ﷲ سبحانه وتعالى ގެ ޛިކުރުން މޫނު އަނބުރާލުމުގެ ބިރުވެރިކަން


ތަރުޖަމާ: އަބޫ ޖައްރާޙް (جزاه الله خير)

މާތް ވެގެންވާ މުސްލިމުން ދަންނާށެވެ! ﷲ سبحانه وتعالى ގެ ޛިކުރުން މޫނު އަނބުރާލައި އެއާއި މެދު އަޅާނުލައި ޣާފިލުކަންމަތީ ދިރިއުޅޭ މީހުންނަށް ﷲ سبحانه وتعالى ދުނިޔެ މަތީގައިވެސް ތަފާތު ގިނަ ގުނަ ޢުޤޫބާތްތައް ދެއްވާނެކަމީ ޔަޤީން ވެގެންވާ ކަމެކެވެ. އޭގެ ތެރޭގައި ހިތްދަތި ދިރިއުޅުން ދެއްވާނެ ކަމާއި، (އެބަހީ: ފަޤީރު މިސްކީނު ވާހަކައެއް ނޫނެވެ.) އަދި އެމީހުން މަޙުޝަރަށް ގެންދެވޭނީ ލޯކަނު މީހުންގެ ގޮތުގައި ކަމާއި އެކަމުގެ ޝަކުވާ ދަންނަވާނެކަމާއި، އޭގެ ޖަވާބު ގައި ﷲ سبحانه وتعالى ވަޙީ ކުރައްވަނީ، ތިމަން އިލާހުގެ އާޔަތްތައް ތިޔަބައިމީހުންގެ ގާތަށް އައެވެ. ފަހެ، އޭގައިވާ ގޮތަށް ޢަމަލު ކުރުން ދޫކޮށް ތިޔަބައިމީހުން އެކަންކަން ހަނދާން ނައްތާލީ ކަމުގައެވެ. ފަހެ އެގޮތުން ތިޔަބައިމީހުންގެ ލޮލުގެ ފެނުން ދެއްވި ކަން ހަނދާން ނެތިކޮށްލެވި ފައިވަނީއެވެ. ދެން ފަހެ މިފަދަ ބިރުވެރި އިންޒާރުވެރި ޚަބަރު ތައް، އެއިލާހުގެ ފޮތުގައި، ބާވައިލައްވާ އެއިލާހުގެ އަޅުތަކުންނަށް އަންގަވައި ވަޙީކުރައްވާފައި ވެއެވެ:
”وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى (*)قَالَ رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنْتُ بَصِيرًا (*)قَالَ كَذَلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى“ ”ތިމަން އިލާހުގެ ޛިކުރުން، މޫނު އަބުރައިގެން (އަޅާނުލާ) ދިރި އުޅޭ މީހާއާއި މެދު (ދަންނާށެވެ!) ފަހެ އޭނާއަށް ހިތްދަތިވެގެންވާ ދިރިއުޅުމެއް ހުއްޓެވެ. (ފައިސާއާއި، ގަދަރު ހުއްޓަސް ....) (މިއީ ދުނިޔޭގައެވެ.) އަދި (ތިމަން އިލާހު) އޭނާ މަޙުޝަރު ކުރައްވާނީ، ޤިޔާމަތް ދުވަހުގައި، ލޯކަނު އަދިރި މީހެއްގެ ގޮތުގައެވެ. އޭނާ ދަންނަވައެވެ! އޭ ހައްދަވާ ބޮޑުކުރެވެވި ރައްބެވެ! ހަމަގައިމު އަހަރެން ވީ ލޯއަލި މީހަކުކަމުގައެވެ. (އެއީ ދުނިޔޭގައެވެ.) ޖަވާބުގައި ﷲ ވަޙީ ކުރައްވަނީ ހަމައެގޮތަށް، ކަލޭ ކައިރިއަށް ތިމަން އިލާހުގެ އާޔަތްތައް އައެވެ. ދެންފަހެ ކަލޭ އެ އާޔަތްތައް ހަނދާން ނައްތާލީއެވެ. އަދި ހަމައެގޮތަށް މިއަދު ކަލެޔާމެދު ހަދާން ނެތިފައިވަނީއެވެ.