ﷲ އަށް ފުރިހަމަޔަށް އިތުބާރު ބޭއްވި އަންހެނާ



ޝައިޚް މުޙަންމަދު ޙަސަން ލިޔުނީ: އުންމު ކުލްޘޫމް (جزاها الله خير)
މިއީ އަހަރެމެންގެ މިޒަމާނުގައި ހިނގާފައިވަ ޙަޤީޤީ ހާދިސާއެކެވެ. ނަމަވެސް އަހަރެމެންގެ ކުރީގައި އުޅެ ގޮސްފައިވާ ޞާލިޙް ތަޤްވާވެރި މީހުންގެ ވާހަކަ އަހަރުމެން ދައްކައިފިނަމަ މިޒަމާނުގެ މީހުން ބުނެ އުޅެ އެވެ. ”ތިޔަ ދައްކަނީ މާކުރީ ޒަމަނެއްގެ ވާހަކައެކެވެ. އަދި އެއީ އަހަރެމެންގެ މިޒަމާނާ ވަރަށް ތަފާތު ޒަމާނެކެވެ.“ މިޞްރުގައި ދިރިއުޅޭ އަހަރުމެންގެ އުޚުތެއް އޭނާގެ ވަހާކަ އަހަންނަށް ކިޔައިދިނެވެ. އެ އުޚްތާ ކިޔައިދިން ގޮތުގައި އެނާގެ ޢާއިލާއަކީ ވަރަށް ފަޤީރު ޢާއިލާ އެކެވެ. އަދި އޭނާގެ ކުޑަ އަންހެން ކުއްޖެއް ހުރެއެވެ. އެއްފަހަރެއްގައި އޭނާގެ ފިރިމީހާ މަސަތްކަތެއްގައި އެމީހުން ދޫކޮށް އެހެންތަނަކަށް ދާންޖެހުނެވެ. ނަމަވެސް މި ފަޤީރު ޢާއިލައަކީ ﷲ އަށް ނަމާދު ޤާއިމްކޮށް އެބައިމީހުންގެ އަޅުކަންތަކުގައްޔާއި އީމާންކަމުގައާއި ކިޔަމަންތެރިކަމުގައި ﷲ އަށް ފުރިހަމަޔަށް ތަވައްކަލް ކުރާ ބައެކެވެ.
އެހެންކަމުން މިއުޚްތާ ކިޔައިދިނެވެ. އޭނަގެ ފިރިމީހާ ދިޔަތަނާ އޭނާގެ ކުޑަ ދަރިފުޅު ވަރަށް ބޮޑަށް ހުންއައިސް ބަލިވިއެވެ. އަދި ބޭސްފަރުވާއެއް ކުރާނޭ ފައިސާއެއް އެނާގެ އަތަކު ނެތެވެ. އޭނާއާއި އޭނާގެ މުސްކުޅި ބައްޕަޔާ ކުޑަ ދަރިފު ކާނޭ އެއްޗެއްނެތުމުގެ ސަބަބުން ނުކައި ބަނޑުހައިހޫނު ކަމުގައި ތިއްބެވެ. އަދި އޭނާގެ ކުޑަ ދަރިފުޅުގެ ހުން ފަހަރަކަށްވުރެ ފަހަރެއް މަތިވަމުން ދިޔައެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް އޭނާ ހަދާ ގޮތަކީ ތުވާއްޔެއް ފެނުން ފޯކޮށްފައި ދަރިފުޅުގެ ނިއްކުރީގައި އަޅާލާފައި މުޅިގައިގައި ފެންހާކަފައި ގޮސް ސުންނަތް ދެރަކްޢަތް ނަމާދެއް ކޮށް ދުޢާ ކުރުމެވެ. ދެން އެއަށްފަހު ނަމާދުކޮށް އަވަދިވުމުން އެނބުރިއައިސް ތުވާލި ބަދަލުކޮށް ދަރިފުޅުގެ ގައިގާ ފެންހާކާފައި އަނެއްކާވެސް ސުންނަތުގެ ދެރަކުޢަތް ނަމާދެއްކޮށް ދުޢާ ކުރެއެވެ. މިގޮތަށް މިކަންތައް ތަކުރާރު ކުރަމުން އެނާ ގެންދިޔައެވެ. ނަމާދުކޮށްފައި ދަރިފުޅުގެ ގައިގާ ފެންފޮތި އަޅަމުން ގެންދިޔައެވެ. އޭނާ ބުންޏެވެ. އޭ ޝެއިޚް މުޙަންމަދް އެވެ. ﷲ ގަންދީ ބުނަމެވެ. އޭރު ގަޑިން އެއްގަޑިބައިވެ ދޭއްޖަހަނީ އެވެ. ރޭގަނޑު މެންދަމުގެ މިވަގުތުގައި އަހަރުމެންގެ ގޭގެ ދޮރުގައި ކުއްލިއަކަށް މީހަކު ޓަކިޖެހިއެވެ. އަހަރެންގެ ބައްޕަ އަވަހަށް އެއީ ކާކުތޯބަލަން ދޮރާ ދިމާލަށް ދިޔައެވެ. ފަހަތުން އަހަރެންވެސް ޙިޖާބު އަޅާ ނިވާވެ ހިނގައިގަތީމެވެ. އަހަރެންގެ ބައްޕަ ގޮވާލިއެވެ. ”ކާކު ހެއްޔެވެ؟ މިގަޑީގައި އަހަރެމެންގެ ގޭގެ ދޮރުގައި ޓަކިޖަހަނީ ކާކު ހެއްޔެވެ؟“ އެވަގުތު ބޭރުން ފިރިހެނަކު މިހެން ބުނި އަޑު އިވުނެވެ. ”އަހަންނަކީ ޑޮކްޓަރަކީމެވެ. ބޭސްފަރުވާކުރާ މީހަކީމެވެ.“ އުޚުތާ ކިޔައިދިނެވެ. އަހަރުމެން ދޮރުހުޅުވި އިރު ކުރިމަތިން ފެނުނީ ޑޮކްޓަރެއް ސޫޓްކޭހެއް ހިފައިގެން ހުއްޓައެވެ. އެ ޑޮކްޓަރު އަހަރުމެނަށް ސަލާން ގޮވާލުމަށްފަހު ބުންޏެވެ. ބަލިވެފަ އޮތް އަންހެންކުއްޖާ ކޮބައިހެއްޔެވެ؟ އަހަރުމެން ޑޮކްޓަރަށް ގޭގެ އެތެރެއަށް ވަނުމުގެ އިޒުނަ ދިނުމުން ޑޮކްޓަރު އެތެރެއަށް ވަދެ އަހަރެންގެ ދަރިފުޅު ރަނގަޅަށް ބެލިއެވެ. ހުރިހާކަމެއްކޮށް ނިންމާފައި ބޭސްސިޓީއެއް ލިޔެފައި އަހަރުމެނަށް ދިނެވެ. އެއަށްފަހު ގޮސް ދޮރުގެ ކުރިމަތީގައި މަޑުކޮއްލައިގެން ހުއްޓެވެ. ދެމިނެޓު ވަރަކަށް ފަހުން ޑޮކްޓަރު އެތަނުން ދުރަށް ނުދިޔުމުން އަހަރެން ގޭގެ ދޮރުލެއްޕީމެވެ. އެވަގުތު ޑޮކްޓަރު ގޮވާލި އެވެ. ”އުޚުތާއެވެ. އަވަސްކުރާށެވެ.“ އުޚުތާ ޖަވާބު ދިނެވެ.” އާދޭހެވެ. ޑޮކްޓަރެވެ. ޑޮކްޓަރު ބޭނުންވެލައްވަނީ ކޮންކަމެއްތޯއެވެ؟“ ޑޮކްޓަރު ބުނެލިއެވެ. ”އަހަރެން ތިބާގެ ދަރިފުޅު ބަލަން މިގެއަށް ކުރި ޒިޔާރަތުގެ އުޖޫރައެއްގެ ގޮތުން ދައްކަންޖެހޭ ފައިސާއެވެ.“ އެހިނދު އުޚުތާ ދެރަވެފައި ބުންޏެވެ.” އަހަރެން ހުވާކޮށްބުނަމެވެ. އެއްމެ ފައިސާފޮއްޗެއްގެ މިންވަރުވެސް އަހަރެންގެ އަތަކު ނެތެވެ. އެހެންކަމުން އަހަންނަށް މަޢާފު ކުރައްވާށެވެ.“ އެވަގުތު ޑޮކްޓަރު ވަރަށް ހިތްހަމަނުޖެހިފަވާ ރާގަކަށް ބުނެލިއެވެ.” ތިބާ ލަދުވެތި ނުވަމުހެއްޔެވެ؟ ފައިސާނެތް އިރުގައިވެސް އަހަންނަށް ފޯނުކޮށްފައި އަންނަން ބުނީ ކީއްވެ ހެއްޔެވެ؟ މިރޭގަނޑު މެންދަމު އެކެއްޖެހި އިރު އަހަރެންގެ ނިދިން އަހަރެން ހޭލައްވާލައިގެން ގެނެސް ތިއުޅެނީ އަހަރެންނަށް ޙައްޤު އުޖޫރަވެސް ނުދޭންހެއްޔެވެ؟