ޒިނޭކުރާތަންތަން ހޯދުމުގެ ނަމުގައި ގޮސް ޒިނޭކުރުން

ޒިނޭކުރާތަންތަން ހޯދުމުގެ ނަމުގައި ގޮސް ޒިނޭކުރުން
ބަޔަކު ރާބޮނީއެވެ. އެކިތަންތަނުގައި ރާބޮނީއެވެ. އެމީހުން ރާބޯކަން އެހެން މީހުންނަށް އަންގައިދިނުމަށްޓަކައި މަސްހޫރު ނޫސްވެރިޔެއް އެތަނަށް ދިޔައެވެ. އަދި އެހުރިހާ އެންމެންނާއި އެކު ރާ ބޯ ހުރިހާތަނެއްގައި އޭނާވެސް ރާބުޔެވެ. ގޮސް ރާ ބޮއިގެން މަސްތުވެގެން އެމީހުން ކުރާ ހުރިހާކަމެއްގައި ނޫސްވެރިޔާވެސް ބައިވެރިވިއެވެ. އަދި ނޫސްވެރިޔާ ދިޔައީވެސް މިކަން ފުލުހުންނަށްވެސް އަންގައިފައެވެ. އޭނާ މިކަންކުރަން ދާކަމެވެ. މިހުރިހާ ކަމެއް ނިންމައިފައި އައިސް ނޫސްވެރިޔާ ރާ ލިބޭ ތަންތަނާއި އަދި އެތަންތަނުން ޚިދުމަތް ލިބޭ ގޮތްކަމަށް ބުނެ އެކިއެކި ބަޔާންތައް ނޫހުގައި ލިޔުނެވެ. ސުވާލަކީ މިއީ ރަނގަޅު ގޮތެއް ތޯއެވެ؟

މަސާޖު ޕާލާތަކުގެ ނަންނަމުގައި ކުރަނީ ޒިނޭކަން އެބަ އެނގެއެވެ. މީހުން އެތަންތަނަށް ގޮސް ޒިނޭކުރާކަން އެބަ އެނގެއެވެ. ނުކުންނަ އިރު ހުންނަނީ ވާނެ ހަތަރެއް އެއްޗެއްވެ ހިނައިގަންނަ ޖެހިފައިކަންވެސް އެބަ އެނގެއެވެ. އެތަނަށް ދާމީހުންދަނީ ޒިނޭކުރަން ކަމާއި އަދި ނުކުންނަނީ ޒިނޭކޮށްގެންކަމާއި އެތަންތަނުގައި ތިބޭ ކުދިންތިބޭ ގޮތާއި ތަންތަން ހުންނަނީ ކޮންތަންތަނެއްގައިކަންވެސް އެބައެނގެއެވެ.

ނަމަވެސް ރީތި ނަމެއްދީފައި މޮޅު ތަހުގީގެއްގެ ނަމުގައިގޮސް އެތަންތަނަށް މީހުންގޮސް ކުރާ ކަންތައްތަކަށް ވެއްޓެންޖެހޭ ތޯއެވެ؟ ނޫސްވެރިންނަކީ ކަންކަމުގެ ހަޤީޤަތް ހޯދަން ތިބޭބަޔެއްކަމުގައިވިޔަސް ނޫސްވެރިންނަށް ވިޔަސް ދިވެހިރާއްޖޭގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ. އަދި ނޫސްވެރިކަމުގެ ނަމުގައި ނޫސްވެރިކަމުގެ ހަޤީޤަތް ހޯދުމުގެ ނަމުގައި ގޮސް އެކަންތައްތައް ކުރާ މީހުން ވެއްޓޭ ދަރަޖައަށް ވެއްޓެން ޖެހުމަކީ ޒިންމާދާރު ކަމެއްބާވައެވެ.؟
މަސާޖުޕާލާތަކުގެ ސިއްރުތައް ހޯދަން ގޮސް އެންމެ ފަހުން މަސާޖު ޕާލާތަކުގައި އެހެންމީހުންވެސް ކުރާ ފަދައިން ރީތިގޮތުގައި ހުރިހާކަމެއް ކޮށްލާފައި އެ ޚިދުމަތްތައް ލިބޭ ތަންތަން ވީހާވެސް ބޮޑަކަށް ޢާންމުކޮށްލުމުން އެކަހަލަ ތަންތަނަށް ދާން ބޭނުންވެފައި ތިބޭ އެތަންތަން ނޭންގޭ އެތައްބަޔަކށް އެތަންތަން އެނގުމާއި އަދިވެސް މިނޫން އެތައް މައްސަލަތަކެއް އެކަމުން ނުކުންނަމުންދާނެއެވެ.

މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި މެދު މުޢާމަލާތް ކުރެވޭ އުސޫލުން އަސްލު ނޫސްވެރިންނާއި މެދުވެސް ފިޔަވަޅު އަޅަންޖެހޭނެއެވެ. ސަބަބަކީ ނޫސްވެރިކަމަކީ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޙަމަތައް ހުރަސް ކުރުމަށް ގެންގުލޭ ވަސީލަތެއްކަމުގައި ވެގެން ނުވާނެއެވެ.
އިއްޔެ ސަންއޮންލައިން ނޫހުގައިވެސް ވަނީ މިފަދަކަމެއް ނޫސްވެރިންތަކެއް ކޮށްފައި އެކަންތައް އެނޫހުގައި ލިޔެފައެވެ. ނޫހެއްގައި އެފަދަ ޚަބަރުތަކެއް ގެނެސްދޭން ޖެހޭ ގޮތަށްވުރެ ދަށްފެންވަރެއްގައި ޢިބާރާތްތައް ގެނެސްފައިވުމުގެ އިތުރުން މިކަންކަން ކުރެވޭ ތަންތަނާއި އަދި ނޫހުގެ ނޫސްވެރިން ނަމުގައި ތިބި ނޫސްވެރިން ކުރި ކަންތައްތައްވެސް ނޫހުގައި ރިޕޯޓުތަކުގެ ގޮތުގައި ލިޔެފައިވެއެވެ. ބައެއް ރިޕޯޓުތައް ކިޔާލުމުން ހީވަނީ އޮރިޔާންމެގަޒިންއެއްގެ ބައެއް އާރޓިކަލްތައް ހެންނެވެ. ސުވާލަކީ މިއީ މިނިވަން ނޫސްވެރިކަންބާވައެވެ؟ ނުވަތަ ނޫސްވެރިކަމުގެ ނަމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ހިލާފުވުންބާވައެވެ. ނޫސްވެރިން ކަމުގައިވިޔަސް އަދި އެނޫން ބަޔެއްކަމުގައިވިޔަސް ދިވެހިރާއްޖޭގެ އިސްލާމީ ޤާނޫނޫތަކާއި ޚިލާފު އަމަލުތައް ހިންގުމަކީ އެންމެ އެކަށީގެންވާ ގޮތްބާވައެވެ؟

