ޙަޤީޤީ ޙާދިޘާ: ޞާލިޙު ޒުވާނާއާއި ބިސްކޯދު

ޙަޤީޤީ ޙާދިޘާ: ޞާލިޙު ޒުވާނާއާއި ބިސްކޯދު
އަބޫ ޢަބްދުﷲ ޅޮހީ

ނޯޓު: މިވާހަކައަކީ ވަރަށް އަސަރުގަދަ އިބުރަތުން ފުރިގެންވާ މިޒަމާނުގެ ޒުވާނުން އިބުރަތް ޙާޞިލުކުރަން ޖެހޭ ޙަޤީޤީ ޙާދިޘާއެކެވެ. މިވާހަކަ ކިޔައިދެއްވާފައިވަނީ ވީޑިއޯއިން އެފެންނަ ޝެއިޚު މުޙައްމަދު ޝަހުރާނީއެވެ. ޝެއިޚު ކިޔައިދެއްވިއެވެ.

".. އަހަރެން އެޒުވާނާ ދަންނަމެވެ. އެޒުވާނާއަކީ އަހަރެން ދަންނަ ޒުވާނެކެވެ. ނަމަވެސް އެއީ ބަނީ އިސްރާއިލުންގެ ތެރެއިންވާ ޒުވާނެކޭ އަހަރެން ނުބުނަމެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އަހަރެމެންގެ މިފަސްގަނޑުގައި އުފަންވި އަހަރެމެންގެ ލޭހިނގާ އަހަރެމެންގެ ނަސްލުގެ ކުއްޖެކެވެ. ހުދު އަހަރެން އެޒުވާނާ ދަންނަމެވެ.

ޢާންމު ގޮތެއްގައި އުޒުވާނާ އަބަދުވެސް ރޮއެހަދައެވެ. ކަރުން އޮހޮރައެވެ. އޭނާއަށް ޤުރުއާން ކިޔަވާއަޑު އިވިއްޖެނަމަ އޭނާގެ ލޮލުން ކަރުނަ ނުއޮހޮރޭ ފަހަރެއް ނުދެއެވެ. އަދި ހަމަހިމޭންވެ މަޑުމައިތިރިވެއެވެ. އެއީ އާދަޔާ ޙިލާފު އަޖައިބު ކުރަނިވި ކުއްޖެކެވެ.

އޭނާ ޤުރުއާން ހިތުދަސްކުރީ އޭނާގެ އުމުރުން އެންމެ ބާރަ އަހަރުގައެވެ. ނަމަވެސް އޭނާގެ ޢިލްމުވެރިކަން އޭނާގެ ޢިލްމާ ނުބައްދަލެވެ. އޭނާ ޢިލްމުވެރިކަމުގެ ގޮތުން އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިލްމުގައި އޭނާގެ އުމުރަށް ވުރެ މާބޮޑަށްވެސް ބޮޑެވެ. އަދި ކިއެއްހެއްޔެވެ؟ އޭނާއަށް ﷲ ދެއްވި ދަރަޖައަށްވުރެ މަތީ ދަރަޖައަކަށް އަހަރެން ނޫފުލާހުށީމެވެ.(ބަސްތަކުން)
އަހަރެން އޭނާގެ ވާހަކަ މިކިޔައިދެނީ އަހަރެންގެ އަމިއްލަ ނަފުސުން ޝަރުތެއް ކަނޑައެޅުމަށްފަހުގައެވެ. އެއީ އަހަރެންގެ ލޮލަށް ފެނުނު އެއްޗެއްމެނުވީ އޭނާއާއި މެދު ބަޔާން ނުކުރުމެވެ. ދެވަނަ ޝަރުތަކީ އޭނާއާއި މެދު އަހަރެން ބުނާ އެއްޗެއްގަ މުބާލަޣާ(ބޮޑުކޮށްލައިގެން ކަންހިނގިގޮތަށް މެނުވީ) ބޭނުން ނުކުރުމެވެ.

