ޤުރުއާނިސްޓުންނަކީ ކޮންބަޔެއް؟ އެބައިމީހުންނަށް ރައްދު

ޤުރުއާނިސްޓުންނަކީ ކޮންބަޔެއް؟ އެބައިމީހުންނަށް ރައްދު
أبو عبدالله عبدالرحيم الضهي

މިލިޔުމުގައި ހިމެނެނީ:
އެބައިމީހުންނަކީ ކޮންބައެއްކަން
ޚުލާސާކޮށް އެބައިމީހުންގެ ބާތިލުބައެއް ދައުވާތައް އަދި އެޔަށް ބައެއް ރައްދު
ފެށުން.
الحمدلله الحي القيوم. والصلاة والسلام على أشرف الأنبياء والمرسلين. و على آله و أصحابه أجمعين.

އެބައިމީހުންނަކީ ﷲގެ ކަލާމްފުޅު ކަމަށްވާ ޤުރުއާނަށް އެކަނި ޢަމަލުކުރަން ޖެހޭނެކަމަށް ބުނާ ރަސޫލުﷲ ޞައްލަﷲ ޢަލަައިހި ވަސައްލަމަގެ ސުންނަތަށް އިންކާރުކުރާ ބައިމަދު ޖަމާޢަތެކެވެ. މިބައިމީހުންނަށް ނޭންގޭ ކަމަކީ ޤުރުއާން އައިސްފައިވަނީ އެކަލޭގެފާނުގެ ސުންނަތުގެ ޛަރީއާއިންކަމެވެ. ހަމަ ޙަދީޘް ރިވާކުރެއްވި ބޭބޭކަލުންގެ ކިބައިންކަމެވެ. މިބައިމީހުން ޤުރުއާނަށް ޢަމަލުކުރާ ކަމަށްބުނާ އިރު މިބައިމީހުންނަށް މިއާޔަތް ނުފެންނަ ފަދައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي...އާލް އިމްރާން 31
"(އޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ) ބުނާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައިވާނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ."
އަދިވެސް ނަޖުމު ސޫރަތުގެ 3ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ.
وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾
" އަދި އެކަލޭގެފާނަކީ އެކަލޭގެފާނުގެ ހަވާނަފުސުގެ މައްޗަށް ވާހަކަފުޅު ދައްކަވާ ބޭކަލެއްނޫނެވެ.
އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ހަމަޔަޤީނުން އެކަލޭގެފާނަށް ފޮނުއްވޭ ވަޙީކަމުގައި މެނުވީ ނުވެއެވެ. "
މި އާޔަތް އެބައިމީހުންނަށް ދެއްކިއްޖެކަމުގައި އެބައިމީހުން ބުނެއެވެ. ތިޔައީ ޤުރުއާނުގެ ވާހަކައެވެ. ދެން އެބައިމީހުންގެ އަނގަ ބަންދުކުރެވޭނެ ގޮތަކީ އެއާޔަތުގައި އެއޮތީ އެކަލޭގެފާނު ދައްކަވާ ވާހަކަފުޅުގެ ވާހަކަކަމަށް ބުނުމުންނެވެ. ތިންވަނަ އާޔަތުގައި އެއޮތް يَنطِقُ މި ލަފުޒުގެ މާނައަކީ ޢަރަބި ބަހުގައި ވާހަކަދެއްކުމެވެ. އެބައިމީހުން އެއީ ޤުރުއާންގެ ވާހަކަ ކަމަށްބުނާނަމަ އެބުނެވެނީ ޤުރުއާނަކީ ރަސޫލާގެ ޞައްލަﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުކަމަށެވެ. ނޭންގިތިބޭ ބުނެވޭ ބަހެއްގެ ނުބައިކަމާއެވެ.

އެބައިމީހުންނަށް އެނަން ކިޔުނީ ކީއްވެ؟

މިބައިމީހުންނަށް މިނަންކިޔުނީ މިބައިމީހުން ޤުރުއާނަށް ތަބާވާ ކަމަށް ބުނާތީއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ޤުރުއާނަށް ތަބަޢަވާ ބަޔެއްނޫންކަމެވެ. އެބައިމީހުން ޤުރުއާނުގެ މާނަތައް އެބައިމީހުން ބޭނުންހާ ގޮތަކަށް ނަގައެވެ. އަދި އަނބުރައެވެ. އަދި މިބައިމީހުންވެސް އެތައްބައިތަކަކަށް ބެހެއެވެ. އަދި އޭގެ ތެރެއިން ވަކިމީހަކަށް ތަބަޢަވާ މީހުންނާއި އަދި އަމިއްލަ އަމިއްލައަށް އުޅޭމީހުންވެސް އުޅެއެވެ.

