ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މާތްކަމާއި އަދި އެރޭގެ ޢަލާމާތްތައް

ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މާތްކަމާއި އަދި އެރޭގެ ޢަލާމާތްތައް
عبد الرحيم

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެހެން ހުރިހާ އުއްމަތްތަކުގެ މައްޗަށް މިއުއްމަތް މާތްކުރައްވާ އެހެން އުއްމަތަކަށް ނުދެއްވާ ޝަރަފުތަކެއް ދެއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެން އުއްމަތްތަކަށް ފޮތްދެއްވިއެވެ. ނަމަވެސް އެހެން އުއްމަތްތަކަށް ނުދެއްވާ މަތިވެރި ސޫރަތެއް މިއުއްމަތަށް ދެއްވިއެވެ. ސޫރަތުލް ފާތިޙާއެވެ. އަދި އެހެން އުއްމަތްތަކަށް ރޯދަހިފުން ފަރުޟުކުރެއްވިއެވެ. ނަމަވެސް އެހެން އުއްމަތްތަކަށް ނުދެއްވާ މަތިވެރި ރެޔެއް އެއިލާހު އެމަހުގައި ލެއްވިއެވެ. އެއި ލައިލަތުލް ޤަދުރި ވިލޭރެއެވެ. އެރޭގެ މާތްކަން ހުރި މިންވަރީ އެރެޔަކީ ﷲތަޢާލާގެ ފޮތް ބާވާލެއްވުނު ރެޔެވެ. އަދި އެފޮތުގައި ޚާއްޞަ ސޫރަތެއް އެރޭގެ ނަމުގައި ﷲ ލެއްވެވިއެވެ. އެހެންކަމުން މިލިޔުމުގައި އަލި އަޅުވާލެވެނީ އެރެޔަކީ ކޮބައިކަމާއި އަދި އެރޭގެ މާތްކަމާއި އަދި އެރޭގެ ޢަލާމާތްތަކުގެ މައްޗަށެވެ.

ލައިލަތުލް ޤަދުރި (لَيْلَةُ القَدْرِ) ގެ މާނަ: ލައިލަތުލް (ރޭގަނޑު) ޤަދްރި (ޝަރަފު) އަދި (މިންވަރު) އަދި (މާތްކަން) މިމާނަތަކެވެ. އެރެޔަށް މިނަންތައް ދެވުނު ސަބަބުތައް ކަމުގައި ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވަނީ: 
ހ. އެރޭގެ ޝަރަފާއި މަތިވެރިކަމަށްޓަކައެވެ. ﷲގެ ފޮތް ބާވާލައްވާ މަލާއިކަތްބޭކަލުންނާއި ޖިބްރީލު ޢަލައިހިއްސަލާމް ބިމަށް ފައިބާ ވަޑައިގަންނަވައެވެ. 
ށ. އެރޭ ހުރިހާ އަޅުތަކުންގެ މިންވަރު އަންނަން އޮތް އަހަރަށް ކަނޑައެޅުއްވި އަންނަން އަހަރުގެ ކަންކަން ލިޔުއްވިގެންދެއެވެ. 
ނ. އަދި ބުނެވޭ ގޮތުން އެރޭގެ އަޅުކަން މަތިވެރިވެގެންދިޔުމުގެ ސަބަބުންނެވެ. އެއީ އެރޭ ރޭއަޅުކަން ކުރާ މީހާގެ ހުރިހާ ފާފަ ފުއްސެވުމާއި އަދި އަޅުކަމުގެ ސަވާބަށް އެއްހާސް މަހުގެ (ގާތްގަނޑަށް 83 އަހަރުގެ) ސަވާބު ދެއްވެވެއެވެ. 
ލައިލަތުލްޤަދުރި ވިލޭރޭ ޖަހާފައިއެވަނީ ދިވެހިންގެ ތެރޭގައި އެގޮތަށް ނަން މަޝްހޫރުވެފައިވުމުގެ ސަބަބުންނެވެ. 