އަހަރެންގެ ގާތުގައި އެޒުވާނާ ޞަހީޙް މުސްލިމް ޙަދީޘް ފޮތް ދެހަފުތާއިން ހިތުދަސްކުރިއެވެ. އަދި އަހަރެންގެ އެހެން ރައްޓެއްސެއްގެ ކައިރިން އެޒުވާނާ ޞަޙީޙް ބުޚާރީ ދެހަފުތާއިން ދަސްކުރިއެވެ. އެއީ އަހަރެންނާއި އަހަރެންގެ ރަޙުމަތްތެރިޔާ ކައިރިން އެޒުވާނާ ޞަހީޙް ބުޚާރީއާއި ޞަޙީހް މުސްލިމު ދަސްކޮށްފައިވަނީ އެންމެ ދެހަފުތާއިންނެވެ. އެބަހީ އެޒުވާނާ ޞަހީޙް ޞަހީހް ބުޚާރީ ދަސްކުރީ ޞަހީހް މުސްލިމުވެސް ދަސްކުރި ހަފުތާގައެވެ. ކިޔުންތެރިންނަށް އެނގިލައްވާތޯއެވެ؟ އެޒުވާނާ ޞަހީޙް ބުޚާރީ ދަސްކުރިކަމެއް އަހަރެންނަކަށް ނޭންގެއެވެ. އަދި އަހަރެންގެ ރަޙުމަތްތެރިޔާއަކަށް އޭނާ ޞަޙީޙް މުސްލިމް ދަސްކުރިކަމެއްވެސް ނޭނގެއެވެ. އޭނާ އަބަދުވެސް ސިއްރީ އައްސިޤްތީ ރަޙިމަހުﷲއަށް ލޯބިކުރައްވައެވެ. އެއީ ކީއްވެކަން އެނގިލައްވަތޯއެވެ؟ ސަބަބަކީ ޚާއްޞަކޮށް އސިއްރީ އައްސިޤްޠީ ރަޙިމަހުﷲ(ތިންވަނަ ޤަރުނުގައ އުޅުއްވި ޞަލަފުންގެ ޢިލްމުވެރި ބޭކަލެއް) އަކީ އަބަދުވެސް އިޚުލާސްތެރިކަމާއި އެކީ ކަންތައްތައް ކުރުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

އެޒުވާނާ ސުކޫލުގައިވެސް އެހާ ރަނގަޅު ޒުވާނެކެވެ. ޙަޤީޤަތުގައި ސުކޫލުގައިވެސް އެންމެ ރަނގަޅު އެއްކުއްޖެއް ކަމުގައި އެޒުވާނާ ވިއެވެ. އަދި މަދަރުސާއިން އައުމަށްފަހުގައި ނިދާލާނީ މެންދުރުވަންދެނެވެ. އަދި ޢަޞުރު ނަމާދަށްފަހު މިސްކިތުގައި އޮންނަ ޙަލަޤާ ތަކަށް(މިސްކިތުގައި އޮންނަ ކުލާސްތައް) އެޒުވާނާ ޙާޟިރުވާނެއެވެ. އަދި މަޣުރިބު ފަހުން ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޒިރުވާނެއެވެ. އަދި އިޝާފަހުން އެގާރަ ޖަހަންދެން ސުކޫލުގެ ފިލާވަޅުތައް ދަސްކުރާނެއެވެ. އެއީ ވަކިދުވަހެއް ނޫނެވެ. ހުރިހާ ދުވަހެއްގައެވެ. އަދި ދަމުނަމާދު ކޮންމެ ރެއަކު ފަޖުރުވަންދެން ކުރުމުގައި ދެމިހުރެއެވެ.

މިއީއަކީ މުބާލަޣާއެއްނޫނެވެ. އެޒުވާނާއަކީ އަހަރެމެންގެ ތެރެއިން އަހަރެމެންގެ ދަރިންގެ ތެރެއިން ޒުވާނެކެވެ. އަދި އަހަރެމެންނާ އެއްގައުމަކަށް ނިސްބަތްވާ ޒުވާނެކެވެ.

