މަރުގެ ސިޓީ


ޝިފްޒާން
*އަޙްމަދު ބިން ޠޫލޫން ބޮޑުފުޅުވެވަޑައިގަތީ ރައްކާތެރިކަމާއި ޢިއްފަތްތެރިކަމާއި އެކަލޭގެފާނުގެ ރިވެތި އަޑުފުޅުން ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމުގައެވެ. މިޞްރުގެ ބައެއް ޝައިޚުންގެ އަރިހުން އިބުނު ޢަސާކިރު ރިވާކުރައްވައެވެ. ޠޫލޫނަކީ އަޙްމަދުގެ ޙަޤީޤީ ބައްޕާފުޅެއްނޫނެވެ. އެހެންނަމަވެސް ޠޫލޫން އެމަނިކުފާނުގެ ކިޔަވާވިދާޅުވުމުގެ ރީތިކަމުންނާއި އަޑުފުޅުގެ ރީތިކަމުގެ އިތުރުން ތުއްޕުޅު އިރުއްސުރެ ދީންވެރިކަމާއި ވަރަޢުވެރިކަން އެކަލޭގެފާނުގެ ކިބައިންފާޅުވަމުންދާތީ ދަރިކަލެއްކަމުގައި ހެއްދެވީއެވެ. (އެޑޮޕްޓު ކުރެއްވީއެވެ.) 
އެއްދުވަހަކު ޠޫލޫން ދާރުލް އިމާރާ(ޠޫލޫންގެ އަނބިއަނބިކަބަލުންގެ ގަޑުވަރުކޮޅު)އަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ އެއްޗަށް ގެންނަަވަން އަޙްމަދު ފޮނުއްވައިފިއެވެ. އެކަލޭގެފާނަށް(އަޙްމަދު) އެގަޑުވަރަށް ވަޑައިގެންނެވުނުއިރު ޠޫލޫންގެ އަނބިކަބަލުންކުރެ ބޭކަނބަލަކު އެގަޑުވެރިގެ ޚާދިމަކާއެކީ ފާޙިޝް ގުޅުން ހިންގަމުންގެންދިޔައެވެ. އަދި އަޙްމަދު ޠޫލޫން ވިދާޅުވިއެއްޗެއް ހިއްޕަވައިގެން ކުރައްވަން އަމުރުކުރެއްވިކަމެއް ކުރެއްވުމަށްފަހު އަވަސްއަވަހަށް ޠޫލޫންގެ އަރިހަށް އެބުރިވަޑައިގެންފިއެވެ. އަދި ޠޫލޫންގެ އަރިހުގައި އެކަލޭގެފާނަށް އެމަނިކުފާނުގެ އަނބިކަމަނާއާ ޚާދިމް މީހާއާ ދެމެދު ހިގަނިކޮށް ފެނިވަޑައިގެންނެވި ކަންތަކުގެ ވާހަކައެއް ނުދަންނަވައެވެ. އެހެންނަމަވެސް އެއްކަލަ ކަނބުލޭގެއަށް ހީކުރެވުނީ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތަކުގެވާހަކަ ޠޫލޫން އަރިހުގައި ދަންނަވާނެކަމަށެވެ. އަދި ޠޫލޫން އަރިހަށްގޮސް ދަންނަވައިފިއެވެ. "އަޙްމަދު އަޅުގަނޑު ކައިރިއަށް އައިސް ފާޙިޝްކަންތައްތަކަށް ގޮވާލައިފިއެވެ." އަދި އެކަމަނާގެ ގަޑުވަރަށް ވަޑައިގެންފިއެވެ. އެހިދު ޠޫލޫންގެ ހިތްޕުޅުގައި އެކަބުލޭގެ ބުނި ބަހަކީތެދު ބަހެއްކަމަށް ހީފުޅު ކުރެއްވުނެވެ. އަޙްމަދު ޙާޒިރުކުރުމަށް އަމުރުކުރެއްވުމަށްފަހު އެމަނިކުފާނުގެ އަމީރުންކުރެ އަމީރަކަށް ސިޓީއެއް ލިޔުއްވިއެވެ. އަދި އެކަބުލޭގެ ބުނި އެއްވެސް ވާހަކައަކާމެދު އަޙްމަދު އަރިހުން ސުވާލެއްވެސް ނުކުރައްވަތެވެ. އަދި އަޙްމަދަށް އެސިޓީދެއްވުމަށްފަހު އެއަމީރުގެ އަރިހަށް ފޮނުއްވައިފިއެވެ. އެސިޓީގައިވަނީ: "މިސިޓީ ހިފައިގެން އަންނަ މީހާ ބޯކަޑައިލެއްވުމަށްފަހު އެބޯ ތިމަން ރަސްގެފާނުގެ ދަރުބާރަށް އަވަހަށް ފޮނުއްވާށެވެ. އަޙްމަދު މިސިޓީއާއިގެން ޠޫލޫންގެ އަރިހުން ދަތުރުކުރައްވައިފިއެވެ. އެއިރުވެސް އެކަލޭގެފާނަށް މިސިޓީގައިވަނީ ކޮންވާހަކައެއްކަމެއް