 އެރެޔަކީ ކޮބާ؟
 އެރެޔަކީ ރޯދަމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އަދި އެރޭގެ ޢަލާމާތްތަކާއި ބެހޭ ހުރިހާ ޙަދީޘެއް ޖަމާކުރެއްވުމަށްފަހު އިމާމު ނަވަވީ އަދި އިމާމު އިބުނު ތައިމިއްޔާ ރަޙިމަހުމުއްﷲ ބަޔާންކުރައްވަނީ އޮނަހިރި ރޭތަކުގެ ތެރެއިން ރޭތަކުގެ މެދުގައި އެކި އަހަރު ލައިލަތުލް ޤަދުރި ނަޤުލުވާކަމުގައެވެ. އެންމެ ވަރުގަދަ ބަހަކީ މިއެވެ. އެހެން ކަމުން އެންމެ މޮޅު އިތުރީ ހުރިހާ ފަހުދިހައެއްގައި ގަދައަޅައި މަސައްކަތްކުރުމެވެ. އެރޭގެ މާތްކަން: ހ.އެރެޔަކީ އެރޭގައި ޤުރުއާން ބާވާލައްވާ ﷲ ބަރަކާތް ލައްވާފައިވާ ރެޔެކެވެ. 
ށ. އެރޭގައި މީސްތަކުންގެ އުމުރުއާއި އަދި ރިޒުޤު ކަނޑައަޅައި ލިޔުއްވެއެވެ. 
ނ. އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މަތިވެރިކުރެއްވިއެވެ. 
ރ. ﷲގެ ރަޙުމަތާއި ފާފަފުއްސެވުމާއި ހެޔޮކަމާއެކު ޖިބްރީލު ޢަލައިހިއްސަލާމް އާއި އެކު މަލާއިކަތް ބޭކަލުން ބިމަށްފައިބާވަޑައިގަންނަވައެވެ. 
ޅ. އެރެއަކީ ހުރިހާ ނުބައިކަމަކުން ސަލާމަތްވެގެންވާ ފަތިސްވަންދެން ހެޔޮކަން އެކުލެވިގެންވާ ރެޔެކެވެ. އ. އެރޭގެ ނަމުން ސޫރަތެއް ﷲ ތަޢާލާ ބާވާލެއްވިއެވެ. 
އ. އެރޭ ރޭއަޅުކަން ކުރިމީހާގެ އިސްވެ ދިޔަ ހުރިހާ ފާފައެއް ފުއްސަވައިދެއްވައެވެ. 

 އެރޭގެ ޢަލާމާތްތައް: 
 ޝެއިޚު އިބުނު ޢުޘަޢިމީން ރަޙިމަހުﷲ އަންނަނިވި ޢަލާމާތްތައް ބަޔާންކޮށްދެއްވާފައިވެއެވެ.
 ހ. އެރޭގެ އަލިކަމާއި އުޖާލާކަން ގަދަވުން: މިއަލިކަން ބޮޑަށް ފާހަގަކުރެވޭނީ މިޒަމާނުގެ ކަރަންޓު އަލި ނެތް ހިސާބުގައިވާ މީހުންނަށެވެ. ސަބަބަކީ އެއީ ރޭގަނޑުގެ ތެރެއިން ފަނޑު ހަނދުވަރުގެ އަލިކަމެއްފަދަ އަލިކަމެއްކަމުގައި އައިސްފައިވެއެވެ. 
 ށ. އެރޭ ހިތަށް ހަމަޖެހުން ލިބުން: އެރޭގައި މުއުމިނުންގެ ހިތަށް ހިތްހަމަ ޖެހުން ލިބި އެހެން ރޭތަކަށްވުރެ ހިތަށް ފަސޭހަކަން ލިބިގެންދާނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަދްރު ސޫރަތުގައި އެރޭ ފަތިހާ ހިސާބަށް ސަލާމަތްތެރިކަން ވާކަމަށް ވަޙީކުރައްވާފައިވެއެވެ. 
 ނ. އެރޭގައި މަޑުމަޑު ވައިރޯޅިވުން: އެރޭގައި ތޫފާންތަކާއި އަދި ގަދަފަދަ ވައިގެ ރޯޅިތައް ނައުން ހިމެނެއެވެ. އަދި ހޫނު ގަދަނުވުމާއި އަދި ފިނިނުވުންވެސް ހިމެނެއެވެ. އެހެނީ އެފަދައިން ޙަދީޘްގައި ޒިކުރުވެފައިވެއެވެ. އަދި އެރޭގެ މޫސުން ރީތިވާނެއެވެ. 
 ރ. އަދި އެރޭ ބައެއް މުއުމިނުންނަށް އެރެއަކީ ލައިލަތުލް ޤަދްރި ވިލޭރޭކަމަށް ހުވަފެނުން ފެނިދާނެ: ދަލީލަކީ އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ޙަދީޘް ބަސްފުޅެވެ. އެއީ ޞަޙީޙް ބުޚާރީ އާއި މުސްލިމުގައި ބައެއް ޞަޙާބީ ބޭކަލުންނަށް ފެނުނު ކަމަށް އައިސްފައިވާ ޙަދީޘެކެވެ. 
 ބ. އެހެން ރޭތަކަށްވުރެ އެރޭގެ ރޭއަޅުކަމުގައި ހިތްހަމަ ޖެހުން ލިބުން. 
 ޅ. އަދި އެރޭ ގިނަ މަލާއިކަތް ބޭކަލުން އެހެން ރޭތަކަށްވުރެ ގިނައިން ފައިބައިވަޑައިގަންނަވާނެ: އެހެނީ ޞައްޙަ ހަދީޘްގައި އެރޭ ބިންމަތީގައިވާ ހިލަކޮޅުތަކުގެ އަދަދަށްވުރެ ގިނައިން މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާނެ ކަމަށް އައިސްފައިވެއެވެ. 
 ކ. އަދި އެރޭގެ ފަތިހު އިރުއަރާއިރު ދޯދިނުހުރުން: ސަބަބަކީ އެރޭގެ އަލިކަމާއި ނޫރުގެ ސަބަބުން އިރުގެ ދޯދިތައް ފަނޑުވެފައިވާ ފަދައިން ކަމުގައި އިމާމު ނަވަވީ ޒިކުރު ކުރައްވާފައިވެއެވެ. 

