ޤިޔާމަތް ދުވަސް ވާނީ ކޮންއިރަކުން؟

އެއްވެސް ކަމެއްނުވެ "ޤިޔާމަތް ދުވަސް" އައިސް ހިނގައްޖެ
ޅޮހީ



މިލިޔުމުގައި
ޤިޔާމަތްވާނީ ކޮންއިރަކުން؟ މުސްލިމުން ޤަބޫލުކުރަން ޖެހޭ ގޮތް

އެމެރިކާގެ ރަމަލު ޖަހާ ކެލިފޯނިޔާގެ މޮޔަ ފާދިރީ ބެޔަކު މީގެ މަހެއްކުރިން 21 މެއި 2011 ވަނަ ދުވަހަކީ ޤިޔާމަތްވާނެ ދުވަސްކަމަށް އިއުލާންކޮށް ދުނިޔޭގެ އެތައް ގައުމެއްގައި އެކަން އިސްތިހާރުކުރަމުންދަނިކޮށް ޤިޔާމަތް ދުވަސް ކަމަށް ބުނި ދުވަސް އެއްވެސް ކަމެއްނުވެ އައިސް ހިނގައްޖެއެވެ. އެއީ އިއްޔެވެ. މިބޭ ބުނާގޮތުން ޤިޔާމާތްވާން ފަށާނީ ހަވީރު 6 ޖަހާއިރުގައެވެ. އަދި ސުވަރުގެއަށް 200 މިލިޔަން މީހުން އުފުއްލޭއިރު ދެންތިބި ބާކީތިބި އެންމެން އެކި މުސީބާތްތަކުގައި މަރުވަމުންދާނީއެވެ. މީނާ ބުނާގޮތުން ޤިޔާމަތްވާނީ ނޫހުގެފާނުގެ ނައުކޮޅު ފަރުބަދަމައްޗަށް ހުއްޓުނުތާ 7000 އަހަރު ފުރޭ ދުވަހުންނެވެ. އެދުވަހަކީ އިއްޔެއެވެ.

89 އަހަރުގެ ހަރޮލްޑު ކޭމްޕިން ނަމަކަށް ކިޔާ މިބެވަނީ 1994 ވަނަ އަހަރު ޢީސާގެފާނު އެނބުރި އަންނާނެ އަހަރަކީ އެއީކަމަށް ބުނެފައެވެ. ނަމަވެސް ތާރީޚު ފާއިތުވުމުން ބުނެފައިވަނީ އޭނާ ޖެހި ހިސާބު ގޯސްވީ ކަމަށެވެ.

މިއާއެކުގައި އެމެރިކާގެ މިބެޔަށް އީމާންވާ އެތައްބަޔަކު ވަނީ އިއްޔެ ގިޔާމަތްދުވަހުގެ އިންތިޒާރުގައި ގޭގައި ދޮރުލައްޕައިގެން ތިބެފައެވެ. ބައެއްމީހުން ސުވަރުގެ ސުވަރުގެޔަށް އުފުއްލެވޭނެ ވަގުތުގެ އިންތިޒާރުގައި ތިބިއިރު ޕެޓްގެ ގޮތުގައި ގެންގުޅޭ ކުއްތާ ނުލާ ސުވަރުގެ ނުދާންވެސް ބަޔެއްމީހުން ތިއްބެވެ. އަދި ބަޔެއްމީހުންވަނީ ޢާއިލާއާއި ވަދާއީ ސަލާމްކޮށް ހަދާފައެވެ.

މިކަމަށް ވަރަށް ގިނަމީހުން ހަޖޫޖަހާ މަލާމާތްކޮށްފައިވާއިރު ބަޔެއްމީހުން ޓުވިޓާރގައި މާދަމާއެއް ނުވާނެކަމަށް ބުނެ ޖޯކު ޖަހާފައިވެއެވެ. އަދި އެހެންމީހަކު ލިޔެފައިވެއެވެ. ދުނިޔެ ނިމުމާއި މެދު ހާސްނުވާށެވެ. މިހާރު އޮސްޓުރޭލިޔާގައި އެދުވަސް ފަހަނައަޅައި އާ ދުވަހެއް ފެށިއްޖެއެވެ.
ދުނިޔޭގެ އެތައްގައުމެއްގައިވަނީ މިކަން އިއުލާންކޮށް ބިލްބޯރޑުތައް ބަހައްޓައިފައެވެ. އަދި މިކަން ޕުރޮމޯޓު ކުރުމުގެ ނަމުގައި އެތައްފައިސާއެއް ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ. 34 މިލިޔަނަށްވުރެ ގިނަ ޑޮލަރ މިކަމަށް ލިބިފައިވެއެވެ. މޮޅު ވިޔަފާރިއެއްނޫންތޯއެވެ؟
ޤިޔާމަތްވާނީ ކޮންއިރަކުން؟