އަދި އެޒުވާނާ ކީރިތި ޤުރުއާން ކިޔަވާ ކޮންމެ އިރަކު ރޮއެ ހަދައެވެ. އަހަރެން އެމަންޒަރު ކިޔައި އުޅެނީ ސަލަފުންގެ ވާހަކަތަކުންނެވެ. ޞަލަފުންގެ ބޭކަލުން ކީރިތި ޤުރުއާން ކިޔަވާހިނދުގައި އެބޭކަލުން ހަބަރު ހުސްވާ(ހޭނެތުން) ވާހަކަ ކިޔައި އުޅެނީ އެބޭކަލުންގެ ވާހަކަތަކުންނެވެ. އަދި ޢިލްމުވެރިން މިކަމާއި ގުޅިގެން ޚިލާފުވެލައްވާފައިވާކަން އަހަރެން ދެނެހުރީމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ލޮލުން މިމަންޒަރު މިޒުވާނާގެ ކިބައިން ނޫނީ ނުދެކެމެވެ. އަދި ހުކުރު ދުވަހުގެ ޖަމާޢަތުގައި އިމާމު ކިޔަވާ ވިދާޅުވިއެވެ.
(وَنَادَىٰ أَصْحَابُ النَّارِ‌ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ...އަޢުރާފު 50 ވަނަ އާޔަތުން) މާނައިގެ ތަރުޖަމާޢީ: "އަދި ނަރަކައިގެ އަހުލުވެރިން ސުވަރުގޭގެ އަހުލުވެރިންނަށް ގޮވާނެއެވެ. އަހަރެމެނަށް ބޯފެން ފޮދުވަރެއް ދީބަލާށެވެ...." އަދި މިއާޔަތް އިވިފައި ކުރިއަސަރުން އެޒުވާނާ އުޑުތިލަމައްޗަށް ވެއްޓުނެވެ. އަދި އޭނާ މަރުވީކަމަށް އަހަރެމެން ހީކުރީމުއެވެ.

އަދި އެއްރެޔަކު އަހަރެންގެ ގޭގައި އަހަރެމެން ދެމީހުން ދަމުނަމާދު ކުރީމެވެ. އަދި އެޒުވާނާ ކުރާ ކަމެއް ބެލުމަށްޓަކައި އަހަރެން ނިދާކަމަށް ހެދީމެވެ. އަދި އަހަރެންގެ ކައިރިއަށް އެޒުވާނާ އައިސް އަހަރެން ނިދާފައި އޮތްތޯ ގައިމުކޮށްލުމަށްޓަކައި އަހަރެންގެ މޫނުމަތީގައި އަތުން ހަނާ އަޅާލިއެވެ. އަދި އެގާރަ ޖަހާއިރު އެޒުވާނާ ތެދުވިއެވެ. އަހަރެން ނިދިނިދިފައި ހޭލެވެމުން ދިޔައެވެ. އަދި އެޒުވާނާ ޤިޔާމުގައި ހުރެއެވެ. އަދި އެޒުވާނާ ތިރިއަށް ދާތަން އަހަރެންނަށް ނުފެނެއެވެ. އަދި އެޒުވާނާ ދެން ރުކޫޢަށް ދާނެއެވެ. އަދި އިއުތިދާލަށް ތެދުވާތަން އަހަރެންނަށް (ޤިޔާމާއި ރުކޫޢުގެ ދިގުކަމުގެ ސަބަބުން) ނުފެނެއެވެ.

