ވަގުތާއި ދިޔަވަރަކީ މީހަކަށްޓަކައި މަޑުކުރާނެ އެއްޗެއް ނޫނެވެ

ވަޤުތާއި ދިޔަވަރަކީ މީހަކަށްޓަކައި މަޑުކުރާނެ އެއްޗެއްނޫނެވެ
ލިޔުން އެކުލަވާލީ: އިބުނު ޢަބްދުއްރަޙުމާނު ޅޮހީ
ވަޤުތަކީ ކޮންމެ އިންސާނެއްގެ ހަޤީޤީ ހަޔާތެވެ. ތިބާގެ ހަޔާތުގައި ﷲއަށްޓަކައި ހޭދަކުރެވޭ ވަޤުތަކީ އެންމެ ހެޔޮވަޤުތެވެ. އެނޫން ވަޤުތުތަކަކީ އެއްވެސް އަގެއްހުރި ތިބާއަށް ފައިދާކޮށްދޭނެ ވަޤުތެއްނޫނެވެ. ތިބާގެ ހަޔާތުގައި ކުޅުމާއި އަދިވެސް އެނޫން ބޭކާރު ގޮތްގޮތުގައި ހޭދަކުރެވޭނަމަ އެހަޔާތުގައި އެއްވެސް އަގެއްނެތެވެ. އެޔަހާތުން ތިބާއަށް ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. އޭރުން ތިބާއަށް ދިރިހުރުމަށްވުރެ މަރުވުންވެސް މޮޅުއިތުރުވެގެންވެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. " ދެނިޢުމަތެއްގެ މަތިން ގިނަބަޔަކު ފަރުވާކުޑަކުރާ ދެނިޢުމަތެއްވެއެވެ. އެއީ ޞިއްހަތާއި ހުސްވަގުތެވެ. " ( ރިވާކުރެއްވީ ބުޚާރީ)

މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުމަރު ބިން ޙައްތާބު ވިދާޅުވެފައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ދުނިޔަވީ ކަމެއްނުކުރާތަނުގައި އާޚިރަތަށްޓަކައި ހެޔޮ ޢަމަލެއްނުކޮށް އެއްވެސް ކަމެއް ނެތި ދެއަތްއުރާލައިގެން ތިބޭތަން ދެކެން ތިމަންކަލޭގެފާނު ރުހިވަޑައި ނުގަންނަވަމެވެ. "
ބުއްދިވެރިޔާއަކީ ވަޤުތުގެ އަގުވަޒަންކުރާ މީހާއެވެ. އަދި އެވަގުތުގެ އަގުވަޒަންކޮށް އެވަގުތުގު ފައިދާ ލިބިގަންނަ މީހާއެވެ. ތާބިޢީ ބޭކަލަށްކަމަށްވާ ހަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. އެދުވަސްތަކުގެ ތެރެއިން ދުވަހެއް ފާއިތުވެއްޖެނަމަ ތިބާއަށް އެގެއްލުނީ ތިބާގެ ގައިން ބަޔެކެވެ."

ސަލަފުއް ޞާލިޙުންގެ ބޭކަލުން އެބޭކަލުންގެ ވަޤުތުތަކަށް ވަރަށް ސަމާލުކަން ދެއްވާ އަދި އެވަގުތުތައް ފުރިހަމަގޮތުގައި ބޭނުންކުރައްވާފައިވެއެވެ. އެކަމުގައި އެބޭކަލުންނަކީ އަޅުގަނޑުމެންނަށް ވާ ނަމޫނާތަކެކެވެ. ޢަބްދުއްރަޙުމާނު އިބުނު އަބީ ޙާތިމް ރަހިމަހުﷲ އެކަލޭގެފާނު ކެއިން ބައްލަވާ ވަގުތުގައިވެސް އެކަލޭގެފާނުގެ ބައްޕާފުޅާއި ސުވާލުކުރައްވާ އެކަލޭގެފާނުގެ އަރިހުން ފައިދާ ލިބިގަނެއެވެ. އަދި ހިންގަވާ ވަގުތުގައްޔާއި، ތަނެއްގައި މަޑުކުރައްވާ ވަގުތުގައްޔާއި އަދި ގެޔަށް ވަދެވަޑައިގަންނަވާ ވަގުތުގައިވެސް މިފަދައިން އަމަލުކުރައްވައެވެ.

އަދި އިމާމު ސުލައިމު ބިން އައްޔޫބުއްރާޒީ އެކަލޭގެފާނުގެ އަމިއްލަ ނަފުސު އެހެން ނަފުސުތަކާއި އަޅާއި ކިޔުއްވާ ހިސާބުކުރައްވައެވެ. އެއްވެސް ވަގުތެއް ބޭކާރުގޮތުގައި ދިޔަނުދެއްވައެވެ. ގިނަގިނައިން ފޮތްލިޔުއްވުމާއި ކިޔަވައިދިނުމާއި އަދި ފޮތްކިޔުމުގައި ވަޤުތު ހޭދަކުރައްވައެވެ. ފޮތްލިޔުއްވާ ވަޤުތުގައި ޤަލަމަށް މައްސަލައެއް ދިމާވެގެން ޤަލަމް ރަނގަޅު ކުރައްވާ ވަޤުތުގައި އެކަލޭގެފާނުގެ ތުންފަތްޕުޅު ޤުރުއާން ކިޔެވުމާއި ﷲ ގެ މަތިން ހަނދުމަ ކުރުމާއި އެއިލާހަށް ތަސްބީހް ކިޔުމުގައި މަޝްޣޫލުކުރައްވައެވެ.

އިމާމު އަބިލްވަފާއު ޢަލީ ބިން ޢަޤީލް އަލްޙަންބަލީ ރަޙިމަހުﷲ އެކަލޭގެފާނު އެކި އެކި ޢިލްމީ ދާއިރާތަކުން ވިއްސަށްވުރެ ގިނަފޮތް ލިޔުއްވިއެވެ. ދުނިޔޭގެ މިހާތަނަށް އިންސާނަކު ލިޔެފައިވާ އެންމެބޮޑު ފޮތް އެކަލޭގެފާނު ލިޔުއްވައި ތާރީޙު ޤާއިމުކުރެއްވިއެވެ. އެކަލޭގެފާނު ލިޔުއްވި އެންމެބޮޑު ފޮތުގެ ނަމަކީ ކިތާބުލް ފުނޫނެވެ. (ފަންނުތަކުގެ ފޮތެވެ). އެއީ 800 މުޖައްލަދުގެ (ވޮލިއުމް) މައްޗަށް ހިމެނޭ ފޮތެކެވެ.

މަޝްހޫރު އަބޫ ޖަޢުފަރު ބިން ޖަރީރުއްޠަބަރީ ރަޙިމަހުﷲ ގެ މަރުގެ ތަންމަތީގައި އޮންނަވަނިކޮށް އެކަލޭގެފާނު އަޑުނާއްސަވާ ޙަދީޘްފުޅެއް އެކަލޭގެފާނަށް އަޑުއިވިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ލިޔެކިޔުމުގެ ސާމާނުތައް ޙާޒިރުކުރުމަށް އެދިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. މިހާލުގައިވެސް ތޯއެވެ. އެކަލޭގެފާނު ޖަވާބަކަށްވީ ކޮންފަދަ މަތިވެރި ޢިބުރަތެއް އެއިން ޙާޞިލުކުރެވޭ ބަސްފުޅެއްތޯއެވެ. ވިދާޅުވިއެވެ. ކޮންމެ އިންސާނަކުވެސް އެމީހެއްގެ މަރާއި ޖެހެންދެން ޢިލްމުހޯދަން މަސައްކަތްކުރުން އެމީހެއްގެ މައްޗަށް ހުއްޓެވެ. އާނއެކެވެ. އެކަލޭގެފާނު ވިދާޅުވިފަދައިން އަޅުގަނޑުމެންނަށް ލިބިފައިވާ ވަޤުތުގައި މަންމަގެ އުނގުން ފެށިގެން ކައްވަޅާއި ހިސާބަށް އުގެނެން ޖެހޭނެއެވެ.