“ އުޚުތާ އެވަގުތު ބުނެލި އެވެ. ” އަހަންނަށް މަޢާފު ކުރާށެވެ. ޑޮކްޓަރެވެ. އަހަރެން ތިބާއަކަށް ނުގުޅަމެވެ. އަދި އަހަރެމެންގެ ގޭގައި ފޯނެއްވެސް ނުހުރެ އެވެ.“ ޑޮކްޓަރު ހައިރާންވެފައި ބުންޏެވެ” މިއީ މިވެނި މީހެއްގެ ގެއެއްނޫން ހެއްޔެވެ؟“ އުޚުތާ ބުންޏެވެ. ”ނޫނެކެވެ. ތިޔަ ނަންގަންނަ ގެއަކީ އަހަރެމެންގެ ގެއާ ޖެހިގެން މިހިރަ ގެއެވެ.“ އެވަގުތު ސިހުންވެފައި ވާ ރާގަކަށް ޑޮކްޓަރު ބުނެލިއެވެ. ”އަހަންނަށް އަލުން މިގޭތެރެއަށް ވަނުމުގެ އިޒްނަ ދެވިދާނެ ހެއްޔެވެ؟“ އަދި ޑޮކްޓަރު އެ އުޚްތާ ކައިރިން ކަންތައް ހިނގި ގޮތުގެ ވާހަކަ ކިޔައިދިނުމަށް އެދުނެވެ. އަދި ބުންޏެވެ. ”އެހެނީ ހަމަކަށަވަރުންވެސް ﷲ އަހަރެން މި ދަންވަރު ބޭރަށް ނިކުތުމަށް މެދުވެރި ކުރެއްވެވީ ތިބާމެނަށްޓަކައެވެ. “އެހިނދު ނިކަމެތި އުޚުތާއަށް ގިސްލާ ރޮވެން ފެށުނެވެ. އަދި އޭނާގެ ޙާލަތު ޑޮކްޓަރަށް ކިޔައިދިނެވެ. އުޚުތާގެ ވާހަކަ އަޑުއެހުމަށްފަހު ޑޮކްޓަރުގެ ލޮލުން ކަރުނަ އޮހޮރެންފެށިއެވެ. އެއަށްފަހު ޑޮކްޓަރު ބޭރަށްގޮސް ބޭހާ ކާތަކެތި ހިފައިން އައިސް ދިނެވެ. އަދި މީގެ އިތުރުން ކޮންމެ މަހަކުވެސް ޚާއްޞަ މުސާރައެއް އެ އުޚްތާއަށް ދިނުމަށް ހަމަޖެއްސިއެވެ. އެ އުޚްތާ އަހަންނަށް ކިޔައިދިނެވެ. ﷲ ގަންދީ ބުނަމެވެ. ޝޭޚެވެ. އަހަރެންގެ ފިރިމީހާ މަސަތްކަތުން އެނބުރި އައުމުން އަހަރުމެން މި ޞާލިޙް މިޙާގެ ގާތަށް އޭނާޔަށް ޝުކުރު އަދާކުރުމަށްޓަކައި ދިޔައީމެވެ. އަދި އަހަރުމެން އޭނާއަށް ބުނީމެވެ. ”ތިބާ ކޮންމެ މަހަކު ދެމުންއަންނަ މުސާރަ ދެން އިތުރަށް އަހަރުމެނައް ބޭނުމެއްނުވެއެވެ. ﷲ އަހަރުމެނަށް އެހީތެރިވެދެއްވާނެތެވެ.“ އޭނާ އިތުރަށް ކިޔައިދިނެވެ. ”އަހަރުމެން ދިރިއުޅެނީ ވަރަށް ނިކަމެތި ކޮންނެވެ. ބައެއް ފަހަރުފަހަރު ބަނޑުހައިހޫނުކަން ފިލުވާލާނޭ އެއްޗެއް ނުލިބިފައި ތިބެމެވެ. ނަމަވެސް މިހާދިސާއަށްފަހު އަހަރެން އަހަރެންގެ ފިރިމީހާއަށް ބުނަމެވެ. ތިބާ މަސަތްކަތުގައި އަހަރެމެން ދޫކޮށް ތަނަކަށް ދާންޖެހިފައި ނެތްހެއްޔެވެ؟ އޭރުން އަހަރެމެންގެ ވެރި ރައްބު އަހަރެމެންނަށް ކާންބޯންދެއްވަވައި ހައްދަވާނެއެވެ.“ ހަމަކަށަވަރުން އެއިލާހުގެ ދެއްވެވުމަކީ ދީލަތިކަން ބޮޑުވެގެންވާ ދެއްވެވުމެކެވެ.

Post a Comment

0 Comments