Allah ah kiyamantheriva alhuthakunge Sifathah

ﷲއަށް ކިޔަމަންތެރި އަޅުތަކުންގެ ސިފަތައް
أبو عبد الله عبد الرحيم المدني

އެންމެހާ ހަމްދާއި ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ޢާލާމްތަކުގެ އެއްކައުވަންތަ އިލާހަށެވެ. އަދި ޞަލަވާތާއި ސަލާމާއި އަދި ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި ޢަޞްޙާބުން ސާމިލުކުރަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހަށް ބިރުވެތިވާ އަޅުތަކުންގެ ސިފަތައް އެއިލާހުގެ ދުސްތޫރުގައި ނުހަނު ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. މި ސިފަތައް ލިބިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ނުހަނު ބޮޑު ވާޖިބެކެވެ.

އެއިލާހު ފުރުޤާން ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.

وَعِبَادُ الرَّ‌حْمَـٰنِ الَّذِينَ يَمْشُونَ عَلَى الْأَرْ‌ضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا ﴿٦٣﴾
މާނައިގެ ތަރުޖަމާޢީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުންނަކީ މަޑުމައިތިރިކަމާއި މަޑުމޮޅިކަމާއެކުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާތަބު ކޮށްފިނަމަ އެއުރެން ސަލާމްއޭ ބުނެ އެތަނުން ދުރަށްދެއެވެ.

وَالَّذِينَ يَبِيتُونَ لِرَ‌بِّهِمْ سُجَّدًا وَقِيَامًا ﴿٦٤﴾
އަދި އެބައިމީހުންނަކީ އެބައިމީހުންގެ ވެރިރައްބަށް ސަޖިދަކުރުމާއި ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ.

وَالَّذِينَ يَقُولُونَ رَ‌بَّنَا اصْرِ‌فْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَ‌امًا ﴿٦٥﴾
އަދި އެބައިމީހުންނަކީ ނަރަކައިގެ އަޛާބުން ދިންނެވުން އެދި ދަންނަވާ މީހުންނެވެ. ހަމަކަށަވަރުން ނަރަކައިގެ އަޛާބަކީ ދެމިހުންނަ ގަދަފަދަ އަޛާބެކެވެ.

إِنَّهَا سَاءَتْ مُسْتَقَرًّ‌ا وَمُقَامًا ﴿٦٦﴾
ހަމަޔަޤީނުންވެސް އެތަނަކީ އެތަނެއްގައި ދެމިތިބުމަށް ނުބައިކަން ބޮޑުވެގެންވާ ތަނެކެވެ.

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِ‌فُوا وَلَمْ يَقْتُرُ‌وا وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾
އަދި އެބައިމީހުންނަކީ އެބައިމީހުން ހޭދަކުރާ އިރު އިސްރާފުވެސް ނުކުރާ އަދި މުށްބާރުވެސް ނުކުރާ މެދުމިނުގައި އެކަން ހިފަހައްޓާ މީހުންނެވެ.

وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ‌ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّ‌مَ اللَّـهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾
އަދި އެބައިމީހުންނަކީ ދުޢާކުރުމުގައިﷲ ސުބުޙާނަހޫ ވަތަޢާލާއި ޝަރީކުކޮށް ނަހަދާ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރެއްވި ނަފުސެއް ޙައްޤެއްނެތި ޤަތުލުނުކުރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އަދި އެފަދަ ޢަމަލަކަށް އަރައިގެންފިމީހާ ގަދަފަދަ އަޛާބު ދެކޭނެތެވެ.

يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾
ޤިޔާމަތްދުވަހު އެފަދަ މީހުންނަށް އަޛާބު ދެގުނަ އިތުރުކުރެއްވޭނެއެވެ. އަދި އެ އަޛާބުގެ ތެރޭގައި އެބައިމީހުން ނިކަމެތިކުރެވިގެންވާހާލު އެ އަޛާބުގެ ތެރޭގައި ދެމިހުންނާނެއެވެ.

إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّـهُ غَفُورً‌ا رَّ‌حِيمًا ﴿٧٠﴾
އަދި ތަޢުބާވެ ﷲ ގެ އެއްކައުވަންތަކަމަށް އީމާންވެ ހެޔޮ އަމަލުކުރި މީހުންމެނުވީއެވެ. އެބައިމީހުން ދަންނާށެވެ. ފަހެ އެބައިމީހުންގެ ފާފަތައް ހެޔޮ އަމަލުތަކަށް އެއިލާހު ބަދަލުކޮށްދެއްވާނެއެވެ. އަދި ﷲ އީ މުޢުމިނުންނަށް އޯގާތެރި ފާފަ ފުއްސަވާ އިލާހެވެ.

وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّـهِ مَتَابًا ﴿٧١﴾
އަދި ތަޢުބާވެ ހެޔޮޢަމަލުކުރާ މީހާއީ ހަމަކަށަވަރުން އެއިލާހަށް ހެޔޮވެގެންވާ ރަނގަޅު ތަޢުބާއަކުން ތަޢުބާވެފައިވާ މީހާއެވެ.

وَالَّذِينَ لَا يَشْهَدُونَ الزُّورَ‌ وَإِذَا مَرُّ‌وا بِاللَّغْوِ مَرُّ‌وا كِرَ‌امًا ﴿٧٢﴾
އަދި އެބައިމީހުންނީ ދޮގު ހެކިނުދޭ މީހުންނެވެ. އެބައިމީހުންނަށް އެއްވެސް ޒާތެއްގެ ބޭކާރު ވާހަކަތަކެއް ނުވަތަ ސައިތާނީ ޢަމަލެއް ހުށައެޅިއްޖެނަމަ ނަފުސުގެ ކަރާމަތާއި އެކު އެކަމުން ފުރަގަސްދީ ދާ މީހާއެވެ.

وَالَّذِينَ إِذَا ذُكِّرُ‌وا بِآيَاتِ رَ‌بِّهِمْ لَمْ يَخِرُّ‌وا عَلَيْهَا صُمًّا وَعُمْيَانًا ﴿٧٣﴾
އަދި އެބައިމީހުންނީ އެބައިމީހުންގެ ވެރި ރައްބުގެ އާޔަތަތްތައް (ހެކި، ދަލީލު، އާޔަތްތައް، ފިލާވަޅު، ވަޙީ) ހަނދުމަކޮށްދެވިއްޖެނަމަ ތަނެއްދޮރެއް ބެލުމެއްނެތި ބީރުކަމާއި މަންމަނު ކަމާއި އެކު އެއާޔަތުގެ މައްޗަށް ވެއްޓިނުގަންނަ މީހުންނެވެ.

وَالَّذِينَ يَقُولُونَ رَ‌بَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّ‌يَّاتِنَا قُرَّ‌ةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾
އަދި އެބައިމީހުންނީ އެބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތުގައި މިފަދައިން ބުނާ މީހުންނެވެ. އޭ ހައްދަވާ ގެންގުޅުއްވާ ރައްބެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަނބީންގެ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމެއްކަމުގައި ވެދާފަދަ ދަރިން ދެއްވާންދޭވެ. އަދި އަޅުގަނޑުމެން އީމާންވެގެންވާ މީހުންގެ އިމާމުންކަމުގައި ލައްވާށިއެވެ. މިފަދައިން ބުނެ ދުޢާ ކުރާ މީހުންނެވެ.

أُولَـٰئِكَ يُجْزَوْنَ الْغُرْ‌فَةَ بِمَا صَبَرُ‌وا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا ﴿٧٥﴾
އެބައިމީހުންނަށް އެބައިމީހުން ވީ ކެތްތެރިކަމުގެ އިނާމެއްގެ ގޮތުން ސުވަރުގޭގެ އެންމެ މަތިވެރިވެގެންވާ މަޤާމު އެބައިމީހުންނަށް ދެއްވޭ ހުއްޓެވެ. އެތަނުގައި އެބައިމީހުންނަށް ހެޔޮބަސްތަކާއި ސަލާމާއި އަދި އިޙުތިރާމް ރައްދުކުރެވޭނެއެވެ.

ވީމާ އަޅުގަނޑުމެން މި ސިފަތަކުން ސިފަ ލިބިގަނެ ﷲ އަށް ބިރުވެތިވެ އެއިލާހު ބަޔާންކޮށްދެއްވާފައިވާ ކަންތައްތަކުގައި ހިފޭތޯ މަސައްކަތްތަކުރާ ބަޔެއްކަމުގައި ލައްވާށިއެވެ. ދުޢާ އަކީ އަޅުގަނޑުމެންނަކީ މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔެއްކަމުގައި ލައްވާ އަޅުގަނޑުމެންގެ ދަރިންނާއި އަދި ދަރިންގެ ދަރިންނަކީ ނަމާދުކުރާ ބަޔެއްކަމުގައި ލެއްވުމެވެ.

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްލެއްވުން އެދި ދުޢާކުރަމުން މި ސަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުންނާއި އަދި އެންމެހާ މުސްލިމުން ސާމިލުކުރައްވާތޯ ދުޢާ ކުރަމެވެ. ލިޔުން ލިޔުމުގެ ތައުފީޤު ދެއްވި އާލަމްތަކުގެ ވެރި އިލާހުއަށް ޝުކުރާއި ސަނާ ދަންނަވަމެވެ. އަދި އެއިލާހުގެ ޙަޟްރަތުން އެހީއާއި މަދަދަށް އެދޭ ހާލު ލިޔުން ނިންމާލީމެވެ. والحمد لله
ނިމުނީ

ނޯޓު: ޤުރުއާން ތަރުޖަމާ ނެގިފައިވަނީ ޙިލާލީ އަދި ޚާން ކުރައްވާފައިވާ އިނގިރޭސި ޤުރުއާން ތަރުޖަމާ އަސްލަކަށް ބަލައިގެންނެވެ. އެއީ މަދީނާ ބައިނަލްއަޤުވާމީ ޗާޕްހާނާއިން ޗާޕުކުރާ އިނގިރޭސި ތަރުޖަމާއެވެ. އިނގިރޭސި ތަރުޖަމާތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ތަރުޖަމާއެވެ. ތަރުޖަމާ ކުރެވިފައި އެވަނީ ލަފުޒީ ތަރުޖަމާއެއް ނުމެ ނޫންމެއެވެ. ނަމަވެސް މާނައިގެ ތަރުޖަމާއެވެ. ދޭހައިގެ ތަރުޖަމާއެވެ. އަދި ލިޔުން ވިދާޅުވީތީ ﷲ ގެ ހެޔޮރަޙުމަތް ލައްވާށިއެވެ. جزاكم الله خير الجزاء

Post a Comment

0 Comments