ޚަތީބުލް ބަޣުދާދީ ރަހިމަހުﷲ އެކަލޭގެފާނު މަގުމަތިން ވަޑައިގަންނަވާއިރުވެސް އެކަލޭގެފާނު ހިންގަވަނީ ފޮތް މުރާޖަޢާކުރައްވަމުންނެވެ. އަދި ބަގިއްޔު ބިން މުޚްލިދު ރަޙިމަހުﷲ ޢިލްމު ހޯއްދެވުމަށް މިޞްރަށާއި ޝާމަށާއި ޙިޖާޒަށާއި އަދި ބަޣުދާދަށް ދެދަތުރުފުޅެއް ކުރެއްވިއެވެ. ފުރަތަމަ ދަތުރުފުޅުގައި އެކަލޭގެފާނު ސާދަ އަހަރު ހޭދަކުރެއްވިއެވެ. އަދި ދެވަނަ ދަތުރުގައި އެކަލޭގެފާނު ވިހި އަހަރު ހޭދަކުރައްވާފައިވެއެވެ. އެކަލޭގެފާނު ޢިލްމު ހޯދަން ޢަރަބި ގައުމުތަކަށް ވަޑައިގަތީ އަޅުކަން ނަންކޮށް މިއުޅޭ ޔޫރަޕުން ފައިމަގުގައެވެ. އެއީ އޭރު މުސްލިމުންގެ ބާރުގެ ދަށުގައި އޮތް އަންދަލުސްއިންނެވެ.

ޢިލްމަކީ މީހާގެ ޤަދަރު މަތިކޮށްދޭ އެއްޗެކެވެ. އަދި އެއީ އިންސާނާގެ ޝަރަފެވެ. އެ ހާސިލުކުރެވޭނީ ތިމާ ގެ ވަގުތު އެކަމަށް ހޭދަކޮށްގެން ބުރަ މަސައްކަތްކޮށްގެންނެވެ. އޭ އާދަމުގެ ދަރިންނޭވެ. އަޅުގަނޑުމެންގެ އެންމެން އަޅުގަނޑުމެންގެ ވަގުތުތައް ފުރިހަމަ ގޮތުގައި ބޭނުންހިފަން އަތުކުރި އޮޅާލަމާ ހިނގާށެވެ.
އަޅުގަނޑުގެ ވަޤުތަކީ ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންގެ މައްޗަށް ހުއްޓޭނެއެވެ. ތިބާގެ މައްޗަށް ހިނގި ސިކުންތު ނައްޓާފައި މިނިޓްކަށި މާދަމާގެ ތިބާގެ މައްޗަށް ނުހުއްޓޭނެ ކަމުގެ ޔަޤީންކަމެއް އެބައޮތްހެއްޔެވެ؟ ވީމާ ވަޤުތު ހަމަވުމުގެ ކުރިން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ލިބިގަންނާށެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ.

"ފަސްކަމެއް ފާއިތު ވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގުތުގައި ލިބިގަންނާށެވެ. ތިބާ ބަލިވުމުގެ ކުރިން ޞިއްހަތުގެ ފައިދާ ލިބިގަންނާށެވެ. ތިބާ މަރުވުމުގެ ކުރިން ހަޔާތުގެ ފައިދާ ލިބިގަންނާށެވެ. ތިބާ މުސްކުޅި ވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަންނާށެވެ. ތިބާ ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ލިބިގަންނާށެވެ. އަދި ތިބާ އަވަދަނެތިއުޅެންޖެހުމުގެ ކުރިން ތިބާގެ ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."
އަޅުގަނޑުމެންނަކީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާމިޔާބު ލިބިގަންނަ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

މަސްދަރު: ދުރޫސް ފިލް ޤިރާއަތް.

Post a Comment

0 Comments