އިމާމް އަޙްމަދުގެ ގެކޮޅަށް އިމާމް ޝާފިޢީ ކުރެއްވެވި ޒިޔާރަތްފުޅު



ތަރުޖަމާ: އުންމު ކުލްޘޫމް (جزاها الله خير)

އިމާމް އަޙްމަދް އެކެލޭގެފާނުގެ އަނބިކަނބަލުންގެ ގާތުގައި އިމާމް ޝާފިޢީގެ ޞާލިޙްކަމާއި ތަޤްވާ ވެރިކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވައެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމުގެ ވާހަކަ ޛިކުރުކޮށް ހައްދަވައެވެ. އިމާމް އަޙްމަދު އެކަލޭގެފާނުގެ ޝޭޚު އިމާމް އައްޝާފިޢީ އަށް ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގަތުމަށް އެދި ދައުވަތު ދެއްވި އެވެ. އިމާމް ޝާފިއީ އެގެއަށް ވަޑައިގެން ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުމުން ގެނައި ކާތަކެތިން ބަނޑު ފުރިވަޑައިގަންނަވަންދެން ކޭން ބެއްލެވިއެވެ. އަދި މެހެމާނުންގެ ކޮޓަރިއަށް ނިދިކުރެއްވުމަށް ވަޑައިގަތެވެ. 
އިމާމް ޝާފިޢީގެ ފަރާތްޕުޅުން މިކަންތައްތައް ފެނުމުން އިމާމް އަޙްމަދުގެ އަނބިކަނބަލުން އިމާމް އަޙްމަދަށް ދެންނެވިއެވެ.” އޭ އަޙްމަދެވެ! ކަލޭގެފާނު އަބަދާ އަބަދު ތިމަންކަމާނާގެ ގާތުގައި އެބޭކަލެއްގެ ތަޢުރީފު ކުރައްވާ، ޝާފިޢީ އަކީ މީ ތޯއެވެ؟“ އިމާމް އަޙްމަދު ޖަވާބުގައި ވިދާޅުވިއެވެ. ”ހަމަކަށަވަރުންވެސް އެބޭކަލަކީ މިއީއެވެ.“ ދެން އިމާމް އަޙްމަދުގެ އަނބިކަނބަލުން ދެންނެވިއެވެ. ”އިމާމް އައްޝާފިޢީގެ ފަރާތްޕުޅުން ތިމަންކަމަނާ އަށް އެކަލެގެފާނުގެ މައްޗަށް ފާޑުކިއުން ޙައްޤުވާ ނުރަނގަޅު ތިން ކަމެއް ފެނިއްޖެއެވެ. އެންމެ ފުރަތަމަ ކަމަކީ ތިމަންކަމަނާ އެކަލޭގެފާނަށް ކެއުން އެރުވުމުން އެކަލޭގެފާނު އޭގެން ވަރަށް ގިނައިން ކޭންބެއްލެވިއެވެ. ދެވަނަ ކަމަކީ އެކަލޭގެފާނު މެހެމާނު ކޮޓަރި އަށް ވެދެވަޑައިގެން ތަހައްޖުދު ނުކުރައްވާ ނިދިކުރައްވަން އޮށޯވެވަޑައިގަތީއެވެ. އެންމެ ފަހުކަމަކަށް އެކަލޭގެފާނު ތިމަންމެނާއެކު ފަތިސްނަމާދު ކުރެއްވިއިރު އެކަލޭގެފާނު ވުޟޫއެއް ނުކުރައްވައެވެ.“ އެހެންކަމުން އިމާމް އަޙްމަދު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފާހަގަ ކުރެވުނު ކަންތައްތައްކާއި މެދު ސުވާލު ކުރެއްވުމަށް އިމާމް ޝާފިޢީގެ އަރިހަށް ވަޑައިގަތެވެ. އިމާމް އައްޝާފިޢީ ބައްޕައަކު ދަރިއަކަށް ކިޔާދޭފަދައިން އޯގާތެރިކަމާއެކު ކިއުއްވާދެއްވިއެވެ. ”އޭ އަޙްމަދެވެ! ތިމަން ކަލޭގެފާނު ގިނައިން ކޭންބެއްލެވީ އެކާތަކެއްޗަކީ ޙަލާލު ކާތަކެތިކަން ޔަޤީންވެވަޑައިގަންނަވާތީއެވެ. އަދި ކަލޭގެފާނަކީ ދީލަތި ބޭކަލެއްކަން ވެސް އެނގިލައްވާތީއެވެ. އަދި ދީލަތި މީހެއްގެ ކިބައިން ލިބޭ ކާނާ އަކީ ފަރުވާއެކެވެ. އަދި ހަމަ އެހެންމެ ދަހި މީހެއްގެ ކިބައިން ލިބޭ ކާނާއަކީ ބައްޔެކެވެ. ތިމަންކަލޭގެފާނު އޭގެން ގިނައިން ކޭންބެއްލެވީ ތިމަން ކަލޭގެފާނުގެ ބަނޑު ފުރުމަކަށް ނޫނެވެ. ނަމަވެސް އޭގެންވާ ފަރުވާ އެންމެ ބޮޑަށް ލިބިވަޑައިގަތުމަށްޓަކައެވެ. ތިމަން ކަލޭގެފާނަށް ތަހައްޖުދު ނަމާދު ނުކުރެއްވުނު ސަބަބަކީ، ތިމަން ކަލޭގެފާނު ކުޑަކޮށް ނިދާލެއްވުމަށްޓަކައި އޮށޯވެވަޑައިގަތްތަނާ ތިމަންކަލޭގެފަނުގެ ކުރިފުޅުމަތިން ފެންނަން ހުރިހާ ވެސް އެއްޗަކީ ﷲ ގެ ފޮތާއި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތެވެ. އެހެންކަމުން ތިމަން ކަލޭގެފާނު، އޭގެން މުސްލިމުންނަށް ފައިދާ ކުރާނެ، ފިޤުހާ ގުޅުން ހުރި ހަތްދިހަ ދެ މައްސަލައެއް، (އޭގެން މުސްލިމުން ފައިދާ ލިބިގަތުމަށްޓަކައި) ނެންގެވީމެވެ. އެހެންކަމުން ތިމަންކަލޭގެފާނަށް ތަހައްޖުދު ކުރެއްވުމަށް ވަގުތެއް ލިބިވަޑައިނުގެންނެވިއެވެ. ތިމަންކަލޭގެފާނު ފަތިސްނަމާދު ކުރެއްވި އިރު ވުޟޫ ނުކުރައްވާ ނަމާދު ކުރެއްވި ސަބަބަކީ، ﷲ ގަންދީ ވިދާޅުވަމެވެ! މުޅިރޭ ތިމަން ކަލޭގެފާނުގެ ލޯ، ނިދީގެ ފޮނިކަމުގެ ރަހަ ކުޑަހިނދުކޮޅަކު ވެސް ދެކިފައިނުވާތީ އަލުން ވުޟޫކުރައްވަން ޖެހިވަޑައިނުގަތީއެވެ. ތިމަން ކަލޭގެފާނު މުޅި ރޭ ހޭލާއުޅުއްވުމުން ތިމަންކަލޭގެފާނު ފަޖުރު ނަމާދު ކުރެއްވީ ޢިޝާ ނަމާދު ކުރެއްވުމަށް ކުރި ވުޟޫއިންނެވެ. މަޞްދަރު: ފަތުހުލް ބާރީ (އަލްޙާފިޒް އިބްނު ޙަޖަރު)، ހިލްޔަތުލް އައުލިޔާ (އަބޫ ނުޢްމާން)

Post a Comment

0 Comments