ސުޓޭޓަސް އަޕްޑޭޓްކޮށްލައިފިންހެއްޔެވެ؟

ތިބާގެ އިސްޓޭޓަސްއާމެދު ވިސްނާލާށެވެ!!
ހެޔޮއެދޭ ފަރާތެއް
އަހަރެން ދައްކަން މިއުޅޭވާހަކަފެށުމުގެ ކުރިން ވާހަކައެއް އަހައިލަން ހެއްޔެވެ؟ ތިބާ އަތުގައި ފޯނެއް އޮވޭހެއްޔެވެ؟ އެފޯނަށް އެންމެފަހުން ކޯލެއް ނުވަތަ މެސެޖެއް އައީ ކޮންއިރަކުހެއްޔެވެ؟ ފޯނުން "ކައްކަކާކޯ" ނުވަތަ މިނޫންވެސް ރިންގުޓޯނެއްގެ އަޑުއިވުމުން ޖަވާބުދިނިންހެއްޔެވެ؟ ކޮފީއަކަށް ނުވަތަ އެހެންވެސް ކަމަކަށް އެކުވެރިޔާ ދައުވަތުދީފައި ފޮނުވި މެސެޖަށް ޖަވާބުފޮނުވިންތޯއެވެ؟
ދެން އެހެން ސުވާލެކެވެ. ފޭސްބުކުގައި ހުރީ ކިތައް "ރަތްދުނިޔެ"ތޯ ޗެކުކުރީ ކޮންއިރަކުތޯއެވެ؟ އެރަތް ދުނިޔެތަކުގެ ތެރޭގައި ތިބާ ޖަވާބުދޭންވެފައި ނުވަތަ ލައިކުވާންޖެހިފައިހުރި ކޮމެންޓުތަކަށް ޖަވާބުދީ، ލައިކުވީ އެންމެފަހުން ކޮންއިރަކުތޯއެވެ؟

މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަޒުވާނުން މިއަދު އިޖާބަދޭ ކަންކަމެވެ. ލޯބިވާއެކުވެރިޔަކު ނުވަތަ ގާތްމީހަކު ކުރާފޯނުކޯލަށް ނުވަތަ އެސްއެމްއެސް އަށް ޖަވާބު ދިނުމަކީ މައްސަލައެކޭ އަހުރެން ނުބުނަމެވެ.

ބުނަންމިއުޅޭ ވާހަކައަކީ އަހަރެމެން އެންމެނަށްވެސް އެނގޭފަދައިން މިޒަމާނަކީ ވަރަށްވެސް 'ކުރަންޖެހިފައި ހުރިކަންތައް' ގިނަޒަމާނެކެވެ. 'ބިޒީ'ޒަމާނެކެވެ. މިބުނީ ޒަމާން ބިޒީ ވާހަކައެއް ނޫނެވެ. އަހަރެމެން ބިޒީވާހަކައެވެ. މިހަލަބޮލިކަމުގެ ތެރޭގައި އުޅޭއިރު ބަންގީގެ އަޑުއިވެނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންނަށް ބާއެވެ؟ އެއީވެސް ކޯލެކެވެ. މެސެޖެކެވެ. ކޮންމެދުވަހަކު ފަސްފަހަރު ލިބޭ ނޯޓިފިކޭޝަނެކެވެ.

އަހަރެމެން ވަރުވަރަށް ފޭސްބުކު ބަލަމެވެ. ފާޑުފާޑުގެ އިސްޓޭޓަސްތަކާއި ފޮޓޯތައް އަޕްކުރަމެވެ. އެކަމަކު ބަންގީގެ އަޑުއިވުމުން އަހަރެމެންގެ 'އިސްޓޭޓަސް' ﷲތަޢާލާގެ ޙަޟްރަތުގައި 'އަޕް'ކުރުމަކަށް އަހަރެމެންނަށް އެކަށީގެންވާ މަސައްކަތެއްނުކުރެވެއެވެ. އަޅެފަހެ، މުހިއްމުވާންވީ އިސްޓޭޓަސް އަކީ މިއީނޫންތޯއެވެ. އަނެއްކާވެސް ސުވާލެކެވެ. މާފުކުރާށެވެ. މާސުވާލުގިނަކުރަން އުޅެނީއެއްނޫނެވެ. ބަންގިގޮވުމުގެ ކުރިން ވުޟޫކޮށް ނަމާދަށް ދިޔުމަށް ތައްޔާރުވަނީ އަހަރެމެންގެތެރެއިން ކިތައްމީހުންތޯއެވެ؟ ވިސްނާލާށެވެ! ހެނދުނު އޮފީހަށްދާން ގަޑިދެގަޑިކުރިން ތައްޔާރުވަމުއެވެ. ރޭގަނޑު ޕާޓީތަކާއި އެކިއެކި ޙަފްލާތަކަށް ދިއުމަށް ތައްޔާރުވާން ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. ހުކުރުދުވަހު ޕިކްނިކުދާން ފަތިހުފަތިހާ ހޭލައި ތައްޔާރުވަމުއެވެ. މިހެންގޮސް ހުރިހާކަމަކަށް ތައްޔާރުވަމެވެ. އެކަމަކު ނަމާދަށް ދިއުން ފިޔަވައެވެ.

އެކުވެރިޔާއެވެ! މިއަދު އަޑުއިވުނު ބަންގިއަކީ ތިބާގެ ޙަޔާތުގައި އަޑުއިވޭނެ އެންމެފަހު ބަންގިކަމަށް ވެއްޖެނަމަ ހަދާނީ ކިހިނަކުންތޯއެވެ؟ މީހުން ބުނެއެވެ. ލޯބިވާމީހުންނާ ބައްދަލުނުވެ މާގިނަދުވަސް ނުކުރާށެވެ. މަރުއައިސް ތިބާއާ ބައްދަލުކުރާނީ ކޮންއިރަކުކަމެއް ނޭނގެއެވެ. މިލިޔުން ކިޔައި ނިމުމުގެ ކުރިންކަމަށްވެސް ވެދާނެއެވެ. ޝައްކެއްނެތެވެ. އަހަރެމެންނަށް ދުވާލަކު ފަސްފަހަރު އެނިދާއަކުން ގޮވައިލެވޭ ނިދާގެ ވެރިރައްބަކީ އަބަދަށް ދިރިދެމިވޮޑިގެންވާ އިލާހެވެ. އެއިލާހުފިޔަވައި އެހެން ހުރިހާ އެއްޗެއް ފަނާވެ ނެތިދާނެއެވެ. ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ފަޅިސިކުންތަކާއެކު އަހަރެމެން އަހަރެމެންގެ މަރާކައިރިވެއެވެ.

ތިބާއަށް ޙަޔާތުގެ އެންމެފަހުބަންގީގެ އަޑުއިވުމުގެ ކުރިން ﷲގެ މަގަށް ރުޖޫޢަވެ ތެދުވެރި ތައުބާއަކުން ތައުބާވާށެވެ. ﷲގެ ތަނަވަސްވެގެންވާ ރަޙްމަތްފުޅާމެދު މާޔޫސްނުވާށެވެ. ތިބާގެ ހިތުގެ ހަމަޖެހުންވަނީ އެއަޑަށް އިޖާބަދިނުންކަމުގައި ހަދާށެވެ. މާތްﷲ ތިބާއަށް ހެޔޮތައުފީޤު ދެއްވައި ބަރަކާތް ލައްވާށި! آمين

ނިމުނީ

Post a Comment

0 Comments