“ [ޠާޙާ: 124،125،126] ވީމާ.! މާތްވެގެންވާ މުސްލިމުން ވިސްނެވުން ހުއްޓެވެ! ޙައްޤާއި ދެކޮޅު ހެދުން ފަދަ، ޙައްޤު ގޮތް ޤަބޫލް ކުރަން ދަތިވުންފަދަ، ހެޔޮބަސް އެހުމަށް އުނދަގޫވެ ދަތިވުންފަދަ، ތެދުމަގާއި ހިދާޔަތަށް، އިންކާރު ކުރުންފަދަ، މަޢުނަވީ ވަބާއާއި ބަލާ، މިއީ ނުރައްކާތެރި މުޞީބާތެކެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައި ވެއެވެ: ”وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِنْ تَدْعُهُمْ إِلَى الْهُدَى فَلَنْ يَهْتَدُوا إِذًا أَبَدًا“ ”އެމީހެއްގެ ވެރިރައްބުގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެވުމުން އެ އާޔަތްތަކަށް ފުރަގަސްދީ، މޫނުއަނބުރާލާ އަދި އޭނާ އިސްކުޅަ ޢަމަލުތައް ހަނދާންނައްތާލާ މީހާއަށްވުރެ އަނިޔާވެރިކަން ބޮޑުވެގެންވަނީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ތިމަން އިލާހު އެބައިމީހުންނަށް އެ ޤުރުއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެބައިމީހުންގެ ހިތްތަކުގައި ލެއްވީމެވެ. އަދި ކަލޭގެފާނު އެބައިމީހުންނަށް ތެދުމަގަށް ގޮވާލައިފިނަމަ ފަހެ އޭރުން އެއްގޮތަކަށްވެސް އެބައިމީހުން ތެދުމަގު ލިބިއެއް ނުގަންނާނެއެވެ.“ [އަލް ކަހްފް: 57] އަދިވެސް ވަޙީކުރައްވާފައި ވެއެވެ: ”وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ“ ”އޭނާގެ ވެރި ރައްބުގެ އާޔަތްތައް ހަނދާންކޮށް ދިނުމަށް ފަހު، ދެން އެ އާޔަތްތަކުން މޫނު އަނބުރާ (އަޅާނުލާ ނޭނގޭ ކަމަށް ހެދިގެންހުންނަ މީހާ) މީހާއަށް ވުރެން ވަކިން އަނިޔާ ވެރިކަން ބޮޑުވެގެންވަނީ ކާކު ހެއްޔެވެ؟ ހަމަކަށަވަރުން (ތިމަން އިލާހު) މުޖުރިމުންގެ ފުށުން (ފަރާތުން) ބަދަލު ހިއްޕަވާނެކަން ގައިމެވެ.“ [އައް ސަޖިދަ: 22] އެހެންކަމުން އެއްމެހާ އަޚުންނާއި އުޚުތުންނޭވެ! ތިޔައިގެ ތެރެއިން އެކަކުވެސް ﷲ سبحانه وتعالى ގެ ގަދަ ފަދަ ހިއްޕެވުން ތަކަށް ރުހެމުހެއްޔެވެ؟ ހަމަގައިމުވެސް ނުރުހޭނެއެވެ. އެހެންކަމަށްވާއިރު އަހުރެމެން ﷲ سبحانه وتعالى ގެ އާޔަތްތަކަށާއި، އަމުރުތަކަށް އަދި އެއިލާހުގެ މަތިވެރި ޝަރީޢަތައް ކިޔަމަންވަމާ ހިނގާށެވެ. ހަމަ އެކަނި ދުލުން ބުނެލާ ބަޔަކަށް ނުވަމާ ހިނގާށެވެ. ﷲ سبحانه وتعالى ތިބާ އާއި އަޅު (އަހަރެން) ނަކީ އެއިލާހަށް އިޚުލާޞްތެރިކާމާއެކު ކިޔަމަންވާ ބައެއްކަމުގައި ލައްވާންދޭވެ! އާމީން...

Post a Comment

0 Comments