އިބުރަތްތެރި ވާހަކަ: އެތީސްޓުންނަށް އިމާމު އަބޫ ހަނީފާ ދެއްވި ރައްދު

އިބުރަތްތެރި ވާހަކަ: އެތީސްޓުންނަށް އިމާމު އަބޫ ހަނީފާ ދެއްވި ރައްދު
ތަރުޖަމާ: ޢަބްދުއްރަހީމް

އަޤީދަތުލް ވާސިތިއްޔާގެ ޝަރަޙާގައި އައްލާމާ ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ ގެންނަވާފައިވެއެވެ. "(ﷲގެ ވޮޑިގެންވާކަމަށް އިންކާރުކުރާ) އިންޑިޔާގެ ބަޔަކު އިމާމު އަބޫ ހަނީފާ ރަޙިމަހުﷲގެ އަރިހަށް އައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މެދު އެބައިމީހުން އިމާމު އަބޫ ޙަނީފާއާއި ބަޙުސްކޮށްފިއެވެ. އިމާމު އަބޫ ޙަނީފާއަކީ ވަރަށް ބުއްދިވެރި ޢިލްމުވެރިޔެކެވެ. އަދި ދުވަހެއް ނުވަތަ ދެދުވަސް ފަހުން އެބައިމީހުންނާ ބައްދަލުކުރުމަށް ވަޤުތެއް ކަނޑައެޅިއެވެ. އަދި އެބައިމީހުން އަތުވެއްޖެއެވެ.
އެބައިމީހުން ބުންޏެވެ. ކަލޭގެފާނު (ކަލަކުވޮޑިގެންވުމާއި މެދު) ބުނަނީ ކީކޭ ހެއްޔެވެ؟

އެކަލޭގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނު މިވިސްނަނީ ބައްތެއްޔަކާއި(މުދާ އުފުލާ ބޯޓަކާއި) މެދުގައެވެ. ފަހެ އެބޯޓުވަނީ މުދަލާއި ކާބޯތަކެތިން ބަރާވެފައެވެ. އަދި ކަނޑުގެ ރާޅުތަކާއި ދެކޮޅަށް އެބޯޓު ދުވެފައި އައިސް ބަނދަރުކޮށްފިއެވެ. އަދި އޭގައިވާ މުދާތައް ބާލައިފައި އެނބުރި ހިނގައްޖެއެވެ. އަދި އެބޯޓުގައި ދުއްވާނެ މީހަކު ނެތްތާނގައި މުދާ އުފުލާނެ މީހުންނެއްވެސް ނެތެވެ.
ދެން އެބައިމީހުން ބުންޏެވެ. ކަލޭގެފާނު ތިޔަ ވިސްނަނީ ތިކަމާއި މެދުގައި ހެއްޔެވެ؟

އެކަލޭގެފާނު ވިދާޅުވިއެވެ.: އާނއެކެވެ. ދެން އެބައިމީހުން ބުނެފިއެވެ. ތިޔަހެންވިއްޔާ ކަލޭގެފާނުގެ ބުއްދިފުޅު ކޮބައިހެއްޔެވެ؟ ބޯޓެއް ދުއްވާނެ މީހަކު ނެތި އައިސް އެއްޗެހި ބާލާ އަދި އެނބުރި ދިޔުން ތިޔައީ ކިހިނަކުން ވާނެކަމެއްހެއްޔެވެ؟ ތިޔައީ ބުއްދި ހަމަޖެހޭ ވާހަކައެއްނޫނެވެ.

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "މިވާހަކަ ބުއްދިހަމަ ނުޖެހެނީ ކޮންފަދައަކުން ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަބުނަނީ މިއޮތް އުޑުތަކާއި އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްތަކާއި ދިރޭ ހައިވާނުތަކާއި މީސްތަކުންވަނީ ހެއްދެވި ފަރާތެއްނެތި ކަމަށެވެ.
ދެން އެބައިމީހުންނަށް އެކަލޭގެފާނުގެ މުރާދު ވިސްނި އެކަލޭގެފާނު އެސިފަކުރަނީ އެމީހުންކަން ވިސްނި އެޔަށް ޖަވާބު ދޭން ނުކުޅެދިއްޖެއެވެ."

އެޔަށްފަހު ޝެއިޚު އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.

