ތިބާ ނަމާދު ނުކުރާނަމަ މި ލިޔުން ކިޔާލުން އެދެން

ނަމާދު ނުކުރާމީހުންނަށް ހުރި ޢަޛާބަކީ ކޮބައިތޯ؟
ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ސުވާލު:
އެއްވެސް ވަރަކަށް ނަމާދު ނުކޮށް ވަކިން ޚާއްޞަކޮށް ހުކުރު ގަޑީގައި ނިދާ މީހަކު އެކަމުން ދުރުކޮށް ނަމާދަށް އަނބުރާ ގެނައުމަށްޓަކައި ދީނުގަ އެކަމުގަ ހުރި ބިރުވެރިކަމާ ބެހޭގޮތުން ބުނާނެ ބަސްކޮޅެއް ޤުރްއާނާއި ސުންނަތުގެ އަލީގައި ވަރަށް ތަފްސީލްކޮށް ބުނެދެއްވުން އެދެމެވެ.؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ނަމާދު ނުކުރާ މީހުންނާއި ބެހޭ ގޮތުން ކީރިތި ގުރްއާނުގެ ސޫރަތު މަރްޔަމްގެ 59 އަދި 60 ވަނަ އާޔަތުގައި އައިސްފައިވެއެވެ. (فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً، إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً) މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީ އެވެ". މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ.

ނަމާދު އަޅާމީހުންނާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ‏) މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".

ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކަމެކެވެ. އެހެންކަމުން، އެފަދަ މީހުންގެ ކައިވެނިތައް ރޫޅި، އެފަދަ މީހުން ކަތިލާތަކެތި ކެއުން ޙަރާމްވެ، އަދި މުސްލިމުންގެ ގަބުރުސްތާނަކު ވަޅެއް ނުލެވޭނެއެވެ.

މިތަނުގައި ހަނދާންކޮށްލަންޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ނަމާދު ނުކުރާ މީހުންނަށް ލިބޭ ޢުގޫބާތާއި ބެހޭ ގޮތުން ރަސޫލާގެ މައްޗަށް ދޮގުހަދައިގެން ބަޔަކު މީހުން ހަދައިގެން އުޅޭ ޙަދީޘެއްވެއެވެ. އެޙަދީޘްގައިވަނީ " ނަމާދަށް ފަރުވާތެރި ނުވެއްޖެމީހާ އަށް މާތް ﷲ ފަނަރަ ޢުގޫބާތެއް ދެއްވައެވެ. އޭގެތެރެއިން ހަޢުގޫބާތަކީ ދުނިޔޭގައި ދެއްވާ ޢުގޫބާތްތަކެވެ. މަރުވަމުންދާއިރުގައި ތިން ޢުގޫބާތެއް ދެއްވައެވެ. އަދި ގަބުރުގައި ތިން ޢުގޫބާތެއް ދެއްވައެވެ. އަދި ކަށްވަޅުން ނެރުއްވާ އިރުގައި ތިން ޢުގޫބާތެއް ދެއްވައެވެ". މި ޙަދީޘަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތްކޮށް ބަޔަކު މީހުން ހަދައިގެން އުޅޭ ޙަދީޘެކެވެ. އެހެންކަމުން، މި ޙަދީޘް އެއްގޮތަކަށްވެސް ބޭނުންކުރުމަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ދޮގުހެދުމެގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ) މާނައަކީ" "ގަސްދުގައި ތިމަންކަލޭގެ ފާނުގެ މައްޗަށް ދޮގެއް ހަދައިފިމީހާ އޭނާގެ އެނބުރި ދިޔުން ނަރަކައިން ތައްޔާރުކޮށްގެން ހުންނާށެވެ". އެހެންކަމުން ދޮގު ޙަދީޘެއްކަން އެނގި ހުރެ ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް އެޙަދީޘް ކިޔައިފިނަމަ، އެމީހަކު ހިމެނޭނީ ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ދޮގުހަދާ މީހުންގެ ތެރޭގައެވެ. ވުމާއިއެކު، މިފަދަ ޙަދީޘްތައް ފެނިއްޖެނަމަ އަންދާލާ ނެތިކޮށްލަން ޖެހޭނެއެވެ. والله أعلم
އަސްލު: ރާއްްޖެއިސްލާމް

Post a Comment

0 Comments