައިތައް ވިދާޅުވެލައްވާ ފުރަތަމަ ބައި، ދެވަނަ ބައި، ތިންވަނަ ބައި ގުޅުން ހުރި އެހެން ލިޔުންތަކުގެ ތެރޭގައި އިބުނު ތައިމިއްޔާގެ ޓައިމް ޝެޑިއުލް، އިބުނުތައިމިއްޔާގެ ލިޔުއްވުމެއް

Post a Comment

0 Comments