އެގިވަޑައެއްނުގަންނަވައެވެ. އަދި އެކަލޭގެފާނާ މަގުމަތިން އެއްކަލަ ކަބުލޭގެޔާ ބައްދަލުވެވަޑައިގެންފިއެވެ. އަދި އެކަބުލޭގެ އެކަލޭގެފާނަށް އެކަބުލޭގެ އަރިހަށް އައުމަށް ގޮވައިފިއެވެ. އެހިދު އެކަލޭގެފާނު ވިދާޅުވިއެވެ." މިވަގުތު ތިމަންކަލޭގެފާނު މިއުޅެނީ ރަސްގެފާނުގެ މިސިޓީގެ މަސައްކަތުގައެވެ." އެކަބުލޭގެ ބުންޏެވެ. "ތިމަންވަނީ ކަލޭގެފާނުގެ އެހީއަކަށް ބޭނުންވެފައެވެ. ވަޑައިގަންނަވާށެވެ." އެކަބުލޭގެ ބޭނުންވީ ރަސްގެފާނުގެ އަރިހުގައި ދެންނެވި ވާހަކަތައް ޙަޤީޤަތަކަށް ހެއްދެވުމަށެވެ. އެހެންކަމުން އަޙްމަދު ހިފަހައްޓަވައިގެން އެމަނިކުފާނުލައްވައި އެކަބުލޭގެއަށް ސިޓީއެއް ލިޔުއްވިއެވެ. އަދި އަމީރުގެ އަރިހަށް ގެންދިއުމަށް ޠޫލޫން އަމުރުކުރެއްވި ސިޓީ އަޙްމދު އަތްޕުޅުން ނަގައި އެއްކަލަ ފާޙިޝް ޢަމަލުހިންގި ޚާދިމްކަލޭގެ އަތަށް ދީފިއެވެ. އެކަބުލޭގެ ހީކުރީ އެސިޓީފުޅުގައިވަނީ ހަދިޔާއެއްކަމުގައެވެ. އަދި ބޭނުންވީ އެހަދިޔާ އެޚާދިމަށް ލިބޭނެގޮތް ހެދުމަށެވެ. އެއްކަލަ ޚާދިމް އެސިޓިއާއިގެން އަމީރުގެ އަރިހަށް ގޮސްފިއެވެ. އެހިދު އެއަމީރު އެސިޓީ ވިދާޅުވުމަށްފަހު އެޚާދިމްގެ ބޯ ކަނދުރައިން ވަކިކޮށްލައިފިއެވެ. އަދި އޭނާގެ ބޯ މަލިކު ޠޫލޫންގެ އަރިހަށް އަވަސްއަވަހަސް ފޮނުއްވައިފިއެވެ. ރަސްގެފާނު އެކަމާމެދު ޙައިރާންވެވަޑައިގެން ވިދާޅުވިއެވެ. "އަޙުމަދު ކޮބާހެއްޔެވެ؟" އަދި އަޙްމަދު ގެނައުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނު ޙާޒިރުކުރެވިއްޖެއެވެ. އެހދި ރަސްގެފާނު ވާހަކަދައްވަން ފެއްޓެވިއެވެ. ރަސްގެފާނު: ތިބާއަށް ގެއްލުން ހުރި. މިތަނުން ނިކުތް ފަހުން ތިބާ ކަންކުރީ ކިހިނެއްތަ؟ އެހިދު އަޙްމަދު ކަންވީގޮތް އެމަނިކުފާނަށް ދެންނވެިއެވެ. އަދި އެއްކަލަ ކަބުލޭގެއަށް ޚާދިމް މީހާގެ ބޯ ރަސްގެފާނު އަރިހަށް ގެނެވުނުކަން އިގުނު ހިދު، ކަންވީގޮތް ރަސްގެފާނަށް އެގިވަޑައިގެންފިކަމަށް ހީކޮށް ރަސްގެފާނު އަރިހަށް ހިގައްޖެއެވެ. އަދި އެކަބުލާގެއާއި ޚާދިމް ކަލޭގެއާދެމެދު ކަންތައް ވީގޮތް ބަޔާންކޮށް އަޙްމަދުގެ ކުށެއްނެތްކަމަށް އިޢުތިރާފުވެވަޑައިގަތެވެ. އެހިދު ރަސްގެފާނުގެ ހިތްޕުޅުގައި އަޙުމަދުގެ މައްޗަށް އިހުނަށްވުރެ ބޮޑަށް ލޯބި އުފެދިއްޖެއެވެ. އަދި އެރަސްގެފާނު އަޙްމަދަށް ރަސްކަންދެއްވުމަސް އަމުރުކުރެއްވިއެވެ. *އަޙްމަދު އިބްނު ޠޫލޫނަކީ މިޞްރުގެ ރަސްކަލެކެވެ. މިޞްރުގެ އެންމެ މަޝްހޫރު އެއްމިސްކިތަކީ އެކަލޭގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ނޯޓް: މިލިޔުމަކީ އަލްޙާފިޡް އިބްނު ކަޘީރުގެ البداية والنهاية ފޮތުން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

Post a Comment

0 Comments