ކަޅުކޮފީއާއި ކަޅުސަޔާއި ފެނާއި އޮޅުވާނުލައްވާ

ކަޅުކޮފީއާއި ކަޅުސައިގެ ތަފާތު
عبدلله
ކަޅުސަޔާއި ކަޅުކޮފީއަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ދިވެހިން ވަރަށް ގިނައިން ބޭނުންކުރާ ދެބުއިމެވެ. ހެނދުނާއި ހަވީރުގެ ސައިގަޑީގައެވެ. ނުވަގަޑީގެ ސައިގައިވެސް މެއެވެ. މިދެބުއިމުގެ އެއްގޮތްކަމަކީ ހަމައެކަނި މިދެބަހުގެ ކުރިއަށް އައިސްފައި އެވާ 'ކަޅު' މިބަހެވެ. ރަހަ ތަފާތެވެ. މިދެބުއިން ބުއިމުން ހަށިގަނޑަށް އަންނަ ބަދަލުތައް(އަޅުގަނޑުމެނަށް އެކަން ފާހަގަނުކުރެވުނު ނަމަވެސް) ތަފާތެވެ. ދެބުއިމުގެ ކުލަ އަނދިރިކުލައަކަށް ދާގޮތަކަށް ހުރުމުން 'ކަޅު' ކިޔެނީއެވެ.

އެއްދުވަހަކު އަޅުގަނޑުގެ ރަހުމަތްތެރިއަކު އޭނާހެދި ސައިތައްޓަށް ހަކުރު ކަމަށް ހިތައި ލޮނު އަޅައިފިއެވެ. މިއެޅުނީ ކޮންއެއްޗެއްކަން އެނގުނީ އަޅާނިމުނު ފަހުންނެވެ. މިއީ ވެދާނެގޮތެކެވެ. ސަބަބަކީ ހަކުރާއި ލޮނު ފުޅިއަށް އަޅާފައި ހުންނައިރުގައި އޮޅޭގޮތް ދިމާވެއެވެ. ދޭތީގެ ކުލަ އެއްގޮތްވުމުންނެވެ. ނަމަވެސް މިއަކީ ވަރަށްވެސް ތަފާތު ދެރަހައެއް އެކުލެވިފައިވާ ދޭއްޗެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އޮޅިގެން މެނުވީ ބޮނޑިބަތް ކައްކާއިރު ލޮނެއް ނާޅާނެއެވެ. އަދި ބަތްކައްކަން އުދާއިރު ހަކުރެއްވެސް ނާޅާނެއެވެ. ހޭލާ ހުންނަން ނުވަތަ ނިދި ފިލުވައިލަން ބޭނުންނަމަ ބޭނުން ކުރާނީ ވަރުގަދަ ކަޅުކޮފީއެކެވެ. ކަޅު ސަޔަކުން ނުޗަލާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކަށް މެނުވީ މިދެންނެވި ތަކެތި އެކަތި އަނެކައްޗާއި އޮޅިގެން ބޭނުން ނުކުރެވެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. ވަރަށް ގިނަ ބޭފުޅުންނަށް ތިމާގެ ފިރިހެނުންނާއި އަންހެނުން ހިލޭވެގެން ދާހިސާބު އޮންނަނީ އޮޅިފައެވެ. ހިލޭވެގެން ދާހިސާބޭ މިދެންނެވީ ކައިވެނި ޙާލާލުވާ ހިސާބެވެ.
ހަމައެބީދައިން:
ކައިވެނި ޙަލާލުވާ އަންހެނަކު ނުވަތަ ފިރިހެނަކާއި ދިމާއަށް ދައްތަ، ބޭބެ ނުވަތަ ކޮއްކޮ ކިޔާނަމަ އެއީ އެމީހަކާއި ތިބާ ކައިވެނި ޙަރާމްވާ މީހެއްކަމުގައެއް ނުވާނެއެވެ. އަދި އެމީހަކުގެ ކުރިމަތީގައި ޢައުރަ ކަޝްފުކޮށް(ބުރުގާނަގައިގެން) އުޅުން ހުއްދައެއް ނުވާނެއެވެ.

