މާތް ވަގެއް



އާންމުކޮށް އަޅުގަނޑުމެންނަށް ވަގުން ފެންނަނީ ވަރަށް ދަށުދަރަޖައިގެ ނުބައި ބައެއްގެ ގޮތުގައެވެ. އަދި މުޖުމަތަމަޢުގައި ގަދަރުނުކުރެވޭ ވިޔާނުދާ ބަައެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ބޮޑެތި ވަގުން ބޮޑެތި ވަލީވެރިންނަށް ވެސް ވެފައި ހުންނަނީއަކީ މަދެއްކޮށެއްނޫނެވެ. މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި ރަސްކަން ކުރި ކަލެއްގެ ދަރަޖަ ދެވުނު ފިރުއަޢުނަކީވެސް އެ ބާރު ލިބުމާއި ހަމައަށް މިޞްރުގެ ޤަބުރުސްތާނުތަކުން ވައްކަން ކޮށްގެން އުޅުނު މީހެއް ކަމަށް ޢިލްމުވެރީން ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް އަޅުގަނޑުގެ މިލިޔުމުގައި ގެނެސްދޭން މިއުޅެނީ މި ދިވެހިރާއްޖޭގައި މާތްކޮށް ހިތުނު "މާތްވަގެއް"ގެ ވާހަކައެވެ. ކުރިޔަށް ވަޑައި ގަންނަވާށެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްދުވަސްވަރެވެ. ތަނަކީ އިނގިރޭސީންގެ އަސްކަރީ ބޭސް ހަދާފައިވާ ސ.އަތޮޅު ގަމެވެ. ކޮންމެއަކަސް އިނގިރޭސިންނަކީ ނަޞާރާދީނުގެ މީހުން ކަމަށްވާތީ އެމީހުން އެތިބި ތިބުމުގައި އެތަނުގައި އެމީހުން އަޅުކަން ކުރުމަށްޓަކައި ފައްޅިއެއް ވެސް ހުރީ އަޅާފައެވެ. މިހާރު މިތަން ހުރީ މިސްކިތަކަށް ބަދަލުކުރެވިފައެވެ. ( ފޮޓޯގައި އެވަނީ އެ ފައްޅިއެވެ. މިހާރު އެތަނުގައި ހުރީ މިސްކިތެއް.) މިމީހުންނަކީ 25 ޑިސެމްބަރު މާ ކުލަގަދަކޮށް ފާހަގަކުރާ ބައެކެވެ. އެމީހުން ކަލާނގެ ކަމަށްބުނާ ފަރާތުގެ ދަރިކަލުން އުފަންވީ ދުވަސްކަމަށް ވާތީޔޯލައެވެ. ކޮންމެއަކަސް މިއީ ބޮޑުވެގެންވާ ދޮގެއް ކަމުގައިވިޔަސް މި މީހުންގެ ދީނުގެ ގަބޫލުކުރުމެކެެވެ. (ނަޢޫޒުބިﷲ) މަތީގައިވާ މިސްކިތް ހުރިތާގައި އިނގިރޭސީން ކުރީން ބިނާ ކޮށްފައިވާ ފައްޅީގެ ފޮޓޯއެއް މިބުނާ ފައްޅީގެ ތެރޭގައި ހުންނަނީ ކުޑަ ފޮތިކޮޅަކުން ކުޑަތަންކޮޅެއް ނިވާކުރެވި ހެއްދެވި ހާލުގައި ހުންނަ ގޮތަށް ނިވާކަމެއް ނެތި، ޞަލީބަށް އެރުވިފައި ހުންނަ ފިރިހެން ބުދެކެވެ. ނުވަތަ ފޮޓޯއެކެވެ. މިއެއްޗެއްގެ ވާހަކައިގެ ނަން އިވުނީމާ އަޅުގަނޑު ހަނދާންވަނީ އަޅުގަނޑުމެން ކުޑައިރު ކިޔާ އަންބާއެއްގެ މަތިންނެވެ. އެއީ " އޮރިޔާންބުޑު ނައްކަވާރު، އަލަފަތަކާ ނިވާ ނުވޭ" މި އަންބާއެވެ. ކޮންމެއަކަސް މިމީހުން އައިސް ދުޢާކޮށް ދުންބުރުވާ އެކި އެކި ސަކަރާތްޖަހާ ހަދަނީ މިތަނުގެ ކުރިމަތީގައެވެ. 