ލިޔުނީ: މުޙައްމަދު ވިޝާޙް
މިއަހަރު ޙައްޖަށް ދިޔަ ސޯމާލިޔާގެ ހާޖީއަކަށް އޭނާގެ ވާހަކަ ދެއްކުމާއި އަޑު އިވުމުގެ ޙިއްސު ﷲ ގެ ކުޅަދުންވަންތަކަމާއެކު އަނބުރާ ލިބިއްޖެއެވެ. ސައުދީ ގެ ދުވަހު ނޫސް އަލް ވަތަން އާ ހަވާލާ ދީ ބަހްރެއިން ނިޔުސް އެޖެންސީ އިން މައުލޫމާތު ދޭ ގޮތުގައި އޭނާ އަށް އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ހިއްސު އަނބުރާ ލިބުނީ ޠަވާފް ކުރުމަށް ފަހު ޒަމްޒަމް ފެން ބުއިމުގެ ސަބަބުންނެވެ. ޢަލީ ބިން ޢަބްދުއް ރަޙްމާން ޝާރިފް (42) ނަމަކަށް ކިޔާ ސޯމާލިޔާ ރައްޔިތަކީ މީގެ 20 އަހަރު ކުރިއްސުރެ އިވުމާއި ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވީ މީހެކެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަ ކުރާ ގޮތުގައި ޢަލީ އަށް މި ޙިއްސުތައް އަނބުރާ ލިބުނުކަން އެނގުނީ ތޮވާފްކޮށް ސަފާއާއި މަރުވާ އާ ދެމެދު ސަޢްޔުކޮށް ޢިހްރާމް ކެނޑުމަށްފަހު ޒަމް ޒަމް ފެން ބޮއެގެން ނިކުތްތަނާ މައްކާގެ ޙަރަމުން ފަތިސް ނަމާދަށް ބަންގި ގޮވި އަޑު އިވުމުންނެވެ. އަދި މިކަން މިހެން ވުމާއެކު، އޭނާ އާއެކު ޙައްޖަށް އައި އެހެން ބައިވެރިން ގާތުގައި މިވާހަކަތަށް ކިޔައިދިނުމުން އެ މީހުން އެ ވާހަކަ އަޑު އެހީ ހައިރާން ކަމާއެކުގައެވެ. އޭނާ ގެ އިވުމާއި ވާހަކަ ދެއްކުމުގެ ޙިއްސު ގެއްލުނު ގޮތް ކިޔާއި ދެމުން އޭނާ ބުނެފައިވަނީ އެއީ މީގެ 20 އަހަރު ކުރިން ކަމަށާއި، އެކަން މެދުވެރިވާން ދިމާވީ ސޯމާލިޔާގައި މެނޭޖްމަންޓް އެކައުންޓަންޓެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ދުވަސްވަރު ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ގޮވި ގޮވުމެއްގެ ސަބަބުން ކަމަށެވެ. އެއަށްްފަހު އެކަމަށް ފަރުވާ ކުރުމަށްޓަކައި، އޭނާ އާއި އޭނާގެ އާއިލާ އިނގިރޭސި ވިލާތަށް ދަތުރުކޮށް އެކަމަށް ޚާއްސަ ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއެވެ. ނަމަވެސް އިވުމާއި ވާހަކަ ދެއްކުމުގެ ހިއްސު އަނބުރާ އިއާދަ ވާ ގޮތެއް ނުވިއެވެ. ވުމާއެކު، ޢަލީއަށް މުއާމަލާތް ކުރެވޭ ހަމައެކަނި މަގަކަށްވީ އަތުގެ އިޝާރާތުން ކުރެވޭ މުއާމަލާތްތަކެވެ. ސޯމާލިޔާގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔުމުގެ ސަބަބުން އަލީ އާއި އޭނާގެ އާއިލާ ނިންމީ އިނގިރޭސި ވިލާތުގައި ވަޒަންވެރި ވުމަށެވެ. އަދި އޭނާއާއެކު ވީ ނުފޫޒު ގަދަ ފަރާތަކުން ވަނީ ޢަލީ އަށް ޚާއްސަ އެހީ ފޯރުކޮށްދީފައެވެ. އަދި އެހީ އެއްގެގޮތުގައި އަޑު އިވުމާއި ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާ މީހެއްކަން އަންގައިދޭ ކާޑެއްވެސް ވަނީ ހަދައިދީފައެވެ. އެއަށްފަހު، މާތް ﷲ ގެ ހެޔޮރަޙްމަތްފުޅުން ޢަލީ އަށް ވަނީ 4 (2 ފިރިހެން، 2 އަންހެން) ކުދިން ލިބިފައެވެ. ސޯމާލިޔާގެ ޙައްޖު މިޝަން ގެ ޑިރެކްޓަރ ޢަބްދުއް ޞަމަދު މުޙައްމަދު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ޖިއްދާއަށް ކުރި ދަތުރުގައި ހާޖީ ޢަލީ މުޢާމަލާތް ކުރަން ބޭނުން ވާ ކޮންމެ ފަހަރަކު އޭނާ ގަނޑުކޮޅެއްގައި