ޙަދީޘް ޢިލްމުވެރިޔެއްގެ ކެތްތެރިކަން.

ޙަދީޘް ޢިލްމުވެރިޔެއްގެ ކެތްތެރިކަން.
އަބޫ ޢަބްދުﷲ ޅޮހީ
ޙަދީޘް އިލްމު އުގެނުމަށްޓަކައި އަބީ ޙާތިމް މުޙައްމަދު ބިން އިދުރީސް އައްރާޒީ ޙިޖުރީ ސަނަތުން 214 ވަނަ އަހަރު ބަޞަރާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެއް އަހަރު ދުވަހު ބަޞަރާގައި ޙަދީޘް ކިޔެވުމަށްޓަކައި އަޒުމް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނަށް ދިމާވި އިމްތިޙާނާއި އެކަލޭގެފާނު އެކަމަށް ކެތްތެރިވެ ވަޑައިގެންނެވި ގޮތް އެކަލޭގެފާނުގެ ދަރިކަލުން ކަމަށްވާ ޙަދީޘް ޢިލްމުގައި ފުންނާބު އުސްބޭފުޅެއް ކަމަށްވާ އިބުނު އަބީ ޙާތިމް ރަޙިމަހުﷲ ގެންނަވާ ފައިވާ ގޮތަށް ކިޔާލަމާހެއްޔެވެ.

އިބުނު އަބީޙާތިމް ރަޙިމަހުﷲ އެކަލޭގެފާނު ލިޔުއްވާފައިވާ އަލް ޖަރަޙަ ވައް ތަޢުދީލު މިފޮތުގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ.
"ބައްޕަ ދަންނަވާތީ ތިމަންނާ އަޑު އެހީމެވެ. ތިމަންކަލޭގެފާނު ހިޖުރީ ސަނަތުން 214 ވަނަ އަހަރު ބަޞަރާގައި 8 މަހު ހުރީމެވެ. ތިމަންކަލޭގެފާނު ހުރީ އެއްއަހަރު ހުންނެވުމަށް އަޒުމް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް ތިމަންކަލޭގެފާނު ހަރަދު ކުރައްވަން ގެންގުޅުނު ލާރިކޮޅު ހުސްވެއްޖެއެވެ. ދެން ތިމަންކަލޭގެފާނުގެ ހެދުންތައް ހެދުމަކަށްފަހު ހެދުމެއް ވިއްކަން ފަށައިފީމެވެ. އެންމެފަހުން ވިއްކާނެ ހެދުމެއް ނެތިއްޖައުމަށް ދާންދެނެވެ. އަދި ހަރަދު ކުރެވޭނެ މަގު ބަންދުވެއްޖެއެވެ.
އަދި ތިމަންކަލޭގެފާނު ލާރިހުސްވުމުން ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔަކާއި އެކު ޝެއިޚުންގެ އަރިހަށް ޙަދީޘް އަޑުއެހުމަށް ދިޔައީމެވެ. އަދި ރޭގަނޑު ވުމުން ރަޙުމަތްތެރިޔާއާއި ވަކިވެ ގެއަށް އައީމެވެ. އަދި ބަނޑުހައިވެގެންގޮސް ކާނެ އެއްޗެއް ނެތުމުން ބަނޑުހައިކަން ފިލުވުމަށް ކާއެއްޗަކަށް ބޭނުންކުރީ ފެނެވެ.


ދެންއަނެއްކާ އަނެއްދުވަހުގެ ހެނދުނުވެސް ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔާ އާއި އެކު ޙަދީޘް އަޑުއަހަން ދިޔައީމެވެ. އޭރު ބަނޑުހައިކަންވަނީ އިންތިހާއަށް ގޮސްފައެވެ. އަދި ރޭގަނޑުވުމުން ރަޙުމަތްތެރިޔާ ވަކިވެގެން ހިނގައްޖެއެވެ. އަދި ތިމަންކަލޭގެފާނުވެސް ބަނޑުހައިގެންވާ ހާލު ގެޔަށް އެނބުރި އަތުވެއްޖައީމުއެވެ.

އަނެއްކާ އެޔާޖެހިގެން އައި ދުވަހު (ތިންވަނަ ދުވަހު) ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔާ އައިސް ދެންނެވިއެވެ. "ޝެއިޚުންގެ ގާތަށް ދަމާ ހިނގާށެވެ." ތިމަންކަލޭގެފާނު ދެންނެވީމެވެ. " އަހަރެން ވަރަށް ބަލިކަށި ވެއްޖެއެވެ. އަހަރެންނަށް ދެވޭކަށް ނެތެވެ." ރަޙުމަތްތެރިޔާ ދެންނެވިއެވެ. ކަލޭގެފާނުގެ ބަލިކަށިވީ ކިހިނަކުން ހެއްޔެވެ؟.
ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނުގެ މިކަންތައް ކަލޭގެފާނަށް މިއަދު ސިއްރެއް ނުކުރާނަމެވެ. ފަހެ ތިމަންކަލޭގެފާނު އަރުން އެއްޗެއް އެތެރެ ނުކުރާތާ މިހާރު ދެދުވަސް ވެއްޖެއެވެ.