އަދި އެހެން ރެޔެއްގައި އެޒުވާނާ ޤުރުއާން ކިޔަވަމުން ދިޔައެވެ. އެޒުވާނާ މިއާޔަތް އަހަރެންގެ ކުރިމަތީގައި އިނދެ ކިޔެވިއެވެ. كَلَّا ۖ إِنَّهَا لَظَىٰ ﴿١٥﴾ نَزَّاعَةً لِّلشَّوَىٰ ﴿١٦﴾ (އަލްމަޢާރިޖު) މާނައިގެ ތަރުޖަމާއީ: އަދި ހަމަހިލާ އެހެނަކުން ނޫނެވެ. އެއީ އަނދައަނދާހުރީ ނަރަކައިގެ އަލިފާނެއެވެ. ބޮލުގެ ހަންގަނޑު (އެއްކޮށް އެނދުމުގެ ސަބަބުން) ނޮޅިގެން ދެއެވެ." މިއާޔަތް ކިޔެވުމާއި އެކު އެޒުވާނާ ރޯން ފެށިއެވެ. އަދި އެޔާއެކު ހަބަރު ހުސްވެގެން ވެއްޓިއްޖެއެވެ. އަދި އަހަރެން އެޒުވާނާ ހޭއެރުވުމާއެކު އެޒުވާނާ ތެދުވެ ވުޟޫކުރުމަށްފަހު ނަމާދުކުރިއެވެ. އަދި އަނެއްކާވެސް އެއަޔާތް އެޒުވާނާ ކިޔެވިއެވެ. އަދި އެޒުވާނާ އަނެއްކާވެސް ރޯން ފެށިއެވެ. އަދި ހޭނެތިގެން ވެއްޓުނެވެ. އަދި ތިންވަނަ ފަހަރަށްވެސް ހޭއެރުމުން މިޒުވާނާ އެއާޔަތާއި ޖެހުމުން ހަބަރު ހުސްވިއެވެ. އަދި އަލުން އެޒުވާނާ ހޭއެރީ ފަތިސް ނަމާދު ބަންގި ގޮވަނިކޮށެވެ.

އެޒުވާނާ ދަމު ނަމާދުގައި ތިންދުވަހުން މުޅި ޤުރުއާން އެއްކޮށް ކިޔަވާ ނިންމައެވެ. އަދި ދުވާލުގެ ވަޤުތުތަކުގައި ކިޔަވައިގެން ހަތް ދުވަހުން ޤުރުއާން ޚަތިމުކުރެއެވެ. އަހަރެން މިހަދަނީ ދޮގެއްނޫނެވެ. މިއީ އަހަރެން ދެލޮލުގެ ކުރިމަތީގައި ފެނުނު ކަންކަމެވެ. ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. ދުވާލަކު ބާރަ ހާހަށް ވުރެ ގިނަ ފަހަރު އެޒުވާނާ ﷲގެ މަތިން ހަނދުމަކުރެއެވެ. އަހަރެން އޭނާއާއި އެކު އިށީނދެ އިނދެގެން އަހަރެން ގުނީމެވެ. ބާރަ ހާސް ފަހަރެވެ. އަހަރެން އެޒުވާނާ ގާތު އެހީމެވެ. "ކީއްވެގެން ހެއްޔެވެ؟" އެޒުވާނާ ބުންޏެވެ. " އަހަރެންނަށްވުރެ ގިނައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު މިކަމުގައި އިސްވުމަށް އަހަރެން ނޭދެވެނީއެވެ. " (އެބަހީ އެޒުވާނާ އެމަސައްކަތްކުރަނީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުއަށްވުރެ ގިނައިން ﷲގެ މަތިން ހަނދުމަކުރެވޭތޯއެވެ. ) މިޒުވާނާގެ ގައިގައި ވަނީ ޣީރަތްތެރިކަން އުފެދިފައެވެ. ނަމަވެސް އެޣީރަތްތެރިކަން ގުޅިފައިވަނީ އަޅުކަމާއެވެ.

އޭރު މި ދަރަޖައިގައި ހުރި އިރު މިޒުވާނާގެ އުމުރަކީ ހަމަ އެންމެ ސަތާރަ އަހަރެވެ.

