ލޯބިވެރިންގެ ދުވަސް ފާހަގަކުރުމުގެ ޙުކުމް

الفقير الي الرحيم – عبد الرحيم
މި ލިޔުމުގައި ވަނީ މި ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން އުޘައިމީން ރަޙިމަޙުﷲ ދެއްވާފައިވާ ފަތުވާ މިފަދަ ދުވަސްތައް މުސްލިމުން ފާހަގަ ކުރުމާއި ބެހޭގޮތުން ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާގެ ރައުޔު އިމާމް އިބުނު ޤައްޔިމުގެ ރައުޔު ވެލެންޓައިންސު ދުވަހަކީ ކޮބާ؟ ވެލެންޓައިންސު ދުވަހަކީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހެވެ. މިއީ ކުރިސްޓިޔަނުންގެ އީދެއްގެ ގޮތުގައި ފާހަގަކުރަމުން އައި ދުވަހެކެވެ. މިދުވަސް މިޒަމާނަކަށް އައިސް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވުނު ކަމުގައިވިޔަސް މިދުވަހަށް ނަންދެވިފައިވަނީ ކުރިސްޓިޔަން ފާދިރީއެއްގެ ނަމުންނެވެ.
އަދި މިހާރު ފާހަގަކުރެވެމުންދަނީވެސް ކުރިސްޓިޔަނުންގެ އީދު ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އައި ދުވަހެއްގައެވެ. މި ދުވަސް ފާހަގަކުރެވެން ފެށީ ނަސާރާ ފާދިރީއެއް މަރާ ލެވުނު ދުވަސް ބަލައިގެން މިލާދީ ސަނަތުން 500 ވަނަ އަހަރު ގެލަސިއަސް ކިޔުނު ފާދިރީއެކެވެ. މިދުވަސް 1969 ގައި ނަސާރާ ފާދިރީއެއްކަމަށްވާ ޕައުލް ފުހެލި ކަމުގައިވިޔަސް މިދުވަސް އައީ ފާހަގަކުރެވެމުންނެވެ. އެންމެ ފަހުން މިދުވަސް ދެމެހެއްޓުމަށްޓަކައި އެންމެފަހުން ރީތިނަމެއް ދީގެން މިހާރުވެސް ދަނީ ފާހަގަކުރަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުންވެސް " ސޮޑޮމީ " މިބަސް ހަޑިވުމުގެ ސަބަބުން ފަހުން " ގޭ " (އަލިގަދަ، އުފާވެރި) ރީތިނަމެއް ކީ ފަދައިންނެވެ. ނަމަވެސް ޒަމާން ބަދަލު ވުމާއެކު ނަން ބަދަލުވުމަކުން އެމީހުންނާއި ލިބުނު މޮޅެއް ނެތެވެ. ހަމަ މީހުން ނަގަނީ ހަމައެއްމާނަޔެއްގައެވެ. ނަމަވެސް މިކަމުގައި ނަސާރާ ފާދިރީން ވަނީ ކުރިހޯދައިފައެވެ. އުވެމުންދާ އެމީހުންގެ އެއް އީދަށް ލޯބިވެރިންގެ ދުވަހުގެ ނަން ދިނުމުން އެ އީދު ފާހަގަކުރަމުންދާ މީހުން ދަނީ މީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަމުންނެވެ. ދުނިޔޭގެ އެތައްބަޔަކު އަދި ނަމުގައި މުސްލިމުން ދައުވާ ކުރާ އެތައްބަޔަކުވެސް މިމަޅީގައި ވަނީ ޖެހިފައެވެ. ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ހަމަ މި ފާހަގަކުރެވެނީ ނަސާރާ ފާދިރީއެއްގެ ނަންދެވިފައިވާ ނަސާރާއިންގެ ބިދުއަ ތަކުގެ ތެރެއިން ބިދުއައެކެވެ. މުސްލިމުންނަށް ﷲ ތަބާރަކަ ވަތަޢާލާ ވަނީ މިކަން މަނާކުރައްވާފައެވެ. ސަބަބަކީ އެހެން ދީންތަކުގެ ޢީދު ދުވަސްތައް ފާހަގަކުރުމެއް މުސްލިމުންނަށް ހުއްދަވެގެން ނުވުމެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދުފުޅުތަކުން އެނގޭގޮތުގައި މިއުއްމަތުގެ ބަޔަކު ޔަހޫދީންނާއި ނަޞާރާއިން ކުރާ ކޮންމެ ކަމެއް ކުރުމުގައި ދެމިތިބޭނެއެވެ. އެއީ ޟައްބު ( ސަހަރާގައި އުޅޭ ބޮނޑެއް) އޭގެ ހޮރަށް ވަންނަ ފަދައިން، ނަޞާރާއިންނާއި ޔަހޫދީން ކަމެއްކޮށްފިނަމަ ފަހަތުން މުސްލިމުންވެސް ހޮރަށްވަންނަ ފަދައިން އެކަމެއް ކުރާނެކަން އަހަރެމެންނަށް ވަނީ އެނގިބަޔާންވެ ނިމިފައެވެ. ނަމަވެސް މިކަމުގައި ބިރުވެތިވާން ޖެހޭ ކަމަކީ މިފަދައިން އަމަލުކުރާ މީހުންނަކީ އެބައިމީހުންގެ އިސްލާމްކަން ނަފީވެދާނެ ފަދަ ދީނުން ބޭރުވެދާ ފަދަ އަމަލެއް ކުރާ ބަޔަކަށްވެފައިވުމާއި ނޭންގި ތިބެ އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ދީން ބީވެގެން ހިނގައިދާނެތީއެވެ. މިކަން ކަން ބަޔާން ކުރަން ޖެހެނީ މިސަބަބަށްޓަކައެވެ. މި ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްހޫރު ޝެއިޚު މުޙައްމަދު ބިން ޞާލިޙުލް އުޘައިމީން ވިދާޅުވަނީ މިފަދައިންނެވެ. " އައްސަލާމް އަލައިކުމް. ވެލެންޓައިންގެ ދުވަސް ފާހަގަކުރުން ހުއްދަ ވެގެން ނުވެއެވެ. ސަބަބަކީ ފުރަތަމައަށް އެއީ ޝަރީޢަތުގައި ފާހަގަކުރަން އެއްވެސް އަސްލެއް ނެތް ޢީދަކަށް ވާކަމަށްޓަކައެވެ. ދެވަނައަށް އެދުވަސް ގޮވާލަނީ ލޯބިވުމަށާއި އަދި ގައިގޯޅިވުމަށެވެ. ތިންވަނައަށް އެދުވަސް ގޮވާލަނީ އަހަރެމެންގެ ހިތްތައް ސަލަފުން ގެންނެވި މަގުނޫން އެހެންމަގުތަކާއި ދުރުގައިވާ ގޮތްތަކުގައި މަޝްޣޫލުކޮށް ހެޔޮމަގުން އެއްކިބާ ކުރުމަށެވެ. އެހެންކަމުން އެދުވަހާއި ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކެއުމެއް އަދި ބުއިމެއްކަމުގައިވިޔަސް، އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ ހަދިޔާ (ގިފްޓު) އެއް ކަމުގައިވިޔަސް، އަދި އެދުވަހާއި ގުޅިގެން ފާހަގަކުރުމަށް ހެދުން ލާ ކަމުގައި ވިޔަސް މިއިން އެއްވެސް ކަމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ. މުސްލިމުންގެ މައްޗަށް ވަނީ އިސްލާމްދީނުގައި ހިފަހައްޓައި އެދީނުގެ މައްޗަށް ފަހުރުވެރިވުމެވެ. އަދި އަސްލެއްނެތް ޖާހިލު ގޮވާލުންތަކަށް ކަނު ލޯތްބެއްގައި ބޯލެނބުމެއް ނެތެވެ. " ( 11 ފެބުރުއަރީ 2000) ކާފަރުންގެ ޢީދެއް ނުވަތަ އެނޫންވެސް ދުވަހެއް ފާހަގަކުރުމާއި ބެހޭގޮތުން އިބުނު ތައިމިއްޔާ ރަޙިމަޙުﷲ ދެއްވާފައިވާ ފަތުވާ އެކަލޭގެފާނުގެ ފޮތުގައި އިޤުތިޟާއުލް ސިރާތުލް މުސްތަގީމްގެ ފުރަތަމަ އަދަދުގެ ސަފުހާ 470 ގައި