ރަހުމަތްތެރިޔާ ދެންނެވިއެވެ. އަހަރެންގެ އަތުގައި ދީނާރެއް އެބައޮތެވެ. ދީނާރުގެ އެއްބައި ކަލޭގެފާނަށް ދޭހުށީމެވެ. އަނެއްބައި ހަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރާނީއެވެ.
އަދިތިމަންމެން ދެމީހުން ބަޞަރާއިން ނުކުތުމަށްފަހު ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަތުން ބައި ދީނާރު ޤަބޫލުކުރީމެވެ." (1)

ނޯޓު:

އަބީ ޙާތިމް ރަޙިމަހުﷲ
އެކަލޭގެފާނުގެ ނަންފުޅަކީ އަބީ ޙާތިމް މުޙައްމަދު ބިން އިދްރީސުއް ރާޒީއެވެ.
އެކަލޭގެފާނު އިމާމު އަޙުމަދު ބިން ޙަންބަލް ރަޙިމަހުﷲ އާއިއެކު އިލްމުގެ މައިދާނުގައި މަސައްކަތް ކުރެއްވިއެވެ އެކަލޭގެފާނު ވަޤުތަށް ސަމާލުކަން ވަރަށް ބޮޑަށް ދެއްވިބޭކަލެކެވެ. އެކަލޭގެފާނު ވަޤުތަށް ސަމާލުކަން ދެއްވާ މިންވަރަކީ އެކަލޭގެފާނު ކާ ވަޤުތުގަޔާއި ހިނގާ ވަޤުތުގަޔާއި ހައްމާމަށް ވަންނަ ވަޤުތުގަޔާއި އަދި ގެޔަށް ކަމަކު ވަންނަ ވަޤުތު ތަކުގައި އެކަލޭގެފާނަށް ފޮތްކިޔައިދިނުމަށް އެކަލޭގެފާނުގެ ދަރިކަލުންކަމަށްވާ އިބުނު އަބީ ޙާތިމްއާއި ހަވާލުކުރައްވާފައި ހުރެއެވެ. އަބީ ޙާތިމް ރަޙިމަހުﷲ އަވަހާރަވެވަޑައިގެންނެވީ ހިޖުރީ ސަނަތުން 277 ވަނަ އަހަރުއެވެ.


އިބުނު އަބީ ޙާތިމް ރަޙިމަހުﷲ


އެކަލޭގެފާނުގެ ނަންފުޅަކީ އަބޫ މުޙައްމަދު އަބްދުއްރަޙުމާނު ބިން އަބީ ޙާތީމް މުހައްމަދު ބިން އިދުރީސުއް ރާޒީއެވެ. މަޝްހޫރު ވެވަޑައިގެންފައިވަނީ އިބުނު އަބީ ޙާތިމްގެ ނަމުންނެވެ. އެއީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކުންޔާކަމަށްވާ އަބޫ ޙާތިމްއަށް ނިސްބަތްކޮށެވެ.
އިބުނު އަބީ ޙާތިމް އަކީ އިމާމު ބުޚާރީ(އަވަހާރަވީ ހިޖުރީ ސަނަތުން 256) ރަޙިމަހުﷲގެ ދަރިވަރެކެވެ.
އިބުނު އަބީ ޙާތިމް އަކީ ޙަދީޘް އިލްމުގައި އަލްޖަރަޙަ (ޙަދީޘް ރިވާކުރާ މީހުންގެ ރިވާޔަތްތައް ރައްދުކުރުން ނުވަތަ ޤަބޫލު ނުކުރުމާއި ބެހޭ ޢިލްމު) އަދި ތަޢުދީލު( ޙަދީޘް ރިވާކުރާ މީހުންގެ ރިވާޔަތްތައް ޤަބޫލުކުރެވޭ ގޮތާއި ބެހޭ ޢިލްމު) މި ޢިލްމުގައި ފުންނާބު އުސްބޭކަލެކެވެ. އިބުނު އަބީ ޙާތިމް ރަޙިމަހުﷲ އަވަހާރަވެ ވަޑައިގަތީ 328ހ ވަނަ އަހަރުއެވެ.
މަތީގައިވާ ވާހަކަ ނަޤުލު ކުރެވިފައިވާ ފޮތްކަމަށްވާ ޖަރަޙަ ވައް ތަޢުދީލު މިފޮތަކީ އަލްޖަރަޙަ (ޙަދީޘް ރިވާކުރާ މީހުންގެ ރިވާޔަތްތައް ރައްދުކުރުން ނުވަތަ ޤަބޫލު ނުކުރުމާއި ބެހޭ ޢިލްމު) އަދި ތަޢުދީލު( ޙަދީޘް ރިވާކުރާ މީހުންގެ ރިވާޔަތްތައް ޤަބޫލުކުރެވޭ ގޮތާއި ބެހޭ ޢިލްމު) މި ޢިލްމުގައި ލިޔެފައިވާ އެންމެ ބޮޑެތި އެއިލްމުގެ މަސްދަރުކަމަށް ބެލެވޭ ފޮތްތަކުގެ ތެރެއިން އެއްފޮތެވެ.
ޢިބުރަތް: ސަލަފުއް ޞާލިޙުންގެ ބޭކަލުން ޢިލްމަށް ސަމާލުކަން ދެއްވާ މިންވަރާއި އެބޭކަލުންގެ ކެތްތެރިކަން މަތީގައިވާ ފޮޅުވަތްތަކުން އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެއެވެ.
ދުޢާއަކީ މިކަމުން އިބުރަތް ޙާޞިލުކޮށް ކެތްތެރިވެ ވަޤުތުތައް ހެޔޮގޮތުގައި ބޭނުންކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އާމީން.
وصلى الله وسلم على سيدنا محمد و على آله و صحبه.

____________________
(1)تقدمة الجرح والتعديل (ص363-364(

Post a Comment

0 Comments