ޙަރަކާތާއި ގްރެވިޓީގެ ޤާނޫނުތައް


ޚުލާޞާ ތަރުޖަމާ:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން


ނިއުޓަންއަށް، ބިމަށް ދަމާ ބާރު ހޯއްދެވުނީ، އާފަލެއް ވެއްޓުމުން ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް ޙަޤީޤަތްވަނީ އެ އާފަލާ މާދުރުގަ އެވެ.
މީހަކު އާކަމެއް އަލަށް ހޯދުމަކީ، އޭނާއަށް ފަޚުރާއި ޝަރަފު ޙައްޤުވާނެ މޮޅު ކަމެކެވެ. ނަމަވެސް އޭނާ ދުނިޔެއަށް އައުމުގެ އެތައް ޤަރުނެއް ކުރިން، އެހެން ބަޔަކު ހޯދާފައިވާ ކަންތައްތަކެއް، އޭނާ އަލަށް ހޯދި ކަންތައްތަކެއް ކަމަށް ބުނުމަކީ ކިހާ ދެރަކަމެއްތޯ އެވެ؟ އެއީ، ސަލާމަތް ބުއްދި ހުރި، އިންސާފުވެރިޔަކު ޤަބޫލުކުރާނެ ކަމެއް ނޫންކަން ކަށަވަރެވެ. މުސްލިމު ޢިލްމުވެރިންވަނީ، ސައިންސްގެ މައިދާނުގައި އެތައް ޤާނޫނުތަކެއް ހޯއްދަވާފަ އެވެ. ޚާއްޞަކޮށް، ގްރެވިޓީއާއި، ޙަރަކާތާބެހޭ ޤާނޫނުތަކެވެ. އެ ޤާނޫނުތައް ކަޝްފުކުރުމުގެ ފަޚުރާއި ޝަރަފު ޙައްޤުވެގެންވަނީ ކޮންބަޔަކަށްތޯ އެވެ؟ އަލަށް އެ ހޯދި ބަޔަކަށްތޯ އެވެ؟ ނުވަތަ އެ ނަކަލުކުރި ބަޔަކަށްތޯ އެވެ؟ 
މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ މައިބަދައަކީ، ޙަރަކާތާބެހޭ ޤާނޫނުތަކެވެ. އެހެނީ، މިހާރު ދުނިޔޭގައިވާ އިންޖީނުތަކާއި އާލަތްތަކާއި ފުރާދުއްވާތަކެތި ބިނާވެފައިވަނީ އެ ޤާނޫނުތަކުގެ މައްޗަށެވެ... ބައްރުގައި ދަތުރުކުރާ ރޭލާއި، ޖައްވުގައި އުދުހޭ މަތިންދާބޯޓާއި، ފަޒާއަށް ދާ ރޮކެޓް ފަދަ އެތައް އެއްޗެއްގެ އަސާސް ވަނީ އެ ޤާނޫނުތަކުގެ މަތީގަ އެވެ. ފިޒިކްސްގެ، ޙަރަކާތާބެހޭ ހުރިހައި ގޮފިތަކެއްގެ ތަރަހައަކީ، ޙަރަކާތާބެހޭ ޤާނޫނުތަކެވެ... ލޮލަށްފެންނަނީ އަލި ޙަރަކާތްކުރާތީ އެވެ... ކަންފަތަށް އިވެނީ އަޑު ޙަރަކާތްކުރާތީ އެވެ... ކަރަންޓް އުފެދެނީ އިލެކްޓްރޯންތައް ޙަރަކާތްކުރާތީ އެވެ. ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ޢާއްމުންގެ މެދުގައި މަޝްހޫރުވެފައިވަނީ، ޙަރަކާތާބެހޭ ޤާނޫނުތައް ހޯއްދެވީ ނިއުޓަން ކަމަށެވެ. އޭނާ ދުނިޔޭގައި އުޅުއްވާފައިވަނީ، ހިޖުރީ ސަނަތުން 1052 އިން 1139 އަށެވެ. މީލާދީ ސަނަތުން 1642 އިން 1727 އަށެވެ. ވިހިވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށް އެ ޤާނޫނުތައް އޭނާއަށް ނިސްބަތްކުރެވުނެވެ. ނަމަވެސް މުސްލިމު ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ދިރާސާކުރަން ފެށުމުން، އެ ޤާނޫނުތައް ހޯދީ ކޮން ބަޔެއްކަން ދުނިޔެއަށް ހާމަވެގެން ދިޔަ އެވެ. އާދޭހެވެ. ޙަރަކާތާބެހޭ ޤާނޫނުތަކުގެ އުސްތާޛުންނަކީ، މުސްލިމު ޢިލްމުވެރިންކަމާއި، ނިއުޓަން އަކީ ދަރިވަރެއްކަން ސާބިތުވި އެވެ. ތާރީޚީ ހެކިތަކުން ސާބިތުވާ ގޮތުގައި، ނިއުޓަންއަށްވުރެ އެތައް ޤަރުނެއް ކުރިން، ދުނިޔޭގައި އުޅުއްވި މުސްލިމު ޢިލްމުވެރިންގެ ފޮތްތަކުގައި، ޙަރަކާތާބެހޭ ޤާނޫނުތަކާއި އޭގެ ޝަރަޙަ ވެ އެވެ. ޙަރަކާތާބެހޭ ފުރަތަމަ ޤާނޫނު މި ޤާނޫނު ބުނަނީ، އެއްޗަކަށް އެޅިފައިވާ ބާރުތަކުގެ ޖުމްލައަކީ ސުމެއް ކަމަށްވަނީނަމަ، އެ އެއްޗެއް ހިމޭނުން އޮންނާނެ ކަމަށެވެ. އަދި ޙަރަކާތެއްގައިވާ އެއްޗަކަށް (ކޭއްތުން ފަދަ، އެ ހުއްޓުވާނެ) އެހެން ބާރެއް ނޭޅޭހައި ހިނދަކު، އޭތި ކުރަމުންދާ ޙަރަކާތުގައި ދެމިހުންނާނެ ކަމަށެވެ. ނިއުޓަން ކުރެއްވި ކަމަކީ، ޒަމާނާ ގުޅޭ ގޮތަށް މި ޤާނޫނު ޢިބާރާތް ކުރެއްވުމެވެ. އޭނާ ޢިބާރާތްކުރެއްވި ގޮތަކީ: "އެހެން ބާރެއް އެއަށް ނުފޯރާހައި ހިނދަކު، ކޮންމެ އެއްޗެއް، އެ އެއްޗެއް ހުރި ޙާލަތުގައި، ހިމޭނުން ނުވަތަ ސީދާ ޙަރަކާތުގައި ދެމިހުރެ އެވެ." ނިއުޓަން އަށްވުރެ ހަސަތޭކަ އެތައް އަހަރެއް ކުރިން، އިބްނު ސީނާވަނީ މި ޤާނޫނު، މިއަށްވުރެ ތަފުޞީލުކޮށް ލިޔުއްވާފަ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، އެއްޗެއް ހިމޭނުން އޮތުމަށް ދޫކޮށްލައިފިނަމަ، އަދި އެއަށް އެހެން ބާރެއް ނުފޯރާނަމަ، އެ އެއްޗެއް އޮތް ތަނުގައި، އޮތް ގޮތަށް ދެމިއޮވެ އެވެ. އަދި އެއްޗެއް ޙަރަކާތް ކުރަމުންދާއިރު، އެ ހުއްޓުވާނެ ބާރެއް އެޔަށް ނުފޯރާހައި ހިނދަކު، އޭތި އެ ޙަރަކާތުގައި ދެމިހުރެ އެވެ. އިބްނުސީނާ ދުނިޔޭގައި އުޅުއްވާފައިވަނީ، ހިޖުރީ ސަނަތުން 371 އިން 428 އަށެވެ. މީލާދީ ސަނަތުން 981 އިން 1036 އަށެވެ. ޙަރަކާތާބެހޭ ދެވަނަ ޤާނޫނު މި ޤާނޫނު ބުނެދެނީ، އެއްޗަކަށް ފޯރާ ޖުމްލަ ބާރާއި، އޭގެ ދުވެލި ބަދަލުވާ ރޭޓާ، ދެމެދުގައިހުރި ގުޅުމެވެ. މި ޤާނޫނު ވެސް ޒަމާނާ ގުޅޭ ގޮތަށް، ނިއުޓަން ޢިބާރާތްކުރެއްވި އެވެ. "އެއްޗެއްގެ މާސް އާއި، އޭގެ ދުވެލި ބަދަލުވާ ރޭޓާއި، އެއަށް ފޯރާ ބާރުގެ މެދުގައިވާ ގުޅުމަކީ: {އެއަށް ފޯރާ ބާރު} = {އޭގެ މާސް} × {އޭގެ ދުވެލި ބަދަލުވާ ރޭޓް} މިއެވެ." {ދުވެލި ބަދަލުވާ ރޭޓް} އާއި {ފޯރާ ބާރު} އަކީ، ވެކްޓަރތަކެކެވެ. މި ޤާނޫނުގައި "ދުވެލި ބަދަލުވާ ރޭޓް" ގެ ވެކްޓަރ އާއި، "ފޯރާ ބާރު" ގެ ވެކްޓަރ އަށް ވަނީ ހަމަ އެއް މިޞްރާބެކެވެ. ނިއުޓަން އަށްވުރެ ފަސްސަތޭކަ އެތައް އަހަރެއް ކުރިން، އަބުލްބަރަކާތު ހިބަތު ﷲ ވަނީ މި ޤާނޫނު ލިޔުއްވައި، ޝަރަޙަކުރައްވާފަ އެވެ. އޭނާ ލިޔުއްވާފައިވެ އެވެ. އެއްޗަކަށް ފޯރާ ބާރު ގަދަވި ވަރަކަށް، އޭގެ ދުވެލި އިތުރުވެ އެވެ. ފޯރާ ބާރު އިތުރުވި ވަރަކަށް، އޭގެ ދުވެލި ބާރުވެ، ދުރުމިން ކަޑައްތުކުރާ ވަގުތު ކުރުވެ އެވެ. "އަލްމުޢުތަބަރު ފިލް ޙިކުމާ" ނަމަކަށް ކިއުނު ފޮތުގައި މިނޫން ޢިބާރާތްތަކުން ވެސް މި ޤާނޫނު ލިޔުއްވައި، ޝަރަޙަކުރައްވާފައިވެ އެވެ. އަދި އިޚުވާނުއް ޞަފާގެ އަހުލުވެރިން އެކުލަވާލި ރަސާއިލުތަކުގައި ވެސް މި ޤާނޫނު ނަންގަނެވިފައި ވެ އެވެ. ޙަރަކާތްކުރުމާ ބެހޭ ދެވަނަ ޤާނޫނަކީ، އިސްލާމީ މަޞްދަރުތަކުގައިވާ މި ޤާނޫނެވެ. އަބުލްބަރަކާތު ހިބަތު ﷲ ދުނިޔޭގައި އުޅުއްވީ، ހިޖުރީ ސަނަތުން 480 އިން 560 އަށެވެ. މީލާދީ ސަނަތުން 1087 އިން 1164 އަށެވެ. ޙަރަކާތާބެހޭ ތިންވަނަ ޤާނޫނު މި ޤާނޫނު ބުނަނީ، އެކަތިން އަނެކައްޗަށް ބާރު ފޯރުވާއިރު، ކަންކުރި އެއްޗާ ދެކޮޅަށް ކަންކުރެވުނު އެތިން ބާރު ފޯރުވާނެ ކަމަށެވެ. މި ބާރަކީ، ކަންކުރި އެތިން ފޮނުވި ބާރާ އެއްވަރަށް، އެއާ ދެކޮޅަށް ފޮނުވޭ ބާރެއް ކަމަށެވެ. ނަންގަނެވިދިޔަ ދެ ޤާނޫނު ފަދައިން، މި ޤާނޫނު ވެސް، ޒަމާނާ ގުޅޭ ގޮތަށް ނިއުޓަން ޢިބާރާތްކުރެއްވި އެވެ. "ކޮންމެ ކަމަކަށް، ބާރުގެ ގޮތުން އެއާ އެއްވަރު، މިޞްރާބުގެ ގޮތުން އެއާ އިދިކޮޅު، ރައްދެއް ވެ އެވެ." ނިއުޓަންއަށްވުރެ އެތައް ޤަރުނެއް ކުރިން، މި ޤާނޫނު ވެސް ވަނީ، އަބުލްބަރަކާތު ހިބަތު ﷲ ގެ، ނަންގަނެވި ދިޔަ ފޮތުގައި ބަޔާންވެފަ އެވެ. ބަނޑުމުސާރައަށް ބައްދާ ދެމީހުން ކުރެ، އެކަކު އަނެކަކު ދަމައި ވާންކުރުމުގައި ދެމީހުން ހަމަހަމަވާ ހިނދު، އެކަކު ދަމައި ވާންކުރާ ބާރާ އިދިކޮޅަށް، އަދި އެ ބާރާ އެއްވަރަށް، އަނެކަކު ދަމައި ވާންކުރާ ކަމަށް އެ ފޮތުގައި ވެ އެވެ. އަދި މިކަން ހިނގާ ގޮތުގެ އިތުރު ތަފުޞީލުވެސް އެ ފޮތުގައި ވެ އެވެ. ނިއުޓަން އަށްވުރެ ހަ ޤަރުނުކުރިން، އިބްނުލް ހައިޘަމް ވެސް ވަނީ މި ޤާނޫނާބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ލިޔުއްވާފައިވެ އެވެ. އެއްޗެއް ދަތުރުކުރަމުން ދާއިރު، އޭތި ދަތުރުކުރަމުންދިއުން މަނާކުރާނެ އެއްޗަކާ މުޑިއަރާ ހިނދު، ދަތުރުކުރަމުން ދިއުމުގެ ބާރު އޭގައި ވާނަމަ، އޭތި އިދިކޮޅަށް ރުޖޫޢަވާނެ އެވެ. އެގޮތުން އޭތި އެނބުރި އަންނާނީ، އޭތި ދަތުރުކުރަމުން ދިޔަ ބާރުމިނާއި، މުޑިއެރި އެތީގައި ޖެހުނު ބާރުމިނުގެ މައްޗަށް ބިނާވެގެންނެވެ. އިބްނުލްހައިޘަމް ދުނިޔޭގައި އުޅުއްވީ މީލާދީ ސަނަތުން 965 އިން 1039 އަށެވެ. އަދި އަލްއިމާމު ފަޚުރުއްޒާރީ ވެސް، މި ޤާނޫނު ބަޔާންކުރައްވާފައިވެ އެވެ. އެހެންވީމާ، ޙަރަކާތްކުރުމާބެހޭ ތިންވަނަ ޤާނޫނަކީ ވެސް ނިއުޓަންއަށްވުރެ މާކުރިން، މުސްލިމުންނަށް އެނގިފައިވާ ޤާނޫނުތަކެއްކަން އެބައެނގެ އެވެ. ނިއުޓަންއަށް މި ޤާނޫނުތައް އެނގިވަޑައިގަތީ، ތަރުޖަމާކުރެވިގެން އޭނާއާ ހަމައަށް ވާޞިލްވި މުސްލިމުންގެ ފޮތްތަކުންނެވެ. ޖާޒުބިއްޔަތުގެ ޤާނޫނު ޖާޒުބިއްޔަތު ނުވަތަ ގްރެވިޓީގެ ޤާނޫނު ހޯއްދެވީ ވެސް ނިއުޓަން ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. އޭނާއަށް އެ ޤާނޫނު ހޯއްދެވުނީ، އޭނާގެ ހަށިކޮޅަށް ވެއްޓުނު އާފަލެއްގެ ސަބަބުން ކަމަށް ވެސް ބައެއް މީހުން ހީކުރެ އެވެ. ނަމަވެސް ޙަޤީޤަތް ވަނީ، މި ކުށް ހީތަކާ އާ މާދުރުގަ އެވެ. ޙަޤީޤަތް ދެކިލުމަށްޓަކައި އަޅުގަނޑުމެން ދާން ޖެހެނީ، ހިޖުރައިން ތިންވަނަ ސައްތައިގެ ތެރެއަށެވެ. އާދޭހެވެ. އަލްހަމަދާނީ ވަނީ، ދުނިޔޭގެ ބިމުގައިވާ ފެނާއި، ދުނިޔޭގެ ވަށައިގެންވާ ވަޔާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ދުނިޔެއަށް ދަމާ ޖާޒުބިއްޔަތުގެ ބާރު ނުވަތަ ގްރެވިޓީ އާބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އޭނާ ސިފަކުރައްވާ ގޮތުގައި، ދުނިޔޭގައިވާ ޖާޒުބިއްޔަތުގެ މިސާލަކީ، ދަގައްފާނު ގަނޑަކަށް ދަނގަނޑު ދަމާ މިސާލެވެ. ދުނިޔެއާއި ދުނިޔޭގެ ވަށައިގެންވާ ތަކެތި ވަނީ، ދަގައްފާނު ގަނޑެއްގެ ވަށައިގެން އޭގެ ހުރިހާ ފަރާތަކުން އެއަށް ދަނގަޑު ދަމާ ފަދައިން ނެވެ. އަލްހަމަދާނީ އަށްފަހު، އަލްބައިރޫނީ ވެސް ވަނީ، ޖާޒުބިއްޔަތު ޝަރަޙަކުރައްވާފަ އެވެ. އޭނާ ވިދާޅުވަނީ، ބިންމަތީގައިވާ ހުރިހާ އެއްޗެއް، ބިމުގެ މަރުކަޒަށް ދަމާ ކަމަށެވެ. އަދި ޖާޒުބިއްޔަތުގެ ވާހަކަ، އަލްމަސްޢޫދީގެ އަލްޤާނޫނުގައި ވެސް ނަންގަނެވިފައި ވެ އެވެ. މުސްލިމު ޢިލްމުވެރިންނަށް ވަނީ، މި ޤާނޫނު ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފަ އެވެ. އެހެނީ، އެއްޗެހި ބިމަށް ވެއްޓުމާބެހޭ ގޮތުން، އިހުގެ އުންމަތްތަކުގެ ޢިލްމުވެރިންނާއި ފިލޯސަފަރުން ކަނޑައަޅުއްވާފައިވާ ނަޒަރިއްޔާތަކުގެ ކުށްތައް، މުސްލިމު ޢިލްމުވެރިން ވަނީ އިޞްލާޙުކުރައްވާފަ އެވެ. ޔޫނާނީ ފިލޯސަފަރެއް ކަމަށްވާ، އަރުސްޠޫ ވިދާޅުވެފައިވަނީ، ލުއި ތަކެއްޗަށްވުރެ އަވަހަށް، ބަރު ތަކެތި ވެއްޓޭ ކަމަށެވެ. މިއީ ކުށް ނަޒަރިއްޔާއެއް ކަން ބަޔާންކުރައްވައި، މިކަމާބެހޭ ޞައްޙަ ނަޒަރިއްޔާ އެކަށައެޅުއްވީ، އަބުލްބަރަކާތު ހިބަތު ﷲ އެވެ. އޭނާގެ ނަޒަރިއްޔާގައިވަނީ، ވެއްޓުން މަނާކުރާނެ އެއްޗެއް ނުވާ ހިނދު، ހުރިހައި އެއްޗެއް ވެއްޓެނީ، ގްރެވިޓީގެ އިމުގެ ތެރޭގައި އެއް ބާރުމިނެއްގައި ކަމަށެވެ. މިކަމުގައި، ބަރުތަކެއްޗާއި ލުއިތަކެތި ތަފާތު ނުވާ ކަމަށެވެ. މިނަޒަރިއްޔާ ޝަރަޙަކުރައްވަމުން، އޭނާވަނީ ގިނަގުނަ މިސާލުތައް ޖައްސަވައި، ތަފުޞީލުކޮށް ބަޔާންކުރައްވާފަ އެވެ. އެއްޗެއް ބިމަށް ވެއްޓޭއިރު، އޭގެ "ދުވެލި ބަދަލުވާ ރޭޓާ" ބެހޭ ގޮތުން، އަލްޚާޒިން ވާހަކަދައްކަވާފައިވެ އެވެ. އެއްޗެއް ބިމަށް ވެއްޓޭއިރު، އެޔާ ބިމާ ދެމެދުގައިވާ ދުރުމިނާއި، އޭތި ވެއްޓޭ ބާރުމިނާ، އަދި އޭތި ވެއްޓުމަށް ހޭދަވާނެ ވަގުތާ، މިކަންކަމުގެ މެދުގައިވާ ވިޔަ ގުޅުންތައް، އަލްޚާޒިނު ދެނެވަޑައިގަންނަވަ އެވެ. މިކަން "މީޒާނުލް ޙިކުމާ" ނަކަމަށް ކިއުނު ފޮތުން އެނގެ އެވެ. މުސްލިމު ޢިލްމުވެރިން ހޯއްދަވާފައިވާ ޤާނޫނުތައް ނިއުޓަން އަށް ނިސްބަތް ކުރެވޭ ބީދައިން، އަލްޚާޒިންގެ މާދަލާތައް ނިސްބަތް ކުރެވިފައިވަނީ، ގެލީލިއޯ އަށެވެ. މިކަންތައްތަކުގެ މައްޗަށް ނަޒަރު ހިންގައި ބަލާއިރު، އިސްލާމީ ޙަޟާރަތުގެ ޢިލްމުވެރިންވަނީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާނީ ބިންގާ އަޅުއްވާފައިކަން އެނގެ އެވެ. މިޒަމާނުގެ އިންސާނީ ޙަޟާރަތުގެ ބިނާ އާރާސްތުކުރުމަށް މަގުދެއްކެވީ އެބޭފުޅުންނެވެ. ޢިލްމީ ގޮތުން ދުނިޔެ ކުއްލިއަކަށް ކުރިޔަށް ޖައްސާލި ހަކަތައިގެ ބާނީންނަކީ އެބޭފުޅުންނެވެ. އެބޭފުޅުން އަލަށް ހޯއްދެވި ކަންތައްތަކަށްޓަކައި ޙައްޤުވެގެންވާ ޝަރަފު، އެބޭފުޅުންނަށް ދިނުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. މަޞްދަރު: ޤިއްޞަތުލް އިސްލާމް.

Post a Comment

0 Comments