އެންމެ ފުރިހަމަ ގޮތުގައި ހިނައިގަންނާނީ ކިހިނެއްތޯއެވެ؟

އެންމެ ފުރިހަމަ ގޮތުގައި ހިނައިގަންނާނީ ކިހިނެއްތޯއެވެ؟
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ސުވާލު:
އެންމެ ފުރިހަމަ ގޮތުގައި ހިނައި ގަންނާނީ ކިހިނެއްތޯއެވެ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ: ފުދޭ މިންވަރާއި، ފުރިހަމަ މިވަރެވެ. ފުދޭމިންވަރަކީ ހިނައިގަތުމުގެ ސުންނަތްތައް ފިޔަވައި، ވާޖިބު ހުރިހާ ކަމެއް ފުރިހަމަ ކުރުމެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ޝާމިލްވާ ގޮތަށް ގަޔަށް ފެންއެޅުމެވެ. މީގެ ތެރޭގައި އަގަޔަށް ފެންލުމާއި ނޭފަތަށް ފެންލުންވެސް ހިމެނިގެންވެއެވެ. ފުރިހަމަ މިންވަރަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވިގޮތަށް ކުރުމެވެ.
އެގޮތުން ފުރަތަމަ ދެއަތްތިލަ ދޮވެފައި، ކުރިމަތީފަރާތާއި މަނީގެ އަޘަރުކޮށްފައި ހުރިތަންތަން ދޮވެ ސާފުކޮށްލާނީއެވެ. އެއަށްފަހު ފުރިހަމަ ވުޟޫ އެއްކޮށް، ފުރަތަމަ ބޮލަށް ފެންއަޅާ ދޮވެލާނީ އެވެ. އެއަށްފަހު މުޅި ހަށިގަނޑު ދޮވެލާނީއެވެ. ޖުނުބުވެރިކަމުން ހިނައިގަތުމާއި ޙައިޟު ނިފާސްކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި ތަފާތެއް ނެތެވެ. އެހެންނަމަވެސް، ޙައިޟު ނިފާސް ކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި އިސްތަށިގަނޑު ތެރެއަށް ތަންކޮޅެއް ބޮޑަށް ފެން ފާއްދާލުން އެދެވިގެންވެއެވެ. މީގެ އިތުރުން ލޭގެ އަޘަރުކޮށްފައި ހުރިތަންތަނުގައި މީރުވަސްދުވާ އެއްޗެހިލައި ލޭގެ ވަސްފިލުވާލުން އެދެވިގެންވެއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވުޟޫ ކުރުމުގެ ކުރިންނާއި ހިނައިގަތުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި އެއީ ވާޖިބުކަމެކެވެ. އަނގަޔަށާއި ނޭފަތަށް ފެންލުމުގެ މައްސަލާގައި ޢިލްމުވެރިން ހަތަރު ގޮތަކަށް ވިދާޅުވެފައިވެއެވެ.

އެއީ:
• ވުޟޫ ކުރުމުގައްޔާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ސުންނަތެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
• ވުޟޫ އާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމަށާއި، އެޔާއި ނުލައި ވުޟޫ އާއި ހިނައިގަތުން ޞައްޙަ ނުވާނެކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
• އަނގަޔާއި ނޭފަތަށް ފެންލުމަކީ ހިނައިގަތުމުގައި ވާޖިބެއްކަމަށާއި، ވުޟޫގައި ވާޖިބެއް ނޫންކަމަށް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
• ވުޟޫގައްޔާއި ހިނައިގަތުމުގައި އަނގަޔަށް ފެންލުމަކީ ވާޖިބެއް ކަމަށާއި، ނަމަވެސް ނޭފަތަށް ފެންލުމަކީ ވާޖިބެއް ނޫންކަމަށް އިމާމު އަޙްމަދު-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެފައިވެއެވެ. އަދި އިބްނުލް މުންޛިރު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވެއެވެ. ރާޖިޙްގޮތް: ފަޟީލަތުއް ޝައިޚް ޢުޘައިމީން-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި މީގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އަދި އެންމެ ރަގަޅު ގޮތަކީ ވުޟޫ އާއި ހިނައިގަތުމުގައިވެސް އަނގަޔަށާއި ނޭފަތަށް ފެންލުމަކީ ވާޖިބެއް ކަމަށާއި އަދި އެޔާއި ނުލައި ވުޟޫ އާއި ހިނެއުން ޞައްޙަ ނުވާނެ ކަމަށް ބުނާ ބުނުމެވެ. والله أعلم

މަސްދަރު: ރާއްޖެއިސްލާމް

Post a Comment

0 Comments