އިމްސާކު ވަޤުތަކީ ބިދުޢައެއް. ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ

އިމްސާކު ވަޤުތަކީ ބިދުޢައެއް. އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ
ދިސަލަފިއްޔާ
(މަސްދަރު: އިސްލާމް ކިޔުއޭ) ސުވާލު: ބައެއް ޤައުމުތަކުގައި ފަޖުރުވުމުގެ ދިހަމިނެޓުވަރު ކުރިން ފަޖުރުވުމާއި ދެމެދުގައި އެވާ ވަޤުތަށް އިމްސާކު (ނުވަތަ އިމްސާކިއްޔާ) ވަޤުތޭ ކިޔައެވެ. މީސްތަކުން އެވަޤުތުން ފެށިގެން ކެއުމާއި ބުއިމުން ދުރުވެ ރޯދަހިފަން ފަށައެވެ. ފަހެ މިއީ ރަނގަޅު ކަމެއްހެއްޔެވެ؟

ޖަވާބު: الحمدلله

މިއީ ރަނގަޅު ކަމެއްނޫނެވެ.

ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ފަޖުރުލުމާއި ހަމައަށް ކެއުމާއި ބުއިން ހުއްދަކުރައްވާފައެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. : ( وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ ) البقرة / 187 .

ތަރުޖަމާގެ މާނައީ: އަދި ތިޔަބައިމީހުންގެ މައްޗަށް ފަޖުރުގެ ސަބަބުން ކަޅުރޮދިން(ރޭގަނޑުގެ އަނދިރިކަމުން) ހުދުރޮދި (އަލިކަން) ފާޅުވެއްޖައުމަށް ދާންދެން ކައި އަދި ބޮއި އުޅޭހުށިކަމެވެ.”
وروى البخاري (1919) ومسلم (1092) عَنْ ابْنِ عُمَرَ وعَائِشَةَ رَضِيَ اللَّهُ عَنْهم أَنَّ بِلالا كَانَ يُؤَذِّنُ بِلَيْلٍ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ ، فَإِنَّهُ لا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ ) .

މާނައީ: ބުޚާރީ އަދި މުސްލިމް އިބުނު ޢުމަރު އަދި ޢާއިޝާ ރަޟިޔަﷲ ޢަންހުމްގެ ކިބައިން ރިވާކުރެއްވިއެވެ. ރޭގަނޑު ބިލާލު ބަންގި ގޮވައި އުޅެއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (ތިޔަބައިމީހުން އިބުނު އުއްމު މަކްތޫމު ބަންގިދެއްވަންދެން ކައިބޮއި އުޅޭށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ފަޖުރުވުމުން މެނުވީ ބަންގި ނުގޮވައެވެ.”

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(ފަހެ މިޙަދީޘުންވެސް އަންގައިދެނީ: ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި އަދި އެއްދާންކުރުން ހުއްދަކަމެވެ.)

އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ޞަހީޙް ބުޚާރީގެ ޝަރަޙަކަމަށްވާ ފަތުހުލްބާރީގައި ވިދާޅުވެފައިވެއެވެ. (199/4)

“ރޯދަމަހު ގާތްގަނޑަކަށް ވިއްސަކަށް މިނިޓްކުރިން ދެވަނަ ބަންގިދިނުމާއި ރޯދައަށް ހުންނަމީހާއަށް ކެއުމާއި ބުއިމަކީ ޙަރާމަކަމެއްކަމުގެ ޢަލާމާތެއްގެ ގޮތުން ބައްތިނިވާލުމަކީ މިޒަމާނުގައި އުފެދިފައިވާ މުންކަރާތްތެރި ބިދުޢައެކެވެ. މިބިދުޢަ އުފެއްދިމީހުން ދަޢުވާކުރާގޮތުގައި އެބައިމީހުން އެކަން އެކުރަނީ އަޅުކަމަށް ރައްކާތެރިވުމުގެ ގޮތުންނެވެ.”

ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ އާއި ފަޖުރުގެ ކުރިން އިމްސާކު ވަޤުތުގެ ގޮތުގައި ފަނަރަ މިނެޓުގެ ވަޤުތުކޮޅެއް ބައެއް ޓައިމް ޓޭބަލްގައި(ކަލަންޑަރާއި އަދިއއެނޫންވެސް ތަކެތީގައި) އޮންނަ އޮތުމާއި ބެހޭގޮތުން ސުވާލުކުރެވުނެވެ.

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. : “މިއީ ބިދުޢައިގެ ތެރޭން ހިމެނޭ ކަމެކެވެ. އެކަމުގައި އެއްވެސް އަސްލެއް ސުންނަތުން ސާބިތުވާން އޮތްކަމެއްނޫނެވެ. ފަހެ ޢަޒީޒުވަންތަ ﷲގެ އެއިލާހުގެ ފޮތުގައި ވަޙީކުރައްވަނީ މިފަދައިންނެވެ. : (وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ ) البقرة/187 .

