ފަހާ މީހާޔާއި އޭނާ ފެހި ހެދުން

ފަހާ މީހާޔާއި އޭނާ ފެހި ހެދުން
އެއްޒަމާނެއްގައި އުޅުނު ފަހާމީހެކެވެ. މީނާގެ މަސައްކަތަކީ ފެހުމެވެ. އެއްދުވަހަކު މިފަހާމީހާގެ ގާތަށް މީހަކު ހެދުމެއް ފައްސަންވެގެން އަޔެވެ. އަދި މިހެދުން ވަރަށް ފުރިހަމައަށް ފަހައިދިނުމަށް އެދުނެވެ. ފަހާމީހާ އޭނާ އަށްވީ އެންމެ މަތީ ދަރަޖައަކަށް ހެދުން ވީހާވެސް ރަނގަޅަށް ފެހުމަށް މަސައްކަތްކުރަމުން ދިޔައެވެ. އަދި ހެދުން ނިންމައިފިއެވެ.
ހެދުން ފެއްސި މީހާ ހެދުން ބަލާއަތުވެއްޖެއެވެ. އަދި ހެދުންފެނިފައި ވަރަށް އުފާވިއެވެ. ނަމަވެސް ހެދުން ހިފައިގެން ދިޔަ ދުވަސް ނޫން އަނެއްދުވަހު ހެދުން ހިފައިގެން އަތުވެއްޖެއެވެ. އަދި ބުންޏެވެ. މިހެދުމުގައި މިޔަނި އެވެނި އުނިކަމެއް އެބަހުއްޓެވެ.

ފަހާ މީހާ އޭނާއާއި ދިމާއަށް ބަލަލިއެވެ. އަދި ފަހާމީހާ ރޯންފަށައިފިއެވެ.

ހެދުން ފެއްސިމީހާ: އަހަރެން އެހެންބުނީ ތިބާ ދެރަކުރާކަށެއްނޫން. ހެދުން ހަމަވަރަށް ފުރިހަމަ. އެކަމަކު ހަމަ އެވާހަކަ ބުނެލަން ވެގެން.

ފަހާމީހާ: އަހަރެން މިރޮނީއަކީ އެހެންވެގެންނެއް ނޫނެވެ. އަހަރެން މިރޮނީ އަހަރެން ތިޔަހެދުން ފެހުމަށް އަހަރެންނަށް ވީ އެންމެރަނގަޅަށް މަސައްކަތްކުރުމުންވެސް ތިޔަހެދުމުގައި އަޢިބުހުރީމައެވެ. އެހެންވެ އަހަރެންނަށް ރޮވުނީ އަހަރެންގެ ވެރިރައްބު އެންގެވި އަމަލުތައް އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް އަހަރެންގެ މުޅި ޢުމުރުގައި ކުރަމުންދާ އިރުގައި އެޢަމަލުތަކުގައި ޢައިބުތައް ހުންނާނެ ވަރު ވިސްނާލެވުނީމައެވެ.

އޭ ލޯބިވާ އަޚާއެވެ. އަދި އުޚުތާއެވެ. ތިބާ ކުރައްވާ ކޮންމެ އަމަލެއް މިފަހާމީހާ ފަދައިން ކުރާށެވެ. އޭރުން
ހެޔޮކަމަށް އުއްމީދުކޮށް އަދި ކުރެވުނު ކަންކަމާއި މެދު ބިރުވެތިވުމަކީ މުއުމިނުންގެ ސިފައެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ފާފަ ފުއްސަވާނެކަމާމެދުގައި ޝައްކެއްނެތެވެ.

އެއިލާހު އެވަޙީކުރައްވަނީއެވެ.

إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِ‌ينَ ﴿٢٢٢﴾

ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ ގިނަގިނައިން ތައުބާވާ މީހުންދެކި ލޯބިވޮޑީގެންވާ އަދި ގިނަގިނައިން ތޯހިރުވެ އުޅޭ މީހުންދެކެ ލޯބިވެވޮޑިގެންވާ އިލާހެވެ.

ނިމުނީ

މަސްދަރު: ޣަރާއިބުލް ޤަޞަޞް ޑރ. އަޙުމަދު ބިން ސާލިމް

Post a Comment

0 Comments