ޚަންދަގު ހަނގުރާމައަށް ޞަޙާބީން ޚަންދަގު ކޮންނެވި އިރު ހިނގާފައިވާ ބޮޑުވެގެންވާ ކަރާމަތެއް


ތަރުޖުމާ: އުންމު ކުލްޘޫމް
ޖާބިރު ބުނު ޢަބްދު ﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. ޚަންދަޤު ހަނގުރާމައިގެ ދުވަހުގައި ރަސޫލު ﷲ (صلى الله عليه وسلم) ވަރަށް ބޮޑަށް ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ގާތަށް ގޮސް ދެންނެވީމެވެ. ”ކަމަނާގެ އަތުގައި އެއްވެސް ކާއެއްޗެއް ވޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ ގެ ރަސޫލާ (صلى الله عليه وسلم) ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެފީމެވެ.“ އެވަގުތު އެކަމަނާ ސާ އެއްގެ މިންވަރަށް ބާރލޭ ފުށް އަޅަފައިވާ ދަބަހެއް ތިމަންކަލޭގެފާނުގެ ގާތަށް ގެނެސްދެއްވެވިއެވެ. އަދި އަހަރެމެންގެ ގޭގައި އޮތް ޅަ ޖަނަވާރެއް ކަތިލީމެވެ. އޭރު ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ބާރލޭތައް މުގުރާ ނިންމާލައިފިއެވެ. 
ދެން ތިމަންކަލޭގެފާނު ކަތިލެއްވި ޖަނަވާރުގެ މަސްތައް ކުދިކުދިކޮށް ކޮށްޓެވީމެވެ. އަދި އެއަށްފަހު ތެއްޔެއްގެ ތެރެއަށް އެއެއްޗެހިތައް އަޅާ ކައްކަން އުނދުންމައްޗަށް އުދީމެވެ. ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ދެއްނެވިއެވެ. ”ﷲ ގެ ރަސޫލާ އާއި އެކަލޭގެފާނުގެ ގާތުގައިވާ ބޭކަލުންގެ ކުރިމަތީގައި ތިމަންކަމަނާ ލަދުގަންނަންޖެހޭނޭ ފަދަ ގޮތަކަށް ކަންތައް ނުކުރައްވާށެވެ“. އެހިނދު ތިމަންކަލޭގެފާނު ﷲ ގެ ރަސޫލާގެ އަރިހަށް ގޮސް ސިއްރުސިއްރުން ދެންނެވީމެވެ.” އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނުގެ ގޭގައި އޮތް ޅަ ޖަނަވާރެއް ކަތިލައިފީމެވެ. އަދި ގޭގައި ހުރި ސާ އެއްގެ ބަރލޭ މުގުރައި ތައްޔާރުކޮށްފީމެވެ. އެހެންކަމުން މިވެނި ބޭކަލަކާއެކު ކަލޭގެފާނު ތިމަންކަލޭގެފާނުގެ ގެއަށް އެ ފަރިއްކުޅުއްވުމަށް ވަޑައިގަންނަވާށެވެ.“ އެހިނދު ރަސޫލު ﷲ (صلى الله عليه وسلم) ހަރު އަޑުފުޅުން މީސްތަކުންނަށް ގޮވާ އިޢްލާން ކުރެއްވެވިއެވެ. ”އޭ ޚަންދަޤުގެ އަހުލުވެރީންނޭވެ! ޖާބިރު އަހަރުމެންނަށްޓަކައި ފަރިއްކޮޅެއް ތައްޔާރުކޮއްފި އެވެ. އެހެންކަމުން އަވަހަށް ހިންގަވާށެވެ.