ޑޮކްޓަރާއި ވަޅުކޮންނަ މީހާ


ޅޮހީ

އެއްޒަމާނެއްގައި އުޅުނު މީހެކެވެ. މީނާ ވަރަށް ކަންނެތް ނޯކަރަކު ގެންގުޅުނެވެ.
އެއްދުވަހު މި މީހާ މި ނޯކަރުމީހާ މޭބިސްކަދުރާއި އަދި ޒައިތޫނި ގަތުމަށްޓަކައި ބާޒާރަށް ފޮނުވައިފިއެވެ. ނަމަވެސް ބާޒާރަށް ފޮނުވިތާ އެތައް ގަޑިއިރެއްވީ އިރުވެސް މި ނޯކަރުމީހާ އެނބުރިއެއް ނައެވެ. މިކަމާއި ސާހިބުމީހާގެ ކެތްތެރިކަން ވަރަށްބޮޑަށް ކޮޅުން ލައި ވަރަސް ބޮޑަށް ރުޅިގަދަވެއްޖެއެވެ. އަދި ނޯކަރުމީހާ ގެޔަށް އެނބުރި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ދަތްކުނޑި ވިކައިގެން އެބަހުރެއެވެ.


އެންމެފަހުން ނޯކަރުމީހާ ގެޔަށް ވަރަށް ގިނައިރުގަނޑެއް ފަހުން އަތުވެއްޖެއެވެ. އައި އިރުވެސް ގެނައީ ގަންނަން ހަވާލުކުރި އެއްޗެހީގެ ތެރެއިން އެކަތި ގަނެގެންނެވެ. ސާހިބުމީހާ އައިރުޅީގައި ނޯކަރުމީހާގެ ގައިގައި ގުއްޓިއެއް އަޅާފައި އެބަބުނެއެވެ.
" ކަމެއް ކުރަން ބޭރަށް ފޮނުވީމާ، އެއްމެ ކަމެއް ކުރުމުގެ ބަދަލުގައި ދެކަންތައް އެއްފަހަރާ ކުރަން މަސައްކަތް ކުރީޔާ މާ ތާހިރުވާނެއެވެ. "

ކޮންމެއަކަށް އޭގެ ފަހުން ޒަމާންތަކެއް ފާއިތުވެއްޖެއެވެ. ސާހިބުމީހާ އެއްފަހަރެއްގައި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަދި އެއްކަލަ ނޯކަރުމީހާ ޑޮކްޓަރެއް ބަލާ ފޮނުވައިފިއެވެ. ގިނަ އިރުގަނޑެއް ވުމަށްފަހުގައި ނޯކަރުމީހާ ޑޮކްޓަރާއި އަދިވެސް އެހެން މީހެއް ގޮވައިގެން އަތުވެއްޖެއެވެ.

އެވަގުތު ސާހިބު މީހާ ދެން އެހުރީ ކާކުތޯ ސުވާލުކުރުމުން ނޯކަރުމީހާ ޖަވާބުދިނެވެ.
" ކުރިން ފަހަރު އަޅުގަނޑުގެ ގައިގައި ބޮނޑިއެއް އަޅާފައި، އެއްފަހަރާ ދެ ކަންތައް ކުރީމާ މާ ނަތީޖާ ރަނގަޅުވާނެކަމަށް ވިދާޅުވީމެއް ނޫންތޯއެވެ. އެހެންވީމާ މިފަހަރު އަޅުގަނޑު މިއައީ ޑޮކްޓަރެއް ގޮވައިގެންނެވެ. ﷲ ގެ ރަޙުމަތްފުޅުން ބަލިފަސޭހަކޮށްދެއްވައިފިއްޔާ ކިތަންމެހާވެސް ޝުކުރުހުއްޓެވެ. އެކަމަކު ރަނގަޅު ނުވެއްޖެނަމަ ދެން މިހިރި މީހާ މިއީ ސާހިބާގެ ކައްވަޅުކޮންނަން ޖެހިދާނެތީ އެކަމަށްޓަކައި ގެނައި ވަޅުކޮންނަ މީހެކެވެ. "

ނިމުނީ
ހަވާލާ: އައްލުއު ލުއު ވަލް މަންޘޫރު

Post a Comment

0 Comments