މުސްއަބް އިބްނު ޢުމައިރު: ކޮންފަދަމަތިވެރި ސިޔަރަތެއްތޯއެވެ-2


އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު
އެދެމައިކަނބަލުން ވަކިވެވަޑައިގެންނެވި ވަގުތު ފެނިގެން ދިޔައީ ހައްޤާއި ބާޠިލްގެ ވަރުގަދަ މިސާލެކެވެ. އެކަމަނާ އެކަލޭގެފާނަށް އަމުރުކުރިއެވެ. "މިތަނުން ދުރައްދާށެވެ. ތިމަންމީ ކަލޭގެ މަންމައެއްނޫނެވެ!" އެހިނދު މުސްޢަބް އިބްނު ޢުމައިރު އެކަލޭގެފާނުގެ މަންމާފުޅުގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "ތިމަން މަންމައަށް ނަސޭހަތްތެރިވަމެވެ. ތިމަންގެ ހިތްވަނީ މަންމައާއި އެކުގައެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށާއި މުޙައްމަދު صلى الله عليه وسلم އެއީ އެކަލާނގެ ރަސޫލާކަމަށް ހެކިވެވަޑައިގަންނަވާށެވެ." އެކަމަކު މުސްޢަބްގެ މަންމަރުޅިވެރިކަމާއެކު ބުންޏެވެ."ތަރިތައް ގަންދީ ބުނަމެވެ. ތިމަންގެ ދަރަޖައާއި ޖާހު ދައްކޮށްލާ، ހެޔޮވިސްނުމާއި ދުރުވާކަށް ކަލޭގެ ދީނަކަށް އީމާނެއް ނުވާނަމެވެ." 
އެހިނދު ހިތާމައާއި މޮޅިވެރިކަމާއެކު އެކަލޭގެފާނު އެކަލޭގެފާނުގެ މުއްސަނދި ދިރިއުޅުމާއި ލޯބިވާ މަންމަ ދޫކޮށްލައްވާ ހައްޤުގެ މަގުގައި ނުކުމެވަޑައިގެންނެވީއެވެ. އެކަލޭގެފާނަށް އެއަށްފަހު ކުރިމަތިވެ ވަޑައިގެންނެވި ދަތި ދިރިއުޅުމާއިމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެން ސާބިތުވެވަޑައިގެންނެވިއެވެ. ބާހެދުންކޮޅު ތުރުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެއްދުވަހު ފަރިއްކުޅުއްވާނަމަ އަނެއްދުވަހު ހުންނަވަނީ ބަނޑުހައިކަންމަތީގައެވެ. އެކަލޭގެފާނުގެ މި ވަރުގަދަ އަޤީދާއާއި ސާބިތުކަމުގެ ސަބަބުން އެތަކެއް ބައެއްގެ ކުރިމަތީގައި އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދިޔައެވެ. އަދި އެތައްބަޔަކަށް އެކަލޭގެފާނުގެ ސަބަބުން ހިތްވަރާއި ކެތްތެރިކަން ލިބިގެންދިޔައެވެ. * * * * މުސްޢަބް އިބްނު އުމައިރު މިހާލުކޮޅުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބުރަ އަދި އެންމެ އުނދަގޫ މަސައްކަތް އެކަލޭގެފާނާއި މާތް ނަބިއްޔާ ހަވާލުކުރެއްވެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނާއި ޙަވާލުކުރެއްވެވި މަސައްކަތްޕުޅަކީ މާތް ނަބިއްޔާގެ ނަބީކަން ތެދުކޮށް އެކަލޭގެފާނާއި ބައިއަތު ހިއްޕަވައިގެންތިއްބެވި އަންސާރުން، މަދީނާގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމަށް ތައްޔާރުކުރުމެވެ. އަދި ހިޖްރައިގެ ދުވަހަށްޓަކައި މަދީނާގެ އަޙުލުވެރިން ތައްޔާރުކުރެއްވެވުމެވެ. މި ބުރަ އަދި އުނދަގޫ މަސައްކަތްޕުޅު މުސްޢަބް އިބްނު