ބުނަން ބޭނުން ވާ އެއްޗެއް ލިޔުމުން ޚުދް އޭނާ ފްލައިޓް އެޓެންޑުންނަށް އެ މެސެޖް ފޯރުކޮށް ދެމުން ދިޔަކަމަށެވެ. އަދި އެއިރު މިފަދަ ބޮޑު ކަރާމާތެއް ޢަލީ ގެ އަތް މަތިން ފާޅުވެގެން ދާނެކަމަށް އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް ޢަލީ އަށް ވާހަކަ ދެކެވި އަޑު އިވެން ފެށުމުން އޭނާ ވަރަށް ބޮޑަށް ހައިރާން ވެ އަންތަރީސް ވި ކަމަށެވ. ހާޖީ ޢަލީ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނެވެ. އެތަނުގައި އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވީ ޢަލީގެ އިވުމާއި ވާހަކަދެއްކުމުގެ ޙިއްސު ރަނގަޅުކަމަށެވެ. ކިންގް ފައިސަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ. މުޙައްމަދު ޣަޒާލީ ޢަލީއަށް ދިމާވި ކަންތައްތަކާއި ބެހޭގޮތުން ވިދާޅުވި ގޮތުގައި ވާހަކަ ދެއްކުމާއި އަޑުއިވުން ގެއްލިއްޖެނަމަ، ފުރަތަމަ 6 މަސް ތެރޭގައި އިއާދަ ކުރެވިދާނެކަމަށެވެ. ނަމަވެސް ހާޖީ އަލީ އަށް ދިމާވި ހާލަތުގައި އެކަން އެގޮތަށް ވުމަކީ ވަރަށް ނުވާނެ ނާދިރު ކަމެކެވެ. ޑރ. ޣަޒާލީ އިތުރަށް ވިދާޅުވިގޮތުގައި މީގެ ކުރީގެ ފަހަރެއްގައިވަނީ ޒަމް ޒަމް ފެން ބުއިމުގެ ސަބަބުން މީހެއްގެ ލޮލުގެ ފެނުންވެސް ރަނގަޅުވެފައެވެ. އެ ފެން ބުއިމުގެ ކުރިން އޭނާއަށް އައިނާއި ނުލާ އެއްވެސް ތަނެއް ނުފެނެއެވެ. ނަމަވެސް އެ ބަރަކާތްތެރި ފެން ބުއިމަށްފަހު، ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިހާރު އައިނުގެ އެހީއކާާ ނުލާ އޭނާއަށް ފެނެއެވެ. މައްކާގައި ހާޖީ ޢަލީ އާއެކު ދަތުރުކުރި ހުރިހާ އެންމެން ވަނީ މި ކަރާމާތްތެރި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ހައިރާން ވެފައެވެ. އަދި އެކި އެކި އިހުސާސްތަކުގެ ސަބަބުން ވަނީ ލޮލުން ކަރުނަ ފައިބައިފައެވެ. އަދި ޙައްޖު މިޝަންގެތެރޭގައި ވަނީ އެންމެ މަތިވެރި އޯގާވަންތަ ރަސްކަލާންގެއަށް ތަޙްމީދާއި ތަކްބީރު ގެ ނަޣްރާއިން ގުގުމާފައެވެ. އިބްނި މާޖާ ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. “ޒަމްޒަމް ފެނަކީ އެ ފެން ބުއިމުގައި އެމީހަކު ގަސްތުކުރި ކޮންމެ ބޭނުމަކަށް ފުދޭ އެއްޗެކެވެ.” * ކަރާމާތަކީ މާތް ﷲ އެ ކަލާންގެ ރުއްސަވާ އަޅުންގެ އަތްމަތިން ފާޅުކުރައްވާ އާދަޔާ ޚިލާފް ކަންތައްތަކެވެ. މުޢްޖިޒާތަކީ މާތް ﷲ އެކަލާންގެ ފޮނުއްވި ރަސޫލުންނާއި ނަބީބޭކަލުންގެ ރިސާލަތަކީ ޙައްޤު ރިސާލަތްކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން އެ ބޭކަލުންގެ އަތްޕުޅުމަތިން ފާޅުކުރައްވާ އާދަ ފޫވައްޓަނިވި ކަންތައްތަކެވެ. މުޢްޖިޒާތާއި ކަރާމަތަކީ ތަފާތު ދެ އެއްޗެކެވެ. ލޮބުވެތި އަޚުންނޭވެ. ތިބާ އަށް ކުރިމަތި ވެފައިވާ ހާލަތްތަކަށް ކެތްތެރިވި ޝުކުރު ކުރާށެވެ. އެހެނީ ކެތްތެރި ކަމުގެ ޖަޒާ އަށް ހިސާބެއް ނުވެއެވެ. އަދި ދަންނާށެވެ ޝިފާ ދެއްވުން ވަނީ ހަމައެކަނި ﷲ ހަޟްރަތުންނެވެ. ހަމަކަށަވަރުން މާތް ﷲ އަކީ އެއްކައުވަންތަ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.
0 Comments