 އެރޭގެ ވާނެކަމާމެދު ބުނާ ސާބިތުނޫން ޢަލާމާތްތައް
 ހ. އެރޭ ލޮނުފެން މީރުފެނަށް ވާނެކަމަށް ބުނާބުނުން. މިއީ ސާބިތުވެގެންވާ ކަމެއްނޫނެވެ.
 ށ. އެރޭ ބިންމައްޗަށް ގަސްތައް ވެއްޓި އަދި ފަހުން ތެދުވާނެކަމަށް ބުނުން. 
ނ. އަދި ކުއްތާ ނުގޮވާނެ ކަމަށް ބުނާބުނުން. ރ. އަނދިރިތަންތަންވެސް އަލިވެފައިވާ ކަމަށް ބުނާބުނުން. އަދިވެސް އެރެޔާއި މެދު ސާބިތުނޫން ވަރަށް ގިނަވާހަކަތައް ދެކެވެއެވެ. ދަލީލެއްގެ މަތިން މެނުވީ އެފަދަ އެއްވެސް ވާހަކައެއް ޤަބޫލުނުކުރެވޭ ހުއްޓެވެ.

 ޙައިޟުވެރިންނާއި ވިހައިގެން އުޅޭމީހުންނާއި ދަތުރުވެރިންނާއި އަދިވެސް އެނޫން އުޒުރުވެރީންނަށް އެރޭގެ ނަސީބު އެބައިމީހުން އާންމު ހާލަތުގައި ކޮށްއުޅުނު މިންވަރުގެ މަތިން ދެއްވޭނެކަމަށް ސަލަފުންގެ ބޭކަލުން ރިވާކުރައްވައެވެ. އަދި އެރޭ ވީހާވެސް ގިނައިން ހެޔޮޢަމަލުކޮށް އަދި ޤުރުއާން ކިޔަވާ ދުޢާކޮށް ހެދޭތޯ ފަހު ދިހައެއްގެ ހުރިހާ ރެޔެއްގައިވެސް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ވީމާ އެރޭގެ މާތްކަން ލިބޭ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ. 

 وفقنا الله جميعا و ارزقنا احياء ليلة القدر في هذا رمضان و تقبل صيامنا و قيامنا. آمين. والله أعلم. وصلى الله وسلم على محمد و آله وصحبه وسلم.

Post a Comment

0 Comments