އޮސްޓުރޭލިއާގެ މޮޑެލްއެއް ކަމުގައިވާ ސާރާގެ ވާހަކަ


ތަރުޖުމާ: ބިންތު ޢަބްދު ﷲ (جزاها الله خير)
މިއީ އިސްލާމްދީނުގެ ދަޢުވަތު ފަތުރަމުންދާ، ޢަމްރު ޚާލިދު ނަމަކަށް ކިޔާ މިޞްރުގެ ބޭފުޅަކަށް ދިމާވި ޙަޤީޤީ ޙާދިސާއެކެވެ. އޭނާ ވިދާޅުވިއެވެ. މީގެ ތިންދުވަސް ކުރިން އޮސްޓުރޭލިއާގެ ޒުވާން އަންހެން ކުއްޖެއްގެ ފަރާތުން އަހަންނަށް އީ-މެއިލް އެއް ލިބުނެވެ. އޭގައިވަނީ މިފަދައިންނެވެ.
”އަހަންނަކީ މުސްލިމު ބައްޕައަކާއި ނަޞާރާ މަންމައެއް ލިބިފައިވާ ލުބުނާނުގެ ޒުވާން އަންހެން ކުއްޖަކީމެވެ. އަހަރެންގެ ޢުމުރުން ދިހަ އަހަރުވަންދެން ދިރިއުޅުނީ ލުބުނާނުގައެވެ. އަދި އެއަށްފަހު އަހަރެމެން އޮސްޓުރޭލިއާއަށް ހިޖުރަކުރުންވީ މެދު އިރުމައްޗާއި އަހަންނާއި ދެމެދު އޮތްގުޅުމަށް ނިމުމެއް ގެނުވި ކަމަކަށެވެ. މިހާރު އަހަރެންގެ ޢުމުރަކީ 22 އަހަރެވެ. އަދި އޮސްޓުރޭލިއާއަށް ހިޖުރަކުރުމަށް ފަހު އަހަންނާއި ދީނާއި ދެމެދުއޮތް ގުޅުންވެސް ހަމައެއްކޮށް ކެނޑިގެން ދިޔައެވެ. އަހަންނަށް ހަމައެކަނި އެނގޭ އެއްޗަކީ އަހަންނަކީ މުސްލިމެއްކަމެވެ. ޤުރުއާނަކީ ކޮން އެއްޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމާދު ކުރަނީ ކިހިނެއްކަމެއް ނޭނގެއެވެ. އަދި އަހަރެންގެ ޙަޔާތުގައި ދީނަކީ މުހިންމު އެއްޗެއް ކަމުގައި ނުވެއެވެ. އަހަރެންގެ މަންމައާއި ބައްޕަ ވަކިވެ ދެމީހުންވެސް އެހެން މީހުންނާއި ކައިވެނި ކުރި އެވެ. އަހަރެން ޔުނިވަރސިޓީ އަށް ވަނީމެވެ. މަންމައާއި ބައްޕަ އަހަރެން އެކަނިމާއެކަނި އޮސްޓުރޭލިއާއަށް ދޫކޮއްލާފައި އޮސްޓުރޭލިއާއިން ދިޔައެވެ. އަހަރެންގެ އާއިލާއެއްނެތެވެ. ބޭބެއެއް ދައްތައެއްނެތެވެ. ލުބުނާނުގައިވާ އަހަރެންގެ އާއިލާގެ މީހުންނާއި ބެހޭގޮތުން އަހަންނަކަށް އެކައްޗެއްވެސް ނޭނގެ އެވެ. އަހަރެން ދިރިއުޅެނީ އެކަންޏެވެ. އަހަރެންގެ އަމިއްލަ ނަފުސަށް ޚަރަދު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހިފައި ވެއެވެ. އަހަރެން ޔުނިވަރސިޓީއަށް ދަނީ ހެނދުނެވެ. އަދި ހަވީރު ބާރއެއްގައި މަސައްކަތް ކުރަމެވެ. އަހަރެންގެ ލޯބިވެރިއަކު ހުރެއެވެ. އަދި އެއްވެސް ކަހަލަ ލަދެއް ޙަޔާތެއްނެތި އަހަރެން ނުކުރާ ޙަރާމް އެންމެ ކަމެއްވެސް ނެތެވެ. އަހަރެންނަކީ ހަމައެއްކޮށް ހުޅަނގުގެ ގޮތްތަކަށް ލެނބިފައިވާ ކުއްޖަކީމެވެ. އަހަންނަށް ވަރަށް ކުޑަކޮށް ޢަރަބިބަސް އެނގެއެވެ. އަދި އަހަންނަކީ ވަރަށް ރީތި އަންހެން ކުއްޖެއްކަމުން ނިވުޒީލޭންޑުގައި އޮތް ރީތީގެ މުބާރާތެއްގައި ބައިވެރިވީމެވެ. އަދި އެމުބާރާތުން އަހަންނަށް ކާމިޔާބުވެސް ލިބުނެވެ. އަދި ނިވުޒީލޭންޑްގައި ބާއްވާ ރަލުގެ މުބާރާތެއްގައި ބައިވެރިވުމަށް ވެސް އަހަރެން ދިޔައީ ވިސްނަމުންނެވެ. އަދި މިހާރު އަހަރެން މިދަނީ އެކިއެކި މަޖައްލާތަކަށް މޮޑެލް ކުރަމުންނެވެ. މިދުވަސްތަކުގައި އަހަރެން އޮސްޓުރޭލިއާގައި ދިރިއުޅޭ ލުބުނާނުގެ އާއިލާއަކަށް ޒިޔާރަތްކޮށް އުޅުމުގެ ތެރޭގައި ޢިއްފަތްތެރިކަމާބެހޭ ގޮތުން ވާހަކަދައްކާފައިވާ ރޯދަމަހުގެ ޕުރޮގުރާމެއް ޓީވީއިން ފެނުނެވެ. އަދި އެޕުރޮގުރާމު ދައްކަމުން ދިޔައިރު ވެބްއެޑްރެހެއް ދައްކާފައި ވެއެވެ. އަހަރެން ވަރަށް ބޮޑަށް ހާސްވިއެވެ. އަހަރެންނަށް ހީވީ މިޕުރޮގުރާމުގައި ދެމުން ދިޔަ ތަޤުރިރުތަކަކީ ހަމަ އަހަންނަށް އަމާޒުކޮށްފައިވާ ތަޤުރީރުތަކެއް ހެންނެވެ. އަހަރެން މި އީ-މެއިލް މި ފޮނުވަނީ ﷲ އަހަރެން ޤަބޫލު ކުރައްވާނެތޯ ނުވަތަ އެހެންގޮތަކަށް ބުނާނަމަ ﷲ އަހަރެންގެ ތައުބާ ގަބޫލު ކުރައްވާނެތޯ އަހާލުމަށެވެ.“ އަދި މިއީ ސާރާގެ އީ-މެއިލް ނިމުނު ހިސާބެވެ. ސުބުޙާނަ ﷲ! ކޮންމެ މުއްދަތަކަށް މީހެއް އީމާންވީ ކަމުގައިވީ ނަމަވެސް އިންސާނާގެ ފުރާނަ ބޭނުންވަނީ އޭނާގެ ވެރިރައްބެވެ. މައިދާ ކާނާއަށް އެދޭފަދައިން ފުރާނަ އެދެނީ ﷲ އަށެވެ. އިސްލާމްދީނުގެ ދަޢުވަތު ފަތުރަމުން ގެންދެވި ބޭފުޅާ ޖަވާބުގައި ތައުބާ ވެވޭނޭގޮތްތަކާއި، އަދި ހަމަކަށަވަރުން ވެސް އޭނާ ތައުބާ ވެއްޖެނަމަ ﷲ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނޭކަމަށް ނަސޭހަތް ދެއްވިއެވެ. އޭގެ ދެދުވަސް ފަހުން އޭނާ ޢަމްރު ބިން ޚާލިދަށް ގުޅިއެވެ. އަދި ބުންޏެވެ. ”އަހަރެން ﷲ ގެ ޙަޟްރަތަށް ތައުބާ ވެއްޖައީމެވެ. އަދި އަހަރެންގެ ލޯބިވެރިޔާ ދޫކޮށްލައިފީމެވެ. އަދި ދެން ދުވަހަކުވެސް އޭނާ ދެކެން ބޭނުން ނުވާކަމަށް ބުނެ ހުވާ ކޮއްފީމެވެ.“ އަނެއްކާވެސް އޭގެ ދެދުވަސް ފަހުން އޭނާ ގުޅިއެވެ. އަދި ބުންޏެވެ. ”އަހަރެން ބޭނުންވަނީ ނަމާދު ކުރާނޭގޮތް ދަސްކުރާށެވެ.“ އަނެއްކާވެސް އޭގެ ދެދުވަސްފަހުން އޭނާ ގުޅާފައި ބުންޏެވެ. ”އަހަރެން ޤުރުއާނުގެ ބައެއް އޯޑިއޯ ޓޭޕްސް ބޭނުމެވެ.“ އެހެންކަމުން ޚާލިދު އޭނާއަށް ޑީ.އެޗް.އެލް ކޮރެއާ މެދުވެރިކޮށް ޓޭޕެއް ފޮނުވި އެވެ. އޭގެ ފަހުން ހަފްތާއެއް ފާއިތުވެ ދިޔައެވެ. އަދި ސާރާއަށް ވަކި އަވަށަކުން އެލިބުނު ރީތީގެ ލަޤަބު އަނބުރާގެނައި ކަމަށް ބުނެ ޚާލިދަށް އެންގުމުގެ ކުރިން، ޚާލިދަކަށް އޭނާގެ ފަރާތުން ހަމަ އެއްވެސް ޚަބަރެއް ނުވެ އެވެ. ދެން ލިބުނީ އެންމެ ހައިރާން ކުރުވަނިވި ޚަބަރެވެ. އޭނާ ބުންޏެވެ. ”އަހަރެން ބުރުގާ އަޅައިފީމެވެ.