މިބައިމީހުންގެ ދައުވާއަކީ ކޮބާ؟
އަދި މިބައިމީހުން ދަޢުވާ ކުރާ ގޮތުގައި ރަސޫލާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވީ ހަމައެކަނީ ކީރިތި ޤުރުއާން މީސްތަކުންނަށް އަންގަވައިދެއްވުމަށެވެ. އަދި ޤުރުއާނުގައި ޢަމަލުކުރަން ޖެހޭ ހުރިހާކަމެއް ބަޔާންވެގެންވާކަމަށް އެބައިމީހުން ބުނެއެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއްނެތް ވާހަކައެކެވެ. މިކަން އެނގެނީ ކީރިތި ޤުރުއާނުގެ މިއާޔަތުންނެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ ނިސާ ސޫރަތުގެ 80 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ.
مَّن يُطِعِ الرَّ‌سُولَ فَقَدْ أَطَاعَ اللَّـهَ
"ފަހެ ރަސޫލާއަށް ކިޔަމަންވެއްޖެ މީހާ ހަމަޔަޤީނުންވެސް ﷲއަށް ކިޔަމަންތެރިވެއްޖެއެވެ."
މިބައިމީހުން ބުނެއެވެ. ރަސޫލާގެ ސުންނަތަކީ އިތުރުކުރެވިފައިވާ މިޔަނި އެވެނި އެއްޗެކެވެ. އެޔަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ މަތީގައި އިސްވެގޮސްފައިވާ އާޔަތްތައް ނުފުދޭބާއެވެ. އަދި ރަސޫލާގެ ސުންނަތް އައިސްފައިވަނީ ޤުރުއާންވެސް އައިސްފައިވާ މަގުންނެވެ. އެއީ އެކަލޭގެފާނުގެ ޞަހާބީންގެ މަގުންނެވެ. އެޞަހާބީ ބޭކަލުންގެ ބައެއް ރިވާޔަތްތައް ދޮގުކުރި ބަޔަކު އެބޭކަލުން ގެންނެވި ޤުރުއާން ތެދުކުރާނެހެއްޔެވެ؟ މިއީ އެބައިމީހުންގެ ބާތިލު ދައުވާއެކެވެ.

އަދި އެބައިމީހުންނަށް މިއާޔަތް ނުފެންނަނީ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަަތަޢާލާ އަންގަވަނީ އެކަލޭގެފާނު ދެއްވި ކޮންމެ އެއްޗެއްގައި ހިފުމަށެވެ. އަދި ނަހީކުރެއްވި ކޮންމެ އެއްޗެއް ދޫކޮށްލުމަށެވެ.
وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ އަލްޙަޝްރު 7
މާނައިގެ ތަރުޖަމާއީ: އަދި ރަސޫލާ(ޞައްލަﷲ އަލައިހި ވަސައްލަމަ) ގެނެސްދެއްވިތަކެތީގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް މަނާކުރެއްވި ކަންކަމުން ނަހީވެގަންނާށެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަޙީކުރައްވަނީއެވެ.
لَّقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ އަލް އަހްޒާބު 21
ހަމަކަށަވަރުން ﷲއާއި އަދި ޤިޔާމަތްދުވަހުގެ ދަރުމައަށް އުއްމީދުކުރާ މީހާއަށް ﷲގެ ރަސޫލާގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ.

އެނަމޫނާ އެކަލޭގެފާނު ގެންނެވިތަކެތީގައި ނުހިފައި އެތަކެތި ދޫކޮށްލުމުން ލިބޭނެތޯއެވެ. އަދި ޤުރުއާނަށް އީމާންވާ ކަމުގައި ވެވޭނެތޯއެވެ؟ ބުއްދީގެ އަހުލުވެރިންނޭވެ. ސައިތާނާގެ ވަސްވާހުގެ މައްޗަށް ތިޔަބއިމީހުންގެ ބުއްދިތައް އިސްކުރާށެވެ.

