”ޙަޔާތުގެ ޙަޤީޤަތް ވިސްނުމަށް އައުން“




ތަރުޖަމާ: އުއްމު ކުލްޘޫމް (جزاها الله خير)
އެއްދުވަސް ވަރެއްގައި އުޅުނު ރަސްގެފާނެކެވެ. އޭނާގެ ވެރިކަމުގެ ވަކި ހިސާބަކުން އޭނާއަށް ވިސްނެން ފެށިއެވެ. އެނާ ކިތަންމެ މުއްސަނދި ވީކަމުގައި ވިޔަސް އެހުރިހާ މުދަލަކީ ނެތިވެދާނެ އެއްޗެއް ކަމެވެ. އަދި އޭނާގެ ނިމުމެއް ކަމުގައިވާނީ މަރުކަމެވެ. މިޚިޔާލުތައް އޭނާގެ ސިކުނޑީގައި ހަރުލިއެވެ. އެއްދުވަހެއްގައި އޭނާ ސިއްރުން ގަނޑުވަރުން ނިކުމެގެން މޫދުގެ އައްސޭރިފަށަށް ދިޔައެވެ. އެތަނުގައި އޭނާގެ ދުވަސްތައް ހޭދަކުރީ، އެތަނުގައި ވުމަށް ބޭނުންވާ ޚަރަދުތައް އެޅިގަލުގެ މަސައްކަތް ކޮށްގެން ލިބޭ ފައިސާއިންނެވެ.
އަދި ރޭތައް ﷲ އަށް އަޅުކަން ކުރުމުގައި ހޭދަ ކުރެއެވެ. އޭނާގެ ރަށާއި ކިތަންމެ ދުރުގައި އޭނާ ވީކަމުގައި ވިޔަސް އޭނާގެ މިކަން މާގިނަ ދުވަހަކަށް ސިއްރެއް ނުވިއެވެ. އޭނާގެ ޚަބަރު އޭނާ އެހުރި ރަށުގެ ރަސްގެފާނަށް ލިބުނެވެ. އެރަސްގެފާނު އޭނާއައުމަށް އެދުނެވެ. ނަމަވެސް އޭނާ އެކަމާއި ދެކޮޅު ހެދިއެވެ. ދެވަނަ ފަހަރަށްވެސް އައުމަށް އެދުމުން، ތިމަންނަ ކަލެއާއި ބައްދަލު ކުރުމަށް ބޭނުން ނުވެއޭ އޭނާ ބުންޏެވެ. ރަށުގެ ރަސްގެފާނަށް އޭނާގެ ވާހަކަ އަޑުއިވިފައި ވުމުން މިހިސާބުން މިކަން ދޫކޮށްލުމަކަށް ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން ޚުދު ރަށުގެ ރަސްގެފާނު އޭނާގެ ގާތަށް ދިޔައެވެ. ރަސްގެފާނު އޭނާއާއި ދިމާލަށް އަންނަތަން ފެނުމުން އޭނާ ދުރަށް ދުވަން ފެށިއެވެ. ރަށުގެ ރަސްގެފާނު އޭނާގެ ފަހަތުން މިފަދައިން ގޮވަމުން ދުވަމުން ދިޔައެވެ. ’އޭ ﷲ ގެ އަޅާއެވެ! ބިރުނުގަންނާށެވެ.!‘ ނަމަވެސް އޭނާގެ ދުވުން ހުއްޓައެއް ނުލިއެވެ. ރަށުގެ ރަސްގެފާނު ހަމައެކަނި ބޭނުންވަނީ އޭނާއާއި ވާހަކަ ދައްކާލުމަށްކަން ޔަޤީންވުމަށް ދާންދެން އޭނާ ދުވުން ހުއްޓައެއް ނުލައެވެ. ދެމީހުން އެކަކު އެނެކަކާއި ކުރިމަތިން ބައްދަލުވުމުން ރަށުގެ ރަސްގެފާނު އޭނާގެ ގާތުގައި ސުވާލު ކުރިއެވެ. ’ކަލޭ މިރަށަށް އައުމަށް މެދުވެރި ކުރުވީ ކޮންކަމެއް ހެއްޔެވެ؟‘ އޭނާ ބުންޏެވެ. ’އާދަމުގެ ދަރިންގެ ކިބައިން އެއްކިބާވުމަށް އަހަރެންގެ ހިތް ބޭނުންވާކަން އަހަރެންނަށް އިޙްސާސް ކުރެވުނީއެވެ.‘ ރަށުގެ ރަސްގެފާނު ސުވާލު ކުރިއެވެ. ’އެކަނިވެރި ޙަޔާތެއް ކަލޭ ތަޙަންމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟‘ އޭނާ ބުންޏެވެ. ’ﷲ އާއި އެކު ހަމަޖެހުން ލިބިއްޖެ މީހަކަށް އެހެން މީހަކާއި އެކުގައިވުން ވާނީ އުނދަގޫ ކަމަކަށެވެ.‘ ރަށުގެ ރަސްގެފާނު ސުވާލު ކުރިއެވެ. ’ކަލޭގެ ވެރިކަން ކަލޭ ދޫކޮށްލީ ކީއްވެ ހެއްޔެވެ؟‘ އޭނާ ޖަވާބުގައި ބުންޏެވެ. ’އަހަރެންގެ ކިބައިންވާ ނަތީޖާއާއި މެދު ވިސްނުނީ އެވެ. އަހަރެންގެ އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަމާއި މެދު ވެސް މެއެވެ. އަދި އެހަރެންގެ ނިމުން ވަނީ ވަރަށް ގާތުގައި އަހަރެންގެ އަތްމަތީގައިކަން ވެސް ވިސްނުނީއެވެ. އެހެންކަމުން އަހަރެން މިވަގުތީ ކަންތައްތަކުން ދުރުވެ ދާއިމީ ކަންތައްތަކާއި ދިމާލަށް އެނބުރުމަށް އިޚްތިޔާރު ކުރީއެވެ. އަހަރެންގެ ވެރި ރައްބާއި ދިމާލަށް އެނބުރުމުން، ފާފަތަކާއި ދުރަށް އަހަރެންނަށް ދެވުނީއެވެ.‘ ރަށުގެ ރަސްގެފާނު ބުންޏެވެ. ’ﷲ އަށް ބިރުވެތި ވުމަށް އަހަރެންގެ ކިބައިގައިވާ ސަބަބުތަކަށް ވުރެ ވަކި ގިނަ ސަބަބުތަކެއް ކަލޭގެ ނުވެއެވެ.‘ ރަށުގެ ރަސްގެފާނު އޭނާގެ ތަހުތު ދޫކޮށް ކުރީގެ މިރަސްގެފާނާއިއެކު، އިޚްލާޞްތެރިކަމާއި، ތަޥްބާވުމާއި، އަޅުކަމުގެ މަގުގައި ބައިވެރިއަކަށް ވިއެވެ.

Post a Comment

1 Comments

Anonymous said…
nice ,intresting story