ޖިންސީ އަނިޔާތަކާއި ޒިނޭކުރުމާއި ރޭޕުކުރުމާއި ރަންމެދަށް ވިހާފައި ދަރިންއުކުމާއި މާރާމާރީ ހައްދުފަހަނައަޅާފައިވާ ދުވަސްވަރެއްގައި ބޮޑެތިވަމުން އަންނަ ކުދިންނަށް މިލިޔުންތަކުން ކުރާނީ ކޮންކަހަލަ އަސަރެއްބާވައެވެ.؟ މިއަދު ނޫސްވެރިންދިޔަ ޒިނޭ ޚާނާތަކުގެ ގޮތްބަލައިލަން އެތަންތަނުގެ ޚަބަރު ނުއިވޭ ކިތައް ޒުވާނުން މާދަމާ ދާނެބާވައެވެ؟ ގައިމުވެސް އަޅުގަނޑުގެ ނަޒަރުގައި މިނިވަން ނޫސްވެރިކަމެއްގެ ނަމުގައި ސަންއޮންލައިންގައި ލިޔެފައިވާ އޮޕަރޭޝަން ސަންސެޓުގައި ދީނާއި ޚިލާފު އެތައްކަމެއް ލިޔުމުގެ އިތުރަށް ނޫސްވެރިކަމުގެ އުސޫލުތަކާއި ޚިލާފު އަމަލުތައްވެސް ނޫސްވެރިން ހިންގާފައިވާކަން ލިޔުންތަކުން އެނގެއެވެ. މިއީ ފުލުހުން މިކަމާއި މެދު ތަހުޤީޤުކޮށް ފިޔަވަޅު އަޅަން ޖެހޭފަދަ ކަމެކެވެ. އެހެން ނޫނީ ރާއްޖޭގައި ހިންގާ ކޮންމެ ނޫހަކުން ޒިނޭ ޚާނާތައް ޓެސްޓު ކުރުމުގެ ނަމުގައި އެކި އެކި އޮޕަރޭސަންތައް ހިންގާ ނިމޭއިރު އެތަންތަނަށް ނުގޮސް ބާކީ ތިބޭނީ ކޮންބަޔެއްހެއްޔެވެ؟

ދެން މިއާއެކުގައި ހަށިވިއްކުމާއި އަދި އެއްޖިންސުން ގުޅުންހިނގުމާއި އަދިވެސް މިފަދަ ފާޙިޝްކަންތައްތައް ފެތުރުމުގައި ޢާންމުންގެ ކަންފަތަށް މިކަންކަން ވީހާވެސް ގިނައިން އިއްވުމަކީ އެކަންކަން ޢާންމުކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. ޔޫރަޕުގައި މިފަދަ ކަންކަން ހުއްދަކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވާ އުކުޅުތަކަކީ މިއެވެ. ކުރިން ދިވެހިރާއްޖޭގައި މީހަކު މަރުވެއްޖެނަމަ ބިރުން މީހުން ނުނިދައި އުޅުން މިއަދު ބަދަލުވެފައިވާގޮތް ދެކޭށެވެ. މިއަދު މީހަކު އުލަކަށް އަމުނައި ފިހެގެން ކެޔަސް ދިވެހިންނަށް މާބޮޑު ކަމެއްހެނެއް ހިޔެއްނުވާނެއެވެ. އެއީ ކަންކަން ހިނގާލެއްގިނަކަމާއި ޢާންމުކަމާއި ލޯމައްޗަށް ފެންނަލެއް ގިނަކަމުންނެވެ.

ދިވެހިރާއްޖޭގެ ބޮޑެތި ނޫސްތަކަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންޓުރޯލު ކުރާ ނޫސްތަކަކަށް ވާއިރު މިއީވެސް ވިސްނާލަންޖެހޭ ކަމެކެވެ. ނޫސްތަކުން އެންމެ ބޮޑު މަސްލަހަތެއް ގެންގުޅެނީ މިދެންނެވި ފަރާތްތަކުގެ އުސޫލުތައް ދިރުވުމާއި މަސްލަހަތު ދެމެހެއްޓުމެވެ. މިފަދަ ކަންކަން ޢާންމުވުމުން އެންމެ ބޮޑު ފައިދާއެއްވަންނާނީވެސް މިފަރާތްތަކަށެވެ. މިއީ އަޅުގަނޑުމެން އެންމެހާ ރައްޔިތުން ވިސްނާލަންޖެހޭ ކަމެކެވެ. މިފަދަ ކަންތައްތައް ހުއްޓުވާނެ ބަޔަކު ނެތެވެ. ދުޢާއަކީ މިފަދަ ކަންކަމުން އަޅުގަނޑުމެން ހުރިހާ ރައްޔިތުން ސަލާމަތް ކުރައްވައި ދިވެހިރާއްޖެ ޖާހިލުކަމުން ސަލާމަތްކުރައްވައި އަދަށްވުރެ ހެޔޮ މާދަމާއެއ ދެއްކެވުމެވެ. އާމީން

Post a Comment

0 Comments