މަންމައަކާއި ދަރިފުޅެއްގެ ވާހަކަ

މަންމައަކާއި ދަރިފުޅެއްގެ ވާހަކަ
އަބޫ ޢަބްދުﷲ ޅޮހީ
ކުޑަކުދިންގެ ވާހަކަ
އެއްޒަމާނެއްގައި އުޅުނު މުސްކުޅި މަންމައަކާއި އޭނާގެ ދަރިފުޅެވެ. މި މުސްކުޅި މަންމާ ބަލިކަށިވެ މުސްކުޅިވުމާއި އެކު މިދަރިފުޅު މަންމަ ބަލަން ފަށައިފިއެވެ. އަދި ބައެއް ފަހަރު މަންމަގެ ފަރާތުން ދިމާވާ ކަންތައްތަކާއި ކެތްތެރިވުމުގެ ބަދަލުގައި މަންމައާއި ދިމާޔަށް ބަދުބަސްތައް ބުނަން ފަށައިފިއެވެ. އަދި މަންމައާއި ދިމާޔަށް އަޑުލާންވެސް ފަށައިފިއެވެ.
މިގޮތުން އެއްދުވަހަކު މިދަރިފުޅު މަންމަ ފެންވަރުވަންގެން ގިފިލީގައި ހުއްޓެވެ.
މަންމަ ދަރިފުޅުގެ ކުރެން އެހިއެވެ.
ދަރިފުޅާއެވެ. އެހެރަ ގަހުގައި އެއިނީ ކޮންއެއްޗެއް ހެއްޔެވެ؟
ދަރިފުޅު މަންމައަށް ބުންޏެވެ. އެއީ ކާޅެކެވެ.
ކުޑައިރުކޮޅެއްގެ ފަހެވެ. އަނެއްކާވެސް މަންމަ އެސުވާލު ކުރިއެވެ.
ދަރިފުޅު ބުންޏެވެ. ބަލަ އެއީ ކާޅެކެވެ. އަހަރެން އެހެން ބުނަންވީ ކިތައް ފަހަރު ހެއްޔެވެ؟
އަނެއްކާވެސް އިރުގަނޑެއްގެ ފަހުން މަންމަ އެސުވާލު ތަކުރާރު ކުރިއެވެ.
ދަރިފުޅު ހަޅޭއްލަވައިގެންފައި ބުންޏެވެ. "ކާޅޭކޭ. ކާޅޭކޭ. އަޑެއް ނީވޭ ހެއްޔެވެ؟ އެއީ ކާޅެއް." ދަރިފުޅުގެ ގަދައަޑާއި ރުޅިވެރިކަން ފެނިފައި މަންމަގެ ހިތުގައި ޖެހި ވަރަށް ރުޔެވެ.
އަދި ދަރިފުޅާއި ދިމާޔަށް ބުންޏެވެ.
މަންމަގެ ކޮޓަރީގެ މަތާރަން ފިލާމަތީގައި ދަރިފުޅު އެސުވާލު ކުރި ޢަދަދާއި ދުވަސްތައް މަންމަ ނޯޓު ކޮށްފައި ހުންނާނެއެވެ. ކޮންމެ ފަހަރަކުވެސް މަންމަ އެސުވާލަށް ޖަވާބު ދިނީ ލޯތްބާއި ހަމްދަރުދީއާއި އެކުގައެވެ.
ދަރިފުޅު މަޑު މަޑުން ގޮސް އެފޮތް ނަގާ ބަލާލިއެވެ.
އެފޮތުގައި ވަނީ މުޅިން އެއްސުވާލެކެވެ. އަދި އެއްޖަވާބެކެވެ.
ކޮންމެ ސުވާލެއްވެސް ކުރި ދުވަހާއި ވަޤުތު ލިޔެފައި ހުއްޓެވެ.
މިދަރިފުޅު މިކަމާއި ވިސްނާލިއެވެ. އަދި ދުވަހަކުވެސް މައިންބަފައިންނަށް ނުބައިމީސްކޮށް ކަންތައް ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ.
ނިމުނީ
މަންމަގެ މާތްކަން
މިފަދަ ވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ކިޔާދެއްވުމުގެ ޙިކުމަތަކީ އިސްލާމްދީނުގައި މައިންބަފައިންނަށް ދޭ ދަރަޖަ ބަޔާންކޮށްދީ އެފަދަ އަމަލުތަކަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިކަމުން މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. މަތީގައި އެވާ ހަދީޘްގައި ބަޔާން ކުރެވިފައި އެވަނީ މިމައުޟޫއާއި ގުޅޭ ތަންކޮޅެވެ. ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. “وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ“ (لقمان 14) މާނައީ: “އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ.”
އެއްދުވަހަކު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ.
يَا رَسُولَ اللَّهِ ! أَيُّ النَّاسِ أَحَقُّ مِنِّي بِحُسْنِ الصُّحْبَةِ ؟ قَالَ : ” أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ ” قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أَبَاكَ ” . (رواه مسلم)
މާނައީ: “އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުގެމައްޗަށް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” ސުވާލު ތަކުރާރު ކުރުމުން ޙަދީޘްކުރެއްވިއެވެ. “ތިބާގެ ބައްޕައެވެ.”
ނިމުނީ

Post a Comment

0 Comments