ބޯ ފެނަކީ އިންސާނާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެއްޗެވެ.


ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ (جزاه الله خير) 
(ބޯ) ފެނަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އަސާސީ އެއްޗެކެވެ. ފެނުގެ ސަބަބުން ކާތަކެތި ހަޖަމު ކުރުމަށް ފަސޭހަވެގެން ދެއެވެ. އަދި ހަށިގަނޑުގައި (ގޮހޮރުގައި) އުފެދޭ ވިހަކަމާއި ކުނިބުނި ސާފުކޮށްދިނުމަށް އެހީތެރިވެދެއެވެ. 
ފެނަކީ ހަމައެކަނި އިންސާނާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި ނުވަތަ އަސަސީ އެއްޗެއް ނޫނެވެ. އެހެނަސް އެއީ ހަށިގަނޑަށް އެންމެ ފައިދާ ހުރި އެއްޗެއް ވެސް މެއެވެ. ސިނކުޑި އަކީ 85 ޕަސަންޓް ފެނުން ވާ ގުނަވަނެކެވެ. މަސްގަނޑަކީ 75 ޕަސަންޓް ފެނުންވާ އެއްޗެކެވެ. އަދި ކަށިގަނޑުގައި 22 ޕަސަންޓް ފެން އެކުލެވިގެން ވެއެވެ. އެހެންކަމުން ތިމާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބިދިނުމަކީ ތިމާގެ ޞިއްޙަތަށް އެންމެ ފައިދާ ހުރި ގޮތެވެ. ތިބާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޮމު ހެއްޔެވެ؟ ކަރުހިއްކައިގަތުމަކީ އިންސާނާގެ ހަށިގަނޑަށް ފެން ބޭނުންވެއްޖެކަން ދެނެ ގަނެވޭނެ އޮތް ހަމައެކަނި ގޮތެއް ނޫނެވެ. ތިމާގެ ހަށިގަނޑަށް ފެން (އިތުރަށް) ބޭނުންވާކަން ދެނެގަނެވޭނެ ތަފާތު ޢަލާމާތްތައް ވެއެވެ. އެގޮތުން:- - ބޮލުގައި ރިއްސުން ނުވަތަ ބޯ އެނބުރުން. - ބަނޑުހައިވުން. - ވަރުދެރަވުން ނުވަތަ މާބޮޑަށް ވަރުބަލިވުން. - ކުޑަކަމުދާ ނަޖިހުގައި ކުލަގަދަ ވެފައި، ގަދަޔަށް ވަސްދުވުން. - ބަނޑު ހަރުވުން. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބޮވޭކަން ދޭހަ ކޮށްދޭ، ހަށިގަނޑަށް ދިމާވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ކިޑްނީގައި ހިލަ އުފެދުން، ޢުމުރަށް ވުރެ ތިމާގެ ބުރުސޫރަޔާ ހަށިގަނޑުން މުސްކުޅިކަމަށް ދެއްކުން، ލޭ މައްޗަށް ދިއުން، ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވުން، ތަފާތު ވައްތަރު ތަކުގެ ކެންސަރު ޖެހުން، ޑިޕްރެޝަން އަދި ފިކުރު ބޮޑުވެ ކަނބޮޑުވުން ހިމެނެއެވެ. ކިޑްނީގައި ހިލައުފެދުން ފިޔަވާ ދެން ބަޔާން ކުރެވުނު ކަންތައްތަކަކީ (ހަމައެކަނި ބޭނުންވާ މިންވަރަށް) ފެން ނުބުއިމުން ދިމާވާ ކަންތައްތަކެއް ނޫނެވެ. އެހެނެސް ބޭނުންވާ މިންވަރަށް ފެން ނުބޯނަމަ، (އެހެން ސަބަބަކާ ހުރެ މިކަންތައްތައް ދިމާ ވިޔަސް،) މިކަންތައްތައް ބޮޑަށް ގޯސް ވެއެވެ. އެހެނީ ހަށިގަނޑުގައި އުފެދޭ ކޮންމެ ބަޔޯކެމިކަލް ރިއެކްޝަނެއް ހެން ބިނާވެގެންވަނީ ފެނުގެ މައްޗަށެވެ. ތިމާގެ ހަށިގަނޑަށް ބޭނުން ވަނީ ކިހާ ފެނެއް ހެއްޔެވެ؟ ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު އެކި މީހުންނަށް ތަފާތު ވެގެން ވެއެވެ. އަދި ޢުމުރާއި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން، ފެން ބޭނުންވާ މިންވަރު ތަފާތު ވެގެން ދެއެވެ. އެވްރެޖްކޮށް ބުނާނަމަ ކޮންމެ ދުވަހަކުވެސް އަށްތަށިފެން ނުވަތަ ފެން އެކުލެވޭ ދިޔާ ބުއިން ބޯންވާނެއެވެ. ހަށިގަނޑަށް ބޭނުންވާ 19 ޕަސަންޓް ފެން އަހަރުމެން ކައިހަދާ ތަކެތިން ލިބިދެއެވެ. އެގޮތުން އެންމެ ގިނަ ޢަދަދަކަށް ފެން އެކުލެވިގެންވަނީ ތަޒާ މޭވާޔާއި ތަރުކާރީ ފަދަ ތަކެތީގައެވެ.. އެހެންކަމުން ގިނައިން މޭވާޔާއި ތަރުކާރީ ކޭ ވަރަކަށް ހަށިގަނޑަށް ގިނަ ފެން ލިބިދޭނެއެވެ. އަނެއްކޮޅުން ބަލާއިރު ގިނަ ޢަދަދަކަށް ހަކުރު އެކުލެވިގެންވާ ކާނާ ކެއުމަކީ ހަށިގަނޑަށް އިތުރު ފެންބޭނުންވާނެ ކަމެވެ. އެއީ ހަށިގަނޑަށް އިތުރުވާ ހަކުރާ އެކުވެ ދިޔާކޮށްދިނުމަށާއި އެ ހަކުރު ލޭގެ ތެރެއަށް ފޮނުވާދިނުމަށް އެހީތެރި ވުމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދޭތެރެ މެދު ދިގުކޮށް ގިނައިން ފެންބުއިމަށް ވުރެ، އަވަސް އަވަހަށް މަދު މިންވަރަކަށް ފެން ބުއިމުން، ހަށިގަނޑުގައި ގިނަ ވަގުތު ފެން (ހަރުލާފާ) ހުރުމަށް އެހީތެރިވެދެއެވެ. ހަކުރު ގިނަ ޢަދަދަކަށް އެކުލެވޭ ބުއިމެއްގެ ގޮތުގައި ފެން ބޯނަމަ ހަށިގަނޑުގައި ފެން ހަރުލާފައި ހުން ވަގުތު މަދުވެއެވެ. ތިބާ ގިނައިން، ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޯން ބޭނުންބަމަ، ކޮންމެ ދުވަހަކު ވެސް ހެނދުނު އެންމެ ފުރަތަމަ ފެންތައްޓެއް ބޯލާށެވެ. ދެން ހާރބަލް ސައިތައްޓެއް ނުވަތަ ތާޒާ މިންޓް ނުވަތަ ލުނބޯ ނުވަތަ އިނގުރު އަޅައިގެން ފެން ބޯށެވެ. ތިމާއަކީ ފެން ބުއިމަށް އާދަ ހިފާފައި ހުންނަ މީހެއް ނޫންނަމަ، ކޮންމެ ދުވަހަކު ތިމާ ބޯ ޖޫހެއް ނުވަތަ އެހެންވެސް ބާވަތެއްގެ ބުއިމެއްގެ ބަދަލުގައި ފެންތައްޓެއް ބުއިމަށް ފަރިތަކުރާށެވެ. އަދި ދުވަސްތައް ފައިތުވާ ވަރަކަށް ފެން ބޯމިންވަރު އިތުރު ކުރަން މަސައްކަތް ކުރާށެވެ. އަދި ތިމާގެ ކުޑަ ކަމުދާ ނަޖިސް ހުންނަނީ ކިހިނެއް (ކުލަދަކޮށް ވަސް ގަދަކޮށް، ނުވަތަ ކުލަ މަޑުކޮށް ވަސް މަޑުކޮށް) ތޯ ބަލާށެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޯނަމަ ކުޑަ ކަމުދާ ނަޖިސް ހުންނަން ޖެހޭނީ ކުލަމަޑުކޮށް އަދި ވަސް ވެސް މަޑުކޮށެވެ.

Post a Comment

0 Comments