ޖަންގަލީގެ ރާނީ

ޖަންގަލީގެ ރާނީ
ހެޔޮއެދޭ ފަރާތެއް
އެފްރިކާގެ ސަހަރާތަކުތެރޭގައި އުޅޭ ޖަނަވާރުބެލުމަށް ވަރަށް ގިނަ ފަތުރުވެރިން ދާކަމަށްވެއެވެ. އެއެއްޗެހީގެ ދިރިއުޅުން ބަލައި އޭގެ އަޖައިބުކަންދެކިލުމަށްޓަކައެވެ. މިގޮތަށް ދާދިއުމުގައި ސަލާމަތީ ވަރުގަދަ ފިޔަވަޅުތައް އެޅުމަކީ ވަރަށް ވެސް މުހިއްމުކަމެކެވެ. ދަގަނޑު ދާޖަހައިފައިވާ ޖިޕުފަދަ ދުއްވާ އެއްޗެއްސާއި ރޭގަނޑު އަލިކުރާނެ ޓޯޗުބައްތިއާއި ބަޑި ފަދަ ސާމާނު ހިފައިގެންނެވެ. ސަބަބަކީ މިނިކާ ޖަނަވާރު ފަދަ ނުރައްކާތެރި ޖަނަވާރުތަކާއި ވިހަގަދަ ސޫފާސޫފި އެތާނގައި އުޅޭނެތީއެވެ.

މިގޮތަށް މީހުން ގޮވައިގެންދާ ގައިޑުމީހާ އެމީހުން ގާތުގައި ޖިޕުގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ގަދައަށް އިރުޝާދުދެއެވެ. ބުއްދި ހުންނަމީހަކު ވެއްޖެއްޔާ އެދައްކާވާހަކަ ޤަބޫލުކުރާނެއެވެ. އަމިއްލަ ސަލާމަތަށާއި ތިމާއާއެކު ގޮސްއުޅޭމީހުންގެ ސަލާމަތަށްޓަކައެވެ. ސިންގާފަދަ މިނިކާޖަނަވާރުންނާއި އެމީހުންނާދެމެދު އޮތް ހުރަހަކަށް މިވަނީ ވަރަށް ވަރުގަދަ ޖިޕެކެވެ. އެހެންވީމާ މިޖިޕު ވަރަށް މުހިއްމެވެ.

ޒުލަކަށް ބަލައިލަމާ ހިނގާށެވެ. އެތަނަށް ދާމީހުންނަށް ކިނބޫ، ހަރުފަ، ސިންގާ މިހެންގޮސް އިންސާނުންނަށް ނުރައްކާކުރާނެ ފަދަ އެތައް ޖަނަވާރުތަކެއް ތިބެއެވެ. ކޮށިކޮށްޓަށް ލާފައެވެ. ވަރުގަދައަށް ހަދާފައި ހުންނަ ކޮށްޓެވެ. އަދި ކޮށީގެ ބޭރުން މީހުންނަށް ކައިރިނުވެވޭނޭގޮތަށް ޗެންޗޭނުޖަހާފައެވެ. އަދި މިވަރުން ނުވެގެން އެކިފާޑުފާޑުގެ އިންޒާރުގެ ބޯޑުތައް ލިޔެފައި ހުރެއެވެ. ޒުލަށް އަންނަ މީހުންނާއި ކުދީންގެ ސަލާމަތަށްޓަކައެވެ. މިކަން ޤަބޫލުކުރެވޭތޯއެވެ؟

ތިޔަބޭފުޅާގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. ހައިވެފައި އޮތް ސިންގާއެއްގެ ކުރިމަތީގައި އެއްވެސް ހުރަހެއްނެތި ހުންނާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. ހުންނާން ނުކެރޭނީ އެކަންޏެއްނޫނެވެ. ހެޔެއްވެސް ނުހުންނާނެއެވެ.
އަޅުގަނޑުމެން އިންސާނުންގެ ތެރޭގައިވެސް މިފަދަ ޖަނަވާރުން އުޅެއެވެ. ޤަބޫލުކުރިއަސް ނުކުރިއަސް މިއީ ޙަޤީޤަތެވެ. މިފަދަ ޖަނަވާރުތައް މިއަދު މަގުމައްޗަށް ނުކުމެލުމުން ފެންނާނެއެވެ. އަދި މިއެއްޗެހީގެ ކުރިމަތީގައި ތިމާގެ ހަށިގަނޑު ރައްކާތެރިކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާތިބޭ އިންސާނުން ފެންނާނެއެވެ. ފާޅުގައި މިފަދަ ޖަނަވާރުތައް ތިމާގެ އިނގިލިކުރިއަށް ލައިގެން އުޅޭތަންވެސް ފެންނާނެއެވެ. މިކަމުގެ ހުރި ނުރައްކާތެރިކަން ނުވިސްނޭފަދައެވެ.

އެފްރިކާގެ ސަހަރާގައި ޖަނަވާރުތައް ބަލަންގޮސް އުޅޭ މީހުންވެސް ޖިޕުގެ ކުޑަދޮރު ހުޅުވައިފިނަމަ އެކުޑަދޮރު ހުޅުވި މީހަކާއެކު އޭގައި ތިބި އެންމެން ނުރައްކަލަށް ހުށަހެޅުނީއެވެ. މިކަން ޤަބޫލުކުރާފަދައިން ތިމާގެ ހަށިގަނޑަށް ވާންޖެހޭ ރައްކައުތެރިކަން ﷲތަޢާލާ އަންގަވާފައިވާކަން ޤަބޫލުކުރާށެވެ. އައުރަނިވާކުރުމަށެވެ. އެއިލާހު އަންގަވާފައިވާގޮތާއި ޚިލާފަށް ތިބާގެ ހަށިގަނޑު ފާޅުކޮށްފިނަމަ އެއީ ވަރަށް ބޮޑުވެގެންވާ ނުރައްކަލަކަށް ތިބާ ހުށައެޅެނީކަމަށް ޤަބޫލުކުރައްވާށެވެ. ގައިގައި ހިންޏެއް ދަތްއެޅުމުން ވާތަދު އިނގޭ ހިނދު ބޮޑު 'މިނިކާ އެއްޗެއް' ތިބާގައިގާ ދަތްއެޅުމުން ވާނެގޮތް ވިސްނަވާށެވެ.

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَ‌فْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّـهُ غَفُورً‌ا رَّ‌حِيمًا
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ."

ﷲތަޢާލާ ތިބާއަށާއި އަޅުގަނޑަށް ހެޔޮމަގު ދައްކަވައި ރައްކާތެރިކަން ދެއްވާށިއެވެ. އާމީން.

ނިމުނީ..
ނޯޓު: މިލިޔުމަކީ ހެޔޮއެދޭފަރާތެއްގެ ހެޔޮ ލިޔުމެކެވެ. މި ލިޔުއްވި ފަރާތަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

Post a Comment

0 Comments