މިޒުވާނާއާއި މެދުގައި ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގެއެވެ. މިޒުވާނާ އެއްވެސް މަތަނެއް ދަސްކުރަން އުޅެފިނަމަ އަހަރެން ބުނަމެވެ. ނިކަން މި މަތަން ދަސްކޮށްބަލާށެވެ. ވާނެހެއްޔޭ ބުނެ ތަހައްދީ ކުރަމެވެ. ޒުވާނާ ޖަވާބު ދެއެވެ. އަހަރެންނާ ތަހައްދީ ނުކުރާށެވެ. ދެން އަހަރެން އޭނާއާއި ތަހައްދީ ކުރުމުގެ ގޮތުން އެބަސް ތަކުރާރު ކުރަމެވެ. އަނެއްދުވަހު އޭނާ އަންނާނީ އެމަތަނެއް( text) ދަސްކޮށްގެންނެވެ. އައިސް އޭނާގެ ނަންކިޔައިދޭ ފަދައިން އެމަތަނެއް ކިޔައިދެއެވެ. ތިން ކުށް ކިއިއްޖެ ކަމުގައި ވާނަމަ އެޒުވާނާ އެދަސްނުވާ ކަމަށް ނިންމައެވެ. ހަމަ އެންމެ ތިން ކުށެވެ.

މިޒުވާނާއަކީ ތައުބާވާ މީހުންގެ ތެރެއިންވާ ޒުވާނެކެވެ. އަދި ކީއްތަ އެކުށަކީ ކޮން ކުށެއްކަން ތިބާއަށް އެނގޭނެ ނަމައެވެ. ފަހުން އަހަރެން އެކަން ބަޔާންކުރާ ހުށީމެވެ.

އަހަރެމެން މީހަކާއި މެދުގައި ދައުވަތު ދިނުމަށްފަހު އިސްލާހު ނުވެއްޖެނަމަ އޭނާއާއި މެދުގައި އުއްމީދު ކެނޑި އެހެންމީޙުންނަށް ދައުވަތު ދިނުމާއިގެން އުޅެވެއެވެ. މިއީ އަހަރެންގެ އަމިއްލަ ނަފުސުގެ ވާހަކައެވެ. އެހެންމީހުންގެ ގޮތް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. މިޒުވާނާއަކީ އޭނާގެ ދުޢާ އިޖާބާވާ ކަމަށް ސަތާރަ މީހުން ހެކިވާނެ ޒުވާނެކެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އަހަރެމެން ޒުވާނަކާއި މެދު އުއްމީދު ކެނޑިއްޖެނަމަ އޭނާގެ ކައިރިން އެމިހަކަށް ދައުވަތު ދިނުމަށް އެދެމެވެ. ﷲ ގަންދީފައި ބުނަމެވެ. ދެދުވަހެއްފަހުން އެމީހަކަށް ﷲ ހިދާޔަތު ދައްކަވައެވެ. އެޒުވާނާ އެމީހަކަށް ދަޢުވަތު ދިނުމަށް ހޭދަކުރީ އެންމެ ދެދުވަހެވެ. ފުރަތަމަ ދުވަހު ދެވަނަ ދުވަހު، ޖަމާޢަތުގެ ފުރަތަމަ ސަފުގައި ނަމާދުކުރެއެވެ. އެމީހަކީ ސިގިރޭޓު ބޯމީހެއްކަމުގައި ވިޔަސް ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމުގައިވިޔަސް އަދި އެނޫން ކަމެއްކުރާ މީހެއްކަމުގއި ވިޔަސް މެއެވެ. އެމީހަކު ﷲގެ ރަޙުމަތުން އިސްލާހުވެދެއެވެ. މިއީ ﷲގެ ހެޔޮވެގެންވާ ބަރަކާތެވެ. ބަރަކާތްތެރިކަމެވެ.

އެއްދުވަހަކު ދެކުނު ސަރަހައްދު މިސްކިތެއްގައި ނަމާދު ދިގުކުރުމަށް މަޝްހޫރު ޢިލްމުވެރިޔެއްގެ ފަހަތުގައި މިޒުވާނާ ނަމާދުކުރިއެވެ. މިއިމާމު ނަމާދު ދިގުކުރަނީ ސުންނަތަށް ތަބާވުމަށްޓަކައެވެ. ދެން ފިރިހެނަކު އައިސް އޭނާގެ އަތުގައި އޮތް ދަނޑިބުރިއަކުން މިއިމާމު އަހަރެންގެ ކުރިމަތީގައި ރުކޫޢަށް އޮއްވާ އުނަގަނޑު މަތީގައި ޖަހައިފިއެވެ. ނަމާދުގެ ފަހުން އިމާމު އޭނާއަށް ބަލާލުމަށްފަހުގައި ޖެހީ ކީއްވެގެންތޯ މިމީހާގެ ކައިރިން ސުވާލުކުރިއެވެ.