24 ޑިސެމްބަރު ވީ ދުވަހު މިތަން ކޮންމެއަކަސް ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވެން ފަށައިފިއެވެ. އެތަނުގައި މާމެލާމެލި ބަހައްޓާ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވެން ފަށައިފިއެވެ. އަދި އުއްބައްތި ދިއްލާ ތަފާތު ވައްތަރުގެ މޭވާއާއި ކާތަކެތި ބަހައްޓަން ފަށައިފިއެވެ. ކޮންމެއަކަސް އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމަށްވާތީ ކާތަކެތި ވަރަށް ދައްޗެވެ. އައްޑޫ މީހުންތިބީ އިނގިރޭސިން އިތުން ލިބުނު އެއްޗެއްގެ އިތުރަށް އޮޅުއަލަ ކައިގެންނެވެ. އަތްމަތި ދަތި މުޅި ރާއްޖެއަށްވެސް ދަތިވި ދުވަސްކޮޅެކެވެ. ވީމާ ތަފާތު ވައްތަރުގެ މީރު މޭވާ ފެނުނީމާ ކާހިތްނުވާނީ ކާކުތޯއެވެ؟ އިނގިރޭސި ހަރުބަހެއްގައި އޮންނަ ފަދައިން ބަނޑުހައިވެފައި ހުންނަ މީހަކަށް ކޮންމެ އެއްޗެއްވެސް ފެންނާނީ ޕާނެއްގެގޮތުގައި ވިއްޔާއެވެ. އެރޭ އެތަނުގައި މަސައްކަތު މީހަކަށް އުޅުނު އައްޑޫ މީހަކަށްވެސް ވީ ހަމަ މިހެންނެވެ. އެހެރަ މީރު ޒާތް ޒާތުގެ ކާތަކެތި ފެނުނީމާ ކުޅުދިޔާެވެފައި ދެން އެކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން އެނގޭނީވެސް އެހާލަތު ތަޖުރިބާކުރެވުނު މީހަކަށެވެ. ކޮންމެއަކަސް މަސައްކަތުމީހާ ގެޔަށް ދަމުން ދިޔައީ ފަސޭހައިން ގެންދެވޭ ޒާތުގެ އެއްޗެހި މުންޑުން އަރުވާ ޖަހާލައިގެން އޭގެތެރެއަށް އަޅައިގެން ހިފައިގެންނެވެ. މިހެން މިކަންތައްވެފައި އޮއްވައި މިތަނުގައި އުޅޭ އިނގިރޭސީންނަށް މިތަނުގައި ހުރި އެތިކޮޅަށް "ވަގު" އަރައިފިހެން ހީވެގެން މިޔަށް ވީގޮތް ހޯދާން ފަށައިފިއެވެ. އެއްވެސް ފަރާތަކުން މަތިވާ ގޮތެއް ނުވިއެވެ. ދެން އެންމެފަހުން އިނގިރޭސީން އަތްފުނާ އަޅަމުން ގޮސް އެންމެފަހުން މި މަސައްކަތުމީހާގެ ގެޔާއި ހިސާބަށްވެސް ފޯރައްޖެއެވެ. އަދި