އެންމެ ޖުމްލައަކުން ދިވެހިރާއްޖޭގެ ހާލަތު

އެންމެ ޖުމްލައަކުން ދިވެހިރާއްޖޭގެ ހާލަތު
ޅޮހީ
ރާބޯ މީހުން ރާބޯއިރުގާ، ޒިނޭކުރާމީހުން ޒިނޭކުރާއިރުގާ، ދަރިންއުކާމީހުން ވިހާފައި ދަރިންއުކަމުންދާ ހިނދު، ފާހިޝް އަމަލުތައްތައް ހައްދުން ނައްޓައި، މުސްކުޅިންނާއި ހިސާބުން ފެށިގެން މީހުންގެ ޅަދަރިން ރޭޕުކޮށް މަރައި ކަތިލައި ޖިންސީގޮތުން ގޯނާކުރަމުންދާއިރު، ގެރިބަކަރިއަށްވެސް މިގައުމުގައި ސަލާމަތެއް ނެތްހިނދު، މުޅި ގައުމުގައި ފިތުނަ ފަސާދަ އުފެދި އުޅޭ ދީނަކީ އިސްލާމް ދީންކަން ހަނދާން ނެތި، އުޅޭ ދީނެއްކަމުގައި ޕާރޓީވެއްޖެހިނދު،

އެއްބަޔަކު އަނެއްބަޔަކާ ތަޅާ ފޮޅައި ޒުވާބުކުރަމުންދާ އިރުގައި އެއްބަޔަކު ކެމެރާ ކުރިމަތީގައި ދެފުށް ފެންނަގޮތަށް ހުއްޓިތިބޭ އިރު އަނެއްބަޔަކު ސަރުކާރުގެ ދެފުށް ދެއްކުމަށްޓަކައި އެކި ރަށްރަށުގައި ނެށުމުގެ ޝޯތައް ބާއްވައި ދެޖިންސު މަސްހުނިކޮށް ދީނެއް ގޮތެއް ފޮތެއް މިއްލަތެއް އާދަމުގެފާނެއް ފަޅޮލެއް ނުބަލާހާލު، ޒިނޭ ޢާންމުވެ މުޅި ގައުމުގައި ޒިނޭ ޕާލާތައް ގިނަވެ ޕާލާތައް ޓެސްޓު ކުރުމުގެ ނަމުގައި ނޫސްވެރިން ގޮސް އެތަންތަނުގައި ކުރާނެހައި ކަމެއްކޮށްފައި ނުކުތީމާވެސް އެއީ ހަމައެންމެ ރަނގަޅުކަމެއްކަމަށް ދިވެހިރާއްޖޭގެ މުފްތީ އާންމުއަންގައިފި ހިނދު، މިގައުމުގައި ފިތުނައިގެ ހުޅު ފެޅި، ހުރިހާ ދާއިރާތަކެއް ބޮއްސުންލައި އެއްބަޔަކު އަނެއްބަޔަކަށް މައިންބަފައިންނާއި ދަރިންނާއި އޮޅި، އިސްލާމްދީނާއި ގައުމުގެ ކަރާމާތް ނަގާލައި ދީނުގައި އަންގަވާފައިވާ ތަރަހަތަކަށް ހުދޫދުތަކަށް ބެލުމެއްނެތި ދީނަށް ގޮންޖަހަމުންދާއިރު،

ދީނުގެ މިނިވަންކަން ހޯދުމުގެ ނަމުގައި މިގައުމުގެ މަތިވެރި އިސްލާމީ ތަނބުތައް ފުނޑުކޮށް، މުރުތައްދުވެ ދީނުން ބޭރުވެފައިވާ މީހުން އެމީހުންގެ ހައްޤުތައް ހޯދުމުގެ ނަމުގައި ފިތުނަ ފަސާދައަކަށް ހުށައަޅައި މިގައުމު ބައިބައިކުރަން ކުރާ މަސައްކަތްތަކަށް އަޅުގަނޑުމެން ބީރުކަންފަތެއްދީ ދެލޯމަރާލައިގެން ތިބީމާ، އަޅުގަނޑުމެންގެ ދަރިންނަށް މާދަން ދައްކަންއޮންނާނެ ދިވެހިރާއްޖެއެއް ނޯތުމުން، އެކަމުގެ ޒިންމާނަގާނެ މީހަކު ނެތުނު ހިނދު، މިކަންކަމާއި މެދު ވިސްނައި ފިކުރު ހިންގައި ބަލާއިރުގައި މިފެންނަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ހަޔެއްކަ ބޮލުގެ ތެރޭގައި އުފެދިފައިވާ ފިތުނަތަކުގެ ބޮޑުކަމާއި ފިތުނަތަކުގެ ގިނަކަމާއި ފިތުނަ ތަކުގެ ނުރައްކާކަން ކަމަށްވީ ހިނދު، މިކަމާއި ޒިންމާ ނަގާނެ ފަރާތެއް ނެތުމީ ހައިރާން ވާންޖެހޭ ފަދަ ބޮޑު ކަމަކަށް ވީއިރުވެސް،