"ޞަހަރާ ތެރޭގައި އުޅޭ ބަދަވީންގެ މީހަކާއި ސުވާލުވެވުނެވެ. ކަލޭގެ ވެރިރައްބު ދެނެގަންނަނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބުންޏެވެ. ފިޔަވަޅުތަކުން ދަލީލުކޮށްދެނީ މީހަކުގޮސްފިކަމެވެ. ޖަމަލުން ދަލީލުކޮށްދެނީ ޖަމަލުތަކެއް ވާކަމެވެ. ފަހެ ބުރުޖުތައް ވާ އުޑާއި އަދި ފަރުބަދަތަކުގެ މެދުގައިވާ ބޮޑެތިމަގުތައްވާ ބިމާއި ބޮޑެތި ރާޅުތައްވާ ކަނޑުން އައްސަވާ ވޮޑިގެންވާ ދެކެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވާކަން ދަލީލުނުކޮށްދޭ ހެއްޔެވެ؟
ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. (أَمْ خُلِقُوا مِنْ غَيْرِ‌ شَيْءٍ أَمْ هُمُ الْخَالِقُونَ ) سورة الطور 35
މާނައިގެ ތަރުޖަމާއީ: "ފަހެ އެބައިމީހުން އުފެއްދުނީ އެއްވެސް އެއްޗަކުން ނޫންހެއްޔެވެ؟ ނުވަތަ އެބައިމީހުންނަކީ އުފައްދަވާފަރާތްތައް ހެއްޔެވެ؟"

ނިމުނީ
_________________________
ލިޔުންނެގިފައިވަނީ: ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲގެ އަޤީދަތުލް ވާސިތިއްޔާގެ ޝެއިޚު ޢުޘައިމީން ރަޙިމަހުﷲގެ ޝަރަޙަ، ދާރު އިބުނު ޖައުޒީ، ސަފުހާ ނަމްބަރު: ފުރަތަމަ މުޖައްލަދުގެ 51 ވަނަ ޞަފުޙާ.

ޝެއިޚު ޢުޘައިމީހުން ރަޙިމަހުﷲގެ ހަޔާތްޕުޅުގެ ޙުލާސާއެއް.
އެކަލޭގެފާނުގެ ނަމަކީ މުޙައްމަދު ބިން ޞާލިޙު ބިން ސުލައިމާނު ބިން ޢަބްދުއްރަޙުމާނު ޢާލު އުޘަޢިމީން އެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ބަނީ ތަމީމު ވަންހައަށެވެ.
އައްޝެއިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު ރަޙިމަހުﷲ ނިސްބަތްވެ ވަޑައިގަންނަވާ ޤަބީލާއަކީ ވެސް މިއެވެ.
ބަނީ ތަމީމު ވަންހައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޙަދީޘްކުރެއްވާފައިވާ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ.
“ތިމަންކަލޭގެފާނުގެ އުއްމަތުގައި ދައްޖާލާއި ދެކޮޅަށް އެންމެ ވަރުގަދަ ބަޔަކީ އެބައިމީހުންނެވެ.”
(ބުޚާރީ އަދި މުސްލިމުގައި ވާ ޙަދީޘަކުން..)
އެކަލޭގެފާނު އުފަންވީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރު ރަމަޟާން މަހު 27 ވިލޭރޭ ޢުނައިޒާގައެވެ.
އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ބޮޑު ޢިލްމުވެރިޔެއްކަމަށްވާ އައްލާމާ ޢަބްދުއްރަޙުމާނު ބިން ސަޢްދީ ރަޙިމަހުﷲ ހިމެނިވަޑައިގަނެއެވެ.
އެކަލޭގެފާނު ވަނީ އެތައްތަނެއްގައި ކިޔަވައިދެއްވާފައެވެ. އެގޮތުން މަދީނާ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާދެއްވާފައިވެއެވެ.
އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ފޮތްތަކުގަޔާއި އަދި ދަރުސްތަކުގައި ގެންގުޅޭ ބަޔާންކޮށްދިނުމުގެ ތަފުސީލުކަމާއި ދެނެގަންނަން ފަސޭހަކަމުގެ ސަބަބުންނެވެ. އަދި ބަހުގެ ސާދާ ކަމުންނެވެ. ދީން ކިޔަވާކުދިންނަށް އެކަލޭގެފާނުގެ ފޮތްތަކަކީ ވަރަށް ދެނެގަންނަން ފަސޭހަ މުހިއްމު ފޮތްތަކެއް ކަމުގައިވެފައިވެއެވެ.
މުހިންމު އެތައް ފޮތްތަކެއް އެތައް ފަންނުތަކެއް ލިޔުއްވާފައިވެއެވެ. ޢަރަބި ދުނިޔޭގަޔާއި އަދި ދީން ކިޔަވާކުދިންގެ މެދުގައި މުޅިދުނިޔޭގައި އެކަލޭގެފާނު ފޮތްތަކަކީ މަޝްހޫރު ފޮތްތަކެކެވެ.
އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ޝައްވާލު މަހުގެ 15 ދުވަހު ހިޖުރީ ސަނަތުން 1421 ވަނަ އަހަރު (2000މ.)ގައި ޖިއްދާގައެވެ. ފަސްދާނު ލެވުނީ މައްކާގައެވެ. އެކަލޭގެފާނުގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ.
މާތް ﷲ އެކަލޭގެފާނުގެ ފުރާނައަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށިއެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކުގެ ޒަރީއާއިން ހެޔޮފައިދާ ލިބިގަންނަ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.
وصلى الله وسلم على نبينا محمد و على آله و صحبه.

Post a Comment

0 Comments