ވިސްނާލާށެވެ.

މިސާލަކަށް ނަމާދުގެ ރަކުޢަތްތަކުގެ އަދަދާއި ނަމާދުގެ ވަޤުތުތައް ސީދާ ޤުރުއާނުގައި ބަޔާންވެގެންނުވެއެވެ. އަދި ވުޟޫގެ ސުންނަތްތަކާއި ތަވާފުކުރާއިރު ޖަހަންޖެހެނީ ހަތްބުރުކަމަށް ޤުރުއާނުގައި ބަޔާންވެގެނެއްނުވެއެވެ. އަހަރެމެންނަށް އެހުރިހާ ކަމެއް އެނގެނީ ރަސޫލާގެ ތޯހިރު ސުންނަތުންވެ. ބަންގިއާއި ޤަމަތާއި ނަމާދުގެ ވާޖިބުތަކާއި މިހުރިހާ ކަންކަމެއް އަޅުގަނޑުމެންނަށް އިނގެނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. މިބައިމީހުން ބޭނުންވަނީ އިސްލާމްދީނުގެ މިފުރިހަމަ ނިޒާމު ފުނޑުފުނޑުކޮށްލައި ދީން މިބައިމީހުން ހިތުހުރިހާ ގޮތެއް ހަދާށެވެ. އަދި މިދީނުގެ ހައިބަތު ނަގާލުމަށެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ ... ނިސާ ސޫރަތުގެ 59 ވަނަ އާޔަތުން
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲއަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ. އަދި ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ.

ޝެއިޚު ބިން ބާޒު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިތަނުގައ ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހަށް ކިޔަމަންތެރިވުމަށާއި އަދި އެއިލާހުގެ ރަސޫލާއަށް މުސްތަޤިއްލުކަމެއްގެ ގޮތުގައި ގެންނަވާފައިވެއެވެ. އަދި އަމުރުފުޅު ތަކުރާރު ވަކިންކުރައްވާފައިވެއެވެ. أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ އަދި އެޔަށްފަހު ﷲ ތަބާރަކަވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَأُولِي الْأَمْرِ‌ مِنكُمْ ۖ މިތަނުގައި ޢަމުރުވަކިން ގެންނަވާފައިނުވެއެވެ. ސަބަބަކީ ކަންކަމާއި ހަވާލުވޭ ތިބޭ ވެރިންނަށް ކިޔަމަންތެރިވުންވަނީ ﷲއަށާއި ރަސޫލާއަށް ކިޔަމަންވުމުގައެވެ."

ކީރިތިޤުރުއާނާއި ރަސޫލާގެ ސުންނަތަކީ މިއިސްލާމްދީނުގެ މަސްދަރެވެ.

އަދިވެސް ޝައިޚު ބިންބާޒު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ." ސުންނަތަށް އިންކާރުކޮށްފިމީހާ ނުވަތަ ކީރިތި ޤުރުއާނުން އެކަނިފުދޭނެކަމަށްބުނެ ރަސޫލާގެ ސުންނަތް ދޫކޮށްލުން ހުއްދަވާނެކަމަށް ބުނާމީހާއަކީ ބޮޑުވެގެންވާ ފުރެދުމަކުން މަގުފުރެދިފައިވާ އަދި އެހެންމީހުން މަގުފުރައްދާ ބޮޑުކުފުރުން މުރުތައްދުވެފައިވާ މީހެކެވެ. އެއީ އޭނާ ބުނިބަހުގެ ސަބަބުންނެވެ. އަދި މިބުނުން ނުވަތަ އިއުތިޤާދުވެގެންދާނީ ﷲއާއި އެއިލާހުގެ ރަސޫލާ ދޮގުކުރުމަށެވެ. އޭރުންވާނީ އޭނާގެ މައްޗަށް ﷲއާއި އެއިލާހުގެ ރަސޫލާ އަމުރުކުރައްވާފައިވާ ކަމަކަށް ދެކޮޅުހެދުމަށެވެ. އަދި ދެކޮޅުއެހެދީ އިސްލާމްދީނުގެ މައިގަނޑު އަޞްލަކަށެވެ."