ޢުމައިރާއި މާތް ނަބިއްޔާ صلى الله عليه وسلم ޙަވާލުކުރެއްވެވިއިރު މާތް ނަބިއްޔާގެ ސަހާބީންގެ ގޮތުގައި މުސްޢަބްގެފާނަށްވުރެން މާ އުމުރުފުޅުން ދޮށީބޭކަލުންނާއި ޢާއިލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރަސޫލުﷲ صلى الله عليه وسلم އާއި މާ ގާތް އަރިސް ބޭކަލުން ތިއްބެވިއެވެ. ނަމަވެސް މި މަސްޢޫލިއްޔަތު މުސްޢަބްގެފާނާއި މާތް ނަބިއްޔާ ޙަވާލުކުރެއްވެވީ އެކަލޭގެފާނު އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނޭކަމުގެ އިތުބާރު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާތީއެވެ. އެވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު މަސައްކަތްކަމުގައިވާ، އިސްލާމީ ދަޢުލަތެއްގެ ބިންގާ އެރަށެއްގައި އެޅިގެންދާ މަދީނަތުލް މުނައްވަރާ އެވަރުގަދަ ހާދިސާއަށް ތައްޔާރުކުރެއްވުމުގެ މަސްޢޫލިއްޔަތު އެކަލޭގެފާނު މުސްޢަބްގެ އަތްޕުޅުމަށްޗަށް، ޙަވާލުކުރެއްވީ އިތުބާރާއެކުގައެވެ. އެހެނީ މަދީނަތުލް މުނައްވަރާއަކީ އެ ބިމަކުން އިސްލާމްދީން މަތިވެރިކޮށް އިރުމައްޗާއި ހުޅަނގަށް އަދި އުތުރާއި ދެކުނަށް އިސްލާމްދީން ފަތުރާނޭ އެތަކެއް ހާދިސާތަކަކާއި އެތަކެއް ބަޠަލުންތަކެއް ފާޅުވެގެންދިއުމަށް މިންވަރުކުރެވިފައިވާ މާތް ސަހަރެވެ. މުސްޢަބްގެފާނުގެ ތޫނު ވިސްނުންފުޅާއި، މަތިވެރި މިޒާޖުފުޅުގެ ސަބަބުން އެކަލޭގެފާނާއި ޙަވާލުކުރެވުނު ޒިންމާ އަދާކުރުމަށް ބޭނުންވާ ހުރިހާ ސިފަފުޅުތަކެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން އެކަލޭގެފާނުގެ ޒާހިދުކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސަބަބުން މަދީނާގެ އަޙުލުވެރިންގެ ހިތްތައް އެކަލޭގެފާނު ފަތަޙަކުރެއްވެވިއެވެ. ނަތީޖާއެއްގެ ގޮތުން މަދީނާގެ އަޙުލުވެރިން ބައިބަޔަށް އިސްލާމްދީނުގެ ހިދާޔަތުގެ ދަށަށް ވަންނަމުންދިޔައެވެ. އެކަލޭގެފާނާއި އެ މަސްޢޫލިއްޔަތު ހަވާލުކުރެވުނުއިރު މަދީނާގައި ތިއްބެވީ އަގަބާގައި މާތް ނަބިއްޔާގެ މައްޗަށް ބައިއަތު ހިއްޕެވި ބާރަ ބޭކަލުންނެވެ. ނަމަވެސް މުސްޢަބުގެފާނުގެ މަސައްކަތްޕުޅުގެ ސަބަބުން މަދު މަސްތަކެއްގެ ތެރޭގައި އެ ޢަދަދު އެތައްގުނައަކަށް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން ޖެހިގެންއައި ހައްޖު މޫސުމުގައި މަދީނާގެ މުސްލިމުންގެ ފަރާތުން 70 މުޢުމިން ފިރިހެނުންނާއި އަންހެނުންގެ ވަފުދެއް މާތް ނަބިއްޔާއާއި ބައްދަލުކުރެއްވުމަށް ފޮނުވުނެވެ. އެބައިމީހުން ވަޑައިގެންނެވީ އެބައިމީހުންގެ އުސްތާޛް އަދި މާތް ނަބިއްޔާގެ ރަސޫލް މުސްޢަބް އިބްނު ޢުމައިރާއި އެކުގައެވެ. މުސްޢަބްގެފާނު ވަނީ އެކަލޭގެފާނުގެ ކާމިޔާބު މަސައްކަތްޕުޅުގެ ސަބަބުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ސަފީރުން އައްޔަންކުރުމުގައި ގެންގުޅުއްވާ ވިސްނުންފުޅުގެ ފުރިހަމަކަން ސާބިތުކޮށްދެއްވާފައެވެ. * * * * މުސްޢަބްގެފާނަށް އެކަލޭގެފާނާއި ޙަވާލުކުރެއްވުނު މަސްޢޫލިއްޔަތު ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން އެކަލޭގެފާނަކީ މަދީނާގެ އަހުލުވެރިންނަށް ހައްޤު ދީން ބަޔާންކޮށްދެއްވާ ތެދުމަގަށް މަގުދެއްކެވެމަށް ރަސޫލުﷲ صلى الله عليه وسلم ގެ ފަރާތްޕުޅުން ފޮނުވުނު ބޭކަލެއްކަން އެކަލޭގެފާނު ފަޚުރުވެރިކަމާއެކު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން މަދީނާއިން އެކަލޭގެފާނުގެ އާރުކާޓީއެއް ކަމުގައި ވެވަޑައިގެންނެވި އަސްޢަދު އިބްނު ޒަރޫރާއިއެކު، އެ ގޮވާލެއްވުމުގައި ސާބިތުވެ ހުންނެވިއެވެ. އަދި އެ ދެބޭކަލުންއެކުގައި މަދީނާގެ ޤަބީލާތަކަށާއި، ގެތަކަށާއި އެއްވުންތަކަށް ވަޑައިގެން ކީރިތި މާތްﷲ ގެ ފޮތުން އެކަލޭގެފާނަށް އެނގުނު މިންވަރަކުން ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެބައި މީހުންގެ ހިތްތަކުގައި ﷲ އެއްކައުވަންތަ ކުރުމުގެ އަޤީދާގެ އޮށް އިންދަވަމުން ގެންދެވިއެވެ. މި ބުރަ އަދި ދަތި މަސައްކަތާއިގެން އެކަލޭގެފާނު ކުރިއަށް ވަޑައިގެންނެވިހިނދު އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީ މީސްތަކުންނަށް އެތަކެއް އުނދަގޫތަކާއި އަދި ފުރާނަފުޅަށް ނުރައްކާވެދާފަދަ އެތަކެއް ހާދިސާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެފަދަ އެއް ހާދިސާއެއްގައި އެކަލޭގެފާނު މީސްތަކުންނާއިގެން މަޖިލީހެއްގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ މަސައްކަތުގައި އިންނަވަނިކޮށް އަބްދު އަޝްހަލް ގަބީލާގެ ބޮޑެއްކަމުގައިވާ އުސައިދު އިބްނު ހުޒަރު އޭނާގެ ދުނި ދަނޑިއަށް ތޫނުކޮށްފައިވާ ދުންޏެއް މަހާލައިގެން ރުޅި އޭގެ އިންތިހާއަށް ގޮސްފައިވާހާލު އެބޭކަލުންނާއި ކުރިމަތި ލެއްވިއެވެ. އަދި އުސައިދު އޭނާގެ އަހުލުވެރިންގެ ދީން ފަސާދަކޮށް މީގެ ކުރިން ދުވަހަކުވެސް އެބައިމީހުން އަޑުވެސް އަހާފައިނުވާ ދީނެއް ފަތުރާ އެބައިމީހުންގެ ކަލާނގެތައް އެއްކަލާނގެއަށް ހެދުމަށް އައިސް އުޅޭ މުސްއަބްގެ ގާތައް ރުޅިވެރިކަމާއެކު އަންނަ މަންޒަރު ބަލަންތިބި މީސްތަކުން ބިރުން ކޮޅަށް ތެދުވިއެވެ. ނަމަވެސް ހިތްވަރުފުޅުގަދަ ކެތްތެރި މުސްޢަބް ސާބިތުކަމާއެކު ހުންނެވިއެވެ. އެހިނދު އަސްޢަދު އިބްނު ޒަރޫރާ އެކަލޭގެފާނާއި ދިމާއަށް ހަރުއަޑުން ބުންޏެވެ. "ކަލޭ މިތަނަށް އައީ ކީއްކުރަންހެއްޔެވެ؟ ތިމަންނަމެންގެ ކާބަފައިންގެ ދީނުގެ އަގީދާ ފަސާދަކުރަނީހެއްޔެވެ؟ ކަލޭގެ ފުރާނަ ސަލާމަތްކުރަންބޭނުންނަމަ ހަމަމިހާރު މިތަނުން ނުކުމެގެން ދާށެވެ!" ނަމަވެސް ބިޔަ ކަނޑެއްގެ ހަމަހިމޭންކަމާއި އެ ކަނޑުގެ ބާރާއިއެކު ހުންނެވި މުސްޢަބް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. "ތިބާ އަހަރެމެންނާއެކު ނުއިށިންނާނުހެއްޔެވެ؟ ތިބާއަށް އަހަރެންގެ މި ގޮވާލުން ޤަބޫލުކުރެވޭނަމަ ތިބާ މި ދަޢުވަތަށް އިޖާބަދޭނީއެވެ. އަދި ތިބާ މި ގޮވާލުމާއި ދެކޮޅުވެރިވެ އިންކާރުކުރާނަމަ ތިބާ ތިޔަ ރުޅިއަންނަ ކަންތަކާއި އަހަރެމެން ތިބާއާ ދުރުކޮށްފާނަމަވެ." ﷲ ގެ މަތިވެރިކަމާއެވެ! އުސައިދަކީ އޭނާގެ ގަދަފަދަ ކަމާއެކުވެސް ވިސްނުންތޫނު ހުށިޔާރުބޭކަލެކެވެ. އެހެންކަމުން މުސްޢަބުގެ މިބަސްފުޅާއިމެދު ވިސާނާލެއްވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މުސްޢަބް އެއްވެސް ހަރުކަށިކަމެއްނެތި އެކަލޭގެފާނުގެ ދަޢުވަތުގެ އަޑުއެހުމަށް އެ މަޖިލީހުގައި އިށީނުމަށް ދަޢުވަތު ދިންތަނެވެ. އެ ގޮވާލެއްވުމަކީ ރަނގަޅު ގޮވާލެއްވުމެއްނަމަ އެއަށް އިޖާބަދޭނީއެވެ. ނުވަތަ އެނާ އޭނާގެ އެ ގޮވާލުމާއިގެން އަހަރެންގެ އަހުލުވެރިން ދޫކޮށް މި ސަހަރުން ފައިބައިގެން ދާނީއެވެ. އެހެންކަމުން އުސައިދު އެކަލޭގެފާނުގެ ދުނިދަނޑި ބިންމަތީގައި ބެހެއްޓެވުމަށްފަހު އިށީންދެވަޑައިގެންނެވިއެވެ. މުސްޢަބު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ދަޢުވަތުގެ ޚަބަރުތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި ހަމަ އެހިނދުން އެހިނދަށް އުސައިދުގެ ހިތްޕުޅުގައި އުފެދިފައިވާ ޝައްކުތަކާއި ސުވާލުތަކަށް ޖަވާބުލިބި ދިރުން ލިބިގެންދިޔައެވެ. މުސްޢަބްގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު މުސްޢަބަށާއި އެއްވެފައިވާ މީސްތަކުންނަށް މުޚާތަބުކުރައްވާ އުސައިދު ވިދާޅުވިއެވެ. "އެއީ ކޮންފަދަ ރިވެތި އަދި ކޮންފަދަ ތެދުވެރި ބަސްފުޅުތަކެއްތޯއެވެ؟ ކަލޭގެފާނުގެ ދީނަށް އަހުރެން ވަންނާނީ ކިހިނެތްތޯއެވެ؟" އެހިނދު މުސްޢަބް އެކަލޭގެފާނަށް ތާހިރުވެވަޑައިގަތުމަށާއި ޝަހާދަތް ވިދާޅުވުމަށް އެންގެވިއެވެ. އުސައިދު އިރުކޮޅަކަށް ދުރަށް ވަޑައިގެން ސާފުފެން ބޮލަށް އަޅުއްވަމުން އެކަލޭގެފާނުގެ ހަށިކޮޅާއި ހެދުންކޮޅު ތާހިރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ހަރުއަޑުފުޅުން ވިދާޅުވިއެވެ. "ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ." އުސައިދުގެފާނު އިސްލާމްވެ ވަޑައިގެންނެވި ޚަބަރު މަދީނާގައި ވިދުވަރެއްހެން ފެތުރިގެންދިޔައެވެ.

Post a Comment

0 Comments