އަދި النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ : ( إن بلالاً يؤذن بليل فكلوا واشربوا حتى تسمعوا أذان ابن أم مكتوم ، فإنه لا يؤذن حتى يطلع الفجر) މާނައީ: (ފަހެ ރޭގަނޑު ބިލާލު ބަންގިދިނުމުން ތިޔަބައިމީހުން ކައި ބޮއި އުޅޭށެވެ. އެއީ ތިޔަބައިމީހުންނަށް އިބުނު މަކްތޫމުގެ ބަންގީގެ އަޑުއިވިއްޖައުމަށް ދާންދެނެވެ. ފަހެ ހަމަކަށަވަރުން އިބުނު މަކްތޫމު ފަޖުރުގެ އަލިކަން ފާޅުވުމުން ނޫނޫ ބަންގި ނުދެއެވެ.)ބައެއްމީހުން މިކިޔާ އިމްސާކު އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟުކުރެއްވިކަމަށް ބަޔަކުމީހުން ހަދައިގެން އުޅޭ އެއްޗެކެވެ. ފަހެ އެހެންކަމުން އެކަންވާހުށީ ބާޠިލެއްކަމުގައެވެ. ފަހެ މިކަން ހިމެނިގެންވަނީ ދީނުގައި ހައްދުފަހަނަ އެޅުމެއްކަމުގައެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ( هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ ) رواه مسلم (2670) اهـ . މާނައީ: ހައްދުފަހަނައަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނައަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނަ އަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ.”

ނިމުނީ

އިސްލާމް ކިޔުއޭ: ލިންކު(އިނގިރޭސިބަހުން) (ޢަރަބިބަހުން)

މަތީގައިވާ ބައެއް ބަސްތަކުގެ ކުޑަ ތަފުޞީލެއް.

ނޯޓު: ހައްދުފަހަނަ އެޅުމަކީ ޤުރުއާނާއި ސުންނަތާއި ޚިލާފުވެގަތުމެވެ.

އިމްސާކަކީ ކޮބާ؟

އިމްސާކު ބަހުގެ މާނައަކީ އެއްޗެއް ހިފެހެއްޓުމެވެ. ޢަރަބި ބަހުގައި ބަނޑު ހަރުވުމަށްވެސް ކިޔާއުޅެނީ އިމްސާކެވެ. އެއީ ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. ސުރުޙީގައި އެވާ އިމްސާކުގެ މާނައަކީ ރޯދަމަހު ފަޖުރުވުމުގެ ކުރިން ވަގުތުކޮޅެއް ކެއުމާއި ބުއިމުން ދުރުވެގެން ހުރުމެވެ. ފަހެ މިއީ ސުންނަތުގައި އެއްވެސް އަސްލެއްނެތް ބިދުޢައެއްކަމުގައި އަހުލުއް ސުންނާގެ ބޮޑެތި ޢިލްމުވެރިން ވަނީ ިވިދާޅުވެފައެވެ. އަދި އެއްވެސް ދަލީލެއް މިކަމުގެ މައްޗަށް އޮތްކަމެއްނޫނެވެ.

ބިދުޢައަކީ ކޮބާ؟

ބަހުގެ ގޮތުން ބިދުޢަ އަކީ އަލަށް އުފެދޭކަންކަމެވެ. ޝަރުޢީގޮތުން ބިދުޢައަކީ އެއްވެސް ދަލީލެއް ނެތި ދީނަށް އަލަށް އިތުރުކުރެވޭ ކަންކަމެވެ. މިފަދަ ކަންކަމުން ސަލާމަތްވެގެން ތިބުމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ވަރުގަދަ އިންޒާރުތައް މިއުއްމަތަށް ދެއްވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.( مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ) رواه مسلم (1718)

މާނައީ: ފަހެ ތިމަންކަލޭގެފާނުގެ ސުންނަތުން ޘާބިތުނުވާކަމެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ ރައްދުކުރެއްވިގެންނެވެ. “

އަދިވެސް ޙަދީޘްކުރެއްވިއެވެ. (فإن خير الحديث كتاب الله، وخير الهدي هدي محمد، وشر الأمور محدثاتها، وكل بدعة ضلالة) ރަވާހުލް މުސްލިމް

މާނައީ: ފަހެ އެންމެހެޔޮވެގެންވާ ބަސްފުޅަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ (ގޮތަކީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވަނީ ދީނުގެ ނަމުގައި އަލަށް އުފެއްދޭ ކަންކަމެވެ. އަދިކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.)

ވީމާ މިފަދަ މަގުފުރެދުންތަކާއި ހައްދުފަހަނައެޅުންތަކުން ސަލާމަތްވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން. އަދި އަޅުގަނޑުމެންގެ ތެރެއިން މިކަން ނޭންގޭ އަޚުންނަށާއި އުޚުތުންނަށް މިކަން ފޯރުކޮށްދީ އެކަމުގެ ސަވާބު ލިބިގަންނަމާތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.:“ފަހެ ހެޔޮކަމަކަށް މަގުދައްކައިފިމީހަކަށް އެކަންކުރިމީހާއަށް ލިބޭފަދަ ޘަވާބު ލިބޭހުއްޓެވެ.”

وصلى الله وسلم على نبينا محمد و آله و صحبه.

Post a Comment

0 Comments