“ އެއަށްފަހު ރަސޫލު ﷲ (صلى الله عليه وسلم) ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވެވި އެވެ.” ތިމަންކަލޭގެފާނު ތިގެއަށް ވަޑައިގެންފުމަށްދާންދެން ތިބާ ކައްކަން އުދާފައިވާ މަސްއެތި އުނދުންމަތިން ނުބާލާށެވެ. އަދި ފުށްގަނޑުން ރޮށި ފިހަން ނުފަށާ މަޑުކުރާށޭވެ.“ އެހެންކަމުން ތިމަންކަލޭގެފާނު ވެސް ގެއަށް އެނބުރި ވަޑއިގެންނެވީމެވެ. އެވަގުތު ރަސޫލު ﷲ (صلى الله عليه وسلم) ވެސް އެކަލޭގެފާނުގެ އަރިހުގައިވީ ބޭކަލުން ގޮވައިގެން ތިމަންކަލޭގެފާނުގެ ގެއަށް ވަޑައިގެންފިއެވެ. އެތަން ފެނުމުން ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ދެއްނެވިއެވެ. ”ﷲ ތިބާއަށް މިވެނި އެވެނި ކަމެއް މެދުވެރި ކުރައްވާށިއެވެ“ ތިމަންކަލޭގެފާނު އޭނާއަށް ބުނީމެވެ.” ރަސޫލު ﷲ (صلى الله عليه وسلم) އަރިހުގައި ކަމަނާ އެދުނުގޮތަށް ތިމަންކަލޭގެފާނު ދެންނެވީމެވެ.“ ދެން އެކަމަނާ މޮޑެފައިވާ ފުއްގަނޑު ހިފައިގެން ރަސޫލު ﷲ (صلى الله عليه وسلم) ގެ އަރިއަހަށް ވަޑައިގަތުމުން އެކަލޭގެފާނު އޭގައި އެކަލެގެފާނުންގެ ކުޅުފޮދުން ހާކާލައްވަވާ އޭގައި ބަރަކާތް ލެއްވެވުމަށް ދުޢާކުރެއްވެވިއެވެ. އެއަށްފަހު އެކަލޭގެފާނު (صلى الله عليه وسلم) ކައްކަން އުދާފައިހުރި މަސްއެތި ކައިރިއަށް ވަޑައިގެން އެއަށް އެކަލޭގެފާނުންގެ ކުޅުފޮދުން އެތިކޮޅެއް ލައްވަވާ އޭގައިވެސް ބަރަކާތް ލެއްވެވުމަށް ﷲ ގެ ޙަޟްރަތަށް ދުޢާ ކުރެއްވެވިއެވެ. ދެން އެކަލޭގެފާނު ތިމަންކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙަދީޘްކުރެއްވެވި އެވެ.” ކަމަނާއާއިއެކު ރޮށިތައް ފިހުމުގައި އެހީތެރިވެދޭނޭ އެހެން އަންހެނަކު ގެންނާށެވެ. އަދި މަސްތެލިން ފަހަރަކު އުނދުޅިއެއްގެ މަސް ނަގަމުން ގެންދާށެވެ. އަދި އެ މަސްއެތި އުނދުންމަތިން ނުބާލާށެވެ. މި ފަރިއްކޮޅުގައި ބައިވެރިވި މީހުންގެ ޢަދަދަކީ އެއްހާހެވެ. ﷲ ގަންދީ ބުނަމެވެ. މި އެންމެން ކައިނިމިގެން އެނބުރި ދިއުމަށްފަހުގައި ވެސް ތިމަންކަލޭގެފާނު އުދާފައިހުރި މަސްތެލި ބޮކިޖަހާ ކެކި ކެކި ހުއްޓެވެ. އޭގައި ފުރެންދެން މަސްހުއްޓެވެ. އަދި އޭގެން އެއްވެސް މީހަކު ކައިފައިވެސް ނުވާފަދަ އެވެ. އަހަރެމެން މޮޑެފައިވާ ފުށްގަނޑު ފިހެވި ފިހެވިހުއްޓެވެ. އޭގެން އެއްވެސް ވަރަކަށް މީހަކު ކައިފައިނުވާފަދައެވެ.“ [ސަޙީހް ބުޚާރީ - ބާބު ގަޒަވާތު]

Post a Comment

0 Comments