ޤޔާމަތްވުމަކީ ހަޤީޤަތެކެވެ. ނަމަވެސް ވާނެ ވަގުތަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެހެން މީހަކަށް އެނގިގެންވާ ކަމެއްނޫނެވެ. ހުދު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަން އެނގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނުވަނީ އެ ޤިޔާމަތް ދުވަހުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާފައެވެ. އެއީ އެކަލޭގެފާނަށް އެކަންތައްތައް އެނގުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ބަޔާންކޮއްދެއްވުމުންނެވެ. މުސްލިމުންގެ އަޤީދާ މިކަމުގައި އޮންނަން ޖެހޭ ގޮތަކީ މިއެވެ.
ޤިޔާމާތްވާނެ ވަޤުތަކީ އެއްވެސް މީހަކަށް އެނގޭނެ ވަގުތެއްނޫނެވެ. އެކަން އެނގިވޮޑިގެންވަނީ ހަމައެކަނި އާލާމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.
(يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا‌ ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي‌) މާނައިގެ ތަރުޖަމާ: އެބައިމީހުން ޤިޔާމަތް ދުވަސް އަންނާނެ ވަޤުތާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމުގެ ޢިލްމު ލިބިވޮޑިގެންވަނީ (ހަމައެކަނި) ތިމަންކަލޭގެފާނުގެވެރި ރައްބަށެވެ.)
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއް ލުޤުމާނުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ‌ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا‌ ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ‌ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ﴿٣٤﴾
މާނައިގެ ތަރުޖަމާ: "ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަޤުތު (ހަމައެކަނި) ދެނެވޮޑިގެންވަނީ ﷲ އެވެ. އެއިހާލު ވާރޭ ވެއްސަވައެވެ. އަދި ރަޙިމްތަކުގައި ވަނީ ކޮންއެއްޗެއްކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މާދަމާ މެދުވެރިވާނީ ކޮންކަމެއްކަން ނޭންގޭ ހުއްޓެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މަރުވާނީ ކޮންބިމެއްގައިކަންވެސް ނޭންގޭހުއްޓެވެ. ހަމަކަށަވަރުން ﷲއަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހެވެ."
އީމާންކަމާއި އިޙުސާން ކަމާއި ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ މަޝްހޫރު ހަދީޘްގައިވެއެވެ.
ސުވާލުކުރާ ފަރާތުން ސުވާލުކުރެއްވިއެވެ. " ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުކުރާށެވެ." ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ސުވާލު ކުރިމީހާއަށްވުރެ ބޮޑަށް ސުވާލު ވެވުނު މީހާއަށް ނޭންގެއެވެ."
މިޙަދީޘްގެ ޝަރަޙައިގައި ޝައިޚު އުޘައިމީން ރަޙިމަހުﷲ ގެންނަވާފައިވެއެވެ. ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ޢަޤީދަތުލް ވާސިތިއްޔާގައި ވިދާޅުވެފައިވެއެވެ. އާޙިރަތް ދުވަހަށް އީމާންވުމަކީ އެދުވަހާއި ބެހޭގޮތުން ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަންގަވާފައވާ ހުރިހާކަމަކަށް އީމާންވުމެވެ. އޭގެތެރޭގައި މަރުވުމަށްފަހުގައި ވާނެކަންކަމާއި އަދި ކަށްވަޅުގައި ދިމާވާނެ ފިތުނަތަކާއި އަދި ކައްވަޅުގައި ތިންކަމަކާއި ބެހޭގޮތުން ސުވާލުކުރެވޭ ކުރެވުން ހިމެނެއެވެ. އެއީ ތިބާގެ ރައްބަކީ ކޮބައިހެއްޔެވެ؟ އަދި ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބައިހެއްޔެވެ؟ ( މިތިން ސުވާލެވެ.)
ވީމާ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ ޤަބޫލުކުރަން ޖެހޭގޮތަކީ މިއެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ﷲއާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވުމެވެ. އަދި ޙުރާފާތްތަކާއި އަދި މުޝްރިކުންގެ ބާތިލު އަޤީދާތަކުން ސަލާމާތްވުމެވެ. އަޅުގަނޑުމެންނަކީ އީމާންވެގެންވާ ޞާލިޙު އަމަލުކުރާ މީހުންގެ ތެރެއިން ލައްވައި އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާށިއެވެ. އަދި މުޝްރިކުންގެ މަޅިތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާށިއެވެ. އާމީން

Post a Comment

0 Comments