ކެއުމުގައި މުށި (ކުލައިގެ) ހަނޑޫ ބޭނުން ކުރުމުން ހަކުރު ބަލީގެ ނުރައްކަލުން ރައްކާތެރި ކޮށްދެއެވެ.


ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ
ކެއުމަށް ބޭނުންކުރާ ހުދު ހަނޑުލުގެ ބަދަލުގައި (ބްރައުން ރައިސް) މުށި (ކުލައިގެ) ހަނޑޫ ބޭނުން ކުރުމުން ހަކުރު ބަލީގެ ދެވަނަ ވައްތަރުން (ޓައިޕް ޓޫ ޑައިބެޓީސް) ޖެހުމުން ރައްކާތެރި ކޮށްދެއެވެ. ބޮސްޓަން ގައި ހުންނަ ”ހަވާރޑް ސްކޫލް އޮފް ޕަބްލިކް ހެލްތު“ ގެ ރިސާރޗަރުންތަކެއް ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހުދު ހަނޑޫ ކެއުމުން ހަކުރު ބަލީގެ ނުރައްކާ އިތުރު ކޮށްދެއެވެ. އަދި މުށި (ކުލައިގެ) ހަނޑުލުގައި ވަނީ މީގެ އިދިކޮޅެވެ. މާނައީ ހަކުރު ބަލިން ދުރުހެލިކޮށްދޭ ވާހަކައެވެ. 
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މުށި (ކުލައިގެ) ހަނޑޫ ކެއުމުން ހަށިގަނޑުގެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު މަތިވަނީ ވަރަށް ވެސް ކުޑަ މިންވަރަކަށެވެ. އެއީ ”ސްޓާރޗް“ އިން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު މަތިވާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް އިތުރަށެވެ. ބެލެވޭ ގޮތުގައި ބޮސްޓަނުގެ ހަވާރޑް ސްކޫލުގައި ކުރެވުނު މި ދިރާސާއަކީ މިފަދައިން ކުރެވުނު އެންމެ ފުރަތަމަ ދިރާސާއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު، 50 ގްރާމް ހުދު ހަނޑުލުގެ ބަދަލުގައި (50 ގްރާމް) މުށި (ކުލައިގެ) ހަނޑޫ ކެއުމުން ހަކުރު ބަލި ޖެހުމުގެ ނުރައްކާ 16 ޕަސަންޓު މަދުކޮށްދެއެވެ. ކުރެވުނު ދިރާސާ: މިދިރާސާގައި ހަވާރޑް ސްކޫލުން އިން 190000 (އެއްލައްކަ ނުވަދިހަ ހާސް) އަންހެނުންނާއި ފިރިހެނުން ބައިވެރި ކުރިއެވެ. މިބައިމީހުންގެ ޢާއްމު ދިރި އުޅުމުގައި މިބައިމީހުންގެ ކެއިން ބުއިމުގެ އާދަތައް ހުންނަ ގޮތާއި ސާފުޠާހިރުކަން ހުންނަ ގޮތާއި އަދި އެހެނިހެން ވެސް ބަލިތައް ޖެއްސުމަށް މެދުވެރިވާ ސަބަބުތަކާއި މެދު ބަލާ ދިރާސާ ކުރެވުމަށް ފަހު އެނގުނު ގޮތުގައި، މިބައިމީހުންގެ ތެރެއިން ހަފްތާޔަކު ފަހެއް ނުވަތަ އެއަށް ވުރެ ގިނަ ފަހަރު ހުދު ހަނޑޫ ކެއުމަށް ބޭނުން ކުރާ މީހުންގެ ހަކުރު ބަލި ޖެހުމުގެ ނުރައްކާ، މަހަކު އެއް ފަހަރަށް ވުރެ ގިނައިން ހުދު ހަނޑޫ ނުކާ މީހުންނަށް ވުރެ 17 ޕަސަންޓް އިތުރެވެ. މިދިރާސާގައި ބައިވެރިވި އިސް ފަރާތަކުން ލިޔެފައިވެއެވެ. ”ހަނޑޫ ރިފައިން (ސާފު) ކުރެވޭ އިރު ހަނޑޫ ފުކުގެ އުފެދުމުގައިވާ އޮނިގަނޑަށް އެންމެ ބޮޑަށް އަސަރު ކުރުވަނީ އޭގައި އެކުލެވޭ ”ގްލައިސެމިކް އިންޑެކްސް“ (ކާނާތަކުން އިންސާނާގެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރަށް ބަދަލު ގެނުވާ މިންވަރު ދެނެގަތުމަށް ކަނޑައަޅާފައިވާ މިންގަނޑު) ގެ މިންވަރު މަތިކަމުންނެވެ. ހަނޑޫ ރިފައިން ކުރުމުގައި އޭގެ ތޮށި މުޅިން ފިލުވި އަދި އޭގައި އެކުލޭ ޖަރާސީމުތައް ކޮންމެވެސް ވަރަކަށް ނައްތާލެވެއެވެ. ރިފައިން ކުރުމުގެ ތެރޭގައި (ހަނޑުލަށް) ވާ އެހެން ކަންތައްތައްތަކުގެ ތެރޭގައި އޭގައި އެކުލެވޭ ފައިބަރ އާއި، ވިޓަމިންސް އާއި މެގްނީސިއަމް އާއި އެހެނިހެން މިނަރަލްސްތަކުގެ މިންވަރު ދަށް ވުން ހިމެނެއެވެ. މިހުރިހާ މާއްދާތަކަކީ ހަކުރު ބަލިން މީހާ ރައްކާތެރި ކޮށްދޭ މާއްދާތަކެކެވެ. ހަކުރު ބަލީގެ ދެވަނަ ވައްތަރުން (ޓައިޕް ޓޫ ޑައިބެޓީސް) ރައްކާތެރި ވުމަށްޓަކައި ހުދު ހަނޑުލުގެ ބަދަލުގައި މުށި (ކުލައިގެ) ހަނޑޫ ބޭނުކުރުމަށް ބާރު އެޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.“ ހުނދު ހަނޑުލަކީ އުފެދުމުގައި މުށި ހަނޑޫ ފަދަ އެއްޗެކެވެ. އެހެނަސް އެ ރިފައިން ކުރުމުގައި އޭގެ، (ފައިބަރ އާއި މިނަރަލްސްއާއި ވިޓަމިންސް އެކުލެވޭ) ތޮށި ފިލުވާ ސާފު ކުރެވެއެވެ. މިހެން ކަމުން (އިންސާނާގެ) ހަޖަމްކުރާ ނިޒާމުން ހުދު ހަނޑޫ ހަޖަމް ކުރާލެއް އަވަސް ވެފައި ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު މަތިވުމަށް މެދުވެރި ވެއެވެ. އެހެނަސް މުށި ހަނޑޫ ހަޖަމް ވާލެއް ލަސް ވުމުން އެކަމަށް ބޭނުންވާ ހަކަތަ ބޭނުން ކުރެވޭލެއް ލަސްވެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްމިނެއްގައި ހިފަހައްޓާދެއެވެ. ހަކުރު މައްޗަށް ދިއުމަށް މެދުވެރި ވަނީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހޯމޯން (ހަށިގަނޑުގައި) ނުއުފެއްދުމުގެ ސަބަބުން ނުވަތަ އުފައްދާ މިންވަރު މަދުވުމުގެ ސަބަބުންނެވެ.

Post a Comment

0 Comments