ލިޔުއްވާފައިވެއެވެ. " (ކާފަރުންގެ) އީދުދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގެ ވާހަކަ ދައްކާއިރު އެތައް ގޮތަކުން ބަލާ ވިސްނަން ޖެހެއެވެ. ފުރަތަމަ ޢީދުތަކާއި ބަންދު ދުވަސްތައް އަންނަނީ ފުޅާ ގޮތްތަކަކާއި އަދި ޤަވާއިދުތަކާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެ ޤައުމަކަށް އެބަޔަކު ފާހަގަކުރާނެ ހާއްޞަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް ޤިބުލައަށް ކުރިމަތިލުމާއި، ނަމާދު ކުރުމާއި އަދި ރޯދަހިފުމެވެ. އެބައިމީހުންގެ ބަންދު ދުވަސްތަކަށް އެއްބައިވުމަކީ އެބައިމީހުންގެ ކާފަރުކަމާއި އެއްބައިވުމެވެ. އަދި އެބައިމީހުންގެ ދީނުގެ ކުދިކަންކަމަށް އެއްބަސްވުމެވެ. (ނުވަތަ ރުހުން އޮތްކަން ހާމަކުރުމެވެ. ) އެއީ ކާފަރުކަމުގެ ވަކި މިންވަރަކަށް ތަބާވެވެނީއެވެ. ހަޤީޤަތުގައި އެބައިމީހުންގެ ޢީދުތަކާއި އަދި ބަންދު ދުވަސްތަކަކީ އެބައިމީހުން މުސްލިމުންނާއި އެންމެ ބޮޑަށް ފާހަގަކޮށްދޭ ދުވަސްތަކެވެ. ޙާއްޞަކޮށް އެބައިމީހުންގެ އީދުދުވަސްތަކެވެ. ( މިސާލަކަށް ވެލެންޓައިންސް ދުވަސް ފަދަ ދުވަސްތަކެވެ) މިބަޔަށް އެއްބަސްވުމަކީ ކާފަރުކަމުގެ އެންމެބޮޑަށް ފަރަޤުކޮށްދޭ ކަންކަމަށް އިއުތިރާފުވުމެވެ. އެހެންކަމުން އެކަމަށް އެއްބަސްވެ ވަކިބަޔަކަށް އިއުތިރާފު ވުމަކީ ދީނުން ތިމާ ނަފީކުރަމުން ގެންދާނެ ކަންކަމެވެ. އެންމެ ފަހުން އޭނާ ދީނުން ބޭރުވެފައިވާ ހާލަށް މިފަދަ އަމަލުތައް ވައްޓާލައެވެ. " ( އެބަހީ މުރުތައްދުވެފައިވާ ހާލަތަށް ވައްޓާލައެވެ) އެންމެ ކުޑަމިނުން ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ފޮނުވުންވެސް ހުއްދައެއްނޫނެވެ. އިމާމް އިބުނު ޤައްޔިމުގެ ފަތުވާ މިކަމާއި ބެހޭގޮތުން އިބުނު ތައިމިއްޔާގެ އެންމެ މަޝްހޫރު އެއްދަރިވަރުކަމަށްވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާ މިފޮތުގެ ފުރަތަމަ އަދަދުގެ 205 ވަނަ ސަފުހާގައި ބަޔާން ކުރައްވައެވެ. މުސްލިމުނޫން މީހުންގެ ޙާއްޞަ ހަފުލާތަކާއި ޢީދުގައި ތަހުނިޔާކިޔާ މަރުހަބާކިޔުން، މިސާލަކަށް އެމީހުންގެ ޢީދެއްގައި އެމީހުންނަށް "ބަރަކާތްތެރި އީދެއް ތިބާއަށް އެދެން " (މިޒަމާނުގެ ބަހުން ބުނާނަމަ ކޮންގުރާ ކިޔުން) ނުވަތަ އެނޫންވެސް އިބާރާތަކުން ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިން އެއްބަސްވެފައިވާ ގޮތުގައި ޙަރާމްކަމެކެވެ. އެއިބާރާތް ގެންނަ މީހަކީ މުރުތައްދުވުން ނުން ޝިރުކުގެ އަމަލަކާއި ގާތްވެފައިނުވާ މީހެއްކަމުގައި ވިޔަސް އެކަން ވަނީ ޙަރާމްވެގެންނެވެ. އަދި އެބައިމީހުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެކެވެ. ދީންނުދަންނަ ނުވަތަ ދީންވެރިނޫން އެތައްބަޔަކު މިފަދަ ޢަމަލުތައް ކުރާ އިރު އެބައިމީހުންނަށް ކުރެވޭ ޢަމަލުގެ ނުބައިކަމާއި ޝައިތާނީކަން އެބައިމީހުންނަށް ހަޤީޤަތުގައި ނޭންގެއެވެ. އެއްވެސް ފާފައެއް ކުރުމުން ނުވަތަ ޝިރުކުގެ ޢަމަލެއް ކުރުމުން އެ އަމަލަކަށް ތަހުނިޔާ ކިޔުމަކީ ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުމާއި އަދި ބޮޑުވެގެންވާ އަޒާބަށް ހުށައެޅިފައިވާ މީހެކެވެ. ޞަލަފުންގެ ބޭކަލުން މިފަދަ ފާފަކުރާ ނުވަތަ ޖާހިލު މީހުންތައް ބޮޑެތި މަޤާމުތައް ލިބުމުން އެބައިމީހުންނާއި ތަހުނިޔާ ކިޔުމުން ދުރުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޒާބުން ސަލާމަތްވުމަށާއި އަދި އެއިލާހުގެ ރަޙުމަތުން ބޭރުނުވުމަށްޓަކައެވެ. އަދި ފާފައެއް ކުރާ މީހެއް މުންކަރާތަކުން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގާތަށްގޮސް ރީތިބަހުން ވާހަކަދެއްކުމަކުން އެކަމުގައި ގޯހެއްނެތެވެ. " އަދިވެސް އިމާމް އިބުނު ޤައްޔިމު އެފޮތުގެ ދެވަނަ އަދަދުގެ 277 ވަނަ ޞަފުހާގައި ބަޔާން ކުރައްވައެވެ. "އަދި މުސްލިމުންނަށް އެބައިމީހުންގެ ޢީދުތައް ފާހަގަކުރުމަށް އެހީތެރިވުމާއި އަދި އެބައިމީހުންގެ ޢިދުތައް ފާހަގަކުރަން ދިޔުމަށް އެހީތެރިވުންވެސް ހުއްދަވެގެން ނުވާ ކަމަށް އިލްމުގެ އަހުލުވެރިން އިއްތިފާޤުވެލައްވައެވެ. ހަތަރު މަޒްހަބުގެ އިމާމުންވަނީ މިކަމަށް އެއްބަސްވެލައްވާފައެވެ. އަބޫ ޤާސިމުއްތަބަރީ ލިޔުއްވައެވެ. " މުސްލިމަކަށް މުސްލިމުނޫން މީހުންގެ ޢީދުތަކަށް ދިޔުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ ބާތިލުވެގެންވާ ގޮތެއް ކަމުގައިވާތީއެވެ. ރަނގަޅު ބަޔަކު ނުބައިބަޔަކާ އެއްވެއްޖެނަމަ ޝައިތާނާ ނުބައިމީހުންގެ ކޮޅަށް ރަނގަޅު މީހުންތައް ލަންބުވާލުމަށް މަގުފަހި ކުރެއެވެ. އަދި ޝައިތާނާގެ މަގަށް އެބައިމީހުންނަށް ރުހެވި އެމަގަށް ލޯބިކުރެވެއެވެ. މިކަމުގެ ސަބަބުން ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުން އެބަޔަކަށް ޙައްޤުވެއްޖެއެވެ." އަދިވެސް އިބުނުލް ޤައްޔިމު ބަޔާން ކުރައްވައެވެ. " އަލްބައިހަޤީ ސައްޙަ މަގުން ވާރިދާވެފައިވާ ރިވާޔަތެއްގައި މާތްﷲ ރުއްސުންލެއްވި އުމަރު ބިން ޚައްތާބު ވިދާޅުވިކަމަށް ރިވާ ކުރައްވައެވެ. " ބޭރުމީހުންގެ ބަސްތައް ދަސްނުކުރާށެވެ އަދި މުޝްރިކުންގެ ޢީދު ދުވަސްތަކުގައި އެބައިމީހުންގެ ފައްޅިތަކަށް ނުވަންނާށެވެ. ސަބަބަކީ އެބައިމީހުންގެ ޢީދު ދުވަސްތަކުގައި ﷲ ނުރުއްސެވުން އެބައިމީހުންނަށް ލައްވައެވެ. " އަދި ޞައްހަ ސަނަދުން