![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixe7IrR_R3rHjZDbuN7aF7p4RQ67-53ldMHYF0dblKXTMis4y8KbuhQr35m6QBb8ljM66X__SCgBLslUrwmP59S6ADSCh7KpZejEbJIS5KCOYBaWPZTJQVIU4x_RxLSntUWGzyk19qGLU/s320/images.jpg)
ޅޮހީ
ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އަނބިކަނބަލުން އެއްދުވަހަކު ޢުމަރު ބިން ޢަބްދުލްޢަޒީޒު ނަމާދުކުރައްވަން ހުންނަވާތަނަށް ވަދެވަޑައިގެން އިރު އެކަލޭގެފާނު މޫނުފުޅުމަތީގައި ދެއަތްޕުޅު އަޅުއްވައިގެން ހުންނަވައި ގިސްލާ ހާލު ކީރިތިކުރައްވަމުން ދަނީއެވެ. އެކަލޭގެފާނުގެ ކޯތާފަތްމަތީގައި ކަރުނަތިކިތައް ހިނގަހިނގާ ހުއްޓެވެ.
އެކަމަނާ ދެންނެވިއެވެ.
"އޭ މުއުމިނުތަކުންގެ އަމީރެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކޮންކަމާއި ތޯއެވެ؟ "
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ.
" އޭ ފާޠިމާއެވެ. އަހަރެން މިވަނީ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އުއްމަތުގެ އެންމެހާ މީސްތަކުންގެ ޒިންމާ އަހަރެންގެ ކޮނޑުގައި އަޅައިގެންނެވެ.
އަދި މިއުއްމަތުގައި ބަނޑުހައި ހޫނުކަމުގައި ތިބި މީހުންނާއި، ފަޤީރުންނާއި މަގުގެއްލިފައިވާ މީހުންނާއި ބަލިމީހުންނާއި ޖަލަށްލެވިފައިވާ މީހުންނާއި އަދި ޙައްޤުތައް ނިގުޅައިގަނެވިފައިވާ މީހުންގެ ޒިންމާ މިވަނީ އަހަރެންގެ ބޮލުގައި އެޅިފައެވެ.
ޤިޔާމަތް ދުވަހުން އެހުރިހާ މީހުންގެ ދިފާޢުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ތެދުވެވަޑައިގަންނަވާނެ އިރު އެހުރިހާ މީސްތަކުންގެ ޒިންމާ ބޮލުގައި އެޅިފައިވާ މީހެއްގެ ޙައިޞިއްޔަތުން އަހަރެންގެ ދިފާޢުގައި ދައްކާނެ އެއްވެސް އުޒުރެއް ބަހަނާއެއް ނޯންނާނެއެވެ.
އަހަރެން މި ވިސްނަނީ އެކަމާމެދުގައެވެ. އަދި ވިސްނި ވިސްނިހެން އެދުވަހުން އަހަރެންގެ ހާލެއް ނޭންގޭ ކަމުން އެކަމާއި މެދު ބިރުވެތިވެ ކީރިތިކުރެވެނީއެވެ. "
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ ވެރިން އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގައި ގިނަކުރައްވާށިއެވެ. އާމީން
0 Comments