މަސައްކަތުމީހާ ގެއިން ނެރިފައި އެޔަށް ވީގޮތެއް ދެނެހުރީންހޭ އަހައިފިއެވެ. މަސައްކަތުމީހާ ހިސާބަކަށް ކަންބޮޑުވެއްޖެއެވެ. އޭނާ އެކަން ކުރިކަން އެނގިއްޖެނަމަ ފިސާރިބޮޑު އަދަބުލިބިފައި ކާންބޯން ކުރަމުން ދިޔަ ވަޒީފާ ގެއްލޭނެކަންވެސް އެނގިއްޖެއެވެ. އެހެންވީމާ މީނާ މިކަމުން ސަލާމަތްވުމަށް ރޭވުމެއް ރާވާން ޖެހިއްޖެއެވެ. ކޮންމެއަކަސް މީނާ އެވަގުތު ހަނދާންވީ އެތަނުން އޭނާ ރައްޓެހި ރަތްލާ ޖެހި ކުރިސްޓިޔަނަކު ބުނެފައި އޮތްވާހަކައެކެވެ. އަވަސް އަވަހަށް މީނާ ވާހަކައެއް ރާވާލާފައި ވީގޮތް ކިޔައިދޭން ފަށައިފިއެވެ. " އަހަރެން އެތާ ހުއްޓާ ކަލޭމެންގެ ކަލާނގެ ދިރިގެން އައިސް އެހުރިހާ އެއްޗެއް ކައިފައި ދެން ބާކީ ހުރި ހުރިހާ އެއްޗެއް ހިފައިގެން ހަމަ ހުރިތަނަށް ގޮސް އަވަދިވެއްޖެ" މީނާ މިދިން ޖަވާބުން އިނގިރޭސީން ވަރަށް އުފަލުން މީނަޔަށް ސާބަސް ދީފައި ހެމުން އެނބުރި ހިނގައްޖެއެވެ. އިނގިރޭސީން އޭގެ ފަހުން މި މަސައްކަތު މީހާޔަށް ވަރަށް އިހުތިރާމް ކުރާ ކަމަށްވެއެވެ. ސަބަބަކީ އެމީހުންގެ ދީނުގައި ގަބޫލުކުރާގޮތުގައި ކަލާނގެ ދިރިގެން އެމީހުން ކާއެއްޗެހި ކާން އައުމަކީ ހަމަ "ވާ" ކަމެކެވެ. ބަޔެއް މީހުން ކަލާނގެ އެމީހުން ކާ ޕާނަށް ވެގެން އޮންނަ ކަމަށްވެސް ގަބޫލުކުރެއެވެ. ވީމާ އެމީހުންގެ ދީނުގެ ގުރުސް ފެންމަތިވީ ވަގުތު އެހުރިހައި ކަމެއް ލޮލުންދެކި ކަލާނގެ ދިރިގެން އެއްޗެހި ކެއިތަން ފެނުނު މާތްމީހާޔަށް އިހުތިރާމު ކުރަންވާނެތާއެވެ. އެމީހުން ގަބޫލުކުރާގޮތުގައި އެޭނާއަށް އެފެނުނީ " ނާނާ ހުވަފެން ދުށީމޭ " މިލަވައިގައި ގުރުސް ފެންމަތިވެގެން ދިމާވާ އާދަޔާ ޚިލާފު ވަގުތުކޮޅު ކަހަލަ އާދަޔާ ޚިލާފުވަގުތުކޮޅެވެ. މިއީ ދިވެހީންނަށް ވީ ކަމެއް ނަަމަ އެމީހާއަކީ ވަލީވެރިޔެކޭވެސް ކީސް ތޯއްޗެކެވެ. އާނއެކޭ އާނއެކެވެ. މިދުނިޔޭގައި މާތް މާތް ބޮޑެތި މީހުންނަށް ބޮޑެތި ވަގުން ވަނީއަކީވެސް މަދެއްކޮށެއް ނޫނިއްޔާއެވެ. ވަގުން މާތް ކޮށްލާފައި ކިޔާން އެންމެ ރަނގަޅު ކަމަށް ފެންނަނީ "ވަގުފުޅެއް" މިހެންނެވެ. ނިމުނީ

Post a Comment

0 Comments