އައިސްފައިވާ ރިވާޔަތެއްގައި ﷲ ރުއްސުންލެއްވި އަބްދުﷲ ބިން ޢުމަރު ރިވާކުރައްވައެވެ. " ބޭރުބައެއްގެ ( މުސްލިމުނޫން މީހުން) ގެ ތެރޭގައި ހުރެފައި އަދި އެބައިމީހުންގެ އާ އަހަރު ފާހަގަކުރުމަށްފަހު އަދި މަރުވަންދެން އެގޮތުގައި ދެމިހުރެއްޖެމީހާ، މަޙުޝަރު ކުރެއްވޭ ހުށީ އެބައިމީހުންނާއި އެކުގައެވެ. " އަދިވެސް އިބުނު ޤައްޔިމު ބަޔާން ކުރައްވައެވެ. " އިބުނުލް ޤާސިމް އެކަލޭގެފާނު ނަޞާރާއިންގެ ޢީދުތަކުގައި އެބައިމީހުންނަށް ހަދިޔާ ދިނުމަށް ނުރުއްސަވައެވެ. އެކަލޭގެފާނު ދެކިވަޑައިގަތީ އެއީ އެބައިމީހުންނަށް އެހީތެރިވެ އެބައިމީހުންގެ ކާފަރުކަމަށް އެހީތެރިވުން ކަމުގައެވެ. ނަޞާރާއިންގެ ޢީދުތައް ފާހަގަކުރުމަށްޓަކައި އެބައިމީހުންނަށް މަހާއި، ހެދުން ފަދަ ތަކެތި ވިއްކުންވެސް ހުއްދަވެގެން ނުވެއެވެ. އަދި އެބައިމީހުންނަށް ޖަނަވާރުފަދަ ތަކެތި ކުއްޔަށް ދިނުމާއި އަދި ޢީދު ފާހަގަކުރުމަށް އެއްވެސް މާނައެއްގައި އެހީތެރިވުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ އެބައިމީހުންގެ ޝިރުކުތަކަށް އެއްބައިވެވި އަދި ކާފަރުކަމަށް އެހީތެރިވެވޭ ކަންކަމަށް ވާތީއެވެ. " އެޔަށްފަހު އަބޫ ހަނީފާ ވިދާޅުވިކަމަށް އެކަލޭގެފާނު ބަޔާން ކުރައްވައެވެ. " އެބައިމީހުންގެ އީދުތަކާއި އަދި ދީނީ ބަންދު ދުވަސްތަކުގައި ހަދިޔާއެއްގެ ގޮތުގައި ކަރައެއް، އެބަހީ އެބައިމީހުންގެ ޢީދުގައި ހަދިޔާއެއް ދީފިނަމަ އެ ކުރެވުނީ ޝިރުކުގެ އަމަލެކެވެ." ނިންމުން ވީމާ އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް މިފަދަ ލާދީނީ ޢީދުތައް ފާހަގަކުރުމުން އެއްކިބައިވުމެވެ. މުސްލިމުންނަށް ކޮންމެ ދުވަހަކީވެސް ލޯބިވާންޖެހޭ ދުވަހެކެވެ. ﷲ ދެކިއާއި އަދި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ދެކިޔާއި މައިންބަފައިންނާއި އަނބި ދަރިން ދެކިޔާއި އަދި އެނޫން ފަރާތްތައް ދެކިވެސް އަބަދާއި އަބަދު ލޯބިވާންވީއެވެ. ނަޞާރާއިންހެން ކޮންމެހެން އެއްދުވަހު ލޯބިވެލާފައި ތަފާތު ފާޙިޝްކަންކަމަށް އަރައިގަންނަން ވީއަކީ ނޫނެވެ. މިދުވަހުގެ ފާޙިޝްކަން ވަޒަންކޮށްލެވެނީ ލޯބިވެރިންގެ ދުވަހުގެ ނަމުގައި ހިންގާ ތަފާތު ފާޙިޝް ނެށުމުގައި ޝޯތަކާއި އަދި ބައްދަލުވުންތަކުގެ ނިމުން އަންނަނީ ހުއްދަ ނޫން ޒިނޭކުރުންތަކާއި އެނޫންވެސް ގުޅުންތަކުން ކަމަށްވާކަމެވެ. މިކަންކަމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވަނީ ޒިނޭއަށް މަގުފަހިވާ ކަންކަން ނުކުރުމަށެވެ. އޭ ލޯބިވާ އަޚުންނާއި އުޚުންތުންނޭވެ. މާދަމާ ލޯބިވެރިންގެ ދުވަސް ފާހަގަކުރަން އެތައްބަޔަކު