އޭނާ ބުންޏެވެ. ކަލޭތވަނީ ވަސްވާސްތެރިކަމެއް ޖެހިފައެވެ. ނަމާދު މާދިގުކުރަނީއެވެ.

އިމާމު ޖަވާބުގައި ބުންޏެވެ. ތިބާއަކީ ޞިއްޙަތު ސަލާމަތުން ހުރިމީހެކެވެ. ތިބާތިވަނީ ޞިއްޙަތު ސަލާމަތުން ނޫންހެއްޔެވެ؟
އެމީހާ ބުންޏެވެ. އަހަރެން ޞިއްޙަތު ސަލާމަތުން ހުރިކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟

ދެން މިޒުވާނާ އޭނާގެ ދެއަތް ﷲއަށް ދުޢާކުރުމަށްޓަކައި މައްޗަށް އުފުލައިފިއެވެ. އެވަޤުތު އަހަރެންގެ ހިތް ހުއްޓުން ފަދައެވެ.
އަދި ޒުވާނާ ދުޢާކުރިއެވެ. އޭ ﷲއެވެ. އޭނާއަށް އޭނާގެ ޞިއްޙަތުގެ އަގު އެނގި އިބަ ﷲގެ ޙަޟްރަތަށް ފުރިހަމަގޮތުގައި ނަމާދުކުރުމުގެ އަގު އެނގިއްޖައުމަށް ދާންދެން އޭނާގެ ޞިއްޙަތު ގެންދަވާށިއެވެ. އެއީ ޢަޞުރު ވަޤުތެވެ. ﷲ ގަންދީފައި ބުނަމެވެ. އެމީހާއަށް މަޣުރިބު ނަމާދު ޖަމާޢަތުގައި ނުކުރެވުނެވެ. އޭނާ އޮތީ އޭނާގެ ގޭގައި އެނދުގައި އޮށޯވެއެވެ. މަދުހަފުތާތަކެއް ފަހުން އަހަރެންނަށް މިޒުވާނާ ފެނިގެން ބުނީމެވެ. އޭ އަޚާއެވެ. ﷲއަށް ބިރުވެތި ވާށެވެ. އެމީހާ އޮތީ ބަލިއެނދުގައެވެ. ﷲއަށްޓަކައި ބުނަމެވެ. އެޒުވާނާ ޖަވާބު ދިނެވެ. އަހަރެންގެ އަޚާއެވެ. އަހަރެންގެ ޤަޞްދަކީ މިހެން ހެދުމެއް ނޫނެވެ. އަހަރެން ބުނީމެވެ. "ﷲއަށް އޭނާއަށް ސިފާދެއްވުން އެދި ދުއާކުރާށެވެ." ﷲގަންދީފައި ބުނަމެވެ. ބަލިއެނދުގައި އޮތްމީހާ ޖެހިގެން އައި ނަމާދު ކުރީ އަހަރެމެންނާއި އެކު ޖަމާޢަތުގައެވެ.

ޙަރަމްފުޅުގައި އޭނާ ބޯ އައިނެއް އަޅައެވެ. އަހަރެން ބުނަމެވެ. މިއީ އަހަރެމެންގެ ޒަމާނުގެ ތަޢުބާވެފައިވާ މީހާއެވެ. އަހަރެން އޭނާ ދަންނަމެވެ. އޭނާއަކީ އަހަރެންގެ ރަޙުމަތްތެރިއެކެވެ. އަހަރެންވަނީ އުމުރުގެ ގޮތުން އޭނާއަށްވުރެ ބޮޑު މީހަކަށެވެ. ނަމަވެސް އޭނާއަކީ އަހަރެންނަށްވުރެ ބޮޑުމީހެކެވެ. އަދި ﷲސުބުޙާނަހޫ ވަތަޢާލާ އޭނާއަށްދެއްވި ތަޒުކިޔާގެ މައްޗަށް އަހަރެން ތަޒުކިޔާ ނުކިޔާހުށީމެވެ.