ގައުމުގެ ހުންގާނުގައި ތިއްބެވި ބޭފުޅުން ދޮންކަރާ ފަޅާނީ މިހެންނޭ ކިޔައިގެން ލަވަޖަހައިގެން ނެއްޓެވުނީމާ މިކަންކަން ރަނގަޅު ކުރެވޭނެ ގޮތެއް ނެތް ހިނދު، މިކަން ކަން ރަނގަޅުކުރާނެ ގޮތެއް ނޭންގިގެން ކަމަށް ބުނެވޭ ހިނދު، އެހުރިހާކަމެއްވެސްވަނީ އިސްލާމްދީނުގައި ކަން ނޭންގޭތީ ހައިރާންވާ ހާލު، ހުރިހާ ދިވެހިން ހޭލާ މިކަންކަމާއި މެދު ފިކުރުކޮށް ހައްލުއޮތީ އިސްލާމްދީނުގައިކަން ދަނެ،

ﷲ ސުބުހާނަހޫ ވަތަޢާލާ އެއްކައުވަންތަކޮށް އެއިލާހާއި އެއިލާހުގެ ރަސޫލާ އެންގެވި ގޮތަކީ ކާމިޔާބުގެ ތަޅުދަނޑިކަމުގައި ދެކި އެއިލާހު ބާވާލެއްވި ފޮތަށް އަމަލުކޮށް އެފޮތަކީ އަދި އެ ޝަރިއަތަކީ މުސްކުޅި އެއްޗެއްކަމަށް ބުނާ ފަރާތްތަކުގެ ކިބައިން މިގައުމު ސަލާމަތްކޮށް މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް މިގައުމުގައި ހަމަޖެހުމާއި މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށްހަދާނެ ދަރިން މިގައުމުގައި ބިނާކޮށް، ދީނަށް ހުރުމަތްތެރިކޮށް ހިތާނެ ދަރިންތަކެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވައި މިގައުމު ފިތުނަތަކާއި މިގައުމުގައި މިއޮތްހާލަތުން ސަލާމަތްކޮށްދެއްވައި މިގައުމަކީ ދީނަށް ލޯބިކުރާ ހެޔޮލަފާ ޞާލިޙު އެކުވެރި އެއްބައެއްވަންތަ ބަޔެއްކަމުގައި އެދި މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުއާކުރާ ހާލު، މިކަންކަން މި ލިޔުން ވިދާޅުވާ ހުރިހާ ދިވެހި ލޮބުވެތި އަޚުންނާއި ޙިއްސާކޮށްލާހާލު،

އަޅުގަނޑުމެން އެންމެންނަކީ އިސްލާހުކުރަން މަސައްކަތްކުރާ ޞާލިޙު ނަމާދުކުރާ ބަޔެއްކަމުގައި ލެއްވުން އެދެމުން އަޅުގަނޑުމެންނަށް އަދަށްވުރެ ފެހި މާދާމާއެއް ﷲ ސުބުހާހަނަހޫ ވަތަޢާލާ ދައްކަވާނީ އެއިލާހު ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވާ ފަދައިން ބަޔެއްގެ ހާލަތު އެބަޔެއް ބަދަލުކުރުމުން ނުވާނެކަން ދެނެގެން ކަމުގައި ވީ ހިނދު، އެފަދަ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާތޯ ދުޢާކުރަމުން މި ލިޔުމަކީ ފައިދާހުރި ލިޔުމެއްކަމުގައި އުއްމީދުކުރާ ހާލުގައި، މި ޖުމުލައަކީ ދިވެހިބަހުން މިހާތަނަށް ލިޔެވިފައިވާ އެންމެ ދިގު ޖުމުލަކަމަށް ވާނެ ކަމުގައި އުއްމީދުގައި މިލިޔުން ނިންމައި ފުލުސްޓޮޕް ޖަހައިލީމެވެ. ނިމުނީ

ބަސްހިމެނޭ އަދަދު: 367

Post a Comment

0 Comments