އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެވެ.

އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެވެ.
ލިޔުނީ:ހެޔޮއެދޭ ފަރާތެއް.

އަހަރެންގެ މަންމަ އަހަރެންގެ މަރުވެފައިވާ މަސްގަނޑު ކައިރީ ހުރެ ރޮނީއެވެ. ގިސްލަ ގިސްލާފައެވެ. މަންމަ އެރޮނީ އަހަރެން މަރުވުމުންނެވެ. މަންމަގެ އެންމެ ހަނގު ފިރިހެންދަރިފުޅެވެ. އަހަރެން މަރުވީ މިއަދެވެ. އުފަންވީ ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. މިއަދު އަހަރެން މަރުވި އިރު އުމުރަކީ 24 އަހަރާއި 1 މަހާއި 8 ދުވަހެވެ.
މިއަދު އަހަރެން މަރުވާނެކަމަށް އަހަރެންގެ ޢާއިލާގެ އެކަކުވެސް ހިއެއް ނުކުރެއެވެ. ޚުދު އަހަރެންވެސް ހިއެއް ނުކުރަމެވެ. އެނގޭނަމަ ދުނިޔޭގައި އުޅުނު މަދު ދުވަސްކޮޅު ބޭކާރު ގޮތުގައި ހޭދަ ނުކުރީމުހެވެ. އާނއެކެވެ. އަހަރެންގެ ކުރު އުމުރު ބޭކާރުގޮތުގައި ނަގާލީ އަހަރެން އަމިއްލައަށެވެ. ކުޅިވަރާއި މަޖަލުގައެވެ. ނަމާދު ކުރަނީ މަންމަ ހަޅޭއްލަވައިގެންނެވެ. ރޯދަ މަހު ރޯދައަށް ހުންނަމެވެ. ދުވާލު ގިނަވަގުތު އޮފީހުގައެވެ


 

ރޭގަނޑު ރައްޓެހިންނާ އެކު މަޖަލާއި ކުޅިވަރުގައެވެ. މުދަލުގެ ޒަކާތަކީ ކޮބައިކަމެއް ނޭނގެއެވެ. އެއީ ކޮންއެއްޗެއްތޯ ބަލާކަށް މަސައްކަތެއްވެސް ނުކުރަމެވެ. ގާރލް ފުރެންޑުން ގެންގުޅުނީމެވެ. ސަހަރޯއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ. ހުރިހަލާކެއްގެ ބޮޑުކަމާ އެވެ.
އަހަރެންގެ ރައްޓެހިންގެ ތެރޭގައި ހެޔޮލަފާ ދެތިން މީހަކު އުޅުނެވެ. އަހަންނަށް އެމީހުން ނަސޭހަތް ދިނެވެ. އިޚްލާޞްތެރިކަމާއެކުއެވެ. އެނަސޭހަތްތަކަށް ބީރުކަންފަތެއް ދިނީ އަހަރެންގެ މޮޔަކަމުންނެވެ. އާނއެކެވެ. އަހަރެންވީ ބުއްދި ސަލާމަތުން ހުރި ބޮޑު މޮޔައަކަށެވެ. އެމީހުން މިހާރުއެތިބީ އެވެ. އަހަރެންގެ ޖަނާޒާގައި ބައިވެރިވުމަށް އައިހެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ. އަހަރެން އެމީހުނާ އެކުގައި ޖަމާއަތުގައި މިސްކިތަށް އަރާ ނަމާދު ނުކުރަނީސް، މިއަދު އެމީހުން ޖަމާއަތުގައި އަހަރެންގެ މައްޗަށް ކަށު ނަމާދު ކުރާނެއެވެ.
މުޅިއުމުރު އަހަރެން ދުނިޔެފަހަތުން ދުވީމެވެ. އެދުނިޔެ ދޫކުރަން ޖެހުނީ ނޭނގި ހުއްޓާކުއްލިއަކަށެވެ. ނޫނެކެވެ. ނޭނގި ހުއްޓާއެއް ނޫނެވެ. މަރުވާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަހަންނަށްވެސް އެނގެއެވެ. އެކަމަކު އަހަރެން ހީކުރީ އަހަރެން މަރުވާނީ މުސްކުޅިވުމުން ކަމަށެވެ. އަހަރެންގެ މޮޔަކަމާއެވެ. އަހަރެންގެ މޮޔަކަމާއެވެ. އަހަރެން މަރުވީ ނޭނގި ހުއްޓާއެއް ނޫނެވެ. އަހަރެން މަރުވީ އެކަމަށް ޣާފިލުވެ ހުއްޓާއެވެ. ތައްޔާރު ނުވެ ހުއްޓާއެވެ.
ކުރިއަށް އޮތީ ދިގު ދަތުރެކެވެ. އަހަންނަށް އެދަތުރަށް ތައްޔާރުވެވިފައެއް ނެތެވެ. މިހާރު އަހަރެންގެ މައްޗަށް ކަށު ނަމާދުކޮށް އެނިމުނީ އެވެ. އިރުކޮޅަކުން އެމީހުން އަހަރެން ލާފައި އޮތް ސަންދޯއް ކަށްވަޅަށް ތިރިކުރާނެއެވެ. މުންކަރ އަދި ނަކީރު އަހަންނާ ކަށްވަޅުގައި ސުވާލު ކުރައްވާނެއެވެ.....
މަންމަ އަދިވެސް ރޮނީއެވެ. ލޯބިވާ މަންމާއެވެ. މަންމައަށް ވުރެ ބޮޑު ހިތާމައެއްގައި މިއަދު މިވަނީ އަހަންނެވެ.... އަހަންނަށް ހެޔޮ ދުޢާ ކުރައްޗެވެ...

Post a Comment

0 Comments