އެބައިމީހުން އެއްދުވަހަކު ޙަރަމްފުޅުގައި ތިއްބެވެ. އަދި މިޒުވާނާ ހުރީ އައިނު އަޅައިގެންނެވެ. އަދި އައިނުގެ ސަބަބުން ޒުވާނާއަށް އުނދަގޫ އިހުސާސްކުރެވުނެވެ. އަދި ޒުވާނާ ބުންޏެވެ. އަހަރެންނަށް މިއައިނު އަޅައިގެން ފަލަސްތީނަކަށް ނުދެވޭނެއެވެ. އަދި އެހެން ބުނެ ސަތާރަ މީހުންގެ ކުރިމަތީގައި މިޒުވާނާ ޒަމްޒަމް ފެން ބުއިމަށް ދިޔައެވެ. އަދި އައިނު ނެގުމަށްފަހު މިޒުވާނާ ބުންޏެވެ. އޭ ﷲ އެވެ. އަހަރެންގެ ލޮލުގެ ފެނުމަށް ސިފާދެއްވާށިއެވެ. އަދި ޒަމްޒަމް ފެން ބުޔެވެ. ދެން ޒުވާނާ ﷲ އަކުބަރު ކިޔުމަށްފަހު އައިނު އެއްލިއެވެ. އެޒުވާނާއާއިއެކު ތިބިމީހުން މިކަން ޓެސްޓުކޮށްލަން ބޭނުންވިއެވެ. އަދި އެކަކަށްވެސް ސާފުނުވާހާ ދުރުގައި ހުރި ގަޑިޔެއް ދައްކާފައި ގަޑިން ވީ ކިހާއިރެއްތޯ ސުވާލުކުރިއެވެ. ޒުވާނާ މިޔަނި އެވެނި ވަރެއްކަމަށް ބުންޏެވެ. ހަމަ ސީދާ ގަޑިން ވީ ވަރެވެ. އަދި މިޒުވާނާ ޤުރުއާން ބަލައިގެން ކިޔެވިއެވެ. އޭނާގެ ލޮލުގެ ފެނުން ހަމަ ބަރާބަރެވެ.

އޭނާގެ ދުޢާ ﷲ އިޖާބަކުރައްވައެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތައާލާ ވަހީކުރައްވައެވެ. (أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ
ބަޤަރާ 186)މާނައިގެ ތަރުޖަމާއީ: " ތިމަންއިލާހު ދުޢާކުރާ މީހާގެ ދުޢާއަށް އޭނާ ދުޢާކުރުމުން އިޖާބަ ދެއްވަމެވެ."
އަދި މިފަދަ އެތައް އެތައް ކަމެއް ހިނގައިފައި އެބަހުއްޓެވެ. ނަމަވެސް ވަޤުތުގެ ދަތިކަމާހުރެ ހުރިހާ ވާހަކަތަކެއް ބަޔާންކޮށްނުދެވޭ ހުއްޓެވެ.