ދެބެންގެ ދެދަރި ކުދިންނަކީ (ކަޒިންސް) ގާތްތިމާގެ ކުދީންނެވެ. ނަމަވެސް އެކުދިންނާއި ތިބާއާއި ކައިވެނި ޙަލާލުވާނެއެވެ. މިގޮތުން ތިބާއީ އަންހެންކުއްޖެއްނަމަ ދެބެއިންގެ ދެދަރި ފިރިހެންކުއްޖަކާއި އެކީ އެކަހެރިވެ އުޅުންވާނީ ޙަރާމް ކަމަކަށެވެ. އަދި އެކުދިންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރަންވެސް ހެޔޮނުވާނެއެވެ.
ޅިޔަނުންނާއި ފަހަރިންވެސް މިފަދައެވެ. ތިޔައީ އަންހެންކުއްޖެއްނަމަ ތިބާގެ ދައްތައިން އިނދެގެން އުޅޭ މީހުނާއި ތިބާއާ ކައިވެނި ޙަރާމްވަނީ ވަގުތީގޮތުންނެވެ. އެހެނެއްކަމަކު އެމީހުނާއި އެކަހެރިވެ އެމީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމް ކަމެކެވެ. އެމީހުނާއި ދިމާއަށް 'ޅިޔަންބެ' ކިޔުމަކުން ނުވަތަ 'ފަހަރިކޮއްކޮ' ކިޔުމަކުން މިޙުކުމަކަށް ބަދަލެއް ނާދެއެވެ.

މިކުޑަކުޑަ މުޖުތަމަޢުގައި ޅިޔަންފަހަރީންގެ ގުޅުން ގާތްވެގެންގޮސް އެންމެފަހުން އިނދެގެން އުޅޭ މަންޖެ ނުވަތަ ސޮރު ވަރިކޮށް ޅިޔަނާއި ފަހަރި ކައިވެނީގެ ގޮތުން ގުޅިފައިވެސް އެބަހުއްޓެވެ.
މިއީ އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ތިމާގެ ގުޅުންތަކާއިމެދުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅައި ދިއުމުން ވެގެންދާ ހިތާމަވެރި ގޮތްތަކެވެ. ވީމާ މިކަމަށް ސަމާލުވާން އެބަ ޖެހެއެވެ.
ތިމާގެމީހުންގެ ތެރެއިން ކައިވެނި ޙަރާމްވާ މީހުން ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. މިއާޔަތުގައި ބަޔާންކުރައްވާފައިނުވާ މީހުންނަކީ ހިލޭމީހުންނެވެ. އެމީހުންނާ ކައިވެނި ޙަލާލުވާނެއެވެ.

ވީމާ އެމީހުންނާއި އަތާއަތް ޖޯޑުކޮށް ސަލާމްކުރުމާއި އެމީހުންކުރިމަތީގައި ޢައުރަ ކަޝްފުކޮށް އެމީހުންނާއި އެކު އެކަހެރިވެ ވާހަކަ ދައްކާއުޅުމާއި އަދިވެސް މިފަދަ އެހެނިހެން ކަންކަމުގައި ޢަމަލުތައް ބަހައްޓަންޖެހޭނީ އެއީ ހިލޭ ފިރިހެނެއް ނުވަތަ އަންހެނެއްކަމުގައި ބަލައިގެނެވެ. ސަބަބަކީ ތިމާގެ މީހެއް ނަމަވެސް އެއީ މަޙުރަމުންނެއްނޫނެވެ.
ކުރިއަށް 'ކަޅު' އައުމަކުން ކޮފީ އަދި ސައި އެއީ އެކައްޗަކަށް ނުވާ ފަދައިންނެވެ. ހުދުކުލައިގައި ފުއްކުދިކޮށް ހިމުންކޮށް ހުރިނަމަވެސް ހަކުރު ލޮނަށް އަދި ލޮނު ހަކުރަށް ނުވާފަދައިންނެވެ.
ނިމުނީ

މިއީ ހެޔޮއެދޭ ފަރާތަކުން ލިޔެދެއްވާފައިވާ ލިޔުމެކެވެ. އެފަރާތަށް މާތްﷲ ހެޔޮޖަޒާ ދެއްވާށިއެވެ.

ކުރީގެ ލިޔުންތައް
ސުޓޭޓަސް އަޕްޑޭޓު ކޮށްލައިފިންހެއްޔެވެ؟

Post a Comment

0 Comments