އައްޝައިޚު މުޙައްމަދު އިބުރާހިމް. ޅ.ނައިފަރު
ސ: އަޅުކަމަކީ ކޮބާ؟ ޖ: އަޅުކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމެއް ކުރުމަށް އަމުރުކުރައްވާފައިވާ ކޮންމެކަމެކެވެ. ނުވަތައެކަމެއް ކުރާ މީހާއަށް އެކަލާންގެ ތަޢުރީފުކުރައްވާފައިވާ ކޮންމެކަމެކެވެ. * ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރެއްވި ބައެއްކަންތައްތައް ....! ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ... ﴿البقرة: 110﴾ މާނައީ: " ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. "
ށ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿البقرة: ١٨٣﴾ މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެވުނު ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވޭތޯއެވެ. " ނ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ عَنِ الْعَالَمِينَ ﴿آل عمران: ٩٧﴾ މާނައީ: " ﷲ އަށްޓަކައި ޙައްޖުވުން މީސްތަކުންގެ މައްޗަށް ފަރުޟުވެގެންވެއެވެ. އެއީ އެކަމަށް ކުޅަދާނަވެގެންވާ މީހަކަށެވެ. " *ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމަކަށް އަމުރުނުކުރެއްވި ނަމަވެސް އެކަމެއް ކުރާ މީހާއަށް ތަޢުރީފުކުރެއްވި ކަމެއްގެ މިޘާލު. ސުވަރުގެ ވަންނާނެ ހެޔޮލަފާ އަޅުން ދުނިޔޭގައި ކުރާ ޢަމަލުތަކަށް ތަޢުރީފުކުރައްވަމުން ﷲ ވަޙީކުރެއްވިއެވެ. يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا ﴿الانسان: ٧﴾ މާނައީ: " އެބައިމީހުންނަކީ (ބުނެފައިވާ) ނަދުރުފުއްދާ މީހުންނެވެ. އަދި އެދުވަހުގެބިރުވެރިކަމާއި ނާމާންކަން ފެތުރިގެންވާ ދުވަހަށް ބިރުވެތިވާ މީހުންނެވެ. " މިއާޔަތުގައި ނަދުރުފުއްދާ މީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ ތަޢުރީފުކުރައްވާފައެވެ. ސ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ނަދުރުބުނުން ހުއްދަވެގެންވޭ ހެއްޔެވެ؟ ޖ. ﷲ ފިޔަވައި އެހެންފަރާތަކަށް ނަދުރުބުނުން ހުއްދަވެގެނެއްނުވެއެވެ. އަދި ނަދުރަކީ އެނަދުރު ފުއްދާމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޢުރީފުކުރައްވާފައިވާކަމެކެވެ. އެކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޢުރީފުކުރައްވާފައިވާ ކޮންމެކަމަކީ އަޅުކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުން ހުއްދަވެގެން ނުވެއެވެ. އިސްވެދިޔަ ސުވާލުގެ ޖަވާބު ބަޔާންވެގެން ހިނގައްޖެއެވެ. ނުނިމޭ ފުރަތަމަބައި ވިދާޅުވެލައްވާ ދެން އަންނަ ބަޔެއްގައި: ޝިރުކު ކުރުން ނޯޓު: މި ލިޔުމަކީ ޕާކިސްތާނުގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދިން 25 ޖޫން 2001 ގައި ނެރެފައިވާ ޟައުއުލް އިސްލާމްގެ 9 ވަނަ އަދަދުގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަސައްކަތުގައި ބަރަކާތްލައްވާ އެލިޔުންތަކުން ފައިދާކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން
0 Comments