ތިބާއަށް އެނގޭ ހެއްޔެވެ؟ އޭނާގެ ފާފައާއި މެދުގައި އެއްދުވަހުއަހަރެން ސުވާލުކުރީމެވެ. ސުވާލު ކުރީ އެޒުވާނާ މިއާޔަތް ކިޔެވި ދުވަހެއްގައެވެ.( يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ) (އާލް އިމްރާން 106) ތަރުޖަމާއީ: " އަދި އެދުވަހަކުން(އެބަހީ ޤިޔާމަތްދުވަހުން ބައެއްމޫނުތައް އަލިވާހުއްޓެވެ. އަދި ބައެއްމޫނުތައް އަނދިރިވެގެންދާ ހުއްޓެވެ." ﷲ ގަންދީފައި ބުނަމެވެ. އެޒުވާނާ އަހަރެން ހިތްފަޅިފަޅިވެގެންދާ މިންވަރަށް އެދުވަހު ރުޔެވެ. އަހަރެން އެޒުވާނާއަށް ބުނީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމ ޙަދީޘްފުޅު ކުރެއްވި(ބަސްފުޅުގެ މާނައިގައި)ވެއެވެ. " އަދި އެންމެ ނުބައިވެގެންވާ މީހަކީ އެމީހަކު ދުއާކުރުމުން ﷲ އެމީހެއްގެ ދުޢާ އިޖާބަ ނުކުރައްވާ މީހާއެވެ..." އޭ މީސްތަކުންނެވެ. އަހަރެންވެސް އެޒުވާނާ ރުއިފަދައިން ރޯން ބޭނުންވިއެވެ. އަދި އެޒުވާނާއަށް އިހުސާސްވި އުފާ ލިބިގަތުމަށް އަހަރެންވެސް ބޭނުންވިއެވެ.

އެޒުވާނާ ބުންޏެވެ. އަހަރެންގެ ހަޔާތުގައި ވަނީ ފާފައަކަށް އަރައިގަނެވިފައެވެ.

އަހަރެން ސުވާލު ކުރީމެވެ. އެފާފައަކީ ކޮބައި ހެއްޔެވެ؟

ތިޔަބައިމީހުންނަށް އެއީ ކޮން ފާފައެއްކަން އެނގޭ ހެއްޔެވެ؟ އެނގިއްޖެނަމަ ތިޔަބައިމީހުން ހޭނެއެވެ. އަހަރެން އެފާފަ ބަޔާންކޮށްދޭނަމެވެ. އެޒުވާނާ ބުންޏެވެ. "އަހަރެން މަދަރުސާގައި ގުރޭޑު ދޭއްގައި އުޅުނު އިރު އެއްދުވަހަކު ފިހާރައަކަށް ދިޔައީމެވެ. އަދި ބިސްކޯދެއް ނަގައި އަހަރެން އޭތި ކޭމެވެ. އަދި ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑަކަށް ނަރަކަ އަޢުލާކަންބޮޑުވެގެންވެއެވެ. (ސަބަބަކީ އެބިސްކޯދަކީ އޭނާގެ ބިސްކޯދަކަށް ނުވާތީއެވެ.)

އެޒުވާނާ މަރުވެއްޖެއެވެ. މަރުވެއްޖެއެވެ. ﷲ އޭނާއަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އެޒުވާނާ މަރުވީ އެޒުވާނާގެ އުމުރުން ހަމަ އެންމެ ވިހި އަހަރުގައެވެ. އެޒުވާނާ މަރުވީ މީހަކު ބަޑިއަކާ ކުޅެނިކޮށް އޭގެ ވަޒަން ނުކުމެގެން ގޮސް އެޒުވާނާގެ ގަޔަށް އަރައިގެންނެވެ. އެއީ އެކްސިޑެންޓެކެވެ. އެޒުވާނާ މަރުވީ އެހާ ޞާލިޙު ޒުވާނެއްގެ ގޮތުގައެވެ. އަހަރެން އެޒުވާނާއާއި މެދުގައި އުއްމީދުކުރީމެވެ.
ނަމަވެސް އެޒުވާނާ މަރުވީއެވެ. އެހުރިހަ ކަމެއް ނިމުނީއެވެ. "

އަޅުގަނޑުމެން އެންމެންނަކީ މިކަމުން އިބުރަތް ޙާޞިލުކޮށް ﷲގެ މަގުގައި ފައިތިލަ ސާބިތުކުރާ ބަޔެއްކަމުގައި ލައްވާށިއެވެ.
سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك و أتوب إليك.

މިލިޔުމުގެ އަސްލު: މަސްދަރު

ނޯޓު: އާޔަތްފިޔަވައި ބުރެކެޓުގައި އެއްޗެއްވާނަމަ އެއީ ތަރުޖަމާ ސާފުކޮށްދިނުމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ބަހެވެ.

Post a Comment

0 Comments