“ މިހާ ހިސާބުން ވާހަކަ ނިމުނީކީ ނޫނެވެ. ސާރާ ބުރުގާ އެޅިތާ ދެދުވަސް ފަހުން އޭނާއަށް ވަރަށް ތޫނު ތަދެއް އިޙުޞާސް ކުރެވުނެވެ. އަދި އޭނާ ޑޮކްޓަރަށް ދެއްކުމުން، ޑަކްޓަރު ބުނުއްވީ އޭނާއަށް ސިކުނޑީގެ ކެންސަރު ޖެހިފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭނީ މަދު ދުވަސްކޮޅަކު ކަމަށެވެ. އެހެންކަމުން އޭނާ އޮޕަރޭޝަނެއް ކުރިއެވެ. ނަމަވެސް އެއޮޕަރޭޝަނުން ކާމިޔާބުވީ އެންމެ 20 ޕަރސެންޓު ކަމަށް އޮސްޓުރޭލިއާގެ ޑަކްޓަރުން ވިދާޅުވިކަމަށް ޑަކްޓަރު ބުނުއްވި އެވެ. ސާރާ މިކަމާ ދޭތެރޭ ބުނި ބަސް އަޑުއައްސަވާށެވެ. އޭނާ ބުންޏެވެ. ”ﷲ އާއި ބައްދަލު ވުމަށް އަހަރެންގެ ހިތް ރުހެއެވެ. އަދި އަހަރެންގެ ބައްޔަކީ ކޮބައިކަން އެނގުމުގެ ކުރިން ތައުބާ ވެވުނުކަމަށްޓަކައި އަހަރެން އުފާކުރަމެވެ. އަހަރެންގެ މަންމައާއި ބައްޕައަށް އަހަރެންގެ ޙާލަތާބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގޭ ކަމެއް އަހަންނަކަށް ނޭނގެ އެވެ. އަދި އަހަރެން ދިރިހުރި ކަމުގައިވާނަމަ ތިޔަބޭފުޅުންގެ ތިވެބްސައިޓަށް ތާއީދު ކުރާނަމެވެ. އެއީ ތިވެބްސައިޓަކީ އަހަރެންނަށްޓަކައި އިސްލާމްދީނަށް ހުޅުވާލަދިން ދޮރު ކަމުގައިވާތީއެވެ.“ އަހަރެމެން މިލްކުވެވޮޑިގެން ވަނީ ﷲ އަށެވެ. އަދި އެނބުރި ރުޖޫޢަވުން ވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ސާރާ ވަޅުލެވުނީ ނިވުޒީލޭންޑުގެ މުސްލިމުންނާއެކު (މުސްލިމުންގެ ޤަބުރުސްތާނު) ގައެވެ. އޭނާ މަރުވުމުގެ ކުރިން ޢަމްރު ޚާލިދަށް ކުރު ސިޓީއެއް ފޮނުވިއެވެ. އޭގައިވަނީ މިފަދައިންނެވެ. ”އަހަރެންގެ އުމުރުން 22 އަހަރު ވަންދެން އަހަރެން ދިރިއުޅުނީ އަހަރެންގެ ވެރި ރަސްކަލާނގެއާ ދުރުގައެވެ. އެކަމަކު މީގެ ތިންހަފުތާ ކުރިން އަހަރެން މިވަނީ ﷲ ގެ ޙަޟްރަތަށް ތައުބާވެ، އެކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވެފައެވެ. ތިބާއާއި މިއިންޓަރނެޓު ފޯރަމް ފިޔަވާ މާގިނަ މުސްލިމުންނެއް އަހަންނަކަށް ނޭނގެ އެވެ. އެހެންކަމުން އަހަރެންގެ ފާފަ ފުއްސެވުމަށާއި އަހަންނަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކޮއްދެއްވުމަށް ތިބާގެ ކިބައިން އެދެމެވެ. އަދި އަހަންނާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭކަމުން އަހަރެންގެ މަންމައަށް ތެދުމަގު ދެއްކެވުމަށްވެސް ދުޢާކޮށް ދެއްވާށެވެ.“

Post a Comment

0 Comments