މުޢާޛު ބިން ޖަބަލު (رضي الله عنه) ގެ އަގުހުރި ބަސްފުޅުތަކުން...

މުޢާޛު ބިން ޖަބަލު (رضي الله عنه) ގެ އަގުހުރި ބަސްފުޅުތަކުން...
ތަރުޖަމާ: އުއްމު ޢަބްދު ﷲ (جزاها الله خير)
މުޢާޛު ބިން ޖަބަލު (رضي الله عنه) އާއި ބެހޭގޮތުން ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން، ﷲ ތަޢާލާގެ ކުރިފުޅުމައްޗަށް ޢިލްމުގެ އަޙުލުވެރިން ހާޒިރުކުރެވޭ ހިނދުގައި މުޢާޛު ވާނީ އެންމެންނަށްވުރެ 1 ފިޔަވަޅު ކުރީގައެވެ.“ [ސަޙީޙް، އައްތަބާރަނީ]
އިބްނު މަސްޢޫދު (رضي الله عنه) ވިދާޅުވިއެވެ. ”މުޢާޛު (رضي الله عنه) އަކީ ހަމަކަވަރުން ވެސް މުއުމިނުންނަށް ހުރި ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނު ﷲ ތަޢާލާއަށް ތަޤްވާވެރިކަމާއިއެކުގައި ކިޔަމަންތެރިވިއެވެ. އަދި އެކަލޭގެފާނަކީ އިޚްލާޞްތެރި ޞާލިޙު މުއުމިނެކެވެ.“ މުޢާޛު ބިން ޖަބަލު (رضي الله عنه) އެއްފަހަރެއްގައި އެކަލޭގެފާނުގެ ފިރިހެން ދަރިފުޅަށް ދެންނެވިއެވެ. ”އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ނަމާދަށް ކޮޅަށް ތެދުވާއިރުގައި މިދުނިޔެއާއި އަލްވަދާޢު ކިޔާ މީހެއް ފަދައިން ތެދުވާށެވެ. އަދި ނަމާދުކުރުމަށް އިތުރު ފުރުޞަތެއް ލިބޭނެކަމަށް ނުދެކޭށެވެ. އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! މުއުމިނަކު މަރުވަނީ ދެޢަމަލެއްގެ ދެމެދުގައިވާ ޙާލުގައިކަން ދަންނާށެވެ. އެއް ޢަމަލަކީ، މިއަދަށްޓަކައި އޭނާ ކުރާ ޢަމަލެވެ. އަދި އެކަމެއްގެ ރަޙްމަތް ވަގުތުން އޭނާއަށް ލިބޭނެކަމެވެ. އަދި ދެވަނަ ޢަމަލަކީ، ޤިޔާމަތް ދުވަހަށްޓަކައި ކުރާ ޢަމަލެވެ. އެ ޢަމަލެއްގެ އެންމެ ފަހުގެ މަންފާތައް ލިބޭ ދުވަހަކީ އެއީ އެވެ.“ މުޢާޛު ބިން ޖަބަލު (رضي الله عنه) ވިދާޅުވިއެވެ. ”ތިބާ ލިބިގަތުމަށް އެދޭ ކޮންމެ ޢިލްމެއް އުނގެނޭށެވެ. އަދި ތިބާ އުނގެނުނު އެއްޗެއްގެ މައްޗަށް ޢަމަލު ނުކުރާ ހާ ހިނދަކު ﷲ ތަޢާލާ ތިބާއަށް އަޖުރެއް ނުދެއްވަވާނެ އެވެ.“ ޢަބްދު ﷲ އިބްނު އަޙުމަދު އިބްނު ޙަންބަލު (رحمه الله) ރިވާކުރެއްވިއެވެ. (މީހަކު މުޢާޛު ބިން ޖަބަލު (رضي الله عنه) ގެ އަރިހުގައި ސުވާލުކުރިއެވެ. ”އަހަންނަށް އެއްޗެއް އުގަންނައިދެއްވާށެވެ.“ މުޢާޛު (رضي الله عنه) ޖަވާބުދެއްވެވިއެވެ. ”ތިބާ އަހުރެންނަށް ކިޔަމަންވާނު ހެއްޔެވެ؟“ އެމީހާ މަޑުމައިތިރިކަމާއިއެކުގައި ބުންޏެވެ. ”ކަލޭގެފާނަށް ކިޔަމަންވުމަށް އަޅުގަނޑު ނުހަނު ދަހިވެތިވަމެވެ.“ ދެން މުޢާޛު (رضي الله عنه) އެމީހާއަށް ނަޞޭޙަތް ދެއްވެވި އެވެ. ”ބަރާބަރަށް ނަމާދުކޮށް ރޯދަހިފާށެވެ! ތިބާގެ އާމްދަނީ ހަލާލްގޮތަކުން ހޯދާށެވެ! އަދި އެކަމުގައި ގޯހެއް ނުހަދާށެވެ! އިސްލާމްދީނުގައި މެނުވީ މަރުނުވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ! އަދި ތިބާ އެމީހަކާއި މެދުގައި ނާއިންސާފުން ކަންތައް ކޮށްފައިވާ މީހަކާއި ގުޅޭގޮތުން ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާގެ ޢަދުލުގެ ކުރިމަތީގައި ޒިންމާވުމާއި މެދު ސަމާލުވާށެވެ.“) އަލްއަސްވަދު ބިން ހިލާލް ވިދާޅުވިއެވެ. (އަހަރެމެން މުޢާޛު ބިން ޖަބަލު (رضي الله عنه) އާއި އެކުގައި ހިނގާފައި ދަނިކޮށް، މުޢާޛު ކުއްލިއަކަށް އަހަރެމެން ހުއްޓުވާފައި އަހަރެމެންނަށް ވިދާޅުވިއެވެ. ”މިތަނުގައި ގަޑިއެއް އިރު މަޑުކޮށްގެން ތިބެ އަހަރެމެންގެ އީމާންކަން އަލުން ޔަޤީން ކުރަން ހިނގާށެވެ.“)

Post a Comment

0 Comments