މިކަމުގެ ސަބަބުން ދީނުގައި ދެންބާކީ އޮންނާނީ ކޮންއެއްޗެއްހެއްޔެވެ؟ އަދި އެބައިމީހުން ބޭނުންވަނީ މީސްތަކުން ދީނާއި ދުރުކޮށް ގަތުމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި އެކަލޭގެފާނުގެ ޞަޙާބީން ގޮވާލެއްވި މަގުން މީސްތަކުން ދުރުކުރުމަށެވެ.

މަދީނާ އިސްލާމީ ޔުނިވަރސިޓީގައި ކުއްލިއްޔަތުލް ޙަދީޘްގައި ކިޔަވާދެއްވާ އުސްތާޛެއްކަމަށްވާ ފާއިޒުލް ޤުރައިޝީ ވިދާޅުވެފައިވެއެވެ.
"ޤުރުއާނިސްޓުންގެ މިސާލަކީ އުދުހިފައި ދާ ދޫންޏެއްގެ އެއްފިޔަ ބުރިކޮށްލާ މީހުންގެ މިސާލެވެ. އޭރުން ދޫނި ވަގުތުން ވެއްޓެއެވެ"

މިއުއްމަތް ކިތައްބަޔަށް ބައިވާނެ؟ އަދި ނަޖާވާނެ ފިރުޤާއަކީ ކޮބާ؟
ޞައްޙަ ހަދީޘުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިކަމަށް ޘާބިތުވެފައިވެއެވެ.
"افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي". وفي بعض الروايات: هي الجماعة.
رواه أبو داود والترمذي وابن ماجه والحاكم، وقال: صحيح على شرط مسلم.
މާނައީ: ޔަހޫދީން ހަތްދިހަ އެއްބަޔަށް ބައިވިއެވެ. އަދި ނަޞާރާއިން 72 ބަޔަށް ބައިވިއެވެ. އަދި މިއުއްމަތް 73ބަޔަށް ބައިވާހުއްޓެވެ. އެންމެ ބަޔެއްފިޔަވައި އެހުރިހާ ބައެއް ވާހުށީ ނަރަކައިގައެވެ." އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ރަސޫލުﷲއެވެ. އެއީ ކޮންބައެއްހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ގޮތުގައި ހިފަހައްޓައިގެން ތިބިމީހުންވެ."
ބައެއް ރިވާޔަތްތަކުގައިވެއެވެ. "އެއީ ޖަމާޢަތެވެ."

އަޅުގަނޑުމެން ދުޢާކުރަންވީ އަޅުގަނޑުމެންނަކީ ނަޖާވާ ޖަމާޢަތުގެ ތެރެއިން ވާ ބަޔެއްކަމުގައި ވޭތޯއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ... ޤަޞަޞް 50 ވަނަ އާޔަތް
މާނައީ: ފަހެ އެބައިމީހުން ކަލޭގެފާނަށް ތަބާނުވެއްޖެކަމުގައި ފަހެ ދަންނާށެވެ. ހަމަޔަޤީނުންވެސް އެބައިމީހުން އެތަބާވަނީ ހަމައެކަނި އެބައިމީހުންގެ ހަވާނަފުސަށެވެ."

ވީމާ ﷲއަށް އީމާންވުމަށްފަހު ރަސޫލާއަށް ތަބާވުމަކީ ޗޮއިސްއެއްނޫނެވެ. އެއީ މިއުއްމަތުގެ ނަޖާވާން ބޭނުންވާ މީހުންނަށް އޮތްގޮތެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަކީ މިދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައިވާ ދެ މަޞްދަރެވެ. އެދެ މަޞްދަރަށް އިންކާރުކޮށްފިމީހުންނަކީ ކާފަރުންނެވެ.

---------------------------------------------------------------------------------------------------

ދުޢާއަކީ ތަފާތު ބާތިލު ފިރުޤާތަކުގެ ކިބައިން އަޅުގަނޑުމެން ސަލާމަތްކުރައްވައި ޞައްޙަ އިސްލާމްދީނުގެ މަންހަޖުގައި ހިފައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވުމެވެ. އާމީން

ރެފަރެންސު
1. تدوين السنة لمحمد بن مطر الزهراني رحمه الله
2. مجموع فتاوى لشيح بن باز رحمه الله
3. مادة التوحيد, لصالح السندي جزاه الله خيرا.
4. WWW.ISLAMWEB.NET
5. WWW.AHLALHADEETH.COM

Post a Comment

0 Comments