ފަތިސްނަމާދަށް ދިޔަކުޑަކުއްޖާ

ފަތިސްނަމާދަށް ދިޔަކުޑަކުއްޖާ
ޢަބްދުއްރަޙީމް
މިއީ ޢަރަބި އިސްލާމީ ޤައުމެއްގައި ދިމާވި ޙަޤީޤީ ހާދިޘާއެކެވެ.

މިސްކިތަށް ފަތިސް ނަމާދަށް ދާހިތުން އުޅުނު ކުޑަ ފިރިހެން ކުއްޖެކެވެ. ނަމަވެސް އޭނާގެ ބައްޕަ އޭނާ އެކަނި މިސްކިތަށް ނަމާދަށް ފޮނުވުމަށް ދެކޮޅު ހެދިއެވެ. ސަބަބަކީ ފަތިހު އެކަނި ދަރިފުޅު މިސްކިތަށް ނުފޮނުވަންވެގެންނެވެ.

އޭނާގެ ދަރިފުޅު ބުންޏެވެ. އަހަރެން މިސްކިތަށް ނުފޮނުވަންވީ ކީއްވެގެންހެއްޔެވެ؟ އަހަރެންނާއި އެކު ބައްޕަ ނަމާދަށް ދިޔައިއްޔާ ވާނީ ކީއްހެއްޔެވެ؟
ކުޑަކުއްޖާގެ ބައްޕަ ދެންވެސް މިކުއްޖާ ނަމާދަށް ފޮނުވާކަށް ޤަސްދެއް ނުކުރިއެވެ. އަދި ގޮވައިގެން ދާކަށްވެސް ޤަސްދެއްނުކުރިއެވެ.

އަދި މިކުޑަކުއްޖާ މިކަމާއި ވަރަށް ދެރަވެ މިކަމަށް ކެތްތެރިވިއެވެ.

ދުވަސްގަނޑަކަށް ފަހު ފަތިސްނަމާދަށް އެކަނިދާން މިކުޑަކުއްޖާ ޤަޞްދުކުރިއެވެ. އަދި ގެއިން އެކަކަށްވެސް ނޭނގި ގޭގެ ދޮރު ހުޅުވާފައި މިސްކިތަށް ދާން ނުކުމެއްޖެއެވެ. ނަމަވެސް އަނދިރިކަމުން އެކަނި ދާން ނުކެރި ހުއްޓާ އެގެޔާއި ކައިރިން އަޑެއް އިވެން ފަށައިފިއެވެ. އެއީ ކައިރީގައި ހުރި ގެޔެއްގެ ދޮރު ހުޅުވޭ އަޑެވެ.

އެގޭގައި އުޅޭ މުސްކުޅި ބޭބެއެއް މިސްކިތަށް ދާންވެގެން ނުކުންނަނީއެވެ. ދެން މިކުއްޖާ ކުރިކަމަކީ މުސްކުޅި ބޭބެގެ ފަހަތުން މިސްކިތަށް ދިޔައީއެވެ. އަދި ގޮސް ޖަމާޢަތުގައި ނަމާދުކޮށް ގެޔަށް އަތުވެއްޖެއެވެ. އަދި ކޮންމެ ރެޔަކުވެސް ފަތިސް ނަމާދަށް މިބޭބެގެ ފަހަތުން މިބޭބެއަށް ނޭނގި މިކުޑަކުއްޖާ މިސްކިތަށް ދެއެވެ. އަދި މިކަން އެއްވެސް މީހަކަށް ނޭނގި ތަކުރާރުވަމުން ދިޔައެވެ.

މިހެންގޮސް އެއްދުވަހަކު މި މުސްކުޅިމީހާ ނިޔާވެއްޖެއެވެ. އެބޭބެއަށް ހެޔޮރަޙުމަތްލައްވާށިއެވެ.

މިކުޑަކުއްޖާ މިކަމާއި ވަރަށް ދެރަވެއްޖެއެވެ. އަދި އޭނާގެ ބައްޕައާއި ދިމާއަށް ބުންޏެވެ. “ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމުސްކުޅި ބޭބެ މަރުނުވެ ބައްޕަ މަރުވިނަމަ އަހަރެންނަށް މާ ރަނގަޅެވެ.”

މިވާހަކަ އަހާފައި މިކުއްޖާގެ ބައްޕަގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އަދި އޭނާގެ ދަރިފުޅު ނަމާދަށް ލޯބިކުރާ މިންވަރު އެނގި ބައްޕަވެސް އިސްލާހުވެ އޭގެފަހުން ދަރިފުޅުގޮވައިގެން ނަމާދަށް ގޮސް އުޅެން ފަށައިފިއެވެ.

ނިމުނީ

ފަތިސް ނަމާދުގެ މާތްކަން

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏” މުސްލިމް

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ޢާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރެއްވިއެވެ.

“ދުނިޔެއާއި ދުނިޔޭގައިވާހައި ހުރިހައި އެއްޗަކަށްވުރެ ފަތިސްނަމާދުގެ ދެރަކުޢަތް(އެބަހީ އިހު ސުންނަތުގެ ދެރަކުޢަތް) ހެޔޮކަން ބޮޑުވެގެންވެއެވެ.”

ވީމާ ފަތިސްނަމާދުގެ ހެޔޮކަން ބޮޑުވާނެ މިންވަރު ވަޒަންކޮށްލަމާ ހެއްޔެވެ؟

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“‏ مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ ‏”‏ ‏.(‏މުއްތަފަޤުން އަލައިހި)

މާނައިގެ ތަރުޖަމާއީ: الْبَرْدَيْنِ (އެބަހީ: ފަތިސްނަމާދާއި އަސުރުނަމާދު) ކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

قال رسول الله صلى الله عليه وسلــم : ( من صلى الصبح فهو في ذمة الله ) رواه مسلم

ފަތިސް ނަމާދުކޮށްފިމީހާ ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒިއްމާގެ ދަށުގައެވެ.”

އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. ބުނެވެއެވެ: އެއީ ރައްކާތެރިކަމުގެ ޔަޤީންކަމެވެ. އަދިވެސް ބުނެވެއެވެ: އަމާންކަމެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ޞަހީޙް މުސްލިމުގައި ރިވާވެގެންވެއެވެ.

‏”‏ مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ ‏”‏ ‏.

“ޖަމާޢަތުގައި ޢިޝާ ނަމާދުކޮށްފިމީހާ ރޭގަނޑުގެ ދެބައިކޮށްފައި އެއްބައި ރޭއަޅުކަންކުރިފަދައެވެ. އަދި ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި ރޭގަނޑު (ރޭއަޅުކަމުގައި) ހޭލާ ހުރިފަދައެވެ.”

މާތްﷲ ސުބުހާނަހޫ ވަތަޢާލާ މިމަތިވެރި ނަމާދު ޖަމާޢަތުގައި ކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަކީ މިކަންކަމަށް ފަރުވާކުޑަ ކުރާ ބަޔެއްކަމުގައި ނުލައްވާށިއެވެ. އަޅުގަނޑުމެންނަކީ ހީވާގި ބަޔެއްކަމުގައި ލައްވައި އެއިލާހުގެ ރުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

والله أعلم. و صلى الله وسلم على نبينا محمد و على آله و صحبه أجمعين.

ވާހަކަނެގީ: މައުސޫޢަތުލް ޣަރާއިބުލް ޤިޞަޞް

Post a Comment

0 Comments