ތައްޔާރުވަމުންދާއިރު މިކަމުގެ ނުބައިކަން އެ އަޚުންނަށާއި އުޚުތުންނަށް އަންގައި ދިނުމަށްޓަކައި އަތުކުރި އޮޅާލައި މިދުވަސް ފާހަގަކުރުމާއި އަދި އެންމެ ކުޑަމިނުން މިދުވަހުގެ ތަހުނިޔާ ކިޔުމުންވެސް އެއްކިބާވަމާ ހިނގާށެވެ. ތާހިރު މުސްލިމަކަށް ވެވޭނީ އޭރުންނެވެ. ތިމަންނައަކީ ޑޮކްޓަރެކޭ ހަމަ ބުނެލިޔަސް އެއްވެސް މީހަކު ޑޮކްޓަރަކަށް ނުވާ ފަދައިން އަދި މަސްވެރިޔެކޭ ބުނުމުން މަސްވެރިޔަކަށް ނުވާ ފަދައިން، މުސްލިމެކޭ ބުންޏަސް އަދި މުސްލިމަކަށް ނުވެއެވެ. ސަބަބަކީ އެއިން ކޮންމެ ކަމަކަށްވެސް މީހާވަނީ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެކަމެއް ނަފީކުރާ ފަދަ ކަމެއް އޮތްނަމަ ޔަޤީނުންވެސް އެކަމުން ދުރުވާންޖެހޭނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ވީމާ ތާހިރު މުސްލިމަކަށް ވުމަށްޓަކައި " ވެލެންޓައިންސް ޑޭ" އަށް " ނޫނެކޭ" ބުނަމާ ހިނގާށެވެ. އަދި މިކަން އަޅުގަނޑުމެންގެ ޢާއިލާ މީހުންނަށާއި އަދި ރައްޓެހިންނަށް އަންގައިދެމާ ހިނގާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ލޯބިވާ ފަދަ މީހަކަށް ވެވޭނީ މިފަދަ ލާދީނީ ބިދުއަތަކުން ސަލާމަތް ވެވިގެންނެވެ. ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނު އަމުރުނުކުރައްވާ ކަމެއް ކޮށްފިމީހެއްގެ އަމަލުވަނީ އެމީހެއްގެ ބޮލާލައި ޖެހިގެންނެވެ. (ރައްދުކުރެވިގެންނެވެ)" އަދިވެސް ހަދިޘްފުޅުތަކުން އެނގޭގޮތުގައި މިދީނަށް އަލަށް ދީނުގެ ނަމުގައި ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަޤުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ. އަދިވެސް ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އޭނާގެ ދަރިފުޅަށްވުރެ އަދި ބައްޕައަށްވުރެ އަދި ހުރިހާ މީހުންނަށްވުރެ ތިމަންކަލޭގެފާނު ދެކި އެންމެބޮޑަށް ލޯބިވެއްޖައުމަށް ދާންދެން އެއްވެސް މީހަކު އީމާންވެގެން ނުވެއެވެ. " ވީމާ މިފަދަ ފިތުނަތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވައި މާތްﷲ ރުއްސެވުން ލިބިގެންވާ ސުވަރުގެވަންތަވެރިންކަމުގައި ލައްވާށިއެވެ. ޙަޤީޤީ ކާމިޔާބު ލިބުމަކީ މިއީއެވެ. وصلى الله وسلم على محمد و على آله و صحبه وسلم. و الحمد لله رب العالمين. ނޯޓު: އިމާމް އިބުނު ތައިމިއްޔާ އަދި އިބުނު ޤައްޔިމުގެ ފަތުވާ ނެގިފައިމިވަނީ ޝެއިޚު ޒަރަބޯޒޯ ލިޔުއްވާފައިވާ ކާފަރުންގެ ޢީދުތަކުގައި މުސްލިމުން ބައިވެރުން ނަމުގައި ލިޔުއްވާފައިވާ ލިޔުއްވުމަކުންނެވެ.

Post a Comment

1 Comments

Anonymous said…
http://en